ސާކްގެ މިދައުރުގެ ޗެއަރމަންގެ ޙައިސިއްޔަތުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭ، މިއަދު ފުރާވަޑައިގެންފިއެވެ. އެމަނިކުފާނަށް މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދެވެ.

ބޮޑުވަޒީރު ޖިގްމީ ތިންލޭ، ފުރާވަޑައިގަތުމުގެ ކުރިން އެމަނިކުފާނާއި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާ ދެބޭފުޅުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުގެ ބޮޑުވަޒީރު ރާއްޖެއަށް މިކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އިތުރު މަގުތަކެއް ތަނަވަސްވެގެން ހިގައްޖެ ކަމުގައި ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސާކް ސަމިޓްގެ މިހާރުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅާގެ ޙައިސިއްޔަތުން ބޫޓާނުގެ ބޮޑުވަޒީރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައި، ދިވެހި ސަރުކާރާއެކު މަޝްވަރާތައް ބޭއްވެވިކަމީ، ކުރިއަށް އޮތް 17ވަނަ ސާކް ސަމިޓް ރާއްޖޭގައި ބޭއްވޭއިރު، އެ ސަމިޓްގެ ކަންކަން ފުރިހަމަގޮތުގައި ހިންގެވުމަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، އެމަނިކުފާނު ފަރާތްޕުޅުން، ބޫޓާނުގެ ރަސްގެފާނަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންނެވުމުގެ ކުރިން، ދިވެހި ނޫސްވެރިންނާ ބައްދަލުކުރައްވައި، ބޫޓާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، މިއީ އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ނޫންކަން ފާހަގަކުރައްވަމުން، ޚާއްޞަގޮތެއްގައި މި ދަތުރުފުޅުގެ ސަބަބުން، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެން ގޮސްފައިވާކަމުގައި ވިދާޅުވިއެވެ.

އަދި، ވޭތުވެ ދިޔަ ދެ އަހަރުގެ ކުރު މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ ސަރުކާރުން، ރާއްޖެއަށް ހޯއްދަވައިދެއްވާފައިވާ ކުރިއެރުން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ބޫޓާނުގެ ބޮޑުވަޒީރު، ރާއްޖެއަށް ކުރެއްވި ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި، ދެ ސަރުކާރުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސަރުކާރުގެ ވަޒީރުންނާ ބައްދަލުކުރައްވިއެވެ.