ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް މާފަންނު ގުޑްނެސް އަޙްމަދު ޢިނާޒު މިއަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އަޙްމަދު ޢިނާޒު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމުގެ މަގާމުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ޢިނާޒަކީ، އިޤްތިޞާދީ އަދި މާލީ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަން ފާހަގަކުރައްވައި، މިދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އިޤްތިޞާދީ ކަންކަމުގައި ޢިނާޒު ދެއްވި ލަފާފުޅު ރައީސުލްޖުމްހޫރިއްޔާ ބަލައިގެންނެވީ އުފާފުޅާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ޚާއްޞަ ގޮތެއްގައި، ޑޮލަރުގެ މައްސަލަ ޙައްލަކަށް ގެނައުމަށް އެންމެފަހުން ދެއްވި ލަފާފުޅަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

އަޙްމަދު ޢިނާޒަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.