بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހީވާގި، ހިތްވަރުގަދަ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދިވެހި ދައުލަތުގެ ވެރިން. އަދި ވަކިން ޚާއްޞަކޮށް، ނޭކުރެންދޫ ވެރިންނާއި، ނޭކުރެންދޫ އެންމެ ރައްޔިތުން.

السّـلام عليـكم

މީގެ ދުވަސްކޮޅެއް ކުރީގައި، މީގެ ދެއަހަރެއްހާ ދުވަސް ކުރީގައި، އަޅުގަނޑާ ތިޔަބޭފުޅުންނާ ހަމަ މިރަށުން ބައްދަލުވި. އެދުވަހު އަޅުގަނޑުމެން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދެންނެވިން، އަޅުގަނޑުމެންގެ ރާއްޖެ މިޞްރާބު ޖަހާފައި މިހުރީ ބަދަލާ ދިމާއަށޭ. އަޅުގަނޑުމެންގެ ރާއްޖެ މިދަނީ ބަދަލުވުމަށޭ. ދިގު ޒަމާންތަކެއް ވަންދެން މި ރާއްޖޭގައި ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުންނާއި އަދި އެ ވެރިކަން ކުރައްވަމުން ގެންދެވި ގޮތް މިދަނީ ބަދަލުވުމަށޭ. އެދުވަހު އަޅުގަނޑުމެން ތިބީ، ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. އެދުވަހު އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ރައްޔިތުންނަށް އޮތް ކިތަންމެ ގޮތެއް ޚިޔާރު ކުރެވެން. ރައްޔިތުންނަށް އޮތް، ހަމަ އެ ހިނގާ މަގުގައި، އެދިޔަ ގޮތަށް ދެވެންވެސް. ރައްޔިތުންނަށް އޮތް، އެހެން ގޮތެއް ހޯދައި، އެހެން ދިވެހިރާއްޖެއެއްގެ އުންމީދު ކުރެވެންވެސް. ރައްޔިތުން ނިންމީ، ރައްޔިތުން ޚިޔާރުކުރީ، މުޅިން އެހެން ގޮތެއް، މުޅިން އާ ގޮތެއް، އެހެން ދިވެހިރާއްޖެއެއް ހޯދުމަށް.

ޕާޓީގެ ފަރާތުން ރާއްޖޭގެ ރަށްރަށަށް ޒިޔާރަތް ކުރިން. ދޮރުން ދޮރަށް ހިނގައި، ގެއިން ގެއަށް ގޮސް، އެތައް ބަޔަކާ ބައްދަލުވެ، ކިތަންމެ ބަޔަކާ މަޝްވަރާކޮށް، ނުހަނު ގިނަ ޚިޔާލު، ޕާޓީއަށް އޮތީ ލިބިފައި. ރާއްޖޭގެ ރައްޔިތުންގެ އަޑު ޕާޓީ އެހި. ޕާޓީއަށް އިވުނު އަޑު ފުރޭނިގެން އައިސް، އޭގެ މަދުގެ ގޮތުގައި ހިމެނިގެން އައީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށްވީ ވަޢުދުތައް. ވަޢުދެއްވުމުގެ ބޭނުމަކީ، އަމާޒެއް ހިފުން. މަޤްޞަދެއް އޮތުން، ކަމެއް ކުރުމަށް ނިޔަތްގަތުން. އަދި އެކަމަކަށް މިޞްރާބު ހިފުން، އެކަމެއް ކާމިޔާބު ކުރުމަށް ބޭނުންވާ ކަންކަން ޚިޔާރު ކުރުން.

އެމް.ޑީ.ޕީ ނޫން ޕާޓީއަކުން ވަޢުދެއް ނުވާނެ. އެމް.ޑީ.ޕީ އިން ވަޢުދުވާނީ. އެއީ، އެމް.ޑީ.ޕީ ގެ ސިޔާސީ ތަޞައްވުރެއް އޮވެގެން. ރާއްޖޭގެ ސިޔާސަތު އަދި ރާއްޖޭގެ ވެރިކަން އަދި ރާއްޖޭގެ ޤައުމިއްޔަތު، މުޅިން އެހެން މާނައެއްގައި، މުޅިން އާ ގޮތެއްގައި، ދިވެހި ރައްޔިތުން މިއަދު މިއެދޭ ގޮތުގައި، ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރަން ނުކުމެ ތިބި ބައެއް އަޅުގަނޑުމެންނަކީ. ރާއްޖޭގެ ޒުވާނުން އެދެނީ، ރާއްޖޭގެ ރައްޔިތުން އެދެނީ، ދިވެހި ޤައުމިއްޔަތު، އެންމެ ބޮޑަށް ގުޅިފައި ޖެހިފައި ހުންނަން ޖެހޭނެ އެއްކަމަކީ، ފަޤީރުކަން ނެތުމާއި، ޢާންމު ޙާލަތު ރަނގަޅުވުމާ.

އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން 2008 ވަނަ އަހަރު އަޅުގަނޑުމެން ބެލިއިރުގައި، ގިނަ ރައްޔިތުން، ބޭސްފަރުވާއަށްޓަކައިވެސް އެއް މަހުޖަނެއް ގާތުން، އަނެއް ސާދާގަރެއް ގާތުން، އަނެއް ވިޔަފާރިވެރިއެއް ގާތުން، ބުނެ ކިޔައި އާދޭސް ކުރަމުން ހިނގާން މިޖެހެނީ. ތިމަންނާގެ އެންމެ އާދައިގެ ކަންކަމަށް، ތިމަންނާ ބަރޯސާ ކުރަން ޖެހެނީ، ވިޔަފާރިވެރިންނަށް ކަމަށްވެފައި އަދި ކުރާންޖެހެނީ އާދޭސް ކަމަށްވާއިރުގައި، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް، ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރެވޭނެ ގޮތެއް ނޯންނާނެ. ޕާޓީއަށް ފާހަގަވި އެންމެ މުހިންމު އެއް ޙަޤީޤަތަކީ، މި ނޭކުރެންދޫގައިވެސް އާބާދީގެ ކޮންމެ ތިނަކުންކުރެ އެކަކީ ނިކަމެތި ފަޤީރެކޭ. އޭނާއަށް އޭނާގެ އާމްދަނީއަށް ރެޔާދުވާލަށް ފަނަރަ، ވިހި ރުފިޔާ ނުލިބޭ މީހެއް. އޭނާގެ ދަރިން މަދްރަސާއަށް ފޮނުވާއިރުގައި ބޭނުންވާނެ ފޮތް، ފަންސުރު، ގަލަމާއި، ޔުނިފޯމާއި، ބޫޓާއި، އިންޓަރވަލާ، މިހުރިހާ ތަކެއްޗަށް ނުކުޅެދޭ މީހެއް. އޭނާއަކީ އޭނާގެ ބޭސްފަރުވާއަށްވެސް، ދަރިންގެ ބޭސްފަރުވާއަށްވެސް އަދި އޭނާގެ މައިންބަފައިންނާއި، ކާފައާއި، ޢާއިލާގެ ހުރިހާ އެންމެންނަށްވެސް ނުކުޅެދޭ މީހެއް. އޭނާ އަތަކު ފައިސާއެއް ނެތް. އޭނާގެ ބޯހިޔާވަހިކަމެއްވެސް ނެތް. އޭނާއަކަށް އެއްތަނުން އަނެއްތަނަށް ހެލިފެލިވޭކަށްވެސް ނެތް. އޭނާއަށް ދިމާވާ ކޮންމެ ކުޑަކަމެއް، ޙަޤީޤަތުގައި ދެން އޭނާ ފަހަތަށް ގެންދަނީ، އޭނާގެ ޙަޔާތުގެ ދެބައިކުޅައެއްބަޔާ އެއްދަރަޖައަށް. އަރައިގަނެވޭނެ ހަމަ އެއްގޮތެއްވެސް ނެތް ނިކަމެއްޗެއް.

ނޭކުރެންދުއެއް ތަރައްޤީއެއް ނުވާނެ، ދަންނަވަންތޯ، ނޭކުރެން މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. އެއްވެސް ރަށެއް ތަރައްޤީއެއް ނުވާނެ. ތަރައްޤީވާން މިޖެހެނީ މީހާ، އަޅުގަނޑު، ނޭކުރެންދޫ މީހާ. އޭނާއަށް ހަމަ އިސްކޮޅަށް ނުތެދުވެވޭއިރު، އޭނާއަށް އޭނާގެ އެންމެ އާދައިގެ ކަންކަމަށް އެކެއް ކައިރިން، އަނެކެއް ކައިރިން ސަލާން ޖަހަމުންދާން ޖެހޭއިރު، އޭނާއަށް ރަށުގެ ތަރައްޤީއާއި، އޭނާގެ ތަރައްޤީއަށް ވިސްނޭނެ ގޮތެއް، މަސައްކަތް ކުރެވޭނެ ގޮތެއް ވަރަށް ދަތިވާނެ. މި ޕާޓީއަކީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ މިދެންނެވި ޙަޤީޤަތް ފާހަގަކޮށްގެން، ރާއްޖޭގެ ރައްޔިތުން، ފަޤީރުކަމުން އަރައިގަނެވޭނެ ޕްރޮގްރާމަކާއެކީގައި، ވަޢުދުވަމުން ވެރިކަމާ ޙަވާލުވި ޕާޓީއެއް. ޕާޓީގެ ވަޢުދަކީ، އިރާދަކުރެއްވިއްޔާ، ޕާޓީގެ ސަރުކާރެއްގައި، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ޖެހުން، އަޅުގަނޑުމެން ނައްތާލަދޭނަމޭ.

މަދަނަ އުފެދިގެންއައީ، މިދެންނެވި ހިސާބުން. އަޅުގަނޑުމެންނަށް މިއަދު ހިތްވަރު ލިބެނީ، އުފާވެރިކަން ލިބެނީ، މި ނޭކުރެންދޫގެ 187 ރައްޔިތަކު، މަދަނައިގައި ރަޖިސްޓްރީ ވެފައިވާތީވެ. އަދި މިދިޔަ އަހަރު ނޭކުރެންދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި ދެލައްކަ ސަތާރަހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީ. މިދެންނެވި ދެލައްކަ ސަތާރަހާސް ރުފިޔާއަކީ، އެއްވެސް ހާލެއްގައި، ނޭކުރެންދޫގެ ހެލްތް ސެންޓަރުގެ ކުލަލުމަށް ނުވަތަ އެތަނުގެ ކަރަންޓް ބިލް ދެއްކުމަށް، މިއިން އެއްވެސް ކަމަކަށް ހޭދަކުރެވުނު ފައިސާއެއް ނޫން. އެއީ، ހަމަ ސީދާ ނޭކުރެންދޫ މީހާއަށް ބޭނުންވެގެން، އޭނާގެ ބޭސްފަރުވާއަށްޓަކައި ކުރެވުނު ޚަރަދު. ތިޔަބޭފުޅުން ބައްލަވާ، 2008 ވަނަ އަހަރު ތީމުގޭ ވެލްފެއަރ ފަންޑުން މުޅި ޖުމްލަ 1200 މީހުންނަށް ޚަރަދު ކުރެވިފައެއް ނެތް. އޭގެތެރޭގައި، ނޭކުރެންދޫ މީހަކު ނުހިމެނޭ. އެއީ، ނޭކުރެންދޫގައި މާމޮޅު މީހެއް ނޫޅޭތީ. ނޭކުރެންދޫގައި މާ ގާތް މީހަކުވެސް ނެތީތީވެ. މާބޮޑު ގުޅުމެއް ހުރި މީހަކުވެސް ނެތީތީވެ. ޖެހިގެން އޮތް ވައިކަރަދޫގައި އެހެނެއް ނުވާނެ. ވަރަށް ގާތް ބޭފުޅުން ތިއްބަވާނެ. އެހެންވީމާ، ވައިކަރަދުއަށް ޚަރަދު ކުރެވިފައި ހުއްޓައި އަޅުގަނޑު ބައެއް ލިޔެކިޔުމުން ދުށް ހަނދާނެއްވޭ. މި ނޭކުރެންދޫގެ މީހަކަށް ދެކޮޅު ޓިކެޓާއި، 200 ޑޮލަރާ ލިބުނު ދެތިން މީހަކު ނުވާކަމެއް ނޭނގެ. އެހެން ނަމަވެސް، މީހަކަށް ކަމެއްވާގޮތަށް ވެފައި އޮއްވައެއް އަޅުގަނޑެއް ނުދެކެން.

އަޅުގަނޑުމެންގެ ބޭނުމަކީ، ނޭކުރެންދޫ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. މި ޕާޓީން އަބަދުވެސް މަސައްކަތް ކުރަމުންދާނީ، މިދެންނެވި މަގަށް. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި 2011 ވަނަ އަހަރުވެސް މަދަނައިގައި ރަޖިސްޓްރީ ވެފައިވާ ނޭކުރެންދޫ ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ރައްކާ ކުރެވިފައި އޮތީތީވެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުގެ އަމާޒަކީ، ނޭކުރެންދޫ ހުރިހާ ރައްޔިތުންނަށް މަދަނައިގެ ޚިދްމަތް ފޯރުކޮށްދިނުން. އިޖްތިމާޢީ ރައްކާތެރިކަން ލިއްބައިދިނުން.

ޕާޓީގެ ވަޢުދެއް އެއީ، ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ޕެންޝަނެއް ދިނުން. ޕާޓީ ދުށް، ދޮށީ ޢުމުރުގެ މީހުން އުޅެމުން އައި ޙާލު. އެމީހުންގެ އަތްފައިގައި ބާރުނެތި، އެމީހުންނަށް ދެން އިތުރަށް ދުނިޔޭގައި ކަމެއް ކުރެވެން ނެތް ދުވަހު، އަޅާލާނެ ބަޔަކުނެތި އަދި އެމީހުންގެ ދަރިންނަށްވެސް އެއީ ބޮޑު ތަކުލީފަކަށްވެ، ދެން ހެދޭނޭ އެއްގޮތެއްވެސްނެތި، ރުއްރުއްދަށުގައި، ގޮނޑުދޮށްތަކުގައި، ހޮޅުއަށިތަކުގައި އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެ ހުރި ތަނުގައި އެހުންނަ ކޮޅުފިލާގޮނޑީގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ ކާފަ ނުވަތަ މާމަ. ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި، އާމްދަނީ މަދު ކޮންމެ ދޮށީ ޢުމުރުގެ މީހަކަށް ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި ނޭކުރެންދޫ 68 ރައްޔިތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ނޭކުރެންދުއަށް ކޮންމެ މަހަކު އެއްލައްކަ ތިރީސްހާސް ރުފިޔާ، މިދެންނެވި ޕެންޝަންގެ ގޮތުގައި ދިނުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ޚަރަދު ކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. ނިކަމެތިންނަށް އެހީތެރިވެވޭނޭ އިންތިޒާމެއް، ނިޒާމެއް ހަމަޖައްސައިގެން ނޫނީ، އަޅާ ބޮޑު ޢިމާރާތަކުން، ކުރެވޭ ބޮޑު ބިނާއަކުންނެއް ނުކުންނާނެ ތަރައްޤީއެއް ނޯންނާނެ. ތަރައްޤީއަކީ އިންސާނާއަށްވާ ކަމެއް. ރަށަށްވާ ކަމެއް ނޫން އެއީކީއެއް. ތަރައްޤީވާނީ މީހާ. ތަރައްޤީއެއް ނުވާނެ ރަށެއް. އަޅުގަނޑުމެންނަށް ތަރައްޤީ މިނިފައި މިއޮންނަނީ، އެއީ ބޮޑި ހިލައިން މިނާ އެއްޗެއް ކަމަށް ހީވެފައި މިއޮންނަނީ. ކޮންކްރީޓުން މިނާ އެއްޗެއް ކަމަށް. އެއްގަމު ތޮށްޓެއް އަޅައި، ބޭރުތޮށި ބޮޑު ހިލައިން ބޮޑުކޮށް ޖައްސައި އުސްކޮށް އުފުލީމާ، މިސްކިތުގެ ވަށާ، ސަހަރާގައި ވަށާފާރު 8 ފޫޓަށް ނެގީމާ، އަޅުގަނޑުމެން ހީކުރަނީ އަދި ރަށުގެ މޫނުމަތި، ޖުމްހޫރީ ޕާކްހެން ތަރި ޖަހާފައި ހެދީމާ، އަޅުގަނޑުމެން މި ހީކުރަނީ، އެއީ ތަރައްޤީއޭ. އެތަނުގައި ނޫކުލަ ލާފައި، ދިދަ ޖެހީމާ، އަޅުގަނޑުމެންނަށް މި ސިފަވަނީ، މިއޮތީ ޢުމްރާނީ ތަރައްޤީއޭ. ދެން އަތޮޅުއޮފީހަށް އަރައި، އެތަނުގައި އެއަރކޮންޑިޝަން ބަހައްޓައި، ހޫނުފެންލީމާ އަދި އެސް.އެސް. އިން ހަދާފައި ހުންނަ ފާޚާނާތަށި ބެހެއްޓީމާ، އަޅުގަނޑުމެން ހީކުރަނީ މި މާބޮޑު ތަރައްޤީއެއް ގެނެވުނީއޭ. ނޫން، އެދަނީ ފަހަތަށް. އެ ގެންދެވެނީ ވިސްނުންވެސް ފަހަތަށް. އަޅުގަނޑު ދެންމެ ވައިކަރަދޫގައި ދެންނެވިން. އަބަދަކު ދުނިޔެއެއް ނުކެވޭނެއޭ މަކަރާ ޖަހައިގެނެއް. އަޅުގަނޑަށް ފެނޭ، ދުނިޔެ މަކަރާ ޖަހައިގެން ކާނެ ކަމަށް ވަރަށް އަރުވާޖަހާ ތިއްބަވާތަން. އެކަމަކު ޤަބޫލު ކުރައްވާ، ދުނިޔެއެއް ނުކެވޭނެ، މަކަރާ ޖަހައިގެންނެއް. އިންސާނީ ޠަބީޢަތް ހިނގަމުންދާނީ، ޤުދްރަތީ ރޭވުމަށް. ތަޤްދީރު ކުރެހި ޕްލޭނަށް. އަޅުގަނޑު އަބަދުވެސް ދަންނަވަން، މިތުރުންގެ ހިތަށް ދަތިކަން ގެނައި ކޮންމެ ރެޔެއް، ފިޠުރަޠުގެ އުޞޫލުން ޢަމްދުން ނިމިދާނީ ފަތިހަށޭ. ހަމަ ހައްތަހާވެސް ވާނީ ފަތިސް.

ހަމައެއާއެކީގައި އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން ޖެހޭނެ، އެހެންވީމާ، މި ނޭކުރެންދޫގެވެސް ތަރައްޤީގެ ނާރެސްއަކަށްވާންޖެހޭނީ، މިރަށުގެ މަދްރަސާއޭ. މިރަށުގެ ދަރިންނަށް، އަޅުގަނޑުމެންނަށް ރަނގަޅު ތަޢްލީމެއް ނުދެވޭނަމަ، ވެރިކަމެއް، އެއްވެސް ބާވަތުގެ އޮތުމުގެ މާނައެއްވެސް ނެތް. ވަކިމީހަކު ހުރި ކަމުގައި ހުރުން އަދި ދޫކޮށްލާ. ރައްޔިތުންގެ މައްޗަށް ވެރިވުމުގެ މާނައެއް ނެތް. ވެރިކަމޭ އަޅުގަނޑުމެން މިކިޔަނީ، އަޅުގަނޑު ތިޔަބޭފުޅުންގެ މައްޗަށް ވެރިވުން. އެކަން އަޅުގަނޑު ކުރުން. ތިޔަބޭފުޅުންގެ މައްޗަށް އަޅުގަނޑުވެރިވެ، އެކަން ކުރުމުގެ މާނައެއް، އަޅުގަނޑަކަށެއް ނުވިސްނޭ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ނުދެވޭނަމަ. ބަނދަރެއް ހަދަނީވެސް ދަރިންނަށް ކިޔަވއިދޭން. އޮޑިއެއް، ދޯންޏެއް ބަންނަނީވެސް ދަރިންނަށް ކިޔަވައިދޭން. ގެއެއް އަޅަނީވެސް ދަރިންނަށް ކިޔަވައިދޭން. ފިހާރައެއް ހަދަނީވެސް ދަރިންނަށް ކިޔަވައިދޭން. ދަނޑެއް ހައްދަނީވެސް ދަރިންނަށް ކިޔަވައިދޭން. އެނޫން އެހެން ކަމެއް، އަޅުގަނޑުމެންގެއެއް ނެތް. އަޅުގަނޑުމެން ހޯދާންވެގެން މިއުޅެނީ، އަޅުގަނޑުމެންގެ މުސްތަޤްބަލް.

އެހެންވީމާ، މިރަށުގެ މަދްރަސާއަށް އަޅާލުމަކީ އެންމެ މުހިންމު ކަންތައް. މިދިޔަ އަހަރު މިރަށުގެ ދަރިވަރުންގެ ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އެއްލައްކަ ތިރީސް ހަހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނުކަމީ، މި ސަރުކާރަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެއް. އޯ ލެވެލް ފީގެ ގޮތުގައި، ސާޅީސް އަށްހާހަށްވުރެ ގިނަ ރުފިޔާ ދެއްކުމުގެ ނަޞީބު، މި ސަރުކާރަށް ލިބުނުކަމީ، މި ސަރުކާރު އުފާވާ ކަމެއް. މި ޕާޓީއަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެން އެންމެންނަށް އިތުރަށް މަސައްކަތް ކުރުމަށް ހިތްވަރު ލިބޭ ކަމެއް. މިހާރު އެދަނީ އެއްދަންފަޅިއަށް ނޭކުރެންދޫ މަދްރަސާ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް. އެތަނުގައި ކްލާސްރޫމްތައް ބިނާކުރެވެމުން މިދަނީ. ދެން މި އެންމެ ކަންތައްތައް މިހެންވީމާ ނުކުތް ނަތީޖާ އަދި މާ ފޮނި، މާ ރަނގަޅު. ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ 5 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ހަދައިދޭނަމޭ. އަޅުގަނޑަށް އެނގޭ، މިއަހަރު އޯ ލެވެލްގައި އިމްތިޙާންގައި ބައިވެރިވެ، 5 މާއްދާއިން ފާސްނުވި ކުދިންގެ މައިންބަފައިންނަށް، ދެން މިއަދު ގެއްލިއްޖެކަން. މިއަދު ނިމިއްޖެކަން. ހޯދެން އޮތީ މާދަމާ. ހޯދެން އޮތީ އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލް. މިރަށުގައި 2009 ވަނަ އަހަރު އޯ ލެވެލް އިމްތިޙާންގައި ބައިވެރިވީ 35 ކުދިން. 5 މާއްދާއިން ފާސްވީ، އޭގެތެރެއިން 11 ޕަސެންޓް ކުދިން. 2010 ވަނަ އަހަރު 26 ކުދިން ބައިވެރިވެ، 38 ޕަސެންޓް، އޯ ލެވެލް އިމްތިޙާނުން ފާސްވި. ތިޔަބޭފުޅުން އެއީ، މިއަތޮޅުން އެންމެ ކުރިއަށް، އެންމެ ބާރަށްދިޔަ އެއްރަށް. އެހެން ނޫންނަމަ، އަޅުގަނޑެއް ނައިމުސް. އަޅުގަނޑު މިރަށަށް އައީ، ތިޔަބޭފުޅުންގެ މަދްރަސާ ރަނގަޅުވާތީ.

އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް، ސާދާކޮށް މިދަންނަވަނީ، ތިޔަބޭފުޅުންގެ މައްޗަށް ވެރިވެ ހުރުމުގެ މާނައެއް ނެތް، ތިޔަބޭފުޅުންގެ ދަރިންނަށް ނުކިޔެވެންޏަކާއެއް. އެކުދިން މަދްރަސާއިން ފާސް ނުވަންޏަކާއެއް. މިރަށުން ވަފްދު ހައްދަވާފައި އަޅުގަނޑާ ބައްދަލުކުރާ ބަޔަކުވެސް ދައްކާނީ، ނެރުގެ ފައިކަށީގެ ވާހަކަ. އެހެން ނޫނިއްޔާ، އެއްގަމު ތޮށީގެ ވާހަކަ. އެހެން ނޫނިއްޔާ، އެހެންވެސް ކޮންކްރީޓްގެ ކޮންމެވެސް ބިނާއެއްގެ ވާހަކަ. ޙަޤީޤީ ތަރައްޤީއަކީ އަޅުގަނޑުމެންގެ ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދިނުން.

އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންގެ އަބަދުވެސް މަސައްކަތަކަށްވާނީ، ނޭކުރެންދުއަށް މިއަދަށްވުރެ އުޖާލާ ދުވަހެއް ހޯދުން. ނޭކުރެންދޫގެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށާއި، އަދި މި ސަރަޙައްދުގެ އެންމެ ބޭފުޅުންނަށް ވަޒީފާގެ ފުރްޞަތުތައް ހޯދައިދިނުމަށް، ނޭކުރެންދޫގައި ޖަލެއް ޢިމާރާތް ކުރުމަށް އަށްޑިހަ މިލިއަން ރުފިޔާ ޚަރަދު ކުރުމަށްވަނީ ނިންމިފައި. އެ ޢިމާރާތުގެ ކުރެހުންތައް، އަޅުގަނޑު މިތަނަށް އައުމަށް ދަމުން ބަލައިލިއިރުގައި، ދެހަފްތާއެއް ތެރޭގައި، ކުރަހަން ފުރަތަމަ ދިން ފަރާތުން ޑިޒައިނަރ، ޑިޒައިން ކުރުން މަޑުވެގެން، އެހެން ބަޔަކާ ޙަވާލުވެ، އަޅުގަނޑަށް މިހާރު މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ދެހަފްތާއެއް ތެރޭގައި، އެ ޑިޒައިން ލިބޭނެ. ލިބުނީމާ އަދި އިތުރަށް އަޅުގަނޑުމެން ލަފާ ހޯދަން ޖެހޭނެ. އެއީ ރަނގަޅަށް ކުރަހާފައި އޮތް ކަމެއްތޯ. އެއަށްފަހު، އެ ޑިޒައިނާ އެއްގޮތަށް އެމަސައްކަތް ކުރުމަށް ބީލަން ހުޅުވޭނެ. އެ ބީލަން ކާމިޔާބުކުރާ ބަޔަކަށް މަސައްކަތް ޙަވާލުކުރެވޭނެ. މިއީ ބޮޑު މަސައްކަތެއް. ކުޑަ މަސައްކަތެއް ނޫން. ރާއްޖޭގެ ނިސްބަތުންވެސް ކުރެވޭ ބޮޑު ޢިމާރާތެއް. ސަތޭކަ މިލިއަން ރުފިޔާއަށް، އެ ޢަދަދަށް ޚަރަދު ކޮށްގެން ކުރެވޭ ޢިމާރާތްތަކަކީ ބޮޑެތި ޢިމާރާތްތައް. އެހެންވީމާ، އަދި ހަމަ އެއާއެކީގައި، މިރަށުގެ އެންމެހާ ރައްޔިތުންނަށް ސާފުވާން އެބަޖެހޭ، މިކަމަށް ބޭނުންވާ ހުނަރާއި، ތަންދޮރުފިލާފައި ތިބި ރައްޔިތަކު، ރޯފިލާފައި ތިބި ޒުވާނުންތަކަކު އެބަ ނުކުންނާންޖެހޭ. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ނުކުންނަވަނީ، ޤައުމީ ތަރައްޤީގެ ވަރަށް ކުރީ ސަފަށް.

ސަރުކާރުގެ އަބަދުވެސް އޮތް، ނޭކުރެންދުއާ ގުޅޭ ވިސްނުމެއް. އެއީ، ޙަޤީޤަތުގައި ނޭކުރެންދޫ، ވައިކަރަދޫ، ކުމުންދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަމްފަރު، ހަނިމާދުއާއި އަދި ބާރަށް، ކެލައަށްވެސް، މި ތިލަދުންމަތީގެ މި ދުނިން އައިސް، މިއޮތް ރަށްތަކަކީ، އެނގިވަޑައިގަންނަވާނެ، އެމް.ޑީ.ޕީ.ގެ ތަޞައްވުރުގައި އެއް ސަރަޙައްދު ގޮތުގައި އަޅުގަނޑުމެން ދެކެން ބޭނުންވާ ސަރަޙައްދެއް. އެއީ، ސިޓީއެއްގެ ގޮތުގައި އަޅުގަނޑުމެން ކަނޑައަޅާން ބޭނުންވާ ސަރަޙައްދެއް. އަޅުގަނޑުމެންގެ 3 އަހަރުގެ ތެރޭގައި، މި ސަރަޙައްދުގައި ސިޓީއަކަށް ބޭނުންވާ އެންމެހާ ކަންކަން އިރާދަކުރެއްވިއްޔާ ފުރިހަމަކުރާނަން. މަތީ ތަޢްލީމް ދެވޭނެ ގޮތްވެސް. ފެނާއި ނަރުދަމާގެ ނިޒާމްވެސް. ދަތުރުފަތުރު ކުރުމުގެ ރަނގަޅު ނިޒާމަކުން ގުޅުވާލުންވެސް. ދެން އަދި ހަމައެހެންމެ، ވަޒީފާގެ ފުރްޞަތުތަކާއި ރަނގަޅު ތަޢްލީމުވެސް.

އަޅުގަނޑު ހިތާމަކުރަން، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންގެ ވަކީލުންނާއެކީގައި މަސައްކަތް ކުރުމުގެ ފުރްޞަތު، ތިޔަބޭފުޅުން ނުދެއްވާ އޮތީތީވެ. ތިޔަބޭފުޅުންނަށް އެހެން ގޮތެއް، މާ ރަނގަޅުކަމުން، މީގެކުރީގައި ދެކިވަޑައިގަތީތީވެ، އަޅުގަނޑު ދެރަވޭ. އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާއެކުގައި މަސައްކަތް ކުރަން އަޅުގަނޑު ހަދަން ޖެހެނީ ކިހިނެއްބާއޭ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ތިޔަބޭފުޅުން އަޅުގަނޑާ ޙަވާލުކޮށްފައި މިއޮތީ އަމާނާތެއް. ތިޔަބޭފުޅުންގެ ޚަޒާނާ ބެލެހެއްޓުން. ދިވެހި ދައުލަތުގެ މާލިއްޔަތު، ދިވެހިރާއްޖޭގެ މުއްސަނދިކަން. އަޅުގަނޑު އަމާނާތާތެރިކަމާއެކީގައި، އިންޞާފާއެކީގައި ބަލަހައްޓަމުން ގެންދަން ޖެހޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ޚަޒާނާއިން އެންމެ ފައިސާ ފޮއްޗެއްގައިވެސް އަޅުގަނޑެއް އިރާދަކުރެއްވިއްޔަކާ ނުޖެހޭނެ. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި މަސައްކަތް ކުރުންވެސް ހުއްޓައެއްނުލާނަން.

އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކަށްވާނީ، އަބަދުވެސް ބޭނުމަކަށްވާނީ، މިރަށްތަކުގެ ތަރައްޤީ. މި ސަރުކާރު ދެމި މިއޮންނަނީ، އެންމެ ބޭނުމަކަށް. އެއީ ވަޢުދު ފުއްދުމަށް. ތިޔަބޭފުޅުންނަށް ޚިދްމަތް ކުރުމަށް.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________