އަންހެނުންނާއި، ކުޑަކުދިންނަށް އެކި އަނިޔާއާއި ގޯނާ ގިނަފަހަރަށް ލިބިފައި ހުންނަނީ ފިރިހެނުންގެ ފަރާތުންކަން ފާހަގަކުރައްވަމުން، އަންހެނުންނާއި، ކުޑަކުދިން ޙިމާޔަތް ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަން ޖެހޭނީ ފިރިހެނުން ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އަދި ދަރިން ބޮޑެތިކުރުމުގައި ދޭ ތަރުބިއްޔަތުގައި، އަންހެނުންނާއި އަންހެން ކުދިންނަކީ، ފިރިހެނުންނާ އެއްވަރުގެ، އެއް ޙައްޤުތަކެއް ލިބިފައިވާ ބައެއްކަން ވިސްނައިދޭން ޖެހޭ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން، "އަހަރުމެންގެ އަޑު، އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް" މި ޝިޢާރުގެ ދަށުން، ފަރިވާ ފިލްމްސްއާއި، ރާއްޖޭގެ ބައެއް ފިލްމީ ތަރިން ގުޅިގެން އާޓިފިޝަލް ބީޗްގައި މިއަދު ހަވީރު ބޭއްވި ޙަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގައި އަންހެނުންނާއި ފިރިހެނުންނަކީ އެއްވަރަކަށް ޙިއްޞާ ކުރާބައެއްކަމަށް އެންމެންވެސް އެބަ ދެކެން ޖެހޭ ކަމުގައި ވިދާޅުވިއެވެ. އަދި އަންހެނުންނަކީ، ފިރިހެނުންނާ އެއްވަރަށް ޙައްޤުތަކެއް ލިބިފައިވާ ބައެއްކަން، ފިރިހެނުން އެބަ ގަބޫލުކުރަން ޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެނުންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި، ކުރަންޖެހޭ އެންމެ ބޮޑު އެއްކަމަކީ، އަންހެނުން ބާރުވެރިކުރުވުންކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ، އަންހެނުންނަކީ އާމްދަނީ ލިބޭ، އަމިއްލަ ފައިމައްޗަށް ތެދުވެވޭ ބަޔަކަށް ހެދުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ވަރަށް ގިނަ ޒުވާން އަންހެނުން ވަޒީފާ އަދާކުރަމުން ގެންދިޔަކަމުގައިވިޔަސް، މިހާރުވެސް، އުމުރުން 16 އަހަރުން މަތީގެ ވަރަށް ގިނަ އަންހެނުންނަކީ މާ ބޮޑު ކަމެއް ނެތި، ޢާއިލާގެ ފިރިހެނުންނަށް ލިބޭ އާމްދަނީގެ މައްޗަށް ބަރޯސާވެގެން ތިބޭ ބައެއްކަން ފާހަގަވެފައިވާކަން ނައިބު ރައީސް ބަޔާންކުރެއްވިއެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާބެހޭގޮތުން ހެދިފައިވާ މުޅި ދުނިޔެ ގަބޫލުކުރާ މުޢާހަދާތަކާއި، އެކިއެކި އެއްބަސްވުންތަކުގައި ރާއްޖެ ސޮއިކޮށް ބައިވެރިވެފައިވާކަން ފާހަގަކުރެއްވިއެވެ. މިގޮތުން ރާއްޖެއިންވަނީ، އަންހެނުންނާމެދު ގެންގުޅޭ ހުރިހާ ތަފާތުތަކެއް ނައްތާލުމަށް ގޮވާލާ އެކުލަވާލާފައިވާ މުޢާހަދާ، "ކޮންވެންޝަން އޮން އެލިމިނޭޝަން އޮފް އޯލް ފޯރމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން" (ސީޑޯވ)އާއި، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ، "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް" ގައި ބައިވެރިވެފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މި މުޢާހަދާތަކުގައި ހިމެނިފައިވަނީ، ދުނިޔޭގެ އާބާދީގެ ގިނަބަޔަކު ގަބޫލުކުރާ އުޞޫލުތަކަކާއި ހަމަތަކެއް ކަމަށާއި، މި 21 ވަނަ ޤަރުނުގެ ދުނިޔޭގެ މުޖުތަމަޢުގައި، އަޅުގަނޑުމެން، އެހެން މީހުންނާ ފައި އެއްވަރުކޮށް ހިނގަން ބޭނުންވާކަމަށްވާނަމަ، އެ އެއްބަސްވުންތަކުގައި އެކުލެވިފައިވާ ކަންކަމަށް ފަރުވާ ބަހައްޓައިގެން އެ ގޮތަށް އަޅުގަނޑުމެންގެ ކަންކަން ރާވަންޖެހޭ ކަމުގައި ވިދާޅުވިއެވެ.