އިންޑިޔާގެ ރިސަރޗް އެންޑް އިންފޮރމޭޝަން ސިސްޓަމް ފޮރ ޑިވެލޮޕިންގ ކަންޓަރީޒް (އާރ.އައި.އެސް.)ގެ ޗެއަރމަން އަދި އިންޑިޔާގެ ކުރީގެ ފޮރިން ސެކްރެޓަރީ އެމްބެސެޑަރ ޝިޔަމް ސަރަން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިހަށް މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށް އިންޑިޔާއިން ވެދެއްވާފައިވާ ގިނަގުނަ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، އިންޑިޔާގެ އެހީގައާއި، އިންޑިޔާގެ ކުންފުނިތަކާ ގުޅިގެން ރާއްޖޭގައި ހިންގޭ އިންފްރާސްޓްރަކްޗަރ އަދި ތަރައްޤީގެ އެހެން މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެމްބެސެޑަރ ޝިޔަމް ސަރަން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި ދަތުރުފުޅުގެ ބޭނުންފުޅަކީ، ރައީސުލްޖުމްހޫރިއްޔާ، މިއަހަރު ފެބްރުއަރީ މަހު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އިންޑިޔާގެ ވެރިންނާއެކު ބޭއްވެވި މަޝްވަރާތަކުގައި ފާހަގަކުރެއްވިފައި ހުރި ރާއްޖޭގެ ތަރައްޤީއާ ގުޅޭ ކަންކަމާ ބެހޭގޮތުން ރާއްޖޭގެ ސަރުކާރުގެ ކަމާބެހޭ ބޭފުޅުންނާ އިތުރަށް މަޝްވަރާ ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މިގޮތުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން، އިންޑިޔާ ސަރުކާރުންވެސް އެންމެ މުހިންމު ކަމެއް ދެއްވާ އެއްކަމަކީ، މި ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި، ޚާއްޞަ ގޮތެއްގައި ދެކުނު އިންޑިޔާގެ ސަރަޙައްދުތަކާއި، ރާއްޖެއާއި ދެމެދު ދަތުރުފަތުރުގެ ގުޅުމެއް ޤާއިމް ކުރެއްވުން ކަމުގައި އެމްބެސެޑަރ ޝިޔަން ސަރަން ވިދާޅުވިއެވެ.

މީގެއިތުރުން، ރާއްޖޭގެ މާލީ ބާޒާރުތައް ހަރުދަނާ ކުރުމަށާއި، އަދި ޓުއަރިޒަމް އިންޑަސްޓްރީ ފުޅާކުރައްވައި، ރާއްޖެއަކީ އިންޑިޔާގެ ޓުއަރިސްޓުންނަށް މަޤްބޫލު މަންޒިލަކަށް ހެއްދެވުމަށް ދެ ޤައުމުން ގުޅިގެން ކުރެވިދާނެ ކަންކަން، އެމްބެސެޑަރ ޝިޔަމް ސަރަން ފާހަގަކުރެއްވިއެވެ.

އިންޑިޔާގެ ނިއުދިއްލީގައި ޤާއިމްކޮށްފައިވާ ރިސަރޗް އެންޑް އިންފޮރމޭޝަން ސިސްޓަމް ފޮރ ޑިވެލޮޕިންގ ކަންޓަރީޒް (އާރ.އައި.އެސް.)އަކީ، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދަށުން، ބައިނަލްއަޤްވާމީ އިޤްތިޞާދާއި، ތަރައްޤީގެ އެއްބާރުލުމާބެހޭ ސިޔާސަތުތައް ދިރާސާކުރާ މިނިވަން އިދާރާއެއް، ނުވަތަ ތިންކް-ޓޭންކެކެވެ. އާރ.އައި.އެސް.ގެ މައިގަނޑު މަޤްޞަދަކީ، ބައިނަލްއަޤްވާމީ އިޤްދިޞާދާ ގުޅޭގޮތުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މެދުގައި، ސިޔާސަތާބެހޭ ހަރުދަނާ މަޝްވަރާތައް ބޭއްވުމާއި، މިކަންކަމާ ގުޅޭ ދާއިރާތަކުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޤާބިލްކަން އިތުރުކުރުމެވެ.