ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމަށާއި، އެޓަރނީޖެނެރަލް ކަމަށް ބޭފުޅުން ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވީ، ހެންވޭރު ހިކިފިނިފެންމާގޭ އަޙްމަދު ނަސީމެވެ. އެމަނިކުފާނު މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒްގެ މަގާމުގައެވެ. އެޓަރނީޖެނެރަލް ކަމަށް ޢައްޔަން ކުރެއްވީ، މައްޗަންގޮޅީ ޑޯންޝައިން އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ. ޢަބްދުﷲ މުޢިއްޒު މިހާތަނަށް ހުންނެވީ، އެޓަރނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލް ކަމުގެ މަގާމުގައެވެ.

މިދެބޭފުޅުންނަށް ފަތްކޮޅު ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދެބޭފުޅުންނަކީ މިދެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅުންކަން ފާހަގަކުރެއްވިއެވެ. އަދި އެދެބޭފުޅުންނަށްވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، މިދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އައްޝައިޚް ޔޫސުފް ޙުސައިންގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.