ކުޑަކުދިންނަށް ކުރާ ހުރިހާ ބާވަތެއްގެ އަނިޔާތައް ހުއްޓުވުމަށްޓަކައި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް "ޗައިލްޑް އެބިއުޒް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް)"އިން ބާއްވާ ސިލްސިލާ ކޭމްޕްތައް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ކޭމްޕްތައް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، މިއަދު ހަވީރު މާލެއަތޮޅު އާރަށުގައި ބޭއްވުނު ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ކުޑަކުދިންނަށް އެކިބާވަތުގެ އަނިޔާ ކުރެވެމުންދާ މިންވަރާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ކުޑަކުދިންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކުރުމަކީ އެއްވެސް ގޮތަކަށް ހުއްދަ ކުރެވޭނެ ކަމެއްނޫން ކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޖިސްމާނީ ގޮތުން ކުޑަކުދިންނަށް ލިބޭ ކޮންމެ އަނިޔާއެއްގެ ސަބަބުން އެކުދިންނަށް ލިބޭ ނަފްސާނީ ގެއްލުން މާބޮޑު ކަމަށާއި، ކުދިންގެ ޅަފަތުގައި އެކުދިންނަށް ލިބޭ އަނިޔާގެ އަސަރު، އެ ކުދިން ބޮޑެތިވެ، ބޮޑުމީހަކަށްވާއިރުވެސް ދެމިހުންނަ ކަމުގައި ވިދާޅުވިއެވެ. އަދި އެ ކުއްޖާގެ މުޅި އުމުރު، އެ ގެއްލުމުގެ ތެރޭގައި ހޭދަކުރަން ޖެހޭކަމަށް ވިދާޅުވެ، އެކަމަށް ދޭންވީ ޚާއްޞަ ސަމާލުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ކުޑަކުދިންނަށް ކުރެވޭ އެކިބާވަތުގެ އަނިޔާ ހުއްޓުވުމަށް އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅޭނެ ގޮތްތައް އެބަހުރިކަން ނައިބު ރައީސް ބަޔާންކުރައްވަމުން، ޢާއިލީ ފެންވަރެއްގައި ކުދިންނާމެދު ބަހައްޓާ އަޅާލުންތެރިކަމަކީ، ކުދިންނަށް ލިބޭ އަނިޔާ ހުއްޓުވުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑާ އެއްވަރުގެ މުހިންމު ކަމެއްކަމުގައިވެސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކުދިން ބޮޑެތިކުރުމުގައި، ކުދިންނަށް ދިމާވާ އެކިކަންކަމުގައި އެހީތެރިވެދެވޭނެ ހުނަރާއި މަޢުލޫމާތު، ބެލެނިވެރިންނަށް ލިބިފައި ހުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ބެލެނިވެރިން ހޭލުންތެރިކުރުވުމަށްޓަކައި، "ކެޕްސް"އިން އިންތިޒާމްކުރައްވައިގެން މި ފެށްޓެވި ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއްކަންވެސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ކުޑަކުދިން ފުރިހަމަ ޙިމާޔަތާއެކު ބޮޑެތިކުރުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު، ބެލެނިވެރިންނަށް ފޯރުވައިދެއްވުމަށް މިފަދަ ޕްރޮގްރާމްތައް ހިންގަވާ ފަރާތްތަކުގެ މަސައްކަތަށް ނައިބު ރައީސް ތަޢުރީފް ކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

"ކެޕްސް"އިން މިއަދު މި ހިންގެވި ފުރަތަމަ ކޭމްޕްގައި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ސޮސައިޓީ ފޯރ ވިމެންސް އެގެއިންސްޓް ޑްރަގްސް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބެލެނިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ. މިއަދުގެ ކޭމްޕްގައި ބައިވެރިވި ހުރިހާ ބެލެނިވެރިންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ ނައިބު ރައީސްއެވެ.