بســم اللّـه الرّحمـن الرّحيــم

މޯލްޑިވްސް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ ޗެއަރމަން އަލްފާޟިލް މުޙަންމަދު ޢުމަރު މަނިކު، މަޓީގެ ބޯޑުގެ މެންބަރުންނާއި، އިންޑަސްޓްރީގެ ވެރިން، ދައުލަތުގެ ވަޒީރުން އަދި އެހެން މުއައްސަސާތަކުގެ އިސްވެރިންނާއި، ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މި އިށީންނަނީ މިވަގުތު އަޅުގަނޑުމެންގެ ރާއްޖެ ކުރިމަތިލާ ބޮޑެތި ކަންތައްތަކުގެ ތެރެއިން ކަމެއްގެ މައްސަލަތަކާ ގުޅޭގޮތުން ހަމައެކަނި މަޝްވަރާ ކުރާކަށެއްނޫން. އަދި މަޝްވަރާ ކުރުމަށްފަހުގައި ގޮތްތަކެއް ނިންމައި، އެގޮތްތަކުގެ މައްޗަށް ޢަމަލު ކުރުމަށް އެންމެ މުއައްސަސާތަކުންވެސް ކަނޑައަޅައި އަދި އަޅުގަނޑު އުންމީދު ކުރަނީ އެ ޢަމަލު ކުރާނެ ތާރީޚުތަކެއް ރަނގަޅަށް ފާހަގަކޮށް، މިއީ ހުސްވާހަކަތަކަކަށްނުވެދާނެ ބައްދަލުވުމަކަށްވުމަށް.

ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ސަލާމަތާއި އަދި އެ އިންޑަސްޓްރީގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންހުރި ކަންތައްތަކަކީ މަދު ކަންތައްތަކެއް ނޫންކަން ސަރުކާރު ވަރަށް ރަނގަޅަށް ގަބޫލުކުރޭ. ފުލުސް އޮފީހުން ޓުއަރިޒަމްގެ އިންޑަސްޓްރީގެ ސަލާމަތީ މައްސަލަތައް ހުރި ނެތްގޮތާއި، އަދި ކުރެވެން ހުރި ކަންކަމުގެ ދިރާސާތަކެއްވަނީ މިދިޔަ އަހަރުގެ ތެރޭގައި ކުރެވިފައި. މިދިޔަ އަހަރު މިމަގަށް ފުލުހުންނާއެކުގައި ސަރުކާރުގެ ބައެއް މުއައްސަސާތަކުންވަނީ މަސައްކަތްތަކެއް ކުރެވި އަދި އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ދެލިކޮޕީތަކެއް ވަނީ އެކުލަވާލެވިފައި.

އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މައްސަލައިގެ ސާފު މަންޒަރު ދާދިފަހުން އަޅުގަނޑުމެންނަށް ވަނީ ފެނިފައި. އެއީ، ރިޒޯޓަކަށް ވައްކަން ކުރުމަށް ގޭންގަކުން ވަދެ، އަރައި ޙަމަލާދީ، އެ ހާދިސާ އެގޮތަށް ހިނގިކަން. ރާއްޖޭގައި މާރާމާރީއާއި ގޭންގްތަކުގެ ނުރައްކާތެރިކަމާއި އޭގެ ހަމަނުޖެހުން ބޮޑުވަމުން އަންނަތާ އެނގިވަޑައިގަންނަވާނެ، ދުވަސްތަކެއްވެއްޖެ. އަޅުގަނޑުމެންނަށް ޓުއަރިޒަމް އިންޑަސްޓްރީން ނުވަތަ ރިޒޯޓުތައް ވަށައިގެން ލޯ ފާރެއް ލެވިދާނެ. އެއީކީއެއް ޝައްކެއް ހިނގާނެ ކަމެއް ނޫން. މި އިންޑަސްޓްރީގައިވެސް އަދި ސަރުކާރުގައިވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި އެޤާބިލުކަން އެބަހުރި. ހަމަ އެކަކަށްވެސް އޭގެ ރަށަކާ ގާތްނުވެވޭ ވަރަށް އަޅުގަނޑުމެންނަށް ކުރެވިދާނެ. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި އޭރަކުން އަދި މައްސަލައަކަށް މުޅިން ޙައްލު ލިބުނީކީއެއްނޫން. އޭގެ ޢަލާމާތާ އަޅުގަނޑުމެންނަށް އޭރުން އެ އަޅައިލެވުނީ.

އަސްލު މައްސަލަ އޮތީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަސްލު މައްސަލައިގެ ގޮތުގައި. ޒުވާނުންނަށް އަދާކުރާނެ ވަޒީފާއެއް ނެތި، ރަނގަޅު ތަޢްލީމެއް ނެތި، އަޅާލުމެއް ނެތި އެތައް ކިތަންމެ ބައެއް، ކިތަންމެ ޒުވާނުންނެއް، މަދަރުސާތަކުންނާއި ގޭގެއިންނާއި ރަށްރަށުންނާއި އެތައް މިތަނުން އަޅުގަނޑުމެންގެ މަގުމައްޗަށް، އަޅުގަނޑުމެންގެ ރާއްޖެއަށް ކޮންމެ ދުވަހަކު މިދަނީ އިތުރުވަމުން. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންގެ މަޝްވަރާތަކުގައި މި ސީދާ މައްސަލައަށް، އަސްލު މައްސަލައަށް، އޮތް ޙައްލަކާ ގުޅޭގޮތުންވެސް ވިސްނަވާނެކަން.

އަޅުގަނޑުމެންނަށް ޓުއަރިޒަމް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ މިދެންނެވި ވަކި ޚާއްޞަ އުނދަގޫ ނުވަތަ ނުރައްކާއިން ސަލާމަތްވުމަށްޓަކައި ކުރާން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ޖެހޭނީ ކުރަން. ބައެއް ބޭފުޅުން ވިދާޅުވެދާނެ، މިއަދު އަޅުގަނޑުމެން މިކަމާ އެންމެ ކަންބޮޑުވެ ކޮޅަށް މިތެދުވަނީ ކޮންސަބަބަކަށްޓަކައިހޭ، އެހެން ބައިވަރު މައްސަލަތައް ޤައުމުގައި ނެތީހޭ. އެހެންނަމަވެސް، ރާއްޖޭގެ އިޤްތިޞާދު ބިނާވެފައި މިއޮންނަނީ ވަރަށްބޮޑު ދަރަޖައަކަށް ޓުއަރިޒަމުން ލިބޭ އާމްދަނީއަށް. މި ޞިނާޢަތު އަޅުގަނޑުމެންނަށް ރައްކާތެރި ނުކުރެވިއްޖެނަމަ އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ހާސްކަމެއްނެތް ދިރިއުޅުން އަޅުގަނޑުމެންނަށް ހޯދޭކަށެއް ނޯންނާނެ. އަޅުގަނޑުމެން މިއެދޭ ނަރުދަމާ، އަޅުގަނޑުމެން މިއެދޭ ބަނދަރު، އަޅުގަނޑުމެން މިއެދޭ އެއްގަމު ތޮށި، އަޅުގަނޑުމެން މިއެދޭ ބޮޑުހިލަ ބޭރު ތޮށި އަދި އަޅުގަނޑުމެން މިއެދޭ އެއްވެސް ކަމެއް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ހޯދޭން އޮތީ މި ޞިނާޢަތް، މި އިންޑަސްޓްރީ ރައްކާތެރިކުރެވިގެން. އަޅުގަނޑުމެންނަށް ކަރަންޓު އަގުހެޔޮ ކުރެވެން އޮތީވެސް، ބޯހިޔާވަހިކަން ހޯދައިދެވެން އޮތީވެސް، ސަރުކާރުން ހިންގާ އެއްވެސް ކަމެއް ޙަޤީޤަތުގައި ހިންގެން އޮތީ، ދެމެހެއްޓެނިވިގޮތުގައި ދައުލަތަށް އާމްދަނީ ލިބެމުން އަންނަ އަދި ލިބެން އޮތް އެންމެ ވަރުގަދަ ޞިނާޢަތު ރައްކާތެރި ކުރެވިގެން. އެހެންވީމާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން އެންމެންނަށްވެސް މިމަސައްކަތް މުހިންމުވާން ޖެހޭނެ. މިމަސައްކަތުގައި އަޅުގަނޑުމެން ދެމި ތިބެން ޖެހޭނެ. އަދި އަޅުގަނޑުމެން މިމަސައްކަތް ކާމިޔާބު ކުރާން ޖެހޭނެ.

ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީއަކީ ވަރަށް ހަލުވިކަމާއެކުގައި ބަދަލުވަމުން، ތަރައްޤީވަމުން، އިތުރުވަމުން އަންނަ އިންޑަސްޓްރީއެއް. ރާއްޖެއަށް ބޭރުގެ ފަތުރުވެރިން އަންނަ އަދަދު މިދަނީ އިތުރުވަމުން. ރާއްޖޭގައި ކޮޓަރި ހުރި މިންވަރާއި އެނދު ހުރި މިންވަރު އަދަދު، މިދަނީ އިތުރުވަމުން. ރާއްޖޭއަށް އަންނަ ޓުއަރިސްޓުން ރާއްޖޭގައި ހޭދަކުރާ ބެޑްގެ އަދަދުވެސް މިދަނީ އިތުރުވަމުން. ރާއްޖޭގެ ރިޒޯޓުތަކުގެ އެނދުތަކުގެ، އެނދުތައް ބޭނުންކުރާ ނިސްބަތް، ބޭނުންކުރާ އޮކިއުޕަންސީ، ކެޕޭސިޓީ، ޕަސެންޓޭޖްވެސް މިދަނީ އިތުރުވަމުން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ކިތަންމެ ވެރިންނަކާއި ކިތަންމެ މަސައްކަތްކުރާ ޢާއިލާތަކަކަށް އެތައްއެތައް އާމްދަނީއެއް މިދަނީ ލިބެމުން. އަދި މި އިންޑަސްޓްރީ ހިނގުމުގައި ހީވާގިކަމާއެކުގައި މަސައްކަތް ކުރަމުން އަންނަ ކިތަންމެ މުވައްޒަފުންގެ ޤާބިލިއްޔަތު، ހުނަރު މިދަނީ ކުރިއަރަމުން. އަޅުގަނޑުމެން ކުރަންހުރި ކަންކަން މަދުވަނީކީއެއް ނޫން. އެހެންނަމަވެސް، މި ޞިނާޢަތުން ހަމަ މިއަދު އަޅުގަނޑުމެންނަށް ލިބޭ މިންވަރު އެއީ، އަޅުގަނޑުމެން އަބަދުވެސް މިނާން ޖެހޭނެ މިންވަރެއް. މިއީ ހަމައެކަނި އެވެނި ބަޔަކަށް، މިވެނި ބަޔަކަށް އާމްދަނީއެއް ފޯރުކޮށްދޭ އިންޑަސްޓްރީއެކޭ ބުނެ، މިދެންނެވި ޙަޤީޤަތެއް ނެތް މަންޒަރުގައި އަޅުގަނޑުމެންނަކަށް ތިބެވޭކަށެއް ހަމައެއްގޮތަކަށްވެސް ނެތް.

މުޅި ރާއްޖޭގެ ތަރައްޤީ، މުޅި ރާއްޖޭގެ ކުރިއެރުން އެންމެބޮޑަށް ބިނާވެފައި އޮތީ މި އިންޑަސްޓްރީގެ ކުރިއެރުމާއި އަދި މީގެ ސަލާމަތަށް. އަޅުގަނޑުމެން މިއަދު ވިސްނަންވީ ހަމައެކަނި ރާއްޖޭގެ އެތެރެއިން މި އިންޑަސްޓްރީއަށް ދިމާވެދާނެ ކަންކަމާ ގުޅޭގޮތަކުންނެއް ނޫން. އަދި އެހެންވެސް ނުރައްކާތަކާ ގުޅޭގޮތުން، އަޅުގަނޑު އުންމީދު ކުރަން، ވަޒީރު އެވިދާޅުވި ފަދައިން މިއަދު ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް. އަދި ހަމައެހެންމެ، އަޅުގަނޑު އުންމީދު ކުރަން، އިންޑަސްޓްރީއަށް ހުރި އެހެންވެސް ނުރައްކާތައް، އަޅުގަނޑުމެންނަށް އަޑުއިވޭ، އަލިފާނުގެ ހާދިސާ ދިމާވާ ވާހަކަ. އަޅުގަނޑުމެންނަށް އަޑުއިވޭ، އެހެންވެސް އެކްސިޑެންޓްތައް، ރިޒޯޓުތަކުގައި ދިމާވާ ވާހަކަ. އަޅުގަނޑު އުންމީދު ކުރަން، މި އެންމެހާ ކަންކަމުގެ މައްޗަށް ފުޅާ ދާއިރާއެއްގައި އަޅުގަނޑުމެން މިއަދު ވިސްނާނެ ކަމަށް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، އިންޑަސްޓްރީގެ އެންމެ މެންބަރުންނަށް ވަރަށްބޮޑަށް މަރްޙަބާ ދަންނަވަން. ތިޔަބޭފުޅުން މި ޞިނާޢަތު ކުރިއެރުވުމުގައި ރާއްޖޭގެ ރައްޔިތުންނަށް ހޯދާދީފައިއެވާ ފުރުސަތުތަކަށްޓަކައި އަޅުގަނޑު، ރައްޔިތުންގެ ނަމުގައި ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި މިނިސްޓަރު ވިދާޅުވި ފަދައިން، ވަކިން ޚާއްޞަކޮށް މިއަދު ޓުއަރިޒަމް އިންޑަސްޓްރީގެ ވަރަށްގިނަ ތަޖުރިބާތަކަކާއެކު ހުންނެވި އަޙްމަދު މުޖުތަބާ، މިމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވިކަމީ، އަޅުގަނޑު ހިތުން މިމަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދިއުމަށް އެޅުނު ވަރަށްބޮޑު ބާރެއް.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم
_________________________