بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ ވަޒީރުން، އަދިވެސް ވަޑައިގެން ތިއްބެވި ދައުލަތުގެ ވެރިންނާއި އަދި ވަކީން ޚާއްޞަކޮށް ނައިފަރުގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މިސަރުކާރު އުފެދިގެން އައީ، އަޅުގަނޑުމެންގެ ހިތްތަކުގަޔާއި އަޅުގަނޑުމެންގެ ފޮތްތަކުގައި ނައިފަރުގެ ތަޞައްވުރެއް އޮވެގެން. ނައިފަރުގެ ތަރައްޤީއާ ގުޅިގެން އަޅުގަނޑުމެންގެ ވިސްނުމެއް އެކުލަވާލުމަށްފަހުގައި. ޕާޓީގެ ފަރާތުން ދޮރުން ދޮރަށް ހިނގިން. ގެއިން ގެއަށް ދިޔަ. ކިތަންމެ ރަށަކަށް ޒިޔާރަތް ކުރި. އެތައްބަޔަކާ ވާހަކަދައްކާ ކިތަންމެ ބަޙުޘެއް ކުރެވި، އެ އިވުނު އަޑުގެ މައްޗަށް ބިނާވެގެން ދެން އަޅުގަނޑުމެންނަށް ލިބިގެންއައީ އެއަޑުތައް ފުރޭނި އޭގެ މަދުގެ ގޮތުގައި ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވީ ވަޢުދުތައް.

ވަޢުދެއްވާ ހަމައެކަނި ޕާޓީއަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ. ވަޢުދެއް ވެގެން ނޫނިއްޔާ ހަމަކަށަވަރުންވެސް ވަޢުދެއް ނުފުއްދޭނެ. ވަޢުދެއްވުމުގެ ބޭނުމަކީ، އަމާޒެއް ހިފުން. ލަނޑުދަނޑިއެއް ހޯދުން. މަޤްޞަދެއް އޮތުން. ކަންކުރާނެ ގޮތް ބަޔާންކުރުން. އަދި ސިޔާސަތުތައް އެކުލަވާލުމާއި އަމާޒުތައް ދެނެގަތުން. މިޕާޓީއަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ، އެހެންވީމާ އެ ޕާޓީގެ ސަރުކާރަކީ ރައްޔިތުންނަށް ވަކި ޚާއްޞަ ކަންތައްތަކެއް ވަކި ގޮތަކަށް ކުރުމަށް، ކޮށްދިނުމަށް ވަޢުދުވެ، އެކަންކަން ކޮށްދިނުމަށްޓަކައި ސަރުކާރާ ހަވާލުވެ އަދި އެއަށްފަހުގައި ޤައުމީ ތަރައްޤީގެ އޮނިގަނޑު މިދެންނެވި ވަޢުދުތައް ހާސިލު ކުރުމަށްޓަކައި، ޙަޤީޤަތަކަށް ހެދުމަށްޓަކައި ކަނޑައެޅި އަދި ދައުލަތުގެ، ސަރުކާރުގެ ސިޔާސަތު ޤާއިމު ކުރެވި އެސިޔާސަތު ތަންފީޒު ކުރުމަށް ބޭނުންވާނެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވި، އެމަސައްކަތް ބަރާބަރަށް ތަރުތީބުން ހިންގަމުން ގެންދަނީ އަޅުގަނޑުމެން އެންމެ ބޭނުމަކަށްޓަކައި. އެއީ، މިޕާޓީގެ ފަރާތުން ތިޔަބޭފުޅުންނަށް ވެފައިވާ، ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް އަދި އަޅުގަނޑުމެން ރައްޔިތުންނަށް ޚިދްމަތް ކުރުމަށް.

ޕާޓީއަށް ފެނުނު މަންޒަރާއި ޕާޓީއަށް އިވުނު އަޑުތައް މިއަދުވެސް އަޅުގަނޑުމެންނަށް ވަރަށް ސާފު. އަޅުގަނޑުމެންގެ ކަންފަތްތަކުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި މިދެންނެވި އަޑުތައް ގުގުމި ހުރީ ކެހިނުދާ ބާރުމިނުގައި، ސާފުމިނުގައި. މިނައިފަރުގެވެސް ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ ނިކަމެތިން. ނައިފަރުގެވެސް އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ،ީ ކޮންމެ ތިންމީހަކުންކުރެ އެކަކީ އޭނާއަށް ރެއާއި ދުވާލުގެ އާމްދަނީއަށް ދިހަ ފަނަރަ ރުފިޔާ ނުލިބޭ ފަޤީރެއް. އޭނާގެ ޢާންމު ޙާލަތާއި އޭނާގެ ޢާންމު ކަންކަން ފުއްދުމަށްޓަކައި އަބަދުވެސް އެހެން މީހަކަށް ބަރޯސާ ކުރަން ޖެހިފައިވާ މީހެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ ޤަދަރާއި ޢިއްޒަތް ލިބިގެންވާ ނައިފަރު ރައްޔިތެއް އުފެއްދުން. އަޅުގަނޑުމެންގެ މި ސަރުކާރުގެ ބޭނުމަކީ، ނައިފަރު ކޮންމެ ރައްޔިތަކަށްވެސް ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ނައިފަރު މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ހަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ނައިފަރު ރައްޔިތެކޭ ބުނާ ހަމައިސްކޮޅަށް ހިންދަމާލެވޭނެ ނައިފަރު ރައްޔިތެއް އުފެއްދުން.

ޤައުމެއްވެސް ރަށެއްވެސް ތަރައްޤީވެއެއް ނުދާނެ، އެޤައުމެއްގެ އެރަށުގެ ގިނަ ބައިވަރު ރައްޔިތުންނަކީ ނިކަމެތިންގެ ގޮތުގައި ވީހާ ހިނދަކު. ތިމަންނާއަށް މުއްސަނދި ވެވިދާނެ. ތަނަވަސް ވެވިދާނެ. އެހެންނަމަވެސް ތިމަންނާއާ ޖެހިގެން ހުރި ގޯތި މީހާއަކީ އޭނާގެ ދަރިން މަދަރުސާއަށް ފޮނުވަން ބޭނުންވާ ފޮތް، ފަންސުރު ހޯދުމުގައި ދަތިވެފައިވާ މީހަކަށްވެފައި އޭނާގެ ދަރިންނަށް ޔުނިފޯމާއި ބޫޓާއި އިސްޓާކީން ހޯދާނުދެވޭ މީހަކަށްވެފައި، އޭނާގެ މައިންބަފައިންނާއި އަޅާލުމުގެ އެއްވެސް ތަނަވަސްކަމެއް ނެތް މީހަކަށްވެފައި، ބައްޔެއްވެއްޖެނަމަ އޭނާއަށްވެސް ޝިފާއެއް، ފަރުވާއެއް ލިބޭނެ މީހަކަށް ނުވެ ވާއިރު، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ޤައުމެއް، ރަށެއް ތަރައްޤީއެއް ނުކުރެވޭނެ. ތަރައްޤީވާން ޖެހެނީކީއެއް ނައިފަރެއް ނޫން. ތަރައްޤީވާން ޖެހެނީ ނައިފަރު މީހާ. ތަންދޮރު އެނގެން މިޖެހެނީ، ސަލާމަތްކަން ލިބެން މިޖެހެނީ ނައިފަރު ރައްޔިތުންނަށް. ތަރައްޤީއަކީ ރައްޔިތުން ކުރާ ކަމެއް. އެއީ، ރަށް ކުރާ ކަމެއް ނޫން. އެތަރައްޤީ ހޯދުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ބިނާ ކުރަންޖެހޭނީ ރަނގަޅު ރައްޔިތެއް. ރަނގަޅު ނައިފަރު މީހެއް. ރަނގަޅު ދިވެއްސެއް. ރަނގަޅު އިންސާނެއް.

ޕާޓީން ވަޢުދުވީ ސަލާން ޖެހުން ނައްތާލުމާއި، އިޖްތިމާޢީ ރައްކާތެރިކަން ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ޕާޓީގެ ސަރުކާރެއްގައި ހޯދައިދޭނަމޭ. ޕާޓީގެ ސާދާ ބަހުންނަމަ ބޭސްސިޓީއަށް ސަލާންޖެހުން އިރާދަކުރެއްވިއްޔާ ޕާޓީގެ ސަރުކާރެއްގައި ނައްތާލަދޭނަމޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ މިދެންނެވި ހިސާބުން. އެސިޔާސަތު، ޕާޓީގެ ވަޢުދު ފުއްދުމަށްޓަކައި ސިޔާސަތު އެކުލަވާލެވި، އެސިޔާސަތު ތަންފީޒު ކުރުމަށްޓަކައި. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރާއްޖޭގެ ހުރިހާ ރަށްރަށަށްވުރެވެސް މިނައިފަރުގައި މަދަނައިގައި ރަޖިސްޓަރީވެފައިވާ މީހުން ގިނަ ކަމުން. 937 މީހުން ނައިފަރުން މަދަނައިގައި ރަޖިސްޓަރީވެފައިވާތީވެ. މިޕާޓީއަށް އުފާވެރިކަން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ މިދިޔަ އަހަރު މިނައިފަރަށް މަދަނައިގެ ފަރާތުން ބޭސްފަރުވާއަށްޓަކައި ނައިފަރު ރައްޔިތުންނަށް ތިން މިލިއަން ތިންލައްކަ ފަންސާސްހަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރުމުގެ ފުރުސަތު މިސަރުކާރަށް 2010 ވަނަ އަހަރު ލިބުނީތީވެ. މިދެންނެވި ތިންމިލިއަން އެތައްލައްކަ ރުފިޔާއަކީ އެއްވެސް ހާލެއްގައި މިތާ ހޮސްޕިޓަލްގެ ވަށާ ފާރުގައި ކުލަ ލާކަށް ކުރެވުނު ޚަރަދެއް ނޫން. އެތަނުގެ މީހުންނަށް މުސާރަ ދިނުމަށް ކުރެވުނު ޚަރަދެއްވެސް ނޫން. އެތަނުގެ ބޭސްފަރުވާއަށް ކުރެވުނު ޚަރަދެއްވެސް ނޫން. އެއީ، ސީދާ ނައިފަރު ރައްޔިތުންގެ ތެރެއިން ބައްޔަށް ބޭހެއް ބޭނުންވެގެން އެބޭސް ކުރުމަށްޓަކައި މަދަނައިން ކޮށްދިން ޚަރަދު.

އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ތީމުގޭ ވެލްފެއަރ ފަންޑުން ހަމަކަށަވަރުންވެސް 2008 ވަނަ އަހަރު އަޅުގަނޑަށް ފެނުނު ހިސާބުގައި ގިނަވެގެން 1200 މީހުންނަށް ބޭސްފަރުވާއެއް ނުކޮށްދެވޭ. މިދިޔަ އަހަރު މަދަނައިން 32000 މީހުންނަށް ބޭސް ފަރުވާވަނީ ކޮށްދެވިފައި. ނައިފަރު ވިޔަފާރިވެރިންގެ ގާތުގައި އަޅުގަނޑު އަހާ އުޅެން، މިހާރުވެސް މީގެކުރީގައި ބޭސް ސިޓީއަށް ބޭސް ހޯދަން މީހުން އަންނަ މިންވަރަށް އަދިވެސް އަންނަމުން އާދޭތޯ. އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އޭގެ ޖަވާބު ސާފުވާނެ. މިދިޔަ އަހަރު ކިތަންމެ ވަރަކަށް އަހަރެއްގައި މީހުން ހިނގި ނަމަވެސް ތިންމިލިއަން ތިންލައްކަ ރުފިޔާ، ބޭސްފަރުވާއަށް ނައިފަރު މީހުންނަށް ހޯދިފައި އޮތް އެންމެ އަހަރެއްވެސް މީގެ ކުރީގައެއް ނުވާނެ. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މިސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަށްވާތީ. ނައިފަރު ރައްޔިތުން ބައިވެރިވަމުންދާލެއް ފުރިހަމަކަމާއި އަދި ހަމައެހެންމެ އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އެސިޔާސަތު ތަންފީޒުވަމުންދާއިރުގައި ނައިފަރު ރައްޔިތުންނަށް އަޅުގަނޑުމެންނަށް ޚިދްމަތް ކޮށްދެވޭތީވެ. ނައިފަރު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ހޯދާދެވޭތީވެ.

ނައިފަރުގައިވެސް އަދި ރާއްޖޭގެ ކިތަންމެ ރަށެއްގައިވެސް ޕާޓީއަށް ފެނުނު މަންޒަރުތައް އަދިވެސް ޕާޓީއަށް ވަރަށް ސާފު. އޮޅުމެއް ނެތް. ދޮށީ އުމުރުގެ މީހުން މިރާއްޖެ އަޅުގަނޑުމެންނަށް ރައްދުކޮށްދިނީ. މިއަދު އަޅުގަނޑުމެންނަށް ލިބިފައިމިވާ ނައިފަރަކީ، ނައިފަރުގެ މިއަދުގެ ދޮށީ އުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ، އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައިވާ ނައިފަރެއް. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް އެރީތީވެ. އެމީހުން ވަލަށް ވަނީތީވެ. އޮނޑިދޯނި ފަހަރު ބަނީތީވެ. ވަޑާން ކުރީތީވެ. އެމީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ އަޅުގަނޑުމެންނަށް މިއަދު މިނައިފަރު މިއޮތް މިންވަރުގައިވެސް ލިބިފައިމިވަނީ. ހަމަގައިމުވެސް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މިރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި ވަޒީފާ އަދާކުރި މީހުންނަށް ކަމަށް ދެކެވޭ ދެކުން. އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް ގިނަ ބަޔަކަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދާދީނުން. ޕާޓީގެ ވަޢުދަކީ، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް އާމްދަނީ މަދުނަމަ ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑު އަނެއްކާވެސް އުފާވަނީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، އަނެއްކާވެސް މުޅި ރާއްޖޭގެ ހުރިހާ ރަށަކުންވެސް 65 އަހަރުން މަތީގެ މީހުންނަށް ދެވޭ ޢިނާޔަތާއި ޕެންޝަން އެންމެ ގިނައިން ލިބޭ ރަށަކީ ނައިފަރު. އެއީ، އަޅުގަނޑުމެންނަށް ލިބޭ ހިތްވަރަކީ. ނައިފަރުގެ 303 މީހަކަށް ގަވާއިދުން ކޮންމެ މަހަކު ދެހާސް ރުފިޔާ ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިނައިފަރަށް މިދެންނެވި ޕެންޝަނަށްޓަކައި ކޮންމެ މަހަކު ހަލައްކަ ހަހާސް ރުފިޔާ ގަވާއިދުން ދިނުމުގެ ފުރުސަތު މިސަރުކާރަށް ލިބިފައިވާތީވެ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި އަދި މުޖުތަމަޢުގައި އެކަހެރިވެ، އެއްކައިރިވެފައިވާ އެހެންވެސް މީހުންނަށް ސަލާމަތްތެރިކަމެއް ހޯދައިދިނުމަކީ މިޕާޓީގެ ވަޢުދެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާކަމެއް. އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ، އެއްރަށަކަށް އެންމެގިނަ ފަރާތަކަށް އެކަނިވެރި މައިންނަށް އެންމެ ގިނަފައިސާ ދެވޭ ރަށެއްގެ ގޮތުގައި 130 ފަރާތަކަށް އެފައިސާ ދެވި، ތިންލައްކަ ހަތްދިހަ ހާސް މީހުންނަށް މިދިޔަ އަހަރު އެފައިސާ ދޫކުރުމުގެ ނަސީބު މިސަރުކާރަށް ލިބިފައި އޮތްކަމީ އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން އަންނަ ކަމެއް.

އަޅުގަނޑު ގާތުގައި ބައެއް މީހުން ބުނޭ، ހިންނަވަރު ހިއްކީވެސް ކުރީ ސަރުކާރުންނޭ، ކުރީ ދުވަހު ހިންނަވަރު ޢިއްޒަތްތެރި މެންބަރު ވިދާޅުވީ ޝަމްސުއްދީން ރަދުންނޭ. ވެލިދޫ ހިއްކީވެސް ކުރީ ސަރުކާރުންނޭ. ކުޅުދުއްފުށި ހިއްކީވެސް ކުރީ ސަރުކާރުންނޭ. އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ހިންގަނީވެސް ކުރީ ސަރުކާރުންނޭ. ދެހާސް ރުފިޔާގެ ޕެންޝަން ދޭންފެށީވެސް ކުރީ ސަރުކާރުންނޭ. އެކަނިވެރި މައިންނަށް ދޭ ފައިސާ ދޭން ފެށީވެސް ކުރީ ސަރުކާރުންނޭ. މަދަނައިގެ ޚިދްމަތް ދޭން ފެށީވެސް ކުރީ ސަރުކާރުންނޭ. ޓެލެމެޑިސިން ޤާއިމުކުރީވެސް ކުރީ ސަރުކާރުންނޭ. އަޅުގަނޑު އެއްބަސް، އަޅުގަނޑުމެން އެއްވެސް ކަމެއްގެ ނަމެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުމީ ކަން. ނައިފަރު ރައްޔިތުންނަކަށް ނުއެއް އޮޅޭނެ އެބޭފުޅުންނަށް ކޮންއިރަކު ކޯޗެއްތޯ ލިބެން ފެށީ. މިދެންނެވި ނައިފަރު ރައްޔިތުންނަކީ، ހަތަރު ފަސްސަތޭކަ އެތައް މީހުންނަކީ ނިކަމެތިން. އެމީހުންގެ އަޑެއް އަޅުގަނޑުމެންނަކަށެއް ނީވޭނެ. އަޑު މިއިވެނީ ރުއްގިނަމީހާގެ. އަޅުގަނޑަށް އެނގޭ، އަޑު މަޑު މީހުންގެ އަޑު އަހަން. އަޅުގަނޑުމެންގެ ޕާޓީއަށް އެނގޭ އެމީހާ ހޯދަން. އަޅުގަނޑުމެންގެ ސިޔާސަތެއް އެބައޮތް އެމީހާއަށް އެހީތެރިވުމަށް. އެމީހާއަށް އެހީތެރިވީމާ، މިނައިފަރުގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ހޯދައިދެވުނީމާ، ކޮންކްރީޓުން އެކަން ފެންނާކަށް ނުހުންނާނެ.

ތަރައްޤީއަކީ އަޅުގަނޑު އަބަދުވެސް ދަންނަވަން، ކޮންކްރީޓުން މިނާ އެއްޗެއް ނޫނޭ. ބޮޑުހިލަ ބަނދަރަކީ ތަރައްޤީއެއް ނޫނޭ. ޢުމްރާނީ ތަރައްޤީއަކީ ބޮޑު އަތޮޅުގެއެއް ނޫނޭ. ސްޓެއިންލަސް ސްޓީލް ފަންކާއެއްވެސް ނޫނޭ. ތަރައްޤީއަކީ، އިންސާނާއަށް ވާގޮތެއް. ތަރައްޤީއަކީ، ނައިފަރު މީހާއަށް ވާގޮތެއް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، ނައިފަރު ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދެވިފައިވާތީވެ. އެކަން ނިމިފައިވާތީވެ. އަޅުގަނޑަކަށް ރާއްޖޭގެ އެހެން ރަށަކަށް އަރާ، އިތުބާރާއެކީގައި މިހެނެއް ނުދެންނެވޭނެ. އަޅުގަނޑުގެ ސަރުކާރުގެ ހިސާބު ވަރަށް ސާފު. ސަރުކާރުން މިދަނީ މިކަން ބަލަމުން. ނައިފަރުގެ އަޑު މަޑު ނިކަމެތި މީހުންނަށް އިރާދަކުރެއްވިއްޔާ މިސަރުކާރަށް މިވަނީ ގޮތެއް ހޯދައިދެވިފައި. އެއީ، އަޅުގަނޑުމެން އަބަދުވެސް އުފާވާނެ ކަމެއް.

ތަރައްޤީކުރަން މިޖެހެނީ ނައިފަރު މީހާ. އެހެންވީމާ، ނައިފަރުގެ ތަރައްޤީގެ ނާރެސްއަކަށް އަބަދުވެސް ވާންޖެހޭނީ މަދަރުސަތުލް އިފްތިތާޙް. ނައިފަރުގެ މަދަރުސާ. އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދީ، އެދަރިން ޖާހިލުކަމުން ނެރެ، ތަހުޒީބުގެ ތެރެއަށް ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށް ނުހޯދޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑު ވެރިކަމުގައި ހުރުމުގެ ބޭނުމެއް ނެތް، ނައިފަރު ދަރިން މަދަރުސާއިން ކާމިޔާބާއެކީގައި ނުކުންނަނީ ކަމުގައިވަނީނަމަ. އަޅުގަނޑު މިހުންނަނީ ޤާނޫނީގޮތުން ތިޔަބޭފުޅުންގެ މައްޗަށް ވެރިވެގެން. އެ ވެރިވުމުގެ ބޭނުމަކީ، އަޅުގަނޑަށް ހަމަ ޔަޤީން، އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދިނުންކަން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ވަގުތަކީ ހޭދަވާ އެއްޗެކޭ. ހުއްޓިއެއް ނުހުންނާނެޔޭ. އިއްޔެ ނިމިއްޖެޔޭ. މިއަދު މިއޮއް ހަވީރުވީއޭ. އަޅުގަނޑުމެންނަށް ހޯދޭން އޮތީ މާދަމާ. އަޅުގަނޑުމެންގެ މުސްތަޤްބަލް. އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެންގެ ދަރންނަށްޓަކައި ބަނދަރެއްވެސް އަޅަނީ. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ސްލިޕްވޭއެއްވެސް ހަދަނީ. އަޅުގަނޑުމެންގެ ދަރިންނަށްޓަކައި ސަހަރާ ވަށާފާރުވެސް ރާނަނީ. އެއްގަމު ތޮށިވެސް އަޅަނީ. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް އަޅުގަނޑުމެން މިކުރަނީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައި. އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި.

ނައިފަރުގެ މަދަރުސާ ރަނގަޅު ގޮތުގައި ކުރިއަރުވާ ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެންގެ ތަޞައްވުރުގައި ކޮންމެހެން ކުރަންޖެހޭ ކަމެއް. އިރާދަކުރެއްވިއްޔާ އަހަރުން އަހަރަށް އަޅުގަނޑުމެން ކުރަމުންދާނެ ކަމެއް. އަޅުގަނޑުމެންނަށް، މިސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު ނައިފަރު ދަރިވަރުންގެ ފޮތް، ފަންސަރު، ގަލަން ގަތުމަށް ހަތަރުލައްކަހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ނައިފަރުގެ ދަރިވަރުންގެ އޯ ލެވެލް އިމްތިޙާނަށް ފީގެ ގޮތުގައި އެއްލައްކަ އަށާރަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރުސަތު މިސަރުކާރަށް ލިބުނީތީވެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، ނައިފަރުގައި އޭ ލެވެލް ހަދާ ކުދިން އޭ ލެވެލް އިމްތިހާނަށް ދައްކާންޖެހޭ ފީއަށް ސާޅީސް ހަތަރުހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރުމުގެ ފުރުސަތު މިސަރުކާރަށް ލިބިފައި އޮތީތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، ނައިފަރުގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުން. މިރާއްޖޭގައި ލިބެންހުރި އެންމެ ރަނގަޅު މަދަރުސާއަށް އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ދައުރުގެ ތެރޭގައި އަޅުގަނޑުމެން އިފްތިތާޙް ހަދާދޭނަން. މިއަހަރާއި މިއަންނަ އަހަރާ މި ދެއަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ އިފްތިތާޙް އެއްދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހޭ ތަޢްލީމެއް އިފްތިތާޙްގައި އަޅުގަނޑުމެން ދޭން ފަށާނަން.

މިނައިފަރުގައި މަތީތަޢްލީމެއް ދިނުން އެއީ، ކޮންމެހެން މުހިންމު ކަމެއް. ނައިފަރުގެ ތަރައްޤީއަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ތަރައްޤީއަށް. މިއީ، މި ރާއްޖޭގެ އެތައް ބަޔަކަށް ތަންދޮރު އޮޅުންފިލުވައިދިން ވަޒަނެއް. މިއީ، ރާއްޖޭގެ އެތައް ބަޔަކަށް ވާނުވާ އަންގައިދިން ރަށެއް. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަރުކާރެއްގައި މިނައިފަރު ދުލެއް ނުކޮށްލެވޭނެ، އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ ތަރައްޤީއާ ގުޅިފައި އޮތީ ނައިފަރުގެ ތަރައްޤީ. ނައިފަރަކީ ނައިފަރު މީހުންގެ އެކަނި ރަށެއް ނޫން. ނައިފަރަކީ މާލޭ މީހުންގެވެސް ރަށެއް. ނައިފަރަކީ ހިންނަވަރު މީހުންގެވެސް ރަށެއް. ނައިފަރަކީ އޮޅުވެލިފުށީ މީހުންގެވެސް ރަށެއް. ކުރެންދޫ މީހުންގެވެސް ރަށެއް. ވެލިދޫ މީހުންގެވެސް ރަށެއް. މާފަރު މީހުންގެވެސް ރަށެއް. އަޅުގަނޑުމެންގެ ހުރިހާ ރަށަކީ އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ ރަށްރަށް. އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށާ ހިސާބުގައި ހުއްޓާ އަޅުގަނޑުމެން މިއެދޭ ތަރައްޤީއެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ. ނައިފަރާއި ހިންނަވަރާ އެއްކޮށް އަޅުގަނޑުމެންނަށް މިސަރަޙައްދުގައި ސިޓީއެއް ޤާއިމު ކުރެވިގެން ނޫނީ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އަޅުގަނޑުމެންގެ ދައުރުގައި އެބަދަލު ގެންނާނަން. އަދި މިސަރަޙައްދަށް ހިންނަވަރާއި ނައިފަރާއި އެކުވާ ކޮނަރބޭޝަނެއް، އިރާދަކުރެއްވިއްޔާ ފަންސަވީސް ނުވަތަ ވިހިހާސް މީހުންގެ އާބާދީއެއް އުފައްދައި އެއީ، ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަކީ، މިސަރުކާރުގެ އަމާޒެއް. އަޅުގަނޑުމެންގެ ތަޞައްވުރެއް. އަޅުގަނޑުމެންގެ ވިސްނުމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިންމާނީ އެކަން ކޮށްފައި.

ނައިފަރަށް އަންނަ ކޮންމެ ފަހަރަކު ހައްތަހާވެސް ހުންނާނީ އުފާވެރި ޚަބަރު. މިދިޔަ އަހަރުގެ އޯލެވެލް އިމްތިޙާނު އޭގެ ކުރީ އަހަރަށްވުރެ ކިތަންމެ ތަނަކުން ރަނގަޅު. ސަރުކާރުގެ ޕާޓީގެ ވަޢުދަކީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ ފަސް މާއްދާއިން ފާސްވާ ކުދިންނަށް އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ހަދާދޭނަމޭ. ނައިފަރަށް 2009ވަނަ އަހަރު އެއީ، 21 އިންސައްތައިގައި ހުރި އަދަދެއް. 2010 ވަނަ އަހަރު ތިބޭފުޅުންވަނީ 39 އިންސައްތައަށް އެއިތުރު ކޮށްފައި. 18 ފަރސެންޓޭޖް ޕޮއިންޓުން ނައިފަރުގެ ތަޢްލީމީ ފެންވަރު، ނަތީޖާ މިވަނީ އިތުރު ކޮށްފައި. އަޅުގަނޑު މިކަމަށްޓަކައި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށާއި، މިހާރު މިނިސްޓަރ ޝިފާއަށާއި އަދި ވަކިން ޚާއްޞަކޮށް ނައިފަރުގެ އެންމެހާ ދަރިވަރުންނާއި، ބެލެނިވެރިންނާއި، މަދަރުސާގެ ޓީޗަރުންނާއި، މަދަރުސާ ހިންގާ އެންމެހާ ފަރާތްތަކާއި ސްކޫލް ބޯޑާއި އަދި މުޅި ނައިފަރަށް މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން.

ތަކުރާރު ކުރާނަން އަޅުގަނޑު. ތަރައްޤީ ވާންޖެހޭނީ ނައިފަރެއް ނޫން. ތަރައްޤީވާންޖެހެނީ ނައިފަރުމީހާ. ތަންދޮރު އެނގެން މިޖެހެނީ އަޅުގަނޑުމެންނަށް. ވާނުވާ އޮޅުންފިލާން މިޖެހެނީ އަޅުގަނޑުމެންނަށް. ރަށަކަށް، ބިމަކަށް ތަންދޮރެއް ނޭނގޭނެ. މިޕާޓީއަކީ، މުޅިން އާ ޤައުމިއްޔަތެއް އުފެއްދުމަށް ނުކުމެ ތިބި ޕާޓީ. މިރާއްޖޭގެ ރައްޔިތުން މިއަދު ބޭނުންވާ ޤައުމިއްޔަތަކީ ކޮބައިކަން އަޅުގަނޑުމެންނަށް ސާފު. އިސްލާމީ ރިވެތި އުޞޫލުތަކާއި އިންސާނީ ޙައްޤު މަދަނީ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ އެއީ، އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ މިއަދުގެ މަންޒަރަކީ. މިއަދުގެ ޤައުމިއްޔަތުގެ މަންޒަރަކީ، ލާމެހިފައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅިފައި އޮތް ޤައުމެއް. މިއަދުގެ ޤައުމިއްޔަތުގެ މަންޒަރަކީ، އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ގިނަ ބައިވަރު ކުދިންނަކީ ފާސްވާ ކުދިންނަށް ވެފައި އޮތް ޤައުމެއް. މިއަދުގެ ޤައުމިއްޔަތުގެ ސިފައަކީ، އަޅުގަނޑުމެންގެ ބޯހިޔާވަހިކަމަކީ ފަސޭހަކަމާއެކީގައި އަޅުގަނޑުމެންނަށް ހޯދޭނެ ކަމެއްގެ ގޮތުގައި ވެފައި އޮންނަ ޤައުމިއްޔަތެއް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ އެހެން ދިވެހިރާއްޖެއެއް. އެހެން ގޮތެއް. އެހެން ނައިފަރެއް. އެހެން ޤައުމިއްޔަތެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓާލާނީ މިކަން ތިޔަބޭފުޅުންނަށް ކޮށްދީފައި.

ސަރުކާރުގެ ވަޢުދަކީ، ނައިފަރުގައި މިފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 130، 150 ހައުސިންގ ޔުނިޓް ޢިމާރާތް ކުރުން. މިހާރު އެނގިވަޑައިގަންނަވާނެ، އެއިން ފުރަތަމަ ފިޔަވަހީގެ މަދު ގެކޮޅެއް އެދަނީ އެޅެމުން. އަދި މަޑިވަރު އެވަނީ ނައިފަރުގެ ބައެއްގެ ގޮތުގައި އިޢުލާނު ކުރެވިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މަޑިވަރާއި ނައިފަރާ ގުޅާލަދޭނަން. އަދި މަޑިވަރުން ނައިފަރުގެ ރައްޔިތުންނަށް ގޯތި ގެދޮރު ލިބޭނޭ މަގު ދާދި އަވަހަށް ހަމަޖައްސައިދެވޭނެ. ނައިފަރުގައި އިތުރު ގެދޮރު މިއަހަރުގެ ތެރޭގައި އަޅަން ފެށޭނެ. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، ބޯހިޔާވަހިކަން ރާއްޖޭގެ ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުން. ތޮށްޖެހިފައިވާ ހިންނަވަރާއި ނައިފަރާ މިރަށްރަށުގައި ރައްޔިތުންނަށް ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލަކުން ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ، މިޕާޓީގެ އަޅުގަނޑުމެންގެ ޕާޓީގެ ވަޢުދެއް. އެހެންވީމާ، މިސަރުކާރުގެ ސިޔާސަތެއް. އަޅުގަނޑުމެން މިދަނީ އެވަޢުދު ފުއްދަމުން. އަޅުގަނޑުމެން ނިންމާލާނީ ފުރިހަމައަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެފައިވާ ވަޢުދު ފުއްދާފައި.

މިއަހަރު ނައިފަރުގެ ބަނދަރު އިރާދަކުރެއްވިއްޔާ ހެދޭނެ. ސާޅީސް އެއްމިލިއަން ފަސްލައްކަ ރުފިޔާ ވަނީ އެކަމަށްޓަކައި އެއްކައިރި ކުރެވިފައި. ބަނދަރު ހެދުމުގެ މަސައްކަތް ދާދި އަވަހަށް ފަށައިގަނެވޭނެ. މިހާރު ބަނދަރު ހެދުމަށްވަނީ ވަރކްސް ކޯޕަރޭޝަނާ އެކީގައި ސަރުޚާރުން ސޮއިކޮށްފައި. އަޅުގަނޑު މިދެކެނީ ދާދި އަވަހަށް މިރަށުގައި އެމަސައްކަތް ފަށައިގަނެވޭނެ ކަމަށް. އަޅުގަނޑުމެން ހަދަން މިއުޅެނީކީއެއް ހަމައެކަނި ބަނދަރެއް ނޫން. މިއީ، ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެން ބަނދަރެއް ނަހަދަން. ކުރީ ސަރުކާރުން ބަނދަރު ހަދަނީ. އަޅުގަނޑުމެން ބޭނުމީ، ތަރައްޤީގެ ނާރެސްއެއް އުފައްދަން. އަޅުގަނޑުމެން ބޭނުންވަނީ، ބަނދަރު މައްޗެއް އުފައްދަން. އަޅުގަނޑުމެނެއް ބޭނުމެއް ނޫން، ހަމައެކަނި ބަނދަރެއް ހަދާ މިއޮތީ ބަނދަރެކޭ ބުނެ، ނައިފަރު ރައްޔިތުންނަށް އުނދަގޫ ކުރާކަށް. އަޅުގަނޑުމެން ބޭނުމީ އެބަނދަރަކީ ނައިފަރާއި ހިންނަވަރާ، ނައިފަރާ އޮޅުވެލިފުށްޓާ، ކުރެންދުއާ ނ. އަތޮޅާ، ބ. އަތޮޅާ، ރ.އަތޮޅާ ގުޅުވާލަދޭ ތަނަކަށް ހަދަން. މިނައިފަރުގެ ބަނދަރަކީ ޒަމާނުއްސުރެ ފަށައިގެން ޤުދުރަތީ ބަނދަރެއް. އެބަނދަރު އެގޮތުގައި ބޭނުން ކުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ 3 އަހަރު ކީއްކުރަންތޯ މިއަހަރު ތެރޭގައި ތިޔަބޭފުޅުންނަށް އެމަސައްކަތް ފެނިގެންދާނެ.

ނައިފަރުގައި މިއަހަރުގެ ތެރޭގައި ސާފު ބޯފެނުގެ ޕްރޮގްރާމް ހިންގޭނެ. އިރާދަކުރެއްވިއްޔާ ނައިފަރު ރައްޔިތުންނަށް ފެންހޮޅިއަޅާ، ބޯފެނުގެ މަޝްރޫޢު މިއަހަރު ހިންގަން ފަށައި، މިއަންނަ އަހަރުގެ ތެރޭގައި އެކަން ނިމޭނެ. ސަރުކާރުގެ އަމާޒަކީ، މިބަޖެޓުގައި މިހާރު ކުރެވިފައި މިވާ ކަންކަން ނައިފަރަށް ރަނގަޅަށް ކޮށްދީ ނިންމުން. އަޅުގަނޑުމެންގެ ބޭނުމަކީ، ނައިފަރުގެ ތަރައްޤީ. އަޅުގަނޑުމެންގެ ބޭނުމަކީ، ނައިފަރު ރައްޔިތުން މުއްސަނދިވުން. އަޅުގަނޑުމެން ނުކުމެ މިތިބީ ނައިފަރު ރައްޔިތުން މުއްސަނދިކުރުމަށް.

ނައިފަރު މަސްވެރިންނަށް އަޅުގަނޑަށްވުރެ މާބޮޑަށް އެނގޭނެ، މިއަދު އެބޭފުޅުން ބާނާ 5 ޓަނަކީ އިއްޔެ އެމަސްވެރިން ބޭނި 15 ޓަނާ ނުބައްދަލު ފަސްޓަނުކަން. މީގެކުރީގައި ކިލޯއެއް ހަމަނުވާ މަހަކަށް ގިނަވެގެން ލިބިލައްވާފައި އޮންނާނީ ފަސްރުފިޔާ ހަތްރުފިޔާ. މިހާރު ފެލިވަރަށް އެއްލާލިޔަސް މަހަކަށް ނުވަރުފިޔާ ލިބޭނެ. އަދި ކަންނެލި ކިލޯއެއް ނައިފަރު ރައްޔިތުން، ނައިފަރު މަސްވެރިން ވިއްކަމުން ތިޔަގެންދަވަނީ 110 ރުފިޔާއަށް ކިލޯއެއް. އަށްޑިހަރުފިޔާއަށް ކިލޯއެއް ހުރި މަސް. އެއީ ކީއްވެތޯ؟ މަސްވެރިކަން ދޫކޮށްލީމާ. ސަރުކާރުގެ ސިޔާސަތު ބަދަލުކުރީމާ. މަދުބައެއްގެ އަތްމަތީގައި ރާއްޖޭގެ ކަނޑު ބާއްވާފައި އެމީހުންނަށް ނޫން ބަޔަކަށް ރާއްޖޭގައި ބާނާ މަސް ގަނެ، އެކްސްޕޯޓް ކުރުމުގެ ހުއްދަ ނެތުނީމާ ދެން އެއިން ގެއްލުން ލިބޭނީ އިތުރު ބަޔަކަށެއް ނޫން. މަސްވެރިންނަށް ފައިދާ ލިބޭނީ އެ މަހުޖަނުންނަށް. ސަރުކާރުގެ ބޭނުމަކީ، އަމާޒަކީ، މަސްވެރިކަން ވާދަވެރި ވިޔަފާރީގެ ތެރެއަށް ހުޅުވާލުން. ބައިނަލްއަޤްވާމީ ދުނިޔޭގައި މަހުގެ އަގު ހުރި މިންވަރެއްގައި އިރާދަކުރެއްވިއްޔާ ނައިފަރު މީހުންނަށް އެއަގު ލިބޭނެ. މިހާރުވެސް ދުވަހުން ދުވަހަށް އެދަނީ މަސްވެރިކަމުގެ ވިޔަފާރިގައި ވާދަވެރިކަން އިތުރުވަމުން. މާލޭގައިވެސް އަދި މިއަތޮޅުގައިވެސް މަސްގަންނަ އިތުރު ފަރާތްތައް އަންނާނެކަމީ އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދޭ ކަމެއް ނޫން. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ، ނައިފަރު ރައްޔިތުން މުއްސަނދި ކުރުމަށް މަސައްކަތް ކުރުން. މިސަރުކާރަކީ ވަޢުދުވާ ސަރުކާރަކަށްވެފައި މިއޮންނަނީ، އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ވަޢުދު ފުއްދުން ކަމަށްވާތީ. މިސަރުކާރު ދެމި މިއޮންނަނީ ރައްޔިތުންނަށް ޚިދްމަތް ކުރުމަށްޓަކައި. ވަޢުދެއް ނުވާނަމަ ދެން ކުރާން ހަމަ އެއްވެސް ކަމެއް ނޯންނާނެ. ވެރިކަމުގައި ތިބުމުގެ ހަމައެކަނި ބޭނުމަކީ، އެކަމުގެ އަރާމާއި އެކަމުގެ ޢިއްޒަތް ލިބިގަތުން. ވެރިކަމުގެ ޖާހަތާއި ލައްޒަތަށްޓަކައެއް ނޫން، އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީކީއެއް. އަޅުގަނޑުމެން މިތިބެނީ މިރަށް ތަރައްޤީ ކުރުމަށް. މިރާއްޖެ ބަދަލު ކުރުމަށް. އަޅުގަނޑުމެން މިއެދޭ ޤައުމިއްޔަތު އަޅުގަނޑުމެން ހޯދުމަށް.

ތަރައްޤީއަކީ ނުވަތަ ތަޢްލީމަކީ ހަމައެކަނި މަދަރުސާއިން ހޯދާ އެއްޗެއް ނޫން. އެއީ، ދަނޑުގައިވެސް ހޯދާ އެއްޗެއް. ކުއްޖާ ބޮޑުވަމުން އަންނައިރު ވެއްޓެން ޖެހޭނެ. ތެދުވަން ޖެހޭނެ. ބަލިވާން ޖެހޭނެ. މޮޅުވާން ޖެހޭނެ. އަނިޔާވާންޖެހޭނެ. ވަރުބަލިވާންޖެހޭނެ. ނައިފަރު ދަރިންނަށް ރަނގަޅު ކުޅިވަރުގެ ސާމާނާއި އަދި ކުޅިވަރު ކުޅެވޭނޭ ރަނގަޅު ވަސީލަތްތައް ސަރުކާރުން ނައިފަރު ޒުވާނުންނަށް ފޯރުކޮށްދޭނެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރުވެސް ނައިފަރުގެ ބޯޅަދަނޑު، ނައިފަރުގެ ޖަމްޢިއްޔާތައް އެދިލެއްވި ގޮތަށް އެކަން ސްޕޯޓްސް މިނިސްޓްރީން ކޮށް ނިންމަވާފައިވާތީވެ. އެއްވެސް ޙާލެއްގައި އެބޭފުޅާ މިރަށާ ގުޅިފައި އޮތީތީކީއެއް ނޫން. ހަމަ ނައިފަރުގެ ރައްޔިތުންނަށްޓަކައި އަޅުގަނޑުމެން މިއެދޭ މަސައްކަތްތައް ކުރުމުގެ ބޭނުމަކީ، ރާއްޖޭގެ ތަރައްޤީ. ރާއްޖޭގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދެން އޮތީ ހިންނަވަރާއި ނައިފަރުގެ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދިގެން. އެއްގޮތަކަށްވެސް ހަނދުމައިން ކައްސާލައިގެން ނުވާނެ، ތިޔަބޭފުޅުންނަކީ ކޮންބައެއްކަން. ނައިފަރު، ހިންނަވަރު މީހުންނަކީ މިރާއްޖޭގައި ތަނަވަސްކަން ހޯދޭނެ، މުއްސަނދިކަން ލިބިގަނެވޭނެ، މަސައްކަތްތެރި، ހީވާގި ބައެއް. އެމީހުން ބޭނުން ކޮށްގެން ނޫނިއްޔާ އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީއެއް ނުކުރެވޭނެ. އެހެންވީމާ، އަޅުގަނޑުމެން އެންމެންނަށް ނައިފަރުގެ ތަރައްޤީ ވަރަށް މުހިންމު. މާލޭ މީހުންނަށް އަދި އެހެންވެސް ހުރިހާ މީހުންނަށް ނައިފަރުގެ ތަރައްޤީއަކީ، ވަރަށް މުހިންމު ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހުއްޓާލާނީ އެކަން އެގޮތަށް ކޮށްގެން.

ސަރުކާރުގެ ޕާޓީގެ ވަޢުދެއް އެއީ، ޕާޓީގެ ސަރުކާރެއްގައި 7 އަހަރު ދުވަހުގެ ތެރޭގައި ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދޭނެކަމަށް. ދެއަހަރުގެ ތެރޭގައި އޭގެ އަސާސީ ޚިދްމަތް ދޭން ފަށާނެ ކަމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، ކޮންމެ ދުވަހަކުވެސް މިނައިފަރުން މިހާރު 20، 30 މީހުން ފެރީ ދަތުރު ފަށާތީވެ. ކޮންމެ ދުވަހަކުވެސް މިނައިފަރަށް 20، 30 މީހުން ދަތުރު ނިންމާކަމީ، މިސަރުކާރަށް ނުހަނު ހިތްހަމަޖެހުން ލިބޭ ކަމެއް.

އަޅުގަނޑު ބޭނުން ބަލާލަން ބޯޑެއް، އަޅުގަނޑުމެންނަކީ ކީއްކުރާ ބައެއްތޯ ކިޔާދީފައި އޮންނަ ފޮތިގަނޑެއް. ވަޢުދު ފުއްދާތޯ ނުވަތަ ނޫންތޯ. އަޅުގަނޑު ބޭނުން އަހާލަން ނައިފަރު ރައްޔިތުން ގާތުގައި ރާއްޖޭގެ އެހެންމީހުންވެސް ކޮބާ ދަތުރަށް އެރޭތޯ؟ ކޮބާ ފްލެޓް ދޮންބެ އެބަ ފްލެޓު އަޅާތޯ؟ ކޮބާ ބަނދަރު ހެދެން އެބަ އުޅޭތޯ؟ ކޮބާ އިޖްތިމާޢީ ރައްކާތެރިކަން އެބަ ލިބޭތޯ؟ މަދަރުސާގެ ކިޔެވުމަށްވަނީ ކިހިނެއްތޯ؟ އަޅުގަނޑުމެން މިނަމުގައި އެޅޭކަށް ބޭނުމެއް ނޫން. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ މިކަން ވާން. އަޅުގަނޑަށް ފެންނަ ފެނުމުގައި ނައިފަރުގެ ރައްޔިތުންނަށް އެއްވެސް ހާލެއްގައި ވަމުންދާގޮތް އޮޅިގެނެއް ނުދާނެ. ނައިފަރުގައެއް ނުތިބޭނެ، ތަންދޮރު އޮޅުންނުފިލާ މީހުނެއް.

ފެބްރުއަރީ 5 ވަނަ ދުވަހު މިނައިފަރުގައި މިފެށެނީ މިރަށުގެ ތަރައްޤީއާއި ގުޅޭ އެންމެ މުހިންމު މުއައްސަސާގެ ބިންގާ. އެއީ ނައިފަރުގެ ތަރައްޤީއަށް ކުރެވޭނެ އެންމެބޮޑު މަސައްކަތް. އަޅުގަނޑު ނައިފަރުގެ ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާޞްތެރިކަމާއެކު އެބަ އެދެން، ވިސްނަވާށޭ، ވިސްނަވާފައި ނޫނީ އެނިންމުން ނުނިންމަވައްޗޭ. ހޯއްދަވައްޗޭ ރަށުގެ ތަރައްޤީއަށް އެހެންބަޔަކުވެސް ކުރަން މިއުޅޭ ކަމަކީ ކޮބައިތޯ. ގަނޑެއްގައި ލިޔެފައި އޮއްވާ ކިޔުއްވައްޗޭ. ސޮއި އަޅާފައި އޮއްވާ ބައްލަވައްޗޭ. ކަށަވަރު ކުރައްވައްޗޭ އެއީ، ވަޢުދެއްތޯ. ހޯއްދަވައްޗޭ އެކަން ކުރުމަށް އެބަޔަކު އެކެންޑިޑޭޓަކު އެޕާޓީއަކުން އެއުޅުއްވަނީ ކިހިނެއްތޯ. ފައިސާ އަންނަނީ ކޮންތާކުންތޯ؟ އަދި މަސައްކަތް ކުރުމަށް ރާވާފައިވަނީ ކިހިނެއްތޯ؟ ސަރުކާރުގައި ތިބީ ކޮން ބައެއްތޯ؟ ދެނެގަނެފައި ނައިފަރުގެ ސީދާ ތަރައްޤީއަށް ފަހިވާގޮތަށް ނޫނިއްޔާ އެކަން ނުކުރުމަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު އެދެން. ޢާއިލީ ގުޅުމުން، ޅިޔަން ފަހަރި ގުޅުމުން ރަށުގެ ތަރައްޤީ ދޫކޮށްލާކަށް ނުވާނެ. އަޅުގަނޑަށް ޔަޤީން މިއީ، އަޅުގަނޑު ނައިފަރު ރައްޔިތުންގެ ކައިރީގައި ދައްކަންޖެހޭ ވާހަކައެއް ނޫން.

ވެގެންމިދާ ގޮތަކީ އަޅުގަނޑުގެ ރަށް، މާލޭގައި އެތައް ސަތޭކަ އަހަރެއް ވަންދެން އެއްވެފައިހުރި ބާރެއް މިއަދު މިއުޅެނީ މިރަށްރަށަށް ބަހާލަންވެގެން، ނައިފަރަށް ދޭންވެގެން. މިދެންނެވި ބާރަކީ އެތައް ސަތޭކަ އަހަރެއް ވަންދެން މާލޭގެ ވެރިކަމުގެ ޚާންދާނުތަކުން މާލެއަށް އެއްކޮށްފައިވާ ބާރެއް. އެބާރު މާލެއަށް އެއްކޮށްފައިވަނީ އެނގިވަޑައިގަންނަވާނެ، މާލޭގެ ވެރިކަމުގެ ޚާންދާނުތަކުންކަން. ތިޔަބޭފުޅުން މިއަދު ބައްލަވާ، އެ ވެރިކަމުގެ ޚާންދާނުތަކުގެ މިއަދުގެ ޖީލު ތިބީ ކޮންތާކުތޯ. އެމް.ޑީ.ޕީ.ގައި. އެބޭފުޅުން ނައިފަރަށް ވަޑައިގެން އެވިދާޅުވަނީ، ތިމަންމެންގެ ކާބަފައިން މާލެއަށް އެއްކުރި ބާރުން ބައެއް މިރަށަށް ދޭށޭ ތިމަންމެން މިބޭނުންވަނީ. ދެން އަޅުގަނޑު މިހިތަށް އަރަނީ ނައިފަރު މީހުން އެ ބަލައި ނުބައި ގެއަކަށް ނުދާނެތާއޭ. ލިބެންހުރި ގެއަށޭ އެބާރު ބަލައި ތިޔަބޭފުޅުން ވަޑައިގަންނަވާނީ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ މިރާއްޖޭގެ ތަރައްޤީ. އަޅުގަނޑު އިރުއިރުކޮޅާ ނައިފަރަށް އަންނަނީ، ނައިފަރު ރައްޔިތުންނާ ބައްދަލުކޮށް، އެދިޔަ ދެމަސް ދުވަހު، އެއްމަސް ދުވަހުތެރޭގައި ދެން އަޅުގަނޑު ހިތަށްއެރި އެއްޗެއްސާއި ފެނުނު ތަނުގެ ވާހަކަ ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާލަން. ބައެއްފަހަރު ތިޔަބޭފުޅުން ރުހޭނެ. އަނެއްބައި ފަހަރު ނުރުހޭނެ. ރުހުނަސް ނުރުހުނަސް އަޅުގަނޑުގެ ވާޖިބެއް، ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކޮށްފައި އޮތް އަމާނާތެއް މިދައުލަތުގެ ޚަޒާނާއަކީ. މިރާއްޖޭގެ މިލްކިއްޔާތަކީ. މިރާއްޖޭގެ މުއްސަނދިކަމަކީ. ޚިޔާނާތްތެރިނުވެ، އަމާނާތްތެރިކަމާއެކީގައި އަޅުގަނޑު އެމިލްކިއްޔާތު އެބަ ބަލަހައްޓަންޖެހޭ. އިންސާފުވެރިކަމާއެކީގައި ތިޔަބޭފުޅުންނަށް އެ މިލްކިއްޔާތުން އެބަ ޚަރަދު ކުރަންޖެހޭ. އަޅުގަނޑުގެ ފައިސާއެއް ނޫން އެއީކީއެއް. ތިޔަބޭފުޅުންގެ ފައިސާ.

އަޅުގަނޑުމެންނަށް ރާއްޖޭގެ ރައްޔިތުން އަޣްލަބިއްޔަތުން ފާސްކޮށް ވަރަށް ސާފުކޮށް ވިދާޅުވެފައިމިވަނީ، މިދެންނެވި މާލިއްޔަތު ޚަރަދު ކުރަންވީ ގޮތް. އެއީ، އެމް.ޑީ.ޕީ މެނިފެސްޓޯގައި އެވާ ގޮތް. މިއަދު އެހެން އެއްޗެއް ވިދާޅުވާނެ ކަމެއް ނެތް. އެވާހަކަ އޮތީ ދައްކާ ނިމިފައި. އަޅުގަނޑުމެން މިއަދު ކުރަމުން މިގެންދާ ކަމަކީ ދެކެވިފައި އޮތް ވާހަކައަށް ސިފަ ގެންނަނީ. އެވާހަކަ ދިރެނީ.

އަޅުގަނޑަށް ހަމަގައިމުވެސް ފެންނަނީ އުޖާލާ ޒަމާން، އުފާވާ ޒަމާން. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ

والحَمْـدُ لِلّـهِ. والســّلام عليــكم.

_____________________