ލީބިޔާގެ ރައްޔިތުން ޙިމާޔަތް ކޮށްދިނުމުގައި އ.ދ.ގެ ސަލާމަތީ މަޖިލީހުން އަދާކުރަންޖެހޭ ދައުރު އަދާކުރުމަށާއި، އެ ޤައުމުގެ ޙާލަތު އިތުރަށް ނުތަނަވަސްވަމުން ދިޔުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ވީހާ އަވަހަކަށް އެޅުމަށް، ދިވެހި ސަރުކާރުން އ.ދ.ގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ. އަދި، ޢަރަބި ލީގުން ގޮވާލާފައިވާ ގޮވާލުމާ އެއްގޮތަށް، ލީބިޔާގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް، ވީ އެންމެ އަވަހަކަށް އެއްބަސްވުމަށް، ރާއްޖެއިން އ.ދ.ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ދާއިމީ މެންބަރު ޤައުމުތަކަށް ގޮވާލައެވެ.

ލީބިޔާގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެފައިވަނީ:
"ޤައްޒާފީގެ ސަރުކާރުގެ ޢަމަލު ތަކުގެ ސަބަބުން، އެ ވެރިކަމުގެ ޤާނޫނީ ބާރާއި، ވެރިކަން ކުރުމުގެ ޙައްޤުވަނީ ގެއްލިފައި. ޤައްޒާފީގެ ވެރިކަމުގެ ޤާނޫނީ ބާރު ގެއްލުމާ ގުޅިގެން، ލީބިޔާގެ ރައްޔިތުންގެ އެދުންތައް ތަމްސީލުކުރާ ހަމައެކަނި ޤާނޫނީބާރު ލިބިފައިވާ ފަރާތުގެ ގޮތުގައި މިވަގުތަށް ފެންނަމުންދަނީ ހަމައެކަނި ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލް. އެހެން ކަމުން، ހަމަ މިހާރުން މިހާރަށް، ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލާއެކު ވާހަކަ ދައްކައި މަޝްވަރާ ކުރުމުގެ ދޮރު، އ.ދ.ގެ އިސްނެގުމާއެކު ބައިނަލްއަޤްވާމީ މުޖްތަމަޢުން މިހާރުން މިހާރަށް ހުޅުވާލަންޖެހޭނެ."

ކާނަލް ޤައްޒާފީ، އެ ޤައުމުގެ ޢާންމުންނާއި ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް، ލީބިޔާގެ އެއަރ ފޯސް ބޭނުންކުރުން ހުއްޓުވުމަށް، ލީބިޔާގައި އުދުހުން މަނާ ސަރަޙައްދެއް ޤާއިމް ކުރުމަށް، ބައިނަލްއަޤްވާމީ މުޖްތަމަޢަށް ޢަރަބި ލީގުންވަނީ ހޮނިހިރު ދުވަހު ގޮވާލާފައެވެ. އަދި، ލީބިޔާގެ ރައްޔިތުން ތަމްސީލު ކުރާ ހަމައެކަނި ޤާނޫނީ ފަރާތަކީ، އެ ޤައުމުގައި ޤާއިމް ކުރެވިފައިވާ ޓްރާންސިޝަނަލް ނޭޝަނަލް ކައުންސިލް ކަމުގައި ބަލައިގަތުމަށްވެސް ޢަރަބި ލީގުންވަނީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލާފައެވެ.