ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގެންފިއެވެ.

ނައިބު ރައީސް ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި، ބުރާސްފަތި ދުވަހު، ފުވައްމުލަކު ކައުންސިލްތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، ސިޔާސީ ވާދަވެރިކަމުގައި ޖެހިވަޑައިނުގެން، ވަކި ވަކި ކައުންސިލްތަކުގައި ހިމެނޭ ހުރިހާ މެންބަރުންނާއި، ފުވައްމުލަކުގެ ހުރިހާ ކައުންސިލްތައްވެސް ގުޅިވަޑައިގެން، ފުވައްމުލަކުގެ ތަރައްޤީއަށް މަސައްކަތް ކުރެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން، ފުވައްމުލަކުގެ ސްކޫލްތަކުގެ ބޯޑުތަކުގެ މެންބަރުންނާއި، ފުވައްމުލަކު ކްރައިމް ޕްރިވެންޝަން ކޮމިޓީގެ މެންބަރުންނާ ނައިބު ރައީސް ބައްދަލުކުރެއްވިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ "އޯޕަން ހޭންޑް"އާ ބައްދަލުކުރައްވާފައެވެ. އަދި ފުވައްމުލަކު ހޮސްޕިޓަލަށާއި، ޏ އަތޮޅު ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށްވެސް އެމަނިކުފާނު ވަނީ ޒިޔާރަތް ކުރައްވާފައެވެ.