ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހުވަދުއަތޮޅު ދެކުނުބުރީ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ، މިދަތުރުފުޅުގައި ވަޑައިގަތީ މަޑަވެއްޔަށާއި، ހޯޑެއްދުއަށާއި، ތިނަދުއަށެވެ.

ރައީސުލްޖުމްހޫރިއްޔާ، މަޑަވެއްޔާއި ހޯޑެއްދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ދެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން، އެ ދެރަށުގެ ކައުންސިލާއެކު މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި، ތިނަދޫ ރަށު ކައުންސިލާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން، ކައުންސިލާ މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ތިނަދޫ ބަނދަރުގެ މަސައްކަތް އަވަސް ކުރެއްވުމާއި، ސަރުކާރުގެ ބަނދަރުމަތީ ބާޒާރު ތަރައްޤީކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ތިނަދޫ ބަނދަރަކީ، ވިޔަފާރިއާއި، ދަތުރުފަތުރަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ޤާއިމް ކުރުން އަމިއްލަ ފަރާތްތަކަށް ހުޅުއްވާލެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، އެރަށުގައި ހެދުމަށް ހަމަޖެހިފައިވާ ހަތަރު ކިލޯމީޓަރުގެ މަގާއި، އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ހިންގެވުމަށް ސަރުކާރުން ހަމަޖައްސަވާފައިވާ އިންތިޒާމްތަކާބެހޭ ގޮތުން ތިނަދޫ ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި، ތިނަދޫގައި ބޭއްވުނު "މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް" ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، އެ މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށާއި، ސްކޫލްތަކަށް އިނާމު ދެއްވިއެވެ.