މިދިޔަ ހުކުރު ދުވަހު ޖަޕާނަށް ކުރިމަތިވި ބާރުގަދަ ބިންހެލުމާއި، އެ ބިންހެލުމާ ގުޅިގެން އުފެދުނު ސުނާމީގައި ޖަޕާނުގެ ވަރަށްގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައްބައެއްގެ ގެދޮރު ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ޖަޕާނު ރައްޔިތުންނަށާއި، ސަރުކާރަށާއި، ރާއްޖޭގައި މަސައްކަތްކުރައްވާ އަދި ދިރިއުޅުއްވާ ޖަޕާނުގެ ރައްޔިތުންނަށް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ތަޢުޒިޔާއާއި ހަމްދަރުދީ ފޮނުއްވައިފިއެވެ.

ނައިބު ރައީސް، ޖަޕާނު ރައްޔިތުންނާއި ސަރުކާރަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވީ، ރާއްޖޭގައި ހުންނަ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި، ޖަޕާން އޯވަރސީޒް ކޯޕަރޭޝަން ވޮލަންޓިއަރޒް (ޖޭ.އޯ.ސީ.ވީ.)ގެ އޮފީހަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، ސްރީލަންކާގައި ހުންނަވާ ޖައިކާގެ ޗީފް ރެޕްރެޒެންޓޭޓިވް އަކީރާ ޝިމޫރާއާއި، ޖޭ.އޯ.ސީ.ވީ.ގެ ވޮލަންޓިއަރުންނާއި އަދި ޖައިކާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޖަޕާނަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަމާއި، ޖަޕާނަކީ ވަރަށް ބޮޑެތި އެހީތަކެއް ރާއްޖެއަށްވަމުންގެންދާ، އަދި ޚާއްޞަކޮށް 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީއާ ގުޅިގެން، ރާއްޖެއަށް ވަރަށް ބޮޑެތި އެހީތަކެއް ވެފައިވާ ޤައުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޖަޕާނަށް ކުރިމަތިވެފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި ސަރުކާރު އޮތީ، ޖަޕާނު ރައްޔިތުންނާއެކުގައިކަން ބަޔާންކުރައްވަމުން، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޖަޕާނު ރައްޔިތުންނާއި ސަރުކާރަށް އިޚްލާޞްތެރި ހަމްދަރުދީ ފޮނުއްވާ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ރާއްޖޭގައި މަސައްކަތް ކުރައްވާ ޖަޕާނުގެ ގިނަ އަދަދެއްގެ ރައްޔިތުން، ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި، ޖަޕާނު ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތަކަށްޓަކައި، ޖަޕާނު ސަރުކާރަށާއި ރައްޔިތުންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. އަދި ޖަޕާނަށް ކުރިމަތިވެފައިވާ ހިތާމައިގެ މިވަގުތުގައި، ރާއްޖޭގައި ދިރިއުޅުއްވާ ޖަޕާނުގެ ރައްޔިތުން، އަމިއްލަ ޤައުމާއި އާއިލާއާއި ރަޙްމަތްތެރިންނާ ދުރުގައި ތިއްބަވަން ޖެހުމަކީ، އެފަރާތްތަކުގެ ނުތަނަވަސްކަން އިތުރުވާނެކަމެއްކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށްވެސް ނައިބު ރައީސް ހަމްދަރުދީ ފޮނުއްވިއެވެ.