بســم اللّـه الرّحمـن الرّحيــم

ވަޒީރުންގެ މަޖިލީހުގެ 9 ވަނަ ބައްދަލުވުން ފެށުނީ. އަޅުގަނޑު، މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދިޔުމުގެ ކުރީގައި ކުޑަ ވާހަކައެއް ދަންނަވާލަން އެބައޮތް.

އެނގިވަޑައިގަންނަވާނެ، މިރާއްޖެއާމެދު ޒަމާނުއްސުރެ އެކުވެރި ބަދަހި ގުޅުންތަކެއް އުފެދިފައިވާ އެއްޤައުމު ކަމުގައިވާ ޖަޕާނަށް މިދިޔަ ހުކުރު ދުވަހު މެދުވެރިވި ބިންހެލުމާއި ސުނާމީއިން އެޤައުމުގެ އެތައް ރައްޔިތުންނެއް މަރުވެ، އެތަކެއް ރައްޔިތުންނަށް އެކިބާވަތުގެ ޖިސްމާނީ އަދި ޞިއްޙީ މައްސަލަތައް ކުރިމަތިވެ، ޢިމާރާތްތަކާއި ގެދޮރާއި މުދަލަށް ނިސްބަތުން ބޮޑެތި ގެއްލުންތައް މެދުވެރިވެފައިވާތީ، އެކަންކަމުގެ ހިތާމަ އަޅުގަނޑު ހިތުން ކޮންމެ ދިވެއްސަކުވެސްދަނީ މިއަދު ޙިއްޞާ ކުރަމުން. ޖަޕާނަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް ދީލަތި އަދި ގިނަގުނަ އެހީތަކެއް ފޯރުވައިދޭ ޤައުމަކަށްވެފައި، މިރާއްޖެއަށް ޒިޔާރަތްކުރާ ޖަޕާނުގެ ރައްޔިތުންނަކީ، އެހާމެ ރަޙްމަތްތެރި ގުޅުންތަކެއް އަޅުގަނޑުމެން ދިވެހިންނާއެކު ދަމަހައްޓާ ބަޔަކަށްވާކަމީ، އަޅުގަނޑުމެން އެންމެންގެ ހަމްދަރުދީ، އެޤައުމާމެދު އިތުރުވެގެންދާ މުހިންމު ސަބަބުތަކެއް ކަމުގައި އަޅުގަނޑު ދެކެން.

މި ރާއްޖޭގެ މަސްގަނެ، މަސްވެރިކަމުގެ ގިނަގުނަ ބައިވެރިވުންތަކުން ފެށިގެން މިހާރުގެ އެމް.އެން.ބީ.ސީ.، އޭރުގެ ޓީ.ވީ.އެމް އަށް ފަންނީ ސާމާނާއި، ތަމްރީނުތައް ފަހިކޮށްދިނުމާ ހަމައިން މި ރާއްޖޭގެ އެތަކެއް ސްކޫލެއް ޢިމާރާތްކޮށްދެއްވުމާއި، އަތޮޅުތަކުގައި އިލެކްޓްރިކް ކަރަންޓް ދޫކުރުމުގެ ޕްރޮޖެކްޓްތަކަށް އެހީވެދިނުމާއި، މާލެ ވަށައިގެން ކަނޑުތޮށިލުމާއި، މެދުނުކެނޑި ވެދޭ އެހީއެއްގެ ގޮތުގައި ފޮނުވާ ގޮދަންފުށުގެ އެހީތެރިކަމާއި، ކުޅިވަރުގެ ދާއިރާއާއި، ވޮލަންޓިއަރުންގެ މަސައްކަތްތަކަށްވެދޭ އެހީ އަދި ކަސްޓަމްގެ ލެބޯރެޓަރީއާވެސް ގުޅިފައި ހުރީ، ޖަޕާނުން ރާއްޖެއަށް ދީލަތިކަމާއެކު ފޯރުވައިދޭ އެހީތެރިކަމާ.

އެހެންކަމުން، ޖަޕާނަށް މެދުވެރިވެފައިވާ ފުން ހިތާމައާއި ގެއްލުމުގެ މިދަނޑިވަޅުގައި ޖަޕާނުގެ އެންމެހާ ރައްޔިތުންގެ އިޙްސާސްތަކުގައި، އަޅުގަނޑުމެން އެންމެހާ ދިވެހިން ބައިވެރިވާ ކަމުގެ ރަމްޒެއްގެ ގޮތުގައި 1 މިނިޓްގެ ސުކޫތެއް ގެނެސްދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ކިބައިން އަޅުގަނޑު އެދެން.

والحمد للّـه. والسّـلام عليـكم
_________________________