ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ހ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 37 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ބަންޑާރަނައިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު ހަމަޖެއްސެވި ކަމުގެ ލިޔުން، އެމަނިކުފާނާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރެއްވީ، މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖުޑީޝަލް ސަރވިސް ކޮމިޝަން، ކިތަންމެ ތަނަކުން ހަރުދަނާ ކުރަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެކޮމިޝަންގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ގެންދެވުމަށްޓަކައި ޢަބްދުﷲ މުޢިއްޒުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގެ ކުރިން ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢާޠިފް ޙިލްމީގެ ކުރިމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވާ، އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒު ކުރެއްވިއެވެ.