މިނިސްޓްރީތަކުގެ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިޔުމަށް މިހާރު ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ، ސިވިލް ސަރވަންޓުންނާއި ސިޔާސީ މުވައްޒަފުން ގުޅިވަޑައިގެން އެއްބައެއްގެ ގޮތުގައި މަސައްކަތްކުރެއްވުން ކަމަށް ވިދާޅުވެ، އެގޮތަށް މަސައްކަތް ކުރައްވަމުން ގެންދެވުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އެދިވަޑައިގެންފިއެވެ. ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ، ސިވިލް ސަރވިސް ކޮމިޝަނުން އިންތިޒާމް ކުރައްވައިގެން މިއަދު ހެނދުނު ނަސަންދުރަ ޕެލަސް ހޮޓަލުގައި ފެށުނު ސިވިލް ސަރވިސްގެ ޚިދުމަތްތައް ތަރައްޤީ ކުރުމާބެހޭ މަސައްކަތު ބައްދަލުވުން "ސިވިލް ސަރވިސް އެކްސެލެންސް – ވޭ ފޯވަރޑް ފޮރ އިނޮވޭޝަން އެންޑް ޗޭންޖް" އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޤައުމު ތަރައްޤީކޮށް އާ ރޮނގުތަކުން ކުރިއެރުންތައް ހޯދުމަށްޓަކައި މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ، ކެރިގެން ކުރިމަތިލުމަށް ގޮވާލެއްވިއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނާއި ސަރުކާރާ ދެމެދު ގުޅުން ރަނގަޅުކޮށް، މިދެފަރާތުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިންސާނީ ވަސީލަތްތަކުގެ ތަޖުރިބާކާރުންނާއެކު، ސަރުކާރު ފުރިހަމަގޮތުގައި ހިންގުމަށްޓަކައި، އެއްބާރުލުން އިތުރު ކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް އިތުބާރުކުރެވޭ ފެންވަރަށް ޒިންމާދާރުވެވޭނެފަދަ ސަރުކާރެއް އުފެއްދުމަށްޓަކައި މިނިސްޓްރީތަކުގެ މުވައްޒަފުންނާއި ސަރުކާރުގެ ބޭފުޅުން، ވަރަށް ފުރިހަމަ އެއްބާރުލެއްވުމަށް ދެއްވަން ޖެހިވަޑައިގަންނަވާކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.