"ޕަބްލިކް އެންޓަޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑު"، ރައީސުލްޖުމްހޫރިއްޔާ މިއަދު އުފައްދަވައިފިއެވެ. މިބޯޑު ރައީސުލްޖުމްހޫރިއްޔާ މިއުފެއްދެވީ، ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރީގެ އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ މާލީ ޙާލަތާއި ބަޖެޓް ދިރާސާކުރުމާއި، އެތަންތަނަށް ސަރުކާރުން ދޫކޮށްފައިވާ ކެޕިޓަލަށް ވާނުވާ ގޮތް ބެއްލެވުމަށްޓަކައެވެ. އަދި ހިސާބުތައް ބެލެހެއްޓޭގޮތާއި، އަހަރީ ފައިދާ ބެހުމާބެހޭ ސިޔާސަތު ކަނޑައެޅުމާއި، ފައިދާނުވާ ތަންތަނާމެދު އަޅާނެ އިސްލާޙީ ފިޔަވަޅުތައް ކަނޑައެޅުމާއި، އިސްލާޙީ ފިޔަވަޅު އެޅުމުންވެސް އެދެވޭ ނަތީޖާ ނުލިބޭ ތަންތާނގެ ތެރެއިން އިޖްތިމާޢީ ބޭނުމަށް ހިންގަންޖެހޭ ތަންތަން ފިޔަވައި، އެހެން ތަންތަނާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން ގޮތެއް ނިންމެވުމަށްޓަކައެވެ.

މިބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ، ޕޮލިޓިކަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އަލްފާޟިލް މުޙަންމަދު ޝިހާބެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މިނިސްޓަރ އޮފް ހޯމްއެފެއާޒުގެ ނައިބު އަލްފާޟިލް މުޙަންމަދު މާހިރު ޢީސާއާއި، ސްޓެލްކޯގެ ޗެއަރމަން އަލްފާޟިލް ޙަސަން ޒާހިރާއި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ޗެއަރމަން އަލްއުސްތާޛު މުޙަންމަދު ޝަހުދީ އަންވަރާއި، އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޝާހިދު ޢަލީއާއި، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލާ ޝާޒްލީ ޝަފީޤާއި، މޯލްޑިވްސް އެސޯސިއޭޝަން ފޮރ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނައިބު ރައީސް އަލްފާޟިލް ޢަދްނާނު ޙަލީމެވެ.