بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޑައިގެން ތިއްބެވި ދައުލަތުގެ ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، މި ވިލުފުށީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ، އަޅުގަނޑުމެންގެ ހިތްތަކުގައި، ވިލުފުށީގެ ތަޞައްވުރާއި، ވިލުފުށީގެ ތަރައްޤީއާ ގުޅޭނޭ ތަޞައްވުރަކާ އެކުގައި. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ޕާޓީގެ ފަރާތުން ނުހަނު ގިނަ ދަތުރުތައް ކުރި. ކިތަންމެ ބަޔަކާ ބައްދަލުކޮށް، ގެއިން ގެޔަށް ހިނގައި، ދޮރުން ދޮރަށް ގޮސް ޕާޓީން ވަނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރައްޔިތުންގެ އަޑު، ނުހަނު އަހާފައި. ވިލުފުށީ ރައްޔިތުންގެ އަޑުވެސް ޕާޓީންވަނީ އަހާފައި. ގެންދަނީވެސް އަހަމުން. ކުރިއަށް އޮތް ތަނުގައިވެސް އަހާނެ.

ޕާޓީން ބެލި ބެލުމުގައި، ޕާޓީއަށް ފާހަގަވި ގޮތުގައި، މިރަށުގައި ދިމާވެފައިވާ މައްސަލަތަކާއި އަދި ރާއްޖޭގެ އެހެން ރަށްތަކުގައިވެސް ދިމާވެފައިވާ މައްސަލަތަކާ ދާދި އެއްބާވަތް. ތަރައްޤީއަށް ހުރި ހުރަސްތައް ވަނީ ފާހަގަކުރެވިފައި. އެހުރަސްތަކުން ގިރާކޮށް، ރާއްޖެ ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ވެގެންދިޔައީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށްވީ ވަޢުދުތަކުގެ ގޮތުގައި. އެ ވަޢުދުތައްވަނީ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ ގޮތުގައި އެކުލަވައިލެވިފައި. އެ އޮނިގަނޑުވަނީ ދައުލަތުގެ ސިޔާސަތުގެ ގޮތުގައި ހިމެނިފައި. އަދި މިދެންނެވި ސިޔާސަތު ތަންފީޛު ކުރުމަށް، 2011 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ވަނީ ދައުލަތުގެ ބަޖެޓް ފާސްކޮށްފައި.

ޤައުމެއް ތަރައްޤީވުމަށް، ރަށެއް ތަރައްޤީ ކުރުމަށް، އެރަށެއްގެ ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތި ހާލުގައި، އެމީހުންގެ އާދައިގެ ބޭނުންތައް ފުއްދޭނެގޮތް ނެތިފައި ތިބި ބަޔަކަށްވާހާހިނދަކު، އަޅުގަނޑުމެންނަށް ރަށް ތަރައްޤީކުރަން ވަރަށް އުނދަގޫވާނެ. މި ވިލުފުށީގައިވެސް، ވިލުފުށީގެ އާބާދީގެ ކޮންމެ ތިން މީހަކުންކުރެ އެކަކީ، ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ، އެމީހުންނަށް ރެޔާދުވާލަށް ދިހަ ފަނަރަ ރުފިޔާ ބޮލަކަށް، ރެޔާދުވާލުގެ އާމްދަނީގެ ގޮތުގައި ނުލިބޭ މީހުން. އެމީހުންގެ އެންމެ އާދައިގެ ބޭނުންތަކަށް، އެމީހުންނަށް އަބަދުވެސް އެކިއެކި އެހެން ފަރާތްތަކަށް ބަރޯސާ ކުރަން ޖެހިފައިވާ މީހުން. ރަށެއް ތަރައްޤީއެއް ނުކުރެވޭނެ، އަޅާ ބޮޑު ބިނާއަކުން، ހެދޭ ބޮޑު ޢިމާރާތަކުން. ރަށް ތަރައްޤީ ކުރެވޭނީ، އަޅުގަނޑުމެންނަށް ތަރައްޤީވެވިގެން، ރަށު މީހުންނަށް. ވިލުފުށީ ތަރައްޤީ ކުރުމަށް، ތަރައްޤީ ކުރާން މިޖެހެނީ ވިލުފުށްޓެއް ނޫން. ތަރައްޤީ ކުރާން މިޖެހެނީ، ތަރައްޤީވާން މިޖެހެނީ ވިލުފުށީ މީހާ. އޭނާގެ ސަލާމަތްތެރިކަން އަޅުގަނޑުމެން ހޯދައިދޭން ޖެހެނީ. އޭނާއަކީ އޭނާގެ އާދައިގެ ބޭސްފަރުވާ ހޯދުމަށްޓަކައިވެސް، އެއް ސައުދާގަރެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން، އަނެއް ވިޔަފާރިވެރިއެއް ކައިރިން ހިނގާ، ސަލާންޖަހަންޖެހޭ މީހަކަށްވާހާހިނދަކު، ޤަދަރާއި ޢިއްޒަތް ލިބިގެންވާ ވިލުފުށީ ރައްޔިތަކު އުފައްދާން، ހޯދާން އަޅުގަނޑުމެންނަށް ދަތިވާނެ.

ސަރުކާރުގެ އަމާޒަކީ، ކޮންމެ ވިލުފުށީ ރައްޔިތަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ވިލުފުށީ މީހެކޭ. ތިމަންނާ ދިރިއުޅެމުންދަނީ، ތިމަންނާއަށް ލިބޭ، ތިމަންނާގެ މަސައްކަތުން ލިބޭ، ޙަލާލު މަސައްކަތުން ލިބޭ ފައިސާއިންނޭ، މިހެން ބުނެވޭނޭ ވިލުފުށީ ރައްޔިތަކު އުފެއްދުން. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ބޭނުމަށްޓަކައި. އަޅުގަނޑުމެންނަށް މިއަދު މި ވިލުފުށީގައި ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، ވިލުފުށީ ރައްޔިތުން ތެރެއިން 269 މީހަކު، މަދަނައިގައި ރަޖިސްޓްރީ ކުރެވިފައިވާތީވެ. އަދި މިދެންނެވި މީހުންގެ ތެރެއިން ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ބޭސްފަރުވާއަށްޓަކައި ރައްކާކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު މި ވިލުފުށީ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި މީހުންނަށް، އެއްމިލިއަން ހަތްދިހަ ތިންހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. މިދެންނެވި ފައިސާއަކީ، ވިލުފުށީ ހޮސްޕިޓާ ނުވަތަ ހެލްތް ސެންޓަރު ރަނގަޅު ކުރުމަށް ހޭދަކުރެވުނު ފައިސާއެއް ނޫން. މިފައިސާއަކީ ހަމަ ސީދާ ވިލުފުށީ ރައްޔިތުންގެ ތެރެއިން ބަލިވެގެން ޑޮކްޓަރަށްދިޔަ މީހުންގެ ބޭސް ސިޓީއަށް، ބޭސްފަރުވާ ހޯދައިދިނުމަށްޓަކައި ކުރެވުނު ޚަރަދު. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުން ބޭސްފަރުވާއަށް އެކެއް ގާތުން، އަނެކެއް ގާތުން ހިނގަމުންދާ ދިޔުމަށް ހުއްޓުމެއް ގެނައުން. އަޅުގަނޑުމެންގެ ބޭނުމަކީ، މުޅި ވިލުފުށީ ހުރިހާ ރައްޔިތުންވެސް މިދެންނެވި މަދަނަ ޕްރޮގްރާމްގައި ހިމަނައި، ވިލުފުށީގެ ހުރިހާ ރައްޔިތުންނަށްވެސް، އެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން.

ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނެއް ދިނުމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ވަނީ ވަޢުދުވެފައި. އެ ޕެންޝަން ދެމުން ގެންދާތާ މިހާރު މިވީ އެނގިވަޑައިގަންނަވާނެ، ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، ވިލުފުށީގައި ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 89 މީހަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ދެމުން ގެންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، މިރަށަށް ކޮންމެ މަހަކު އެއްލައްކަ ހަތްދިހަ އަށްހާސް ރުފިޔާ، 65 އަހަރުން މަތީގެ މީހުންގެ ޕެންޝަންގެ ގޮތުގައި ހޭދަކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައިވާތީވެ.

އެކަނިވެރި މައިންނާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ޔަތީމު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެއް. އިޖްތިމާޢީ ރައްކާތެރިކަމަކީ، މިރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއްފިޔަވަޅު. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 21 ފަރާތަކަށް މިދިޔަ 2010 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހު، އަށްޑިހަ ހަތްހާސް ރުފިޔާ، މިރަށު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަމަށް ނުވަތަ ޔަތީމު ކުދިންނަށާއި، އެކަނިވެރި މައިންނަށް ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މިރަށްރަށުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، ވިލުފުށީ މީހުން މުއްސަނދި ކުރަން. އެމީހުން ބަދަލުވުމަށް. އެމީހުންގެ އާމްދަނީ އިތުރުވުމަށް. އެމީހުންނަށް އިއްޔެ ލިބުނު އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް މިއަދު ހޯދައިދިނުމަށް. އެކަމަށްޓަކައި ގިނަ ބައިވަރު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން އެއީ، ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑު ދެންމެ މިކީ މީހުންނަކީ، ވަރަށް ނިކަމެތިން. އެހެންވީމާ، އެމީހުންގެ އަޑެއް، ޢާންމުކޮށް އަޅުގަނޑުމެންނަކަށެއް ނީވޭނެ. އަޑުގަދަވާނީ ރުއް ގިނަ މީހުންގެ. އެމީހުން ދެއްކި ވާހަކައެއް، ބުނި އެއްޗެއް، އަޅުގަނޑުމެންނަކަށް ސާފެއްނުވާނެ. އަޅުގަނޑުމެންނަށް އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ގިނަ ބައިވަރު މީހުންގެ އިޖްތިމާޢީ ރައްކާތެރިކަން އަދި ފަޤީރުކަމުން އެމީހުން ސަލާމަތްވެވޭނޭ ނިޒާމެއް، އިންތިޒާމެއް ހަމަޖައްސައިގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑުމެން ތަރައްޤީ ކުރުމަށް، ތަރައްޤީ ކުރާން މިޖެހެނީ، ވިލުފުށީ މީހާކަމުން، އަބަދުވެސް ވިލުފުށީގެ ތަރައްޤީގެ ނާރެސްއަކަށްވާނީ ވިލުފުށީގެ މަދްރަސާ. އެ މަދްރަސާގައި ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުން، އަޅުގަނޑުމެންގެ ހުރިހާވެސް ބޭނުމަކީ. އަޅުގަނޑުމެން ބަނދަރެއް އަޅަނީވެސް، ދޯންޏެއް ބަންނަނީވެސް، މަހަށް ދަނީވެސް އެންމެ ބޭނުމަކަށް. އެއީ، ދަރިންނަށް ކިޔަވައިދޭން. ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދޭން. ދަރިންނަށް ރަނގަޅު ތަޢްލީމެއް މަދްރަސާގައިދޭން. ހޭއަރާ ތިބި ވިލުފުށީގެ އައު ޖީލެއް އުފައްދައި، އެހެން ޤައުމިއްޔަތެއް އެކުލަވައިލަން. ތަންދޮރު އެނގޭ، ހޭލުންތެރި، ތަޢްލީމީ ޤައުމިއްޔަތެއް އެކުލަވައިލަން. މިރަށެއްވެސް އަޅުގަނޑުމެންނަކަށް ބަދަލެއް ނުކުރެވޭނެ، ތަރައްޤީއެއް ނުކުރެވޭނެ، މިރަށުގެ ދަރީންނަށް ރަނގަޅު ތަޢްލީމެއް ނުދެވޭހާ ހިނދަކު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ، މިދިޔަ އަހަރު ވިލުފުށީ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށް އެއްލައްކަ އަށްޑިހަ އަށްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައި އޮތީތީވެ. މި ސަރުކާރަށް ލިބޭ އުފަލެއް އެއީ، ވިލުފުށީ ދަރިވަރުންގެ އޯ ލެވެލް އިމްތިޙާނަށް ދައްކަންޖެހޭ ފީ ދެއްކުމަށްޓަކައި ސާޅީސް ދެހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ހަމައެހެންމެ، މިހާރު ވިލުފުށީގައި ކިޔަވައިދެމުން އެގެންދަނީ، އެއްދަންފަޅިއަށް. އަދި ވަށާޖެހޭ ތަޢްލީމެއް ވިލުފުށީގައި ދެވެންޖެހޭނެ.

އަޅުގަނޑު އަތުގައި އެބައޮތް، ތިޔަބޭފުޅުން ކަންބޮޑުވާ ކަންކަމުގެ ލިސްޓެއް. އެއަކު ނެތް ވިލުފުށީ މަދްރަސާގެ ވާހަކައެއް. އެއީ އަޅުގަނޑު ކަންބޮޑުވާ ކަމަކީ. އަޅުގަނޑު ކަންބޮޑުވާ ކަމަކީ، ތިޔަބޭފުޅުންނަށް އަބަދުވެސް ބަނދަރުގެ ފައިކަށްޓަކާއި، އޭގައި ބޮޑުހިލައާއި އަދި އެކަމުގެ ހުރިހާ ވާހަކައަކާ ކަންބޮޑުވެވޭ. އެކަމަކު އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދޭކަށް ނޫޅޭ. އަޅުގަނޑުމެންގެ ޙަޤީޤީ މަސައްކަތް ކުރުމަށް އަޅުގަނޑުމެންނެއް ކަންބޮޑެއްނުވޭ. މިދިޔަ އަހަރު ވިލުފުށީގެ ނަތީޖާ، އޯ ލެވެލްގެ ނަތީޖާ އޭގެ ކުރީ އަހަރަށްވުރެ ދަށް. ވިލުފުށީގައި 2009 ވަނަ އަހަރު އޯ ލެވެލްގައި ބައިވެރިވި ކުދިންގެ 21 ޕަސެންޓް ކުދިން 5 މާއްދާއިން ފާސްވި. މިއަހަރު އެކަން ވެފައިވަނީ 11 ޕަސެންޓް ކުދިންނަށް. ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިން، 5 މާއްދާއިން ފާސްކޮށްދިނުން. މިދެންނެވި ނަތީޖާ އެބަ ހޯދާ ހޯރަފުށީގައިވެސް، ދިއްދޫގައިވެސް، އިހަވަންދޫގައިވެސް، ބާރަށުގައިވެސް، ކެލާގައިވެސް. އަދި މެދުރާއްޖެތެރެއިން ކިތަންމެ ރަށެއްގައިވެސް، ހިންނަވަރުގައިވެސް، ނައިފަރުގައިވެސް. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ، ނުވިސްނޭ، ވިލުފުށީގައި މި ނަތީޖާ ނުނުކުންނާންވީ ސަބަބެއް. ވިލުފުށީ މަދްރަސާގެ ދަރިއަކަށް، ކޮންމެ ދަރިއަކަށް ޚަރަދުކުރާ މިންވަރު، ނިސްބަތުން މެލޭޝިޔާގައި ކުރާވަރަށްވުރެ އިތުރު. އެހެންވީމާ، އަޅުގަނޑުމެންނަށް މެލޭޝިޔާގެ ނަތީޖާ މިތަނުން ލިބެންޖެހޭނެ. އަޅުގަނޑު ވަރަށް އިޚްލާޞްކަމާއެކު، ވިލުފުށީ ކެޔޮޅުން ކިބައިންނާއި، އޮޑިވެރިން ކިބައިންނާއި، ކަތީބުންނާއި، މުދިމުންނާއި، މެޖިސްޓްރޭޓުންނާ، މިރަށު ހުރިހާ އެންމެންގެ ކިބައިން އެދެން، އަޅުގަނޑުމެންގެ ތަރައްޤީގެ އެންމެ މުހިންމު މަސައްކަތަކީ، މިތަނު މަދްރަސާއިން ރަނގަޅު ދަރިން ކިޔަވައިގެން ނެރުމޭ. އެމަސައްކަތުގައި ތިޔަބޭފުޅުން ބައިވެރިވެދެއްވާށޭ. އަޅުގަނޑުމެންގެ ރަށް، ތިޔަބޭފުޅުންގެ ރަށް، ވިލުފުށި ބަދަލުކުރުމަށްޓަކައި މިދެންނެވި މަސައްކަތް ނުކޮށް އަޅުގަނޑުމެންނަކަށެއް ކާމިޔާބީއެއް ނުހޯދޭނެ. އަޅުގަނޑު އުންމީދު ކުރަން، މިއަންނަ އަހަރުގެ ނަތީޖާ ތިޔަބޭފުޅުން ބަދަލުކުރައްވާނެ ކަމަށް. އަޅުގަނޑު އެދެން، ތިޔަބޭފުޅުން މިހާރަށްވުރެ މާބޮޑަށް މިމައްސަލަ ބައްލަވާނެ ކަމަށް. ކަންވެގެންދާގޮތްވެސް ދެނެގަނެ، ސްކޫލް ބޯޑާއި އަދި ސްކޫލާ ގުޅިގެން، މިމަސައްކަތްތައް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށް.

ވިލުފުށްޓަކީ ހިތާމަވެރި އެތައް ޙާދިޘާއެއް ދިމާވެފައިވާ ރަށެއް. އެހެންވީމާ، ވިލުފުށީ މަދްރަސާވެސް އަދިވެސް ސުނާމީގެ ހިތާމައިން ނުވަތަ އެ ސުނާމީއާ ގުޅިގެން ދިމާވި ކަންތައްތަކަކުންނެއް ރަނގަޅަށް އަރައެއްނުގަނެވޭ. އެއީ ސަބަބެއްކަން އަޅުގަނޑަށްވެސް ވިސްނޭ، އެނގޭ. އެކަމަކު އަޅުގަނޑަކީ އެބާވަތުގެ ސަބަބޭ ކިޔައި ދޫކޮށްލާހިތްވާ މީހެއް ނޫން. ތިމަންނާއަށް މާދެރަގޮތެއްވީމާ، ދެން ތިމަންނާއަށްވާނީ މިހެންނޭ، ދެން ތިމަންނާ އެހެންވީމާ، މިހެންނޭ ހުންނާނީ. ދެރަގޮތެއް ވެއްޖިއްޔާ އަދި ފަހުން ނުކުމެ އުޅެންޖެހޭ މިންވަރު މާ ވަރުގަދަވާންޖެހޭނެ. ގެއްލުމެއް ލިބުނީމާ، ދެން އެ ފޫބެއްދުމަށްޓަކައި ދެގުނަ އެބަ ހޯދަންޖެހޭ. މިއަދު ހަތަރުއަނާއެއް ގެއްލިއްޖިއްޔާ، އެ ހަތަރުއަނާ ފޫބެދޭނީ، މާދަމާ ހަތަރުއަނާއެއް ލިބިގެނެއް ނޫން، ފަންސާސްލާރި ލިބިގެން. އަޅުގަނޑުމެންނަށް ސުނާމީ ފޫބެއްދޭނީ، އޭގެ ދެގުނަ މިއަދު ހޯދައިގެން. ވިލުފުށީ މަދްރަސާއިން އޭގެ ދެގުނަ އެބަ ގެންނަންޖެހޭ.

އަޅުގަނޑަށް އެނގޭ އެއްޗަކީ، މި ސަރުކާރުގެ ސިޔާސަތުން ވިލުފުށީ މަސްވެރިންގެ އާމްދަނީ ދެގުނަވެފައިވާކަން. ވިލުފުށީ މަސްވެރިން ބައްލަވާ، މީގެކުރީގައި އެމީހުން އަށްރުފިޔާ، ހަތްރުފިޔާއަށް ވިއްކި މަސްކިލޯ، ބާރަ ރުފިޔާ ފަންސަވީސް ލާރިއަށް ކޫއްޑޫއިން ގަންނާނެ، އައިސް އަޅައިގެން ދިޔައީމާ. އައިސް ނާޅައިފިއްޔާ ނުވަރުފިޔާ ބަޔަށް ގަންނާނެ. ކުރީގައި އަށްޑިހަ ރުފިޔާއަށް ވިއްކި ކަންނެލި ކިލޯ، މިހާރު ތިޔަބޭފުޅުން ތި ވިއްކަނީ ސަތޭކަ ދިހަރުފިޔާއަށް. ކުރީގައި ފަނަރަ ޓަނު ބޭނުމެކޭ، މިހާރު ފަސްޓަނު ބޭނުމެކޭ އެއްވަރުވާނެ. ވިލުފުށީ އާމްދަނީ އޮންނާނީ ބަދަލުވެފައި. މިކަން ކުރެވުނީ ސަރުކާރުގެ ސިޔާސަތުން. މިކަން ކުރެވުނީ ޕާޓީގެ ވަޢުދުން. މިކަން ކުރެވުނީ ޑިމޮކްރަސީގެ ސަބަބުން. މީގެކުރީގައި، މަސްވެރިކަން އޮތީ، ދެތިން ހަތަރު ފަރާތެއްގައި ތަޅުލާފައި. އެމީހުން ނޫން ބަޔަކަށް މަސްގަނެ، އެކްސްޕޯޓް ނުކުރެވޭގޮތް ހަދައި، އެފަދަ ކޮންޓްރެކްޓެއްގައި ރާއްޖޭގެ ހުރިހާ މަސްވެރިން ބަނދެފައި. ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލު އެއީ، ކޮންމެ ބަޔަކަށްވެސް މަސް ގަނެގެން ބޭރުކުރެވޭނެ ހުއްދަ އަދި އިންތިޒާމް ހަމަޖެއްސުން. މިއަދު މަސްވެރިކަމުގެ ވާދަވެރިކަމުގެ ތެރޭގައި އެދަނީ މަހުގެ އަގު، ދުވަހުން ދުވަހަށް އަރަމުން. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެނޭ، ރާއްޖޭގެ މަސްވެރިންގެ އާމްދަނީ އިތުރުވެގެން އަންނަތަން. އެއީ، އަޅުގަނޑުމެންގެ ވަޢުދެއް. އެކަން އަޅުގަނޑުމެންނަށް އެބަ ކޮށްދެވޭ. އަޅުގަނޑުމެން ބުނީ، ބާރަ ރުފިޔާއަށް އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މަސްކިލޯއެއް އަރާނޭ. މިއަދު އެހެރީ ބާރަ ރުފިޔާ ފަންސަވީސް ލާރިއަށް. އަދި ކަންނެލި ކިލޯއެއް ސަތޭކަ ދިހަ ރުފިޔާއަށް. އަޅުގަނޑުމެންނަށް އެހެން ކަންކަން އެބަވޭ. އަޅުގަނޑުމެންނަށް ދަރިންނަށް ތަޢްލީމް ނުދީއެއް، މިދެންނެވި ކަންކަންވާނެ ކަމަށް އެއްގޮތަކަށްވެސް އަޅުގަނޑުމެން ދެކޭކަށް ނުވާނެ. ކަންނެލި ބާނާކަށްވެސް ދެނެއް ނުދެވޭނެ، އޯ ލެވެލެއް ނެތީހެއް. އަޅުގަނޑު މިއައީ ދ. މީދޫއިން. އެރަށުގައި ކަންނެލި ބާނަންދާ ހުރިހާ ކުދިންވެސް ތިބެނީ އޯލެވެލެއް ހަދައިގެން. އެރަށުގެ ދޯންޏަކަށް ކަންނެލިން ލިބޭ ފައިދާ، އަޅުގަނޑު ދަންނަވާނަން، މިއަދުވެސް ތިޔަބޭފުޅުން ބައްލަވާ، އެހެން ރަށްރަށަށްވުރެން މާބޮޑުތަނުން ރަނގަޅުވާނެ. ތަންދޮރު އެނގިގެން، ދޮށްޓެއްގައި ހިފީމާވާގޮތާއި، ނަނެއްގައި ހިފީމާވާގޮތާއި، ތަންދޮރު ނޭނގި ހިފީމާވާގޮތާ، މިދެގޮތުގައި ވަރަށްބޮޑު ތަފާތެއް ހުންނާނެ. އަޅުގަނޑުމެން މިހާރު މިދާ މަސްވެރިކަމާއި، އަޅުގަނޑުމެން މިހާރު ބަދަލުވާން މިއެދޭގޮތާ، އެކަންކަމަށްޓަކައި ކިތަންމެ ބައިވަރު ދަރިންނަކަށް ތަޢްލީމް އެބަ ދޭންޖެހޭ. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއްދީގެން ނޫނިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑުމެން އުންމީދު ކުރަން. އަޅުގަނޑު ވަރަށް ބޮޑަށް، ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން، ފެބްރުއަރީ 5 ވަނަ ދުވަހު އަޅުގަނޑުމެން މި ބިންގާ މިއަޅަނީ، މިރަށު ތަރައްޤީއަށްޓަކައި ބިންގާއެޅޭ، އެކުލަވައިލެވޭ، ޤާއިމްކުރެވޭ އެންމެ މުހިންމު މުއައްސަސާގެ ބިންގާ. އެއީ ރަށްވެރިކަމުގެ ތަރައްޤީއަށްޓަކައި. މިތަނުގެ ލޯކަލް ކައުންސިލް އިންތިޚާބް. އަދި އެއިންތިޚާބުން މިރަށް ތަރައްޤީ ކުރުމަށްޓަކައި، ސަރުކާރުގެ ސިޔާސަތު މިތަނުގައި ތަންފީޛު ކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ލަފައާ އެކީގައި އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް އިންތިޚާބުކުރާ ބައެއް، އަޅުގަނޑުމެންނަށް މި އިންތިޚާބު ކުރެވެނީ. އެ ކައުންސިލުން ކުރާންހުރި ކަންތައްތައް ހައްތަހާ މިހިރީ އަޅުގަނޑުމެންނަށް އަދި މިރަށަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި. ބިން ދޫކުރުމާ ގުޅޭ ހުރިހާ ކަމެއް. މިދެންނެވި ހުރިހާ ކަމަކީ، ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، މި ސަރުކާރު އެދެނީ، ކައުންސިލުން އެކަންކަން ކުރުމަށް. އަޅުގަނޑުމެން ކައުންސިލް އިންތިޚާބް ކުރަން އެންމެ ފުރަތަމަ ފިކުރުކުރީ، ރިޔާސީ އިންތިޚާބުގެ ކުރިއަށް. އެހެން ނަމަވެސް، އެގޮތަކަށެއް ނޫން މިކަން މިދިޔައީ. މިއަދުވެސް މިލިސްޓްގައި މިވާ އެންމެ ކަންތައްތައް ނުކޮށް އަޅުގަނޑު މިހުރީ، ކައުންސިލް ލިބެންދެން. އެހެން ނޫނިއްޔާ، އަޅާ ކޮންމެ ފައިކަށްޓެއް އެބަ އަނެއްކާ ބަދަލުކުރަންޖެހޭ. ހަދާ ކޮންމެ ބަނދަރެއް، އަނެއްކާ އެބަ ބޮޑުކުރަންޖެހޭ. އަޅާ ކޮންމެ މަދްރަސާއެއް، އެބަ ތަޅާލަންޖެހޭ. ކައުންސިލް އުފެދި، ރަށު ކައުންސިލް އުފެދި، ރަށު ރައްޔިތުންނަށްވާންވީ ގޮތް އެނގިގެން، އެރައްޔިތުންގެ ބައިވެރިވުމާ އެކީގައި، ކަންކަން ނިންމީމާ ނޫނިއްޔާ، ދެމެހެއްޓެނިވި ގޮތުގައި ކަންކަން ނިމިގެނެއް ނުދޭ.

ސަރުކާރުން މިހާރު މިވަނީ ގޯތިދިނުން ހުއްޓާލާފައި، ކައުންސިލް އިންތިޚާބް ނިމެންދެން. އެހެން ނަމަވެސް، އަޅުގަނޑު ވިލުފުށީގައި މިހާރު ތިބި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން، އެމީހުން މިހާރު އެދިރިއުޅޭ ގޯތިތައް، ގެތައް އެމީހުންގެ ނަމަށް ރަޖިސްޓްރީވާނެ. އެއީކީއެއް އެކަން އެނޫން ގޮތަކަށް ކުރުމަކަށް ސަރުކާރުން ނިންމާފައި އޮތް ގޮތެއް ނޫން. ހަމަ ސީދާ އެމީހަކު އެއުޅޭ ތަނެއް، އެމީހަކަށް ރަޖިސްޓްރީވާނެ. އަދި އޭގެއިތުރަށްވެސް އަޅުގަނޑު ދަންނަވާނަން، ގޯތިގެދޮރު، ބޯހިޔާވަހިކަން މަދު މީހަކަށްވިއްޔާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ތިން އަހަރު ތެރޭގައި އެކަން ކުރާނަން. މިއަހަރުގެ ބަޖެޓްގައިވެސް އެބައޮތް، ވިލުފުށީގައި ގެ އެޅުމަށް. އެހެންވީމާ، މިއަހަރުވެސް ވިލުފުށީގައި ގެ އަޅާނެ. ސަރުކާރުން ތިޔަބޭފުޅުންނަށް ބޯހިޔާވަހިކަމާއި ގޯތިގެދޮރު ހޯދައިދިނުމަށް ވަޢުދުވެގެން، މި ސަރުކާރު އުފެދިފައި މިއޮތީ. އަޅުގަނޑުމެން ދެމިތިބެނީ އެންމެ ބޭނުމަކު. އަޅުގަނޑުމެން ވެފައިވާ ވަޢުދު ފުއްދުމަށް. އަޅުގަނޑުމެން ރައްޔިތުންނަށް ޚިދްމަތް ކުރުމަށް.

އަޅުގަނޑު ވެރިކަމުގައި މިހުންނަނީ، މިވެރިކަމުގެ އަރާމަށްޓަކައެއް ނޫން. މީގެ ޢިއްޒަތަށްޓަކައެއް ނޫން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. މިދައުލަތުގެ ޚަޒާނާއަކީ، އަޅުގަނޑުމެންގެ މާލިއްޔަތަކީ ތިޔަބޭފުޅުންގެ އެއްޗެއް. ތިޔަބޭފުޅުން އަޅުގަނޑާ ޙަވާލުކޮށްފައި އޮތް އަމާނާތެއް. އަޅުގަނޑު އަމާނާތްތެރިކަމާއެކީގައި، ޚިޔާނާތްތެރިނުވެ އެފައިސާ ރަނގަޅަށް ޚަރަދު ކުރަންޖެހޭނެ. އަޅުގަނޑު އެކަން އިރާދަކުރެއްވިއްޔާ ކުރާނަން. ރަނގަޅަށް އަޅުގަނޑު އެކަން ކުރާނަން. އަޅުގަނޑު ބޭނުމީ ތިޔަބޭފުޅުންނާއެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދަން. އަޅުގަނޑަކަށް ތިޔަބޭފުޅުންގެ ވަކީލަކާއެއް މަޝްވަރާއެއް ނުކުރެވޭ. އެއީ، ތިޔަބޭފުޅުންގެ ވަކީލު. ތިޔަބޭފުޅުންގެ ރަށު ތަރައްޤީއާ ގުޅޭގޮތަކުންނެއް ނޫން އެބޭފުޅާއާ މަޝްވަރާކުރަން ޖެހުނީމާ، ކަން ކުރާންޖެހެނީ. ހައްތަހާވެސް ހުންނަނީ ތިމަންނާގެ އަމިއްލަ ކްރެޑިޓް ލައިން ބޮޑުކުރީމާ، މިވެނި ވޯޓެއް، އަނެއް ވޯޓެއް ލިބޭގޮތަށް. އަޅުގަނޑު ބޭނުމެއް ނޫން، އެ ދަމާކެނޑުމުގެ ތެރެއަށްދާކަށް. އަޅުގަނޑު ބޭނުމެއް ނޫން ދެކޭކަށް ވިލުފުށީ ރައްޔިތުންނަކީ، އެސް.ޓީ.އޯ.ގެ ކްރެޑިޓް ލައިންއާ ގުޅިފައި އޮންނަ ބައެއް ކަމަކަށް. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ ކާމިޔާބަށް. އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންނަށް ޤަދަރާއި ޢިއްޒަތް ލިބެން. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ޙައްޤުތައް ލިބެން. އެއްވެސް މީހެއްގެ އަޅުވެތިކަމެއް، ތިޔަބޭފުޅުންގެ މައްޗަށް ފޯރައިގެނެއް ނުވާނެ. އެކަމަށްޓަކައި ސަރުކާރުން މަސައްކަތް ކުރާނީ. ޤައުމެއް، ރަށެއް ތަރައްޤީއެއް ނުވާނެ، އެއްވެސް ގޮތަކަށް ރައްޔިތުން ބަނދެވިފައި ތިއްބަކާއެއް. ރައްޔިތުން ބިރު ދައްކައިގެނެއްވެސް ނުވާނެ. އަނިޔާ ކޮށްގެނެއްވެސް ނުވާނެ. ހިފާ ހައްޔަރުކޮށްގެނެއްވެސް ނުވާނެ. އަދި ފައިސާގެ އެކިއެކި ދަންމަޅީގައިޖެހި ނުވަތަ ފައިސާއިން އެކިގޮތްގޮތަށް ބަނދެވިގެންވެސް ރަށެއް ތަރައްޤީއެއް ނުވާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، ތިޔަބޭފުޅުންގެ ތަރައްޤީ ހޯދައިދިނުން.

މިތަނުގައި، ވިލުފުށީގައި ސުނާމީއާ ގުޅޭގޮތުން އަޅާ ގެވެސް އިރާދަކުރެއްވިއްޔާ މިއަހަރު އަޅާނެ. އަދި ހަމަ އޭގެއިތުރުން، ސަރުކާރުގެ ހައުސިންގ ޕްރޮގްރާމްގެ ތެރެއިން އެޅޭ ގެވެސް، ވިލުފުށީގައި އަޅަން ހުރި ގެ، މިއަހަރު އަޅާނެ. އަދި ހަމައެހެންމެ، ވިލުފުށީގެ ބަނދަރުމަތި، ވިލުފުށީގެ ބަނދަރުމަތި ތަރައްޤީ ކުރުމުގެ މަޝްރޫޢެއް އޮތީ އެކުލަވައިލެވިފައި. އޭގައި ފެރީ ޓަރމިނަލާއި، މާރުކޭޓާއި އަދި އެހެންވެސް މަސައްކަތްތައް އެކީގައި ގުޅިގެން އަންނަ، ތިޔަބޭފުޅުންނަށް މިތަނުގެ، މި ބަނދަރުމަތީގެ ތަރައްޤީއެއް ހޯދުމަށް، ރަނގަޅު ބަނދަރެއް ހެދުމަށް ސަރުކާރުން މިދަނީ ޕްރޮގްރާމްތަކެއް އެކުލަވައިލަމުން. އެ ޕްރޮގްރާމްތައް މިއަހަރު ތަންފީޛު ކުރުމަށްޓަކައި ބަޖެޓްގައި މިހިރީ ފައިސާ ހިމެނިފައި. ކައުންސިލް އައިމާ، ކައުންސިލްގެ މަޝްވަރާއާ އެކީގައި އެމަސައްކަތްތައް ފަށަންވީ. ބަނދަރުމަތި އެކީގައި، އެކިފަރާތްތަކަށްދީގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ އުޞޫލުންނާއި، ސަރުކާރުން ހިންގަންހުރި ކަންތައްތައް ސަރުކާރުން ހިންގައި، ބާރަށް އެކަން ކުރުމުގެ ހުރިހާ ކަމެއް މިހިރީ ފަހިވެފައި. ބަޖެޓް އެއޮތީ ފާސްކޮށްދީފައި. ކައުންސިލް ހޮވުނީމާ، އެ ކައުންސިލަށް ސަރުކާރުން ފެންނަ މިންވަރަކަށް، ފެންނަވަރަކަށް ފައިސާވެސް ދޫކުރާނެ. އަދި ބިމާއި، ކަންކަން ކުރަންވީ ގޮތްވެސް އަދި ނިންމަންވީ ކަންކަންވެސް ދޫކުރަމުން ގެންދާނެ، ބަޔާން ކުރަމުން ގެންދާނެ. އަޅުގަނޑަށް ފެންނަނީ، ތިޔަބޭފުޅުންގެ ތަރައްޤީ ތިޔަބޭފުޅުންނަށް ހޯދޭނެ ކަމަށް. ތިޔަބޭފުޅުންނަށް އެކަންކަން ކާމިޔާބު ކުރެވޭނެ ކަމަށް. މިއަހަރުގެ ބަޖެޓުގައި، މިރަށުގެ މަގުތައްވެސް މިއަށްވުރެ ރަނގަޅަށް ހެދުމަށް ފައިސާ ހިމެނިފައި ހުންނާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެމަސައްކަތްވެސް މިރަށުގައި ދާދި އަވަހަށް ފަށައިގަނެވޭނެ.

ހަމަ އޭގެއިތުރުން، މިރަށުގެ ކަރަންޓް، މިފަޅުތެރެ އެކީގައި އެއް އިންޖީނުގެއަކަށް ބަދަލުކުރުމުގެ މަސައްކަތް، މިއަހަރު ފަށައިގަނެވޭނެ. އެގޮތުން، މި ފަޅުތެރޭ މިވާ ދިޔަމިގިއްޔާއި، މަޑިފުށްޓާއި، ކަޅުފަހަލަފުއްޓާ، ހުރިހާ ރަށެއްގެ ކަރަންޓް، އެއް ކަރަންޓަކަށް ހެދުން، ސަރުކާރުގެ އަމާޒަކީ. އެނގިވަޑައިގަންނަވާނެ، މިހާރުވެސް ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުއްސުރެ ފެށިގެން ކޮންމެ މަހަކު އެއްލައްކަ ފަނަރަހާސް ރުފިޔާ، ކަރަންޓް ސަބްސިޑީގެ ގޮތުގައި ރައްޔިތުންނަށް ދެމުން އެގެންދަނީ. ތިޔަބޭފުޅުންގެ ކަރަންޓް ފީއަށް، ތިންސަތޭކައެއްހާ ރުފިޔާ މިހާރު ލުއިނުވާ ހަމަ ކަރަންޓް ބިލެއް، ގެއެއް އަޅުގަނޑު ދަންނަވާނީ މަދުވާނޭ. ސަރުކާރުން ހިންގާ މަޝްރޫޢުތައް، އެ ހިންގާ ގޮތުގައި، އަޅުގަނޑަށް ފެންނަ ތަނުގައި ރަނގަޅަށް ހިނގަމުން އެބަދޭ. އޭގެތެރެއަށް ތިޔަބޭފުޅުންގެ އެއްބާރުލުން ލިބުމުން، އަޅުގަނޑުމެންނަށް އަދި ހަމަ މިހާރަށްވުރެ ބާރަށް އެކަން ކުރިއަށް ގެންދެވޭނެ.

މިއަހަރުގެ ތެރޭގައި، މިތަނުގެ ހެލްތް ސެންޓަރު އެއީ، ޓެލެމެޑިސިން ހެލްތް ސެންޓަރަކަށް އިރާދަކުރެއްވިއްޔާ، ބަދަލުވެގެންދާނެ. އަދި ހަމައެހެންމެ، އެނގިވަޑައިގަންނަވާނެ، ދަތުރުފަތުރު ކުރުމުގެ ނިޒާމުން މިރަށު ފަނަރަ، ވިހި ރައްޔިތުން ދަތުރަށްނާރާ ހަމަ އެއް ދުވަހެއްވެސް މިހާރުނުދޭ. އަދި މިރަށަށް ކޮންމެ ދުވަހަކު އެއްފަހަރުވެސް ދަތުރަށް އެބައާދެވޭ. އަޅުގަނޑަށް ފެންނަނީ، އަޅުގަނޑުމެންގެ ވިލުފުށީގެ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދޭނެ ކަމަށް. އަޅުގަނޑަށް އަދި ގަބޫލުކުރެވެނީ، އަދި އަޅުގަނޑުމެންގެ ޕާޓީގެ މެނިފެސްޓޯއާއި ސިޔާސަތު އެކުލަވައިލާފައި އެއޮތީ، ވިލުފުށީގެ ތަރައްޤީއާލައިގެން ނޫނިއްޔާ، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީއެއް ނުހޯދޭނެ. ވިލުފުށްޓަކީ މުހިންމު ރަށެއް. މިރަށުގެ އާބާދީއާއި، އަދި މިރަށުގެ ކެރުންތެރިކަމާއި ކުޅަދާނަކަން، ހަމަ ކުރީގައިވެސް ހުރި މިންވަރަށް ނަގައިގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މިބޭނުންވާ ބަދަލެއް ނުހޯދޭނެ.

އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިތަނުގައި ދައްކާ ވާހަކަ އަޑުއައްސަވަން ތިޔަ ތިއްބެވީ ކޮންމެވެސް މިންވަރަކަށްވުރެ ބޮޑަށް އަޅުގަނޑު ދައްކާ ވާހަކަ އަޑުއައްސަވާނެ ބޭފުޅުން. އަޅުގަނޑު އެދެނީ، މިރަށުގެ އެހެން ބޭފުޅުންވެސް ރަށާ ގުޅޭގޮތުން ވިސްނަވަން. ރަށުގެ ތަރައްޤީއާ ގުޅޭގޮތުން ވިސްނަވަން. ރަށުގެ ތަރައްޤީއަށް ހުރަސް ނޭޅުއްވުމަށް. އަޅުގަނޑުމެންނަށް ސަރުކާރާއެކީގައި މަސައްކަތް ކުރާނެ ކައުންސިލަރުންނާއި އަދި ސަރުކާރާއެކީގައި މަސައްކަތް ކުރާނެ ރަށު އޮފީސްތަކާއި، ކޯޓްތަކާއި، މަދްރަސާތަކާއި، އެންމެހާ މުއައްސަސާތައް ހުރުމަކީ، ސަރުކާރަށް ބާރަށް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތް. އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، ވިލުފުށީގެ ތަރައްޤީ.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.

_________________________