މިދިޔަ މާޗްމަހު 11 ވަނަ ދުވަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި، މި ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން ގެއްލުން ލިބުނު ޖަޕާނުގެ ރައްޔިތުންނަށް އެހީވުމަށް، މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން ހިންގި "ޖަޕާނާ އެކު ދިވެހިން" ޕްރޮގްރާމުން ލިބުނު އެހީ ރަސްމީކޮށް ޖަޕާން ސަރުކާރާ ހަވާލުކުރައްވައިފިއެވެ. މި އެހީ ރަސްމީގޮތުން، ޖަޕާނު ސަރުކާރާ ހަވާލުކޮށްދެއްވީ، މިކަމަށްޓަކައި ޓްރޭޑާރޒް ހޮޓެލްގައި ރޭ ބޭއްވެވި ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގެންނެވީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުނިއޯ ޓަކަހާޝީއެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 1970 ވަނަ އަހަރުން ފެށިގެން ދިވެހިންނަށް ޖަޕާނު މީހުން ފެންނަން ފެށީއްސުރެ ފެށިގެން، ރާއްޖެއަށް ޖަޕާނުގެ އެހީތެރިކަން ލިބެން ފަށާފައިވާ ކަމަށާއި، ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމުގައި ވިދާޅުވިއެވެ. އަދި ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ ބޮޑެތި އެހިތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީގައި ޖަޕާނުގެ ހިއްސާ ވަރަށް ބޮޑުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަޕާންފަދައިން، ރާއްޖެއަކީވެސް ސުނާމީގެ ގެއްލުން ތަޙައްމަލް ކޮށްފައިވާ ޤައުމަކަށްވާތީ، ޖަޕާނު ރައްޔިތުންނަށް މި ކުރިމަތިވި ބޮޑު ގެއްލުމާގުޅިގެން، ޖަޕާނުގެ ރައްޔިތުންގެ ހިތާމައާއި ހާލަތު ދިވެހިންނަށް ވަރަށް ރަނގަޅަށް ވަޒަން ކުރެވި، ޖަޕާނުގެ ރައްޔިތުންނަށް، ދިވެހިންނަށް ވެވުނު އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ ދިވެހިން ކުރަން ބޭނުންވި ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދިވެހި ރައްޔިތުން، ޖަޕާނުގައި ތިބި ދިވެހިންގެ އެކުވެރިންނަށް، އެހީތެރިވުމުގައި ދެއްކި ދީލަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން، ރާއްޖޭގެ ޓީވީ ސްޓޭޝަންތަކާއި، މީޑިއާއާއި، ފަންނާނުން ގުޅިގެން 36 ގަޑިއިރަށް ހިންގި މި ހަރަކާތުން ގިނަ އަދަދެއްގެ މަސްދަޅާއި، 8.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.