އެމެރިކާ ޑޮލަރަށް ނިސްބަތްކުރާއިރު، ދިވެހިރުފިޔާގެ އަގު 12.85 ރުފިޔާއަށްވުރެ ވިހި އިންސައްތަ ދަށްނޫން އަގެއްގައި ބެހެއްޓުމަށާއި އަދި ވިހި އިންސައްތަ މަތީނޫން އަގެއްގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ. މި ގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 81/6 (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުގެ މަޝްވަރާގެ މަތިން، ބޭރުގެ ފައިސާގެ ނިސްބަތުން ދިވެހި ރުފިޔާގެ އަގެއް ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅުއްވިދާނެކަމަށް ބަޔާންކޮށްފައިވާތީ، އެ ބޯޑުގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންފައިވާތީއެވެ.

އެހެންކަމުން، މާދަމާ، ދެހާސްއެގާރަވަނަ އަހަރުގެ އޭޕްރިލް މަހުގެ އެގާރަވަނަ ދުވަހުން ފެށިގެން އެމެރިކާ ޑޮލަރަށް ނިސްބަތްކުރާއިރު، ދިވެހިރުފިޔާގެ އަގަކީ 12.85ރުފިޔާއަށްވުރެ ވިހި އިންސައްތަ ދަށްނޫން އަގެއް ކަމަށާއި އަދި ވިހި އިންސައްތަ މަތިނޫން އަގެއް ކަމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޤާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާން ކޮށްދެއްވުމަށް އެދިވަޑައިގެން އެ އޮތޯރިޓީގެ ގަވަރނަރަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.