ލީބިޔާގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމު ކުރުމަށް، އ.ދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ. މި ޤަރާރަށް ސަރުކާރުން މަރުޙަބާ ވިދާޅުވާކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައެވެ.

ލީބިޔާގެ ރައްޔިތުންގެ ޙިމާޔަތް ކުރުމަށް، އެ ޤައުމަށް ލަޝްކަރެއް ފޮނުވުން ފިޔަވައި، ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގެ ބާރު، ބައިނަލްއަޤްވާމީ މުޖްތަމަޢަށް މި ޤަރާރުން ލިބިދެއެވެ.

ބައިނަލްއަޤްވާމީ މުޖްތަމަޢުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ލީބިޔާގެ ރައްޔިތުން ޙިމާޔަތް ކޮށްދީ، ކާނަލް ޤައްޒާފީގެ ސަރުކާރު ވީ އެންމެ އަވަހަކަށް ނިމުމަކަށް ގެނެވޭނެ ކަމަށް ދިވެހި ސަރުކާރުން އުންމީދު ކުރައްވާކަމަށް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ލީބިޔާގެ ރައްޔިތުން ޙިމާޔަތް ކޮށްދިނުމަށް އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށާއި، އޭގެތެރޭގައި ލީބިޔާގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމު ކުރުމަށް، ދިވެހި ސަރުކާރުންވަނީ، މި ހަފްތާގެ ކުރީކޮޅު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލާފައެވެ.