بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، މަނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، މި ޕްރޮވިންސްގެ ދައުލަތުގެ ވެރިންނާއި އަދި ޕްރޮވިންސްގެ ނައިބު، ވަކިން ޚާއްޞަކޮށް، މަނަދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

ޕާޓީވެސް، މި ސަރުކާރުވެސް އުފެދިގެން އައީ، އަޅުގަނޑުމެންގެ ހިތްތަކުގައި، އަޅުގަނޑުމެންގެ ފޮތްތަކުގައި، މަނަދޫގެ ތަޞައްވުރެއް އޮވެގެން. މަނަދޫގެ ތަރައްޤީގެ ޗާޓެއް، ތަރައްޤީގެ ޕްލޭނެއް، އަޅުގަނޑުމެންނަށް ކުރެހިގެން. ޕާޓީން ކުރެހީ މަނަދޫގެ ޕްލޭން. މަނަދޫގެ ތަރައްޤީގެ ތަޞައްވުރު އެކުލަވައިލުމަށްޓަކައި، ޕާޓީގެ ފަރާތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކުރިން. ގެއިން ގެއަށް، ދޮރުން ދޮރަށް ޕާޓީ މެންބަރުން ހިނގި. ކިތަންމެ ރަށަކަށް ޒިޔާރަތްކުރި. އެތައް ބަޔަކާ މަޝްވަރާކޮށް، ކިތަންމެ ބަޔަކާ ބަޙުޘްކޮށް، ނުހަނުގިނަ ގޮތްގޮތަށް އަޑު އުފުލައި، އަޅުގަނޑުމެން އެއްވެ މުޒާހަރާކޮށްވެސް ހެދީމު.

ޕާޓީގެ ޙަރަކާތްތަކުން ޕާޓީއަށް ފެންނަމުންދިޔަ ޙަޤީޤަތްތައް ވަރަށްގިނަ. އެންމެ މުހިންމު ގޮތުގައި، ޕާޓީއަށް ފާހަގަވި އެއްކަމަކީ، މި މަނަދޫގެވެސް ޢާންމު ރައްޔިތުންގެ ތެރެއިން، ކޮންމެ ތިންމީހަކުންކުރެ އެކަކީ ނިކަމެއްޗެއްކަން. އޭނާއަކީ، އޭނާގެ އާމްދަނީގެ ގޮތުގައި، ރެޔާ ދުވާލަށް ވިހި، ފަނަރަ ރުފިޔާ ނުލިބޭ ފަޤީރެއްކަން. ޤައުމެއް، ރަށެއް ތަރައްޤީއެއް ނުވާނެ، އެރަށެއްގެ ރައްޔިތުންގެ ގިނަ ބައިވަރު މީހުންނަކީ، ނިކަމެތިންގެ ގޮތުގައިވެ، އެ ނިކަމެތިންގެ ރައްކާތެރިކަން ހޯދައިދޭނެ ސިޔާސަތެއް ތަންފީޛު ނުކުރެވޭހާ ހިނދަކު، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން ރަށްރަށަކަށް ނުލިބޭނެ. ދެން ގިނަފަހަރަށް އަޅުގަނޑުމެންނަށް ފެނިފައި، ލަފާކުރެވިފައި މިއޮންނަނީ، ތަރައްޤީއަކީ ވަރަށްބޮޑު އަތޮޅުއޮފީހެކޭ. އެއީ، ޢުމްރާނީ ތަރައްޤީއަކީ. ތަރައްޤީއަކީ ބޮޑުހިލަ ބަނދަރެކޭ، ތަރައްޤީއަކީ އެއްގަމު ތޮށްޓެކޭ. ތަރައްޤީއަކީ ސަހަރާ ވަށާ ފާރެކޭ. ތަރައްޤީއަކީ މިނޫންވެސް ކޮންކްރީޓުން މިނާ އެއްޗެއް ކަމަށް. ޙަޤީޤަތުގައި ތަރައްޤީވާން ޖެހެނީ މަނަދުއެއް ނޫން. ތަރައްޤީވާން ޖެހެނީ މަނަދޫ މީހާ. ތަރައްޤީއަކީ މަނަދޫ މީހާއަށް އަންނަ ބަދަލެއް. އޭނާއަށްވާ ގޮތެއް. އޭނާ ނުކުމެ، އޭނާ ކުރާ ކަމެއް. ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް އަޅާލަންޖެހެނީ، ބަލަހައްޓާން ޖެހެނީ މީހާ، މަނަދޫ ރައްޔިތުން.

ޕާޓީގެ ވަޢުދެއްގެ ގޮތުގައި ހުށަހެޅީ، ރާއްޖޭގެ ރައްޔިތުން، ބޭސް ސިޓީއަށް ސަލާންޖަހާޖެހުން، އިރާދަކުރެއްވިއްޔާ، ޕާޓީގެ ސަރުކާރެއްގައި ނައްތާލަދެވޭނެއޭ. ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކަށް، ބޭސްފަރުވާއަށްޓަކައި ރައްޔިތުންނަކީ އެކެއް ކައިރިން، އަނެކެއް ކައިރިން، އެއް ސާދާގަރެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން، އަނެއް ވިޔަފާރިވެރިއެއް ކައިރިން އާދޭސް ކުރަމުން، ހިނގަމުންދާ ބައެއްގެ ގޮތުގައި އޮތްހާ ހިނދަކު، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ރަށްތަކުގެ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތެއް ނުހޯދޭނެ، ނުހިފެހެއްޓޭނެ. އަޅުގަނޑުމެންގެ އެންމެބޮޑު އަމާޒަކީ، މިމަނަދޫގެ ރައްޔިތުންނަކީވެސް، ކޮންމެ މަނަދޫ މީހަކީވެސް، ތިމަންނާއަކީ އަމިއްލަ ޙައްޤުތަކެއް ލިބިގެންވާ މަނަދޫ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން، ތިމަންނާގެ އަނބދަރިންނަށް ކާންދޭ މަނަދޫ ރައްޔިތެކޭ ބުނެ، އޭނާ ހަމަ އިސްކޮޅަށް ދެމިލާތަން އަޅުގަނޑުމެން ދެކެން ބޭނުން.

ޕާޓީގެ ވަޢުދު ފުއްދުމަށްޓަކައި، ޤައުމީ ތަރައްޤީގެ އޮނިގަނޑު މިވަނީ އެކުލަވައިލެވިފައި. ސަރުކާރުގެ ސިޔާސަތުތައް މިވަނީ ކަނޑައެޅިފައި. އަދި އެ ސިޔާސަތުތައް ތަންފީޛު ކުރުމަށް ބޭނުންވާ ފައިސާ، ދައުލަތުގެ ބަޖެޓްގައި ހިމެނި، އެ ބަޖެޓް މިވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިފައި. މަދަނައިގެ ވިއުގަ ވަރުގަދަވެގެން އައީ، އިންތިޒާމްވެގެން އައީ، ޕާޓީގެ ބޭސް ސިޓީއަށް ސަލާންޖެހުމުގެ ވަޢުދު ފުއްދުމަށްޓަކައި އެކަށައެޅުނު ސިޔާސަތުގެ ތެރެއިން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، މި މަނަދޫގެ 378 ރައްޔިތަކަށް މަދަނައިގައި ރަޖިސްޓްރީވެގެން، ބޭސްފަރުވާ ލިބެމުންދާކަމުން. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ޕާޓީއަށް ހިތްވަރު ލިބެނީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބެނީ، މި މަނަދުއަށް މިދިޔަ 2010 ވަނަ އަހަރު ހަލައްކަ އަށްޑިހަ އަށްހާސް ރުފިޔާ، ބޭސްފަރުވާއަށްޓަކައި މަނަދޫ ރައްޔިތުންނަށް، ސީދާ އެމީހުންގެ ބޭސް ސިޓީ ހޯދުމަށް ޚަރަދު ކުރެވިފައިވާތީ. އެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީވެ. މިދެންނެވި ހަލައްކަ އަށްޑިހަ އަށްހާސް ރުފިޔާއަކީ، މިތަނުގެ ހެލްތް ސެންޓަރަށް ނުވަތަ އެތަނުގެ ކުލަލުމަށް، އެތަނުގެ ކަރަންޓް ބިލް ދެއްކުމަށް، އެތާ މުވައްޒަފުންގެ މުސާރައަށް ކުރެވުނު ޚަރަދެއް ނޫން. މިދެންނެވި ފައިސާއަކީ، ސީދާ މަނަދޫ މީހާގެ ބޭސް ސިޓީއަށް، ބޭސްފަރުވާ ހޯދައިދިނުމަށްޓަކައި ކުރެވުނު ޚަރަދު. އެއީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ އެންމެބޮޑު އެއް ސަބަބު.

އެނިގވަޑައިގަންނަވާނެ، މީގެކުރީގައި، 2008 ވަނަ އަހަރުގެ ކުރީގައި، ތީމުގޭ ވެލްފެއަރ ފަންޑުން ދެކޮޅު ޓިކެޓާއި، 200 ޑޮލަރުދީފައި އަދި އިތުރަށް ސަލާންޖަހަން މީހުން ފޮނުވާ. އަޅުގަނޑަށް ފެނިފައި ހުރި ހިސާބުގައި، 2008 ވަނަ އަހަރުވެސް، މިދެންނެވި ވެލްފެއަރ ފަންޑުން 1200 މީހުންނަށްވެސް ބޭސްފަރުވާ ކުރެވިފައެއް ނެތް. އޭގެތެރޭގައި، މަނަދޫ ދެތިން ހަތަރު މީހަކު އުޅޭނެ. ވަރަށް ގާތް، ވަރަށް ޚާއްޞަ، މާބޮޑު، މާ މަތިވެރި މީހުން، ބައެއް ރަށްރަށުގައި އަބަދުވެސް އުޅޭ. އަޅުގަނޑަށް ކުރީގައި ލިބިފައިވާ ލަފައަކީވެސް ނަޞޭޙަތަކީ، ނަޝީދޭ، ކޮންމެ ރަށެއްގައިވެސް އުޅޭނެއޭ، ހައެއްކަ މީހުން. އެމީހުންނަށް ޚަރަދުކޮށްލީމާ، ދެން އެމީހުން ރަށުގެ ވޯޓްލާން ބޭނުންވާ ދުވަސް ދުވަހު، ވޯޓާ އެކީގައި ގެންނާނެއޭ. އަޅުގަނޑުމެންނަކީ، މި ރާއްޖޭގައި މުޅިން އެހެން ޙަޤީޤަތެއް ބިނާކުރަން އުޅޭ ބައެއް. އަޅުގަނޑުމެންނަކީ، ކުރީގައި ކަންކުރި ގޮތަށް ކަންކުރާން ވެގެން އުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ، އެހެން ގޮތެއް، އަނެއް ދިވެހިރާއްޖެ، އެހެން ދިވެހިރާއްޖެއެއް ހޯދަން ނުކުމެ ތިބި ބައެއް.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުން. ޕާޓީއަށް ފެނިފައިވާ ޙަޤީޤަތްތައް ނުހަނު ގިނަ. ރާއްޖޭގެ ޢުމުރުން ދޮށީ މީހުން، ދުވަސްވީ މީހުން އުޅެމުން އައި ހާލު. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، އެ ދޮށީ ޢުމުރުގެ މީހުން، ނުހަނު ގިނަ މަސައްކަތް ކުރީތީކަން. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. ރުކަށް، ވަލަށް ވަނީތީވެ، ގެދޮރު ޢިމާރާތް ކުރީތީވެ، އޮޑިދޯނިފަހަރު ބަނީތީވެ. އެމީހުން ނުހަނު ގިނަ މަސައްކަތް، އެމީހުންގެ ޙަޔާތުގައި ކުރީތީވެ. މިއަދު އެމީހުންގެ އަތްފައިގައި ބާރުދެރަވެ، އެމީހުންނަށް އާމްދަނީއެއް ހޯދޭނެ ގޮތެއްނެތި، އެމީހުންނަށް ބިކަވެދާއިރުގައި، އެއިން ގެއްލިދަނީ ހަމައެކަނި އެމީހުންގެ ޤަދާރާއި ޢިއްޒަތެއް ނޫން. އެއިން ނިކަމެތިވެގެންދަނީ، އެމީހުންގެ ޢާއިލާތަކާއި، އެމީހުންގެ ގާތް ތިމާގެ އެންމެ މީހުންނާ. އަޅުގަނޑުމެންގެ އަމާޒަކަށްވީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދުނަމަ، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން ޕާޓީގެ ވަޢުދަކީ. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މަނަދޫގެ 80 މީހަކަށް، މިދެންނެވި ޕެންޝަން ލިބެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މަނަދޫއަށް ކޮންމެ މަހަކު އެއްލައްކަ ފަސްދޮޅަސްހާސް ރުފިޔާ، މިދެންނެވި ޕެންޝަންގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައިވާތީވެ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، އެހެންވެސް އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ފަޤީރުކަމުން ރައްޔިތުން ސަލާމަތްވީމާ ނޫނީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ އިޞްލާޙް، އަޅުގަނޑުމެން މިއެދޭ ތަނަވަސްކަން، އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިދިޔަ އަހަރު މަނަދޫގެ 23 ފަރާތަކަށް، އެކަނިވެރި މައިންނަށް، 23 ފަރާތަކަށް، އެއްލައްކަ ތޭވީސްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިދީފައިވާތީވެ. އަޅުގަނޑުމެންނަށް އެމަސައްކަތް ހިންގޭކަމީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

ރަށެއް ތަރައްޤީއެއް ނުވާނެ، ތިމަންނާ ކިތަންމެ މުއްސަނދިވިޔަސް. ތިމަންނާއަކީ ބޮޑު މަހުޖަނަކަށްވެވިދާނެ. ތިމަންނާއަކީ މާ ތަނަވަސް މީހަކަށްވެ، މާބޮޑު ބިނާއެއް އަޅައި، މާ އަރާމު ރީތި ގެއެއްގައި އިނދެ، ތިމަންނާއަށް ރަން އިލޮށިން ކަދުރު ކެވިދާނެ. ރަށެއް ތަރައްޤީއެއް ނުކުރެވޭނެ، ފަޤީރު މީހާ، ތިމަންނާގެ އަވަށްޓެރިއަކަށް ވެފައި އޮތްހާ ހިނދަކު. ތިމަންނާއާ ޖެހިގެން ހުރި މީހާ، އޭނާގެ ގޭގައި، ދަރިން މަދްރަސާއަށް ފޮނުވޭނެ ގޮތެއްނެތް، ފޮތް، ފަންސުރު، ގަލަން ގަނެވޭނެ ގޮތެއް ނެތް، ޔުނިފޯމާއި، ބޫޓް، އިސްޓާކީނު ގަނެވޭނެ ގޮތެއް ނެތް. ދަރިން ބަލިވީމާ ހެދޭނެ ގޮތެއް ނެތް. މަންމައާއި ބައްޕަ ބަލިވީމާ ކުރެވޭނެ ކަމެއް ނެތް. ބޯހިޔާވަހިކަމެއް ހޯދޭނެ ގޮތެއް ނެތް. ރަށުން ނުކުމެގެން، އެހެން ތަނަކަށް ދެވޭނެ ގޮތެއް ނެތް. އެހާލުގައި އަޅުގަނޑުމެންނަކަށް ރަށެއް ތަރައްޤީއެއް ނުކުރެވޭނެ.

ތަރައްޤީ ކުރާން މިޖެހެނީ އިންސާނީ ވަސީލަތް. ތަރައްޤީއަކީ އިންސާނުން ކުރާ ކަމެއް. އެކަން ކުރުމަށްޓަކައި ތަރައްޤީވާން، ހޭލުންތެރިވާން މިޖެހެނީ އިންސާނާ. އެހެންވީމާ، މި ޕާޓީގެ އަނެއް ވަޢުދު އުފެދިގެން އައީ. މި ޕާޓީއަކީ ވަޢުދުވާ ޕާޓީއެއް. އެހެން ޕާޓީއަކުން ވަޢުދެއް ނުވާނެ. ވަޢުދެއްނުވާއިރުގައި، ވަޢުދެއް ފުއްދޭނެ ގޮތެއްވެސް ނޯންނާނެ. ވަޢުދެއްގެ ބޭނުމަކީ އަމާޒަށް ހިފުން. ވަޢުދެއްގެ ބޭނުމަކީ، މަޤްޞަދެއް ކަނޑައެޅުން. ވަޢުދެއްގެ ބޭނުމަކީ، ލަނޑުދަނޑިއެއް ހިފުން. ވަޢުދެއްގެ ބޭނުމަކީ، ކަމެއް ކުރުމަށް ތަރުތީބެއް ރޭވުން. ކަމެއް ކުރުމަށް އުޞޫލެއް ހޯދުން. މި ޕާޓީއަކީ އުޞޫލެއް އޮންނަ ޕާޓީއެއް. މި ޕާޓީއަކީ މަޤްޞަދެއް އޮވެގެން، ލަނޑުދަނޑިއެއް ހިފުމަށް މަސައްކަތްކުރާ ޕާޓީއެއް. މިނޫން ޕާޓީއަކުން ރައްޔިތުންނަކަށް ވަޢުދެއް ނުވާނެ. ވަޢުދުނުވެ، ދެން ކުރެވޭން އޮންނާނެ ހަމައެކަނި ކަމަކީ، ވެރިކަމުގެ ޢިއްޒަތާއި، ވެރިކަމުގެ ޖާހަތަށްޓަކައި، އޭގެ ލައްޒަތަށްޓަކައި، ވެރިކަމުގައި ތާއަބަދަށް ދެމިތިބުމުގެ އުންމީދުގައި، ރައްޔިތުން ބިރު ދައްކަމުން ގެންދިޔުން. ރައްޔިތުން ނިކަމެތި ކުރަމުން ގެންދިޔުން. ރައްޔިތުންނަށް އަނިޔާ ކުރަމުން ގެންދިޔުން. އެއީކީއެއް އަޅުގަނޑުމެންގެ ފަލްސަފާއެއް ނޫން. އެއީކީއެއް އަޅުގަނޑުމެން ގަބޫލުކުރާ ގޮތެއް ނޫން.

ތަރައްޤީވާން މިޖެހެނީ އިންސާނާ ކަމަށްވާއިރު، މަނަދޫ މީހާ ކަމަށްވާއިރު، މަނަދޫ މީހާ އޮތީ ބިޑި އަޅުވާފައި ކަމަށްވެފައި، އޭނާ ހުރީ ކުޑަގޮޅީގައި ކަމަށްވެފައި، އޭނާ އޮތީ އަނދަގޮނޑިއެއްގައި ކަމަށްވާއިރު، ތަރައްޤީ ދެން އޭނާ ހޯދާނެ ގޮތެއް އެއީމ އަޅުގަނޑަށް އަދި އިންސާނިއްޔަތަށް މިހާތަނަށް އެނގިފައި އޮތް ޙަޤީޤަތެއް ނޫން. ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މަސައްކަތް މި ކުރާންޖެހެނީ، އަޅުގަނޑުމެންގެ މާދަމާ ހޯދުމަށް. އެހެންވެ، މަނަދޫގެ ތަރައްޤީއަށްޓަކައި އަބަދުވެސް އެންމެ މުހިންމު އެއްތަނަކަށްވާން މިޖެހެނީ، މި މަނަދޫގެ މަދްރަސާ. މަނަދޫގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ދިނުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް. އެ ތަޢްލީމު ދިނުމަށްޓަކައި މަނަދުއަށް ސަރުކާރުން ކުރެވެންހުރި ހުރިހާ ޚަރަދެއް، ދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން.

މިއަހަރުގެ ތެރޭގައި، މަދްރަސާގެ އިތުރުން މަނަދޫ އިރާދަކުރެއްވިއްޔާ އެއީ ޓެލެމެޑިސިންގެ ރަށަކަށް ބަދަލުވެގެންދާނެ. މަނަދޫގެ މަދްރަސާއަށް މިދިޔަ 2010 ވަނަ އަހަރު ދަރިވަރުންގެ ފޮތް، ފަންސުރު، ޤަލަން ގަތުމަށްޓަކައި ދެލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވުނުކަމީ، މި ޕާޓީއަށް ލިބޭ ހިތްވަރެއް. ސަރުކާރަށް ލިބޭ އުފާވެރިކަން. އެއީ އަޅުގަނޑުމެންގެ ކާމިޔާބީއަކީ. އޯ ލެވެލް ފީއަށްޓަކައި ދަރިވަރުންނަށް ފަންސާސް އެއްހާސް ރުފިޔާއަށްވުރެ ގިނައިން ޚަރަދު ކުރެވުނުކަމީ، މި ސަރުކާރުން ކުރި އެންމެބޮޑު އިންވެސްޓްމަންޓް. އޭގެ ނަތީޖާ ވަރަށް އުޖާލާ. އޭގެ ފަރިކަންވެސް އެހާމެ ފޮނި. އަޅުގަނޑުމެންނަށް މަނަދޫ މަދްރަސާ، އެއްދަންފަޅިއަށް ހެދުމަށްޓަކައި ބޭނުންވާ 6 ކްލާސްރޫމް މިހާރު މިދަނީ ޢިމާރާތް ކުރެވެމުން. މި އެންމެ ކަންކަމުން އަޅުގަނޑުމެންނަށް ދެން ފެނިގެންދިޔައީ، މަނަދޫގެ މަދްރަސާގެ މިފަހަރުގެ އެހާމެ އުޖާލާ ނަތީޖާ. އަޅުގަނޑު މިއަދު މަނަދޫ ރައްޔިތުންނަށް މަރްޙަބާ ދަންނަވަން. އަޅުގަނޑު ޙަޤީޤަތުގައި މިދަތުރުގައި މަނަދުއަށް ނައިސް ހުންނަން އެއްއިރެއްގައި ނިންމިން. އެކަމަކު މަނަދޫގެ މަދްރަސާގެ ނަތީޖާއާ އެކީގައި އަޅުގަނޑު އުފަލުން ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވަން ކޮންމެހެން މިތަނަށް އައުމަށް އެދުނީ.

ސަރުކާރުގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހަދައިދޭނަމޭ. އަޅުގަނޑަކަށެއް ނުވިސްނޭ، އަޅުގަނޑުމެން ވެރިކަމުގައި ތިބުމުގެ ބޭނުމެއް، އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުން ނުފިލުވައިދެވޭހާ ހިނދަކު. އަޅުގަނޑުމެން ބަނދަރެއް ހަދަނީވެސް ދަރިންނަށްޓަކައި. ދޯންޏެއް ބަންނަނީވެސް ދަރިންނަށްޓަކައި. ގެއެއް އަޅަނީވެސް ދަރިންނަށްޓަކައި. ވަޒީފާއަށް ނުކުމެ މިދަނީވެސް ދަރިންނަށްޓަކައި.

އަޅުގަނޑު އަބަދުވެސް ދަންނަވަން، އިއްޔެ ނިމިއްޖެއޭ. ވަގުތަކީ ހޭދަވާ އެއްޗެކޭ، ހުއްޓި ހުންނަ އެއްޗެއް ނޫނޭ. މިއަދު މިއޮއް މެންދުރުފަސްވީއޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެންއޮތީ މާދަމާއޭ. އަޅުގަނޑުމެންގެ ދަރިންނޭ. އެކުދިންގެ މުސްތަޤްބަލޭ. މަނަދޫގައި އޯ ލެވެލް އިމްތިހާންގައި ބައިވެރިވި ކުދިންގެ 50 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވި ކުދިން. އަޅުގަނޑުމެންގެ އަމާޒަށް މަނަދޫ މިދަނީ އެހެން އެއްވެސް ރަށަކަށްވުރެން މާ ބާރު މިނެއްގައި. އަޅުގަނޑު މަނަދޫ މައިންބަފައިންނަށާއި، މަނަދޫ މަދްރަސާ ހިންގާ އެންމެހާ ބޭފުޅުންނަށާއި، މަނަދޫ ސްކޫލްގެ ބޯޑަށާއި އަދި އަޅުގަނޑަށް އެނގޭ، މުޅި ރަށްވެސް އެފިކުރަށް އޮތީމާކަން، ރަނގަޅު ތަޢްލީމެއް ދަރިންނަށް މިދެވެނީ. ރަނގަޅު ނަތީޖާއެއް މަދްރަސާއިން ހޯދެނީ.

އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކަށްވާނީ، މަނަދޫގެ ތަރައްޤީ ހޯދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރުން. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކަށްވާނީ، މަނަދޫގެ ތަރައްޤީ. އަޅުގަނޑުމެން ނުކުމެ މިތިބީ، މަނަދޫ މުއްސަނދި ކުރަން. އަޅުގަނޑުމެން ނުކުމެ މިތިބީ، މަނަދޫ ރައްޔިތުންގެ ތަނަވަސްކަން ހޯދަން. އެއީ މި ޕާޓީގެ ތަޞައްވުރަކީ، މި ޕާޓީ އަދި މި ސަރުކާރު ދެމިއޮންނަނީ، އިތުރު ބޭނުމަކަށެއް ނޫން. އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް. އަޅުގަނޑުމެން ރައްޔިތުންނަށް އެހީތެރިވުމަށް.

މަނަދޫގެ އިންޖީނުގެ، ރައްޔިތުން ތިބީ ބަޙުޘްކޮށްކޮށް އެތަނަށް ހަދާނީ ކިހިނެއްތޯ. އަޅުގަނޑު އޭރުވެސް ދެންނެވިން. އެތަނަށް މިދިޔަ 30 އަހަރު ދުވަހު ވެގެންދިޔަގޮތް، ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ސާފުވާނެ. މިއަދު އަޅުގަނޑު އަހާލަން ބޭނުންވަނީ، މިގެނެވުނު ބަދަލުގެ ނަތީޖާއަކީ ކޮބައިތޯއޭ؟ ކަރަންޓް ބިލްގެ، މިހާރު ކަރަންޓް ޔުނިޓެއްގެ އަގަކީ ކިހާވަރެއްތޯއޭ؟ ތިއިން ކޮންމެ ބޭފުޅެއްގެ ކަރަންޓް ބިލުން ތިން ހަތަރުސަތޭކަ ރުފިޔާ ސަލާމަތްނުވެއެއް ނުދާނެ. އަޅުގަނޑު ތަފްޞީލުކޮށް ދަންނަވަންޏާ، ވަކިވަކި ގޭގޭގެ ނަންވެސް ދެންނެވިދާނެ. ތިޔަބޭފުޅުންނަށް މިދިޔަ އަހަރުގެ ތެރޭގައި، އިންޖީނު، ކަރަންޓްގެ ފީއިން އެނަގާ ނެގުމަށް ލިބިގެންދިޔަ ލުއި. އަޅުގަނޑުމެންގެ ބޭނުމަކީ، ރައްޔިތުންގެ ސަލާމަތްތެރިކަން ހޯދުން. އަޅުގަނޑުމެންގެ ބޭނުމަކީ، ވިޔަފާރީގެ އުޞޫލުން ކަންކަން ހިންގައި، ހަމަ އަގު ނަގައި، ދެން ދޭންޖެހޭ އެހީތެރިކަމެއް، ސީދާ ރައްޔިތު މީހާއަށް ދިނުން. އަޅުގަނޑުމެންނަށް ދެން ހިތްހަމަޖެހުން ލިބެނީ، ކޮންމެ މަހަކު އެއްލައްކަ ރުފިޔާ، މި މަނަދޫގެ ކަރަންޓް ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިރަށަށް ދިނުމުގެ ފުރްޞަތު ލިބިފައިވާކަމުން.

ޠާރިޤުގެ ކުރީގައި އަޅުގަނޑަށް މިތަނަށް އެރުނުނަމަ، ޠާރިޤަކަށް ދަމުން ވިދާޅުވާކަށް ޖެހިވަޑައެއްނުގެންނެވުނީސް. އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރަކީ އަޅުގަނޑު ދަންނަ ބޭފުޅެއް. އަދި އަޅުގަނޑު ވަރަށް އިޙްތިރާމްވެސް ކުރާ ބޭފުޅެއް. ގޮތުގައި ހުންނަވާ ބޭފުޅެއް. ތިޔަބޭފުޅުންގެ ތަރައްޤީއަށްޓަކައި އެބޭފުޅާ އެކުރައްވާ މަސައްކަތަކީ ނުހަނު ބޮޑު މަސައްކަތެއް. އަޅުގަނޑު މިރަށު، މަނަދޫ މީހެއްގެ ގޮތުގައި ހުރެ، ޠާރިޤަށް ނުހަނު ޝުކުރު ދަންނަވަން ބޭނުން.

އަޅުގަނޑުމެންގެ ވަޢުދުތަކެއް އެބަވޭ، މި ސަރުކާރުން މި މަނަދޫ ބަދަލުކޮށްލުމަށް. މި މަނަދޫގެ ތަރައްޤީ ކުރިއަށް ގެންދިޔުމަށްޓަކައި ހިންގާންހުރި ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، އަޅުގަނޑުމެންގެ އެއް ވަޢުދެއް އެއީ، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ބޯހިޔާވަހިކަން އަޅުގަނޑުމެން ހޯދައިދޭނަމޭ، ފްލެޓް އަޅުގަނޑުމެން އަޅައިދޭނަމޭ. އަޅުގަނޑު ފްލެޓް ނާޅާނެ ހުންނާނެ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑަކީ ފްލެޓް ދޮންބެ. މިކަން ނުކޮށެއް އަޅުގަނޑެއް ނުހުންނާނެ. އަދި ޚާއްޞަކޮށް، މަނަދޫގައި އަޅުގަނޑު ގެންދާނީ އެކަން ބާރަށް އިރާދަކުރެއްވިއްޔާ ކުރަމުން. އަޅުގަނޑުމެން އެދޭ ބަދަލު މަނަދުއަށް ގެނައުމަށް އަޅުގަނޑުމެން ކުޑަކޮށްވެސް ފަހަތަކަށް ނުޖެހޭނަން. ތާއަބަދު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިމަސައްކަތުގައި ދެމިތިބޭނަން.

މަނަދޫގެ ބަނދަރު މިފަހަރު ތަރައްޤީވެގެންދާނީ، އާދައިގެ ބަނދަރެއްގެ ގޮތުގައެއް ނޫން. މިބަނދަރަކީ، އަޅުގަނޑުމެން މިބުނާ އާ ތިންވަނަ ޖެނެރޭޝަންގެ ބަނދަރަކަށް އިރާދަކުރެއްވިއްޔާ، މިބަނދަރު ވެގެންދާނެ. މި ސަރުކާރަކީ، އަޅުގަނޑު ތަކުރާރު ކުރަން، ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެންނަކީ ތަރައްޤީގެ ނާރެސްތަކެއް އުފައްދާ ސަރުކާރެއް. އަޅުގަނޑުމެންގެ ބޭނުމަކީ، މި މަނަދުއާއި، މަނަދުއާ ކައިރީގަޔާއި ދުރުގައިވާ އެންމެހާ ރަށްރަށާ ގުޅާލުން. ބަނދަރަކީ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ބޭނުންކުރާ ނާރެސްއެއް. އެއީ ދަތުރުފަތުރު ކުރުމަށްޓަކައި ބޭނުންވާ ޓަރމިނަލެއް. ބަނދަރަކީ ރީތިވެގެން އަޅުގަނޑުމެން ހަދާ އެއްޗެއް ނޫން. ހަމައެކަނި އޮޑިއެއް އަޅާލަން ސަލާމަތަށް އަޅުގަނޑުމެން ބޭނުންކުރާ އެއްޗެއް ނޫން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި، މިހާރު މިވަނީ ބަޖެޓް ކުރެވިފައި. ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ ބަނދަރުމައްޗާއި އަދި ބަނދަރާ، ތަރައްޤީވެގެންދާތަން، އޭގެ ތަޞައްވުރު، ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ހައްތަހާވެސް ބޭނުމަކީ، މިރަށުގެ ތަރައްޤީ. މި ރައްޔިތުން މުއްސަނދިވުން.

މަނަދުއަށް އެންމެހާ ކަންކަން ފަހިކުރެވޭތޯ ބެލުމަކީ އަބަދުވެސް ސަރުކާރުގެ އަމާޒެއް. އަޅުގަނޑު މިއަދު ހިތްހަމަޖެހޭ، މިތާ ކައިރީގައި ތަރައްޤީވާ ރިޒޯޓްތަކުގެ ބައެއް މަސައްކަތްތައް، ޚާއްޞަކޮށް، ދަނޑުވެރިކަމުގެ މަސައްކަތްތައްވެސް އަދި އެހެންވެސް ވަރކްޝޮޕްތަކާއި، ވަޑާން ކުރުމުގެ މަސައްކަތްތައް، މި މަނަދޫގައި ޤާއިމް ކުރުމަށް ބޭނުންވާ ސަރުކާރުގެ ސިޔާސަތުތައް މިގެންދަނީ ތަންފީޛު ކުރަމުން. އެކަމަށް ސަރުކާރުން ފަހިކުރާނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލު، އަޅުގަނޑުމެންނަށް، މަނަދުއަށް ގެނެވޭނެ.

ތަރައްޤީއެއް ނުލިބޭނެ، ރަށުގައި ތިބެގެނެއް. ތަރައްޤީއެއް ނުލިބޭނެ، އަޅުގަނޑުމެންގެ ވިސްނުން ރަށު ގޮނޑުދޮށުން ބޭރަށް ނުގެންދެވޭހާ ހިނދަކު. ތަރައްޤީއެއް ނުލިބޭނެ، އަޅުގަނޑުމެންގެ ވިސްނުން، އަތޮޅު ދުނިން އަދި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް ނުގެންދެވޭހާ ހިނދަކު. މަނަދުއަކީ މަނަދޫ އެކަންޏެއް ނޫން. މަނަދޫއަކީ މިލަދޫވެސް. މަނަދޫއަކީ ޅޮހީވެސް. މަނަދޫއަކީ މާފަރުވެސް. މަނަދޫއަކީ މާލެވެސް. އަޅުގަނޑުމެންނަށް ލާމެހިފައިވާ ތަރައްޤީއެއް ނޫނިއްޔަކާއެއް ނުހޯދޭނެ. އެއްރަށުގެ ތަރައްޤީއިން ދެން ފަސޭހަވެގެން، ފަހިވެގެންދަނީ، އަނެއް ރަށުގެ ތަރައްޤީ. އަޅުގަނޑުމެންގެ އަމާޒަކީ، އެއްރަށާއި އަނެއްރަށާ ލާމެހިފައިވާ ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް، މި ސަރަޙައްދުގައި ތަރައްޤީ ކުރުން. ޕާޓީގެ ވަޢުދަކީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ތަޢާރުފް ކުރުން. އަދި ފުރަތަމަ ދެއަހަރު ދުވަހުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ދިނުން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގައި ކޮންމެ ދުވަހަކުވެސް ވިހި، ފަނަރަ މީހުން ދަތުރަށްއަރާކަމުން. އަދި ކޮންމެ ދުވަހަކުވެސް މިރަށަށް ވިހި، ފަނަރަ މީހުން ދަތުރު ނިންމާކަމުން.

މިރަށް، އަނެއް ދިވެހިރާއްޖެއަށްވާކަށް އަޅުގަނޑު ނުދެކެން، މާގިނަ ދުވަސްތަކެއް ނަގާނެ ކަމަކަށް. އެކަން ވުމަށްޓަކައި ތިޔަބޭފުޅުންގެ ޖީބު އަދި މާބޮޑަށް ބޮޑުވާން އެބަޖެހޭ. ޖީބަށް ވަންނަ ފައިސާގެ ޢަދަދު، ދެގުނަވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިބޭނުންވާ ބަދަލެއް، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން، މިރަށު، މަނަދޫ މަސްވެރިން މިހާރު މަސް ވިއްކާ އަގު، މީގެކުރީގައި، ކިލޯ ހަމަނުވާ މަހަކަށް ފަސް ރުފިޔާ، އެންމެ ބޮޑުވެގެން ތިޔަބޭފުޅުންނަށް ލިބިވަޑައިގެންފައިވާނީ. މިއަދު ފެލިވަރަށް އައިސްނާޅާ ނުވަ ރުފިޔާއަށް ކިލޯއެއް ގަންނާނެ. އައިސްއާއެކު ބާރަ ރުފިޔާއަށް ކިލޯއެއް ވިއްކޭނެ. ތިޔަބޭފުޅުން މިއަދު ކަންނެލި ކިލޯއެއް ވިއްކާ އަގު އެއީ ސަތޭކަދިހަރުފިޔާ. މިއަދު ބާނާ ފަސްޓަނަކީ، އިއްޔެ ބޭނި ފަނަރަ ޓަން. މިއަދު ފަސް ޓަނު މަސް ބާނައިގެން، މަސްވެރިޔާއަށް ލިބޭ އާމްދަނީ، ކުރީ މިދިޔަ އަހަރު، އަދި 2008 ވަނަ އަހަރު ބޭނި ފަނަރަ ޓަނެކޭ އެއްހަމަވާނެ.

އަޅުގަނޑެއް ދަންނަވާކަށް ނުޖެހޭ، މިކަންކަން ހިންގީކީއެއް އަޅުގަނޑުމެންނެކޭ. މަނަދޫ ބަނދަރު ހަދަނީވެސް އަޅުގަނޑުމެންނެއް ނޫން. މަނަދޫގައި ފްލެޓް އަޅަނީކީވެސް ސަރުކާރަކުންނެއް ނޫން. ހިންނަވަރު ހިއްކީވެސް މި ސަރުކާރަކުންނެއް ނޫން. ވެލިދޫ ހިއްކީވެސް މި ސަރުކާރަކުންނެއް ނޫން. ކުޅުދުއްފުށި ހިއްކީވެސް، ދިއްދޫ ހިއްކީވެސް މި ސަރުކާރަކުންނެއް ނޫން. ތިމަރަފުށި ހިއްކަނީވެސް މި ސަރުކާރަކުންނެއް ނޫން. މި ސަރުކާރަކުންނެއް ނޫން މަދަނައިގެ އެހީތެރިކަން ފޯރުކޮށްދެނީވެސް. މި ސަރުކާރަކުންނެއް ނޫން އެކަނިވެރި މައިންނަށްދޭ ތަކެތި ދެނީވެސް. އަޅުގަނޑުމެންނެއް ބޭނުމެއް ނޫން، ނަންވާކަށް. އަޅުގަނޑުމެން ބޭނުންވަނީ ހަމައެކަނި މިކަންވާން.

އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް. އަޅުގަނޑުމެންގެ ހަމައެކަނި އަމާޒަކީ، ތިޔަބޭފުޅުންނަށް އެކަން ސާފުވާން. 65 އަހަރުން މަތީގެ މީހާއާއި، އެކަނިވެރި މަންމައާއި އަދި ޔަތީމު ކުއްޖާއާއި، މަދަނައިގެ އެހީތެރިކަން ލިބޭ މީހާއަކީ އަޑުގަދަ މީހުންނެއް ނޫން. އެމީހުންގެ ރުކެއްވެސް ގިނައެއް ނުވާނެ. އެހެންވީމާ، އެމީހުން ދައްކާ ވާހަކައެއް އަޅުގަނޑުމެންނަކަށް އަޑެއްވެސް ނީވޭނެ. އަޅުގަނޑުމެންނަށް ހައްތަހާވެސް އަޑު އިވޭނީ، ޒަމާނުއްސުރެ ފަށައިގެން، ނަލަކޮށްފައި ތިބި، ކޮންމެ ރަށެއްގައި އެވިދާޅުވާ ހައެއްކަ މީހުން. މިއީ އެ ސަރުކާރެއް ނޫން. އެ ހަމީހުންގެ އަޑު އަހާކަށް އަޅުގަނޑު ނޫޅެން. އަޅުގަނޑު ދަންނަން، ރައްޔިތުންގެ އަޑުއަހާ ގޮތް. އެއަށް ކިޔަނީ ޑިމޮކްރަސީ. ސީދާ ރައްޔިތުންގެ ފަރާތުން، ސީދާ ރައްޔިތުންނަށްޓަކައި، ރައްޔިތުންގެ އިޚްލާޞްތަކާ އެއްގޮތަށް، މިރަށުގެ، މި ރާއްޖޭގެ ކަންކަން ނިންމޭނޭ އިންތިޒާމެއް، ނިޒާމެއް ހޯދުން.

ލާމަރްކަޒީގެ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. ފެބްރުއަރީ 5 ވަނަ ދުވަހު ތިޔަބޭފުޅުން ބިންގާ ތިއަޅުއްވަނީ، މި މަނަދޫގެ ތަރައްޤީގެ އެންމެ މުހިންމު ބިނާ. އެއަށްވުރެ މުހިންމު ކަމެއް، އެއަށްވުރެ ބޭނުންތެރި ކަމެއް، އަޅުގަނޑުމެންނަކަށް މަނަދޫގެ ޙަޔާތުގައެއް ނުކުރެވޭނެ. ލާމަރްކަޒީ އުޞޫލު، ޠާރިޤު ފާހަގަކުރައްވައިފި، އެއީކީ އެހެން ބައެއްގެ ވާހަކައެއް ނޫނޭ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވާހަކައެކޭ. ޤާނޫނުއަސާސީ އިޞްލާޙް ކުރަމުން އައިއިރުގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ކަނޑައެޅުނުއިރު، އެއަކު ނެތް، ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގާ ވާހަކައެއް. ލާމަރްކަޒީ އުޞޫލުން ކަންކަން ހިންގާ ބާބު، 8 ވަނަ ބާބު އެއީ މާފަހުން، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ ހުށަހެޅުމެއް. މިއަދު އަޅުގަނޑުމެން ދިރުން މިގެންނަނީ، މިދެންނެވި ހުށަހެޅުމަށް، 8 ވަނަ ބާބަށް. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގައި އަދި ސަރުކާރުގެ ސިޔާސަތު، މިތަންތަނުގައި ތަންފީޛު ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑުމެން ނޫން ބަޔަކަށް، މި އުޞޫލުގެ ވާހަކަ ދައްކާކަށް ނޭނގޭކަމީ އެއީ، ޢަޖައިބެއް ނޫން. ތިޔަބޭފުޅުން، ވާދަވެރި ކެންޑިޑޭޓުން ގާތުގައި އައްސަވާ، ކައުންސިލް އޮންނަނީ ކިހިނެއްތޯ؟ ކޮންތާކުތޯ އެތާ ގޮނޑިތައް ބަހައްޓާފައި ހުންނަނީ؟ ކޮން މޭޒެއްގެ ވަށައިގެންތޯ އިށީންނަނީ؟ އިށީނދެ ތިބެ އަދި ކުރާން އޮތް ކަންތައް ދޫކޮށްލައްވާ. ހަމަގައިމުވެސް ޤައުމީ ދިފާޢު ނެގެހެއްޓުމެއް ނޫން. އެއީ، އަޅުގަނޑު ކުރާ ކަމެއް. އެކަމެއް ދުލެއްވެސް ނުކުރެވޭނެ. އެއީ، އަޅުގަނޑު ކުރާނެ ކަމެއް. އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީ ހޯދުމަށްޓަކައި ހިންގާންޖެހޭ ވަކި ޚާއްޞަ ކަންތައްތަކެއް އެބަހުރި. އެކަންތައްތައް ހިންގުމަށްޓަކައި އަޅުގަނޑުމެން އަބަދުމެ އިރާދަކުރެއްވިއްޔާ ގެންދާނީ މަސައްކަތް ކުރަމުން. މި ސަރުކާރަކީ، ޤައުމިއްޔަތެއް ބިނާކުރަން، މުޅިން އާ ޤައުމިއްޔަތެއް ބިނާކުރަން ނުކުތް ސަރުކާރެއް.

މި ރާއްޖެ ފިޔަވައި އިސްލާމީ އުންމަތުގައި ނޯންނާނެ ޤައުމެއް، ދީނީ ދަންނަ ބޭކަލުންނަށް ހެޔޮލަފާ ނަޞޭޙަތް ދެވޭނެ މިނިވަންކަން ލިބިފައިވާ އެހެން ޤައުމެއް. މިއީ އިސްލާމީ އުންމަތުގައި އޮތް ހަމައެކަނި މިނިވަން ޤައުމު. ދަންނަ ބޭކަލުންނަށް ނަޞޭޙަތް ދިނުމުގެ ހުއްދަ، ނަޞޭޙަތް ދިނުމުގެ ފުޅާ ދާއިރާގެ މިނިވަންކަން ލިބިފައިވާ ޤައުމު. މިނޫން ތަނެއްގައެއް އެކަމެއް ނުހިނގާ. އެހެން ހުރިހާ ޤައުމެއްގައިވެސް، ދަންނަ ބޭކަލުން ގެންގޮސް ކުރާނީ ހައްޔަރު. އެމީހުންގެ ތުނބުޅި ބާލާނެ. އެމީހުން އަނދަގޮނޑި ޖަހާނެ. އެމީހުން ބިޑި އަޅުވާނެ. އަދި އިންތިހާއަށް ގޮސްފައިވާ ތަންތަނުގައި އެމީހުން ކަނޑައެޅިގެން މަރާވެސްލާނެ.

އަޅުގަނޑުމެން ވަޢުދުވީ، ދީނީ ކަންކަން އަޅުގަނޑުމެން ޙަވާލުކުރާނީ ދީނީ ދަންނަ ބޭކަލުންނާއޭ. އަޅުގަނޑުމެން އެމީހުންގެ މިނިވަންކަން ދަމަހައްޓައިދޭނަމޭ. އެމީހުންގެ ސަލާމަތްކަން ހޯދައިދޭނަމޭ. މިއަދު އަޅުގަނޑުމެންގެ ދަންނަ ބޭކަލުން، ވަޢުޡު ބުނުމާއި، އަދި ބައެއްފަހަރަށް ސިޔާސީ ވާހަކަ ދެއްކޭތޯ ބައްލަވަމުން އެއޮއް ގެންދަވަނީ. ބައެއްފަހަރަށް އޮޅޭނެ. އަނެއްބައި ފަހަރަށް ވެއްޓޭނެ. ބަތްކަންޏާ ހުންނަ ހުންނަ، ފަހުން އަދި އިރާދަކުރެއްވިއްޔާ، ބޮޑުވާނެ.

އަޅުގަނޑުމެންގެ ހައްތަހާވެސް އަމާޒަކީ، މިނޫން ގޮތެއް އަޅުގަނޑުމެން ހޯދުން. މިރަށުގައި އަޅުގަނޑުމެން ފްލެޓުވެސް އަޅާނެ. މިރަށުގެ ރައްޔިތުންނަށް ސާފު ބޯފެން އަޅުގަނޑުމެން ހޯދައިދޭނަން، އަޅުގަނޑުމެންގެ ތިންއަހަރުގެ ތެރޭގައި. މިރަށުގެ މަގުތައްވެސް އަޅުގަނޑުމެން ހަދާނަން. މިރަށް އަޅުގަނޑުމެން ބަދަލުކުރާނަން. މިރަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތަރައްޤީ ކުރާނެ.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުގެ ކުރިމަތީގައި، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والســّلام عليــكم.

_______________________