ވިޔަފާރިކުރާ ތަންތަނުގަޔާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަ މިނުން ދެވޭނެ ޢަދަދާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށް، ޤާނޫނު ނަންބަރު 2008/2 "ވަޒީފާއާބެހޭ ޤާނޫނު" ގެ 57 ވަނަ މާއްދާގެ ދަށުން 2008 އޯގަސްޓް 23 ގައި އުފައްދަވާފައިވާ މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އަލުން އެކުލަވާލައްވައިފިއެވެ. މިބޯޑު ރައީސުލްޖުމްހޫރިއްޔާ އަލުން މިއެކުލަވާލެއްވީ، މިބޯޑުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ބޯޑު އަލުން އެކުލަވާލައްވައިގެން ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

މިބޯޑުގެ ރައީސަކަށް ހަމަޖެއްސެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އެންޑް ޓްރެޜަރީގެ މަގާމުގައި ހުންނެވި މާލެއަތޮޅު މާފުށީ މުސްތަރީގޭ އަޙްމަދު ނަޞީރެވެ. މިބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ފިފްޓީފްލާވަރ އަލްއުސްތާޛު ޙުސައިން ސިރާޖާއި، މާފަންނު ނިޔަނދުރުމާގޭ އަލްފާޟިލާ ޢާއިޝަތު ޝަހުދާއާއި، މާޅޮސްމަޑުލު އުތުރުބުރީ އަލިފުށި ހަޒާރީގޭ އަލްފާޟިލް ޙަސަން އަޙްމަދެވެ.