ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މޮރިޝަސްގެ ބޮޑުވަޒީރު ޑޮކްޓަރ ނަވިންޗަންދްރަ ރާމްގޫލާމްއާ މިއަދު ބައްދަލުކުރައްވައި، ދެ ޤައުމުގެ ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިޔާ ކަނޑުގެ ޤައުމުތަކުން ގުޅިގެން ތަރައްޤީއަށް މަސައްކަތްކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި އަޑުއުފުލުމަށް، ސާކް ފަދަ ޖަމާޢަތެއް، އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކުގެ މެދުގައި އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވިއެވެ. މިފަދަ ޖަމާޢަތެއް އުފެއްދުމަކީ، އިންޑިޔާ ކަނޑުގެ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު، ބައިނަލްއަޤްވާމީ މައިދާނުގައި އުފުލުމަށް އެހީތެރިވެދީ، ދުނިޔޭގެ އެހެން ޤައުމުތަކުން މި ޤައުމުތަކުގެ އަޑުއެހުމަށް އެޅޭ އިތުރު ބާރަކަށްވާނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ސަލާމަތާއި، އިޤްތިޞާދާއި، ޘަޤާފަތާއި އަދި ޓުއަރިޒަމްގެ ދާއިރާއިން ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ބޮޑުވަޒީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެއްވުމަށްޓަކައި، ފެރީގެ ނިޒާމަކުން ދެ ޤައުމު ގުޅާލެއްވުމާބެހޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މި މަޝްވަރާތަކުގެ ތެރޭގައި، ދެ ޤައުމުން ގުޅިގެން، ދެ ޤައުމުގެ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް، މޮރިޝަސްގެ ބޮޑުވަޒީރު ހުށަހެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާއާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެބޭފުޅުން، މޮރިޝަސްގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅުގައި، މޮރިޝަސްގެ ސަރުކާރާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ބޭއްވެވި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި، މޮރިޝަސްގެ ބޮޑުވަޒީރުގެ ބައްލުކުރެއްވުން ހިނގަމުން ދިޔައިރު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ، މޮރިޝަސްގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނާ ބައްދަލުކޮށްލެއްވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ޗީފް ޖަސްޓިސްއާއި، ސްޕީކަރ އޮފް ދަ ނޭޝަނަލް އެސެމްބްލީއާއި އަދި، ވާދަވެރި ޕާޓީގެ ލީޑަރާވެސް މިއަދު ބައްދަލުކުރެއްވިއެވެ.

މޮރިޝަސްގެ ޗީފް ޖަސްޓިސް ޔުއެންގ ސިކް ޔުއެންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މޮރިޝަސްގެ ޝަރުޢީ ނިޒާމާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ އޮޅުންފިލުއްވެވިއެވެ.

މޮރިޝަސްގެ ނޭޝަނަލް އެސެމްބްލީގެ ސްޕީކަރ ރާޖްކޭސްވަރ ޕާރޔަގްއާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މޮރިޝަސްގެ ޕާލަމެންޓްގެ މަސައްކަތްތަކާބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. ސްޕީކަރ ޕާރޔަގް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޕާލަމެންޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށް ބޭނުންފުޅުވާ އެހީތެރިކަން ދެއްވުމަށް ތައްޔާރަށް ހުންނެވިކަން ހާމަކުރެއްވިއެވެ.

މޮރިޝަސްގެ ވާދަވެރި ލީޑަރ ޕޯލް ބެރޭންގަރ އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، އިންޑިއާ ކަނޑުގެ ޤައުމުތަކުގެ ޖަމާޢަތެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖެއާއި މޮރިޝަސްގެ މިހާރުގެ ސިޔާސީ މާޙައުލާބެހޭ މަޢުލޫމާތު ބަދަލުކުރެއްވިއެވެ.