ޞިއްޙީ ގޮތުން ދުޅަހެޔޮ ގޮތެއްގައި ކުދިން ބޮޑެތިވެ، ރަނގަޅު ޞިއްޙީ އާދަކާދަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ޖެހޭނީ، ކުދިންގެ ޅަފަތުގައި ކަމަށާއި، އެހެންކަމުން، ކުދިން ބޮޑެތިވަމުން އަންނައިރު ރަނގަޅު ޞިއްޙީ އާދަކާދަތައް އަށަގެންނެވުގައި މައިންބަފައިންގެ މަސްއޫލިއްޔަތު ވަރަށްބޮޑު ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ކުޑަކުދިން ބޮޑުވުމުންވެސް ކުދިންގެ ކިބައިގައި އަށަގެންފައި ހުންނަނީ ކުދިން ކުޑައިރު، މައިންބަފައިން ކުދިންނަށް ދަސްކޮށްދޭ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނައިބު ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވީ، ރާއްޖޭގައި މަސައްކަތް ކުރާ ދަތުގެ ޑޮކްޓަރުންނަށް، މި ދާއިރާއާ ބެހޭ އެންމެފަހުގެ ޕްރޮފެޝަނަލް މަޢުލޫމާތު ފޯރުވައިދިނުމަށް ރޭ ނަލަހިޔާ ހޮޓަލުގައި ބޭއްވުނު މަސައްކަތު ބައްދަލުވުން އިފްތިތާޙްކޮށް ދެއްވަމުންނެވެ. މި މަސައްކަތު ބައްދަލުވުމަކީ، ލިލީ އެންޓަރޕްރައިސަސްއާއި، ޖީ.އެސް.ކޭ (ގްލެކްސޯ ސްމިތް-ކްލައިން) ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ.

ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މަސައްކަތް ކުރާ ޑެންޓިސްޓުންނާއި، އަދި އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް، އެ ފަރާތްތަކުން އެ ކުރަމުންގެންދާ މަސައްކަތުގެ ދާއިރާއިން އެންމެފަހުގެ މަޢުލޫމާތު ފޯރުވައިދީ، ފެންވަރު މަތިކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގައި ދަތުގެ ފަރުވާ ދިނުމާއި، ދަތާއި، ޞިއްޙަތާބެހޭ މަޢުލޫމާތު ދިނުން އިތުރުކޮށްދިނުމަށްޓަކައި ލިލީ އެންޓަރޕްރައިސަސްއާއި، ޖީ.އެސް.ކޭ. (ގްލެކްސޯ ސްމިތް-ކްލައިން) ގުޅިގެން މިފަދަ ބައްދަލުވުމެއް އިންތިޒާމު ކުރެއްވީތީ އެ ދެކުންފުންޏަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ކުދިންގެ ޅަފަތުގައި ދަތުގެ ރަނގަޅު ޞިއްޙީ އާދަކާދަތަކެއް އަށަގެންނެވޭނީ، ދަތުގެ ޞިއްޙަތާއި، ސާފުތާހިރުކަމާގުޅޭ ރަނގަޅު ޞިއްޙީ އާދަކާދަތަކާބެހޭ މަޢުލޫމާތު، ގިނަބަޔަކަށް، ޚާއްޞަ ގޮތެއްގައި މައިންބަފައިންނަށާއި، މަދަރުސާތަކުގެ ދަރިވަރުންނަށް، ފޯރުވައިދެވިގެން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި ދަތުގެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ކުރިން އެޅުން މާ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.