ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅު ދެކުނުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ކުރެއްވުމާބެހޭގޮތުން ރަށު ކައުންސިލާ މިރޭ މަޝްވަރާ ކުރައްވައިފިއެވެ. މިގޮތުން، ތިނަދޫގައި ހަދަމުންދާ ބަނދަރަށް ބަދަލުތަކެއް ގެނައުމަށް ރަށު ކައުންސިލުން ހުށަހަޅުއްވާ ކަންކަމާމެދު މަޝްވަރާ ކުރައްވައި، ތިނަދޫގެ ބަނދަރު ހެދުމުގައި މިހާތަނަށް މެދުވެރިވެފައިވާ ހުރަސްތައް ކަޑައްތުކޮށް އަދި ކައުންސިލްގެ އެދުމުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަވަސް ކުރެއްވުމަށް އެޅުއްވެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ކައުންސިލްގެ ޚިޔާލު ރައީސުލްޖުމްހޫރިއްޔާ ހޯއްދެވިއެވެ.

ބަނދަރުގެ މައިގަނޑު މަސައްކަތާއެކު، ތިނަދޫގެ ބަނދަރުމަތީ ސަރަޙައްދު ތަރައްޤީ ކުރުމަށް އެކި ޕްރޮގްރާމް ހިންގުމުގެ ފުރުޞަތު ހުޅުވާލުމާބެހޭގޮތުންވެސް ތިނަދޫ ކައުންސިލާ ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މީގެތެރޭގައި، ސަރުކާރުން ހިންގަވާ ބަނދަރުމަތީ ބާޒާރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމްގެ ދަށުން، ތިނަދޫ ބަނދަރަކީ، ވިޔަފާރިއާއި ދަތުރުފަތުރަށް މަގުފަހި ކޮށްދޭ ބަނދަރަކަށް ހެއްދެވުމަށްޓަކައި، ތިނަދޫ ބަނދަރުމަތީގައި ވަސީލަތްތައް ޤާއިމު ކުރެއްވުން ހިމެނެއެވެ. އަދި މަސްވެރިންނަށް ބޭނުންވާ ޚިދުމަތްތަކާއި، ތިނަދޫއާއި، އެ ސަރަޙައްދުގެ އުފެއްދުންތައް ވިއްކުމަށްޓަކައި ލޯކަލް މާރުކޭޓާއި، ފެރީ ޓަރމިނަލާއި، ވިޔަފާރި އަދި މަސްވެރި ބަނދަރަކަށް ބޭނުންވާ މުހިންމު ވަސީލަތްތައް ތިނަދޫ ބަނދަރުމަތީގައި ޤާއިމު ކުރެއްވުންވެސް ހިމެނެއެވެ.

ތިނަދޫގެ ތަރައްޤީގެ މައިގަނޑު އެއް މަޝްރޫޢު ކަމުގައިވާ އެރަށުގެ ނަރުދަމާގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށް ލޯންގެ ވަސީލަތް މެދުވެރިކޮށް ފައިސާ ހޯއްދެވުމުގެ ބަދަލުގައި، ޔޫޓިލިޓީ ކުންފުންޏަށް އެ ފައިސާ ބޭންކު މެދުވެރިކޮށް ލިބިދިނުމަށްޓަކައި، ސަރުކާރުން ގެރެންޓީ ދެއްވާގޮތަށް މިހާރުވަނީ ހަމަޖައްސަވާފައެވެ. ހަމައެހެންމެ، ތިނަދޫގައި ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ ހަތަރު ކިލޯމީޓަރުގެ މަސައްކަތްވެސް، ފައިސާދޭ ބައިނަލްއަޤްވާމީ އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދެވުމުގެ ބަދަލުގައި، އެކަމަށް ބޭނުންވާ ޚަރަދުތައްވެސް ސަރުކާރުގެ ގެރެންޓީއާއެކު، ބޭންކުން ޔޫޓިލިޓީ ކުންފުންޏަށް ލިބިދެވޭނެ އިންތިޒާމް ސަރުކާރުންވަނީ ހަމަޖައްސަވާފައެވެ. މިކަންކަމުގެ މަޝްވަރާތައްވެސް، ތިނަދޫ ކައުންސިލާއެކު، ރައީސުލްޖުމްހޫރިއްޔާ، ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވިއެވެ.

ތިނަދޫގައި ރައްކާތެރި ސާފުބޯފެން ދޫކުރުމުގެ މަސައްކަތްތައް މިހާރު އެކަމުގެ އެންމެފަހު މަރުޙަލާގައިވުމާއެކު، މިކަންކަމާބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ، ތިނަދޫ ކައުންސިލާއެކު ޚިޔާލު ބަދަލުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅަށް މި ކުރައްވާ ދަތުރުފުޅުގައި، މަޑަވެއްޔަށާއި ހޯނޑެއްދުއަށްވެސް މިއަދުވަނީ ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި، އެ ދެރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާ ބެހޭގޮތުން އެ ދެރަށުގެ ރަށު ކައުންސިލާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.