"އަރތް އަވަރ" ފާހަގަކުރުމުގެ ގޮތުން ކޮންމެހެން ބޭނުންކުރަންޖެހޭ ބޮކި، ހޮޅިބުރިފަދަ ތަކެތި ފިޔަވައި އެހެން ހުރިހާ ބޮތްކަކާއި ހޮޅިބުރިތައް މާދަމާ ރޭ 8.30ން 9.30އަށް އެއްގަޑިއިރަށް ނިވާލުމަށް ހަމަޖެހިފައިވުމާއެކު، މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރިވެވަޑައިގެން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި "އަރތް އަވަރ" ގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. "އަރތް އަވަރ" ގެ މަޤްޞަދަކީ، މޫސުމަށް އަންނަމުންދާ ބަދަލުތަކާމެދު އިންސާނުންގެ ހޭލުންތެރިކަން އިތުރުކުރުމާއެކު، ތިމާވެށްޓާ ރައްޓެހި ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ދިޔުމަށް ހިތްވަރު ދިނުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް ތަޢުރީފް ކުރައްވަމުން، އޭ.އެފް.ސީ ޗެލެންޖްކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ ދެ މެޗް ކާމިޔާބުކޮށް، ޗެލެންޖް ކަޕަށް ފުރަތަމަ ފަހަރަށް ރާއްޖެ ކޮލިފައިވުމަކީ، ޤައުމީ ޓީމު ރާއްޖެއަށް ހޯދައިދިން ވަރަށް ރީތި ނަމަކާއި ޝަރަފެއްކަމަށް ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ޤައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އެމަނިކުފާނު ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވިއެވެ. މި ތަހުނިޔާގައި ޓީމުގެ އޮފިޝަލުންނާއި، އެފް.އޭ.އެމް.ގެ ބޭފުޅުންނާއި، ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ފަރާތްތައް ހިމަނުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަމުން، ޓީމު މި ކާމިޔާބީ ހޯދުމުގައި ސަޕޯޓަރުންގެ ފަރާތުން ލިބުނު ހޫނު ތަރުޙީބު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހި ޤައުމީޓީމަށް ހިތްވަރުދެއްވައި ސަޕޯޓްކޮށްދެއްވާ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެ ޝުކުރުއަދާކުރެއްވިއެވެ.