ރާއްޖޭގެ މިހާރުގެ ސަރުކާރުން މިހާތަނަށް ޙާޞިލް ކުރައްވާފައިވާ ބޮޑެތި ކާމިޔާބީތަކާއި، ސަރުކާރުން އެކަށައަޅުއްވައިގެން ހިންގަވާ ހަރުދަނާ އަދި ދުރުވިސްނޭ ސިޔާސަތުތަކުގެ ސަބަބުން، ބޫޓާނުން ރާއްޖެއާއެކު އިތުރަށް ގުޅުން ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައި، ބޫޓާނުގެ ބޮޑުވަޒީރު ޖިގްމީ ވައި. ތިންލޭ ވިދާޅުވެއްޖެއެވެ. ބޫޓާނުގެ ބޮޑުވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބޭއްވެވި ފުރަމާނަ ޖާފަތުގައި، ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ބޮޑުވަޒީރު ތިންލޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބޫޓާނާ ދެމެދު ޖިއޮގްރަފީ ގޮތުން އޮތް ތަފާތުތައް ފިޔަވައި، ރާއްޖެއާއި ބޫޓާނަކީ ވަރަށް އެއްގޮތް ދެޤައުމު ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދެޤައުމަކީވެސް އަލަށް ޑިމޮކްރަސީ ޤާއިމް ކުރެވިފައިވާ، ޑިމޮކްރަސީ އޭގެ ޅަފަތުގައިވާ ދެ ޤައުމު ކަމަށާއި، ތިމާވެށްޓާއި އިޤްތިޞާދީ ގޮތުން ނާޒުކު ދެޤައުމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޫޓާނުގެ ބޮޑުވަޒީރު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުން، މި ދަތުރުފުޅުގައި، ދެޤައުމުގެ ގުޅުމާއި، ސަރަޙައްދީ ގުޅުމާއި، އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭގޮތުން ދިވެހި ސަރުކާރާއެކު މަޝްވަރާ ކުރެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ތަޢްލީމާއި، ޞިއްޙަތާއި، ޓުއަރިޒަމާއި، ހައުސިންގ، ތިމާވެށި އަދި ހިންގުން ހަރުދަނާ ކުރުންފަދަ ދާއިރާތަކުން، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ދެޤައުމުގެ ދެމެދުގައި މަޝްވަރާ ބަދަލުކުރައްވާފައިވާކަން ބޮޑުވަޒީރު ތިންލޭ ހާމަކުރެއްވިއެވެ. މީގެއިތުރުން، ސާކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ސަރަޙައްދީ ޞުލްޙައާއި، ހަމަޖެހުމާއި، އެއްބާރުލުމާއި، ތަރައްޤީގެ ވަސީލަތަކަށް ސާކް ހެއްދެވުމަށް، ރާއްޖެއާއި ބޫޓާނުން ބޭނުންވާ ކަމުގައި ބޫޓާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޫޓާންގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި އަހަރުގެ ނޮވެމްބަރުން ފެށިގެން ސާކުގެ ޗެއަރމަންކަމާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، ދިވެހި ސަރުކާރުން ޙަވާލުވާކަމީ ބޫޓާނުން އުފާކުރާ ކަމެއް ކަމަށާއި، ސަރަހައްދީ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަމާއެކު، އެމަނިކުފާނުގެ ރިޔާސަތުގައި ސާކުން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމުގައި ޔަޤީން ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މި ޖާފަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، 16 ވަނަ ސާކް ސަމިޓް ބޫޓާނުގައި ބޭއްވެވި ފުރިހަމަކަމާއި، ސަމިޓްގެ ކާމިޔާބީއަށްޓަކައި، ބޫޓާނުގެ ބޮޑުވަޒީރަށް މަރްޙަބާ ވިދާޅުވިއެވެ. އަދި އެ ސަމިޓް ބޭއްވުމުގައި، ބޫޓާނުން ހޯއްދެވި ކާމިޔާބީ، މިއަހަރު ރާއްޖެއިން ތަކުރާރު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި 16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނާއި ދިވެހި ވަފްދު ބޫޓާނަށް ވަޑައިގެންނެވުމުން، ދެއްވި ފުރިހަމަ މެހްމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ބޫޓާނުގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

ސާކްގެ މިދައުރުގެ ޗެއަރމަންގެ ޙައިޘިއްޔަތުން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ބޫޓާނުގެ ބޮޑުވަޒީރު ޖިގްމީ ތިންލޭގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ފުރަމާނަ ޖާފަތް އޮތީ، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައެވެ. މި ޖާފަތުގެ ތެރޭގައި، ރާއްޖޭގެ ޘަޤާފީ ޙަރަކާތްތައް ދައްކާލުން އޮތެވެ.