بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދައުލަތުގެ ވެރިން އަދި ދެންވެސް ޙާޒިރުވެ ތިއްބެވި އެންމެ ބޭފުޅުން، ވަކިން ޚާއްޞަކޮށް، ވައިކަރަދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މީގެ ދެއަހަރެއް ކުރީގައި، އަޅުގަނޑު މިރަށު، ހަމަ މިތަނުގައި ދެންނެވިން، މި ރާއްޖެ މިއޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެންނަށް އެދުވަހު އޮތޭ، ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. އަޅުގަނޑުމެންނަށް އެދުވަހު އޮތޭ، މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް ހޯދެން. އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ނިންމީ، އެ ރައްޔިތުން އެދެނީ، އެހެން ގޮތެއްކަން، އެހެން ދިވެހިރާއްޖެއެއްކަން. ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތަކަކީ، މިދެންނެވި އަނެއްގޮތް، އެހެން ދިވެހިރާއްޖެ، އަޅުގަނޑުމެން ދެކުމަށްޓަކައި، އެ ހޯދުމަށްޓަކައި، ޕާޓީން ރައްޔިތުންނަށް ވެފައިވާ ވަޢުދު. ޕާޓީގެ ފަރާތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ޒިޔާރަތްކުރި. ދޮރުން ދޮރަށް ހިނގި. ގެއިން ގެއަށް ގޮސް، ކިތަންމެ ބަޔަކާ ވާހަކަ ދައްކައި، މަޝްވަރާކޮށް ހެދި. ޕާޓީ، ރާއްޖޭގެ ރައްޔިތުންގެ އަޑުއެހި. މިހާރުވެސް އަހާ. ކުރިއަށް އޮތް ތަނުގައިވެސް އަހާނެ.

ޕާޓީއަށް އިވުނު އަޑުތަކުގެ ޙަޤީޤަތް، ކިތަންމެހާވެސް ހިތާމަވެރި. މި ވައިކަރަދޫގެވެސް ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ، ކޮންމެ ތިންމީހުންކުރެ އެކަކީ، ރެޔާ ދުވާލުގެ އާމްދަނީއެއްގެ ގޮތުގައި، އެމީހުންނަށް ފަނަރަ ވިހި ރުފިޔާ ނުލިބޭ ނިކަމެތިން. އެމީހުންގެ ޢާންމު ބޭނުންތައް ފުއްދުމަށްޓަކައި، އަބަދުވެސް އެހެން ބަޔަކަށް ބަރޯސާކޮށް، އެހެން ތަނަކުން އެއްޗެއް ލިބިގެން ނޫނިއްޔާ، ހަމަ އިސްކޮޅަށް ކޮޅަށް ނުތެދުވެއެއް، ރައްޔިތެއްގެ ގޮތުގައި ފާހަގަވެފައި ތިބި މީހުން، މާބޮޑަށް ގިނައީ. އ.ދ. އެބުނާ ބަހުންނަމަ، ހައިހޫނުކަމުގެ ރޮނގުން ތިރީގައި ތިބި ވައިކަރަދޫ ރައްޔިތުންގެ ޢަދަދު މާގިނަ.

ރަށެއް ތަރައްޤީއެއް ނުކުރެވޭނެ، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތި ފަޤީރުންގެ ގޮތުގައި ތިބިހާ ހިނދަކު. އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެން ބަދަލުކުރާން ވެއްޖެނަމަ، އަޅުގަނޑުމެންގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދޭން އެބަޖެހޭ. ތަރައްޤީވާން މިޖެހެނީ ވައިކަރަދުއެއް ނޫން. ތަރައްޤީވާން ޖެހެނީ، ވައިކަރަދޫ މީހާ. ބަދަލުވާން ޖެހެނީ، ވައިކަރަދޫ ރައްޔިތު. ޕާޓީގެ ވަޢުދަކީ، އެމީހާ ތަރައްޤީ ކުރުމަށް، އެމީހާގެ އާމްދަނީ އިތުރު ކުރުމަށް، އެމީހާއަށް އިޖްތިމާޢީ ރައްކާތެރިކަމެއް ފޯރުކޮށްދިނުމަށް، އެމީހާ މުއްސަނދި ކުރުމަށް، ޕާޓީން ވެފައިވާ ވަޢުދު. އެމް.ޑީ.ޕީ ނޫން ޕާޓީއަކުންނެއް ވަޢުދެއް ނުވާނެ. އެހެންވީމާ، ޕާޓީ ވަޢުދެއް ފުއްދޭކަށްވެސް ނުމެއޮންނާނެ. ވަޢުދެއް ވެގެން ނޫނިއްޔާ، ވަޢުދެއް ނުފުއްދޭނެ. ވަޢުދެއްވުމުގެ އެންމެބޮޑު ބޭނުމަކީ، އަމާޒެއް ހިފުން. މީޒާނެއް ނެގުން. ދާނެ ތަނެއް ހޯދުން. މަޤްޞަދެއް ކަނޑައެޅުން. ކަން ކުރާންވީ ގޮތެއް ބަޔާންކުރުން. ކުރާން މިއުޅޭ ކަމެއްވެސް ސާފުކުރުން. ވަޢުދެއްވެގެން ނޫނިއްޔާ، ރައްޔިތުންނަށް ޚިދްމަތް ކުރެވޭނެ ގޮތެއް ދަތިވާނެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ރައްޔިތުންނަށްވީ އެއް ވަޢުދަކީ، އިރާދަކުރެއްވިއްޔާ، އެ ޕާޓީގެ ސަރުކާރެއްގައި، ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން ނައްތާލަދޭނަމޭ. މަދަނައިގެ ވިއުގަ ވަރުގަދަވެގެން އައީ، މިދެންނެވި ހިސާބުން. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑަށް މިއަދު އުފާވެރިކަން ލިބެނީ، މި ވައިކަރަދޫގެ 375 ރައްޔިތަކު، މަދަނައިގައި ރަޖިސްޓްރީ ވެފައިވާތީވެ. އަދި މިދިޔަ އަހަރު ވައިކަރަދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި ހަލައްކަ އަށްޑިހަ ފަސްހާހަށްވުރެ ގިނަ ރުފިޔާ، ވައިކަރަދޫ ރައްޔިތުންނަށް ދިނުމުގެ ފުރްޞަތު، މިސަރުކާރަށް ލިބިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑު މިދެންނެވި ހަލައްކަ އަށްޑިހަ ފަސްހާސްރުފިޔާއަކީ، އެއްވެސް ހާލެއްގައި މިތާ ހެލްތް ސެންޓަރު ބިނާކުރުމަށް ނުވަތަ އެތަނުގެ މީހުންނަށް މުސާރަ ދިނުމަށް، އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް ކުރެވުނު ޚަރަދެއް ނޫން. ހަމަ ސީދާ ވައިކަރަދޫ ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދިނުމަށްޓަކައި، ބޭސް ސިޓީއަށް ބޭސް ގަންދިނުމަށްޓަކައި ކުރެވުނު ޚަރަދު.

މީގެކުރީގައި، 2008 ވަނަ އަހަރު މިސާލަކަށް، ތީމުގޭ ވެލްފެއަރ ފަންޑުން މުޅި ޖުމްލަ ޚަރަދު ކުރެވިފައި އޮތީ 1200 މީހުންނަށް. އޭގެތެރޭގައި، ވައިކަރަދޫ ބޭފުޅުންކޮޅެއް ނުވާނެއެކޭ ނުދެންނެވޭނެ. އެހެން ނަމަވެސް، ރާއްޖޭގެ ނިސްބަތުން، ވައިކަރަދުއަށް ތީމުގޭގެ ވެލްފެއަރ ފަންޑުން ވެފައި އޮތް އެހީ، ވައިކަރަދޫގެ ހައެއްކަ ރައްޔިތަކަށް ނުވަތަ ދިހަވަރަކަށް ރައްޔިތަކަށް ވެފައި އޮތް އެހީ ފެންނާން އޮވެދާނެ. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، މިރަށުގެ އެންމެ ރައްޔިތުންނަށް އަތްފޯރާ ގޮތަށް، އުޞޫލެއްގެ ގޮތުން، މީގެކުރީގައި ދުވަހަކުވެސް ވައިކަރަދޫ ރައްޔިތުންގެ ބޭސްފަރުވާއަށް ޚަރަދު ނުކުރެވޭ މިންވަރަށް، މި ސަރުކާރަށް މިދިޔަ އަހަރު ޚަރަދު ކުރެވިފައި އޮތީތީވެ. ތިޔަބޭފުޅުންގެ ބޭސް ސިޓީއަށް ހަލައްކަ އަށްޑިހަ ފަސްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތީތީވެ. އަޅުގަނޑު ބައެއްފަހަރަށް އަހަން، މާލޭ ވިޔަފާރިވެރިން ގާތުގައި. އަދި ހަމަ މާލޭގައި ވިޔަފާރިކުރާ އަތޮޅުތަކުގެ ފުންނާބު އުސް ވިޔަފާރިވެރިން ގާތުގައިވެސް. މީގެކުރީގައި ބޭސް ސިޓީއަށް ސަލާންޖަހާ މިންވަރަށް، މިހާރުވެސް އެކަން ހިނގާތޯ. މާލޭ ވިޔަފާރިވެރިން ބުނަނީ، ނޫނެކޭ، މީގެކުރީގައި އެކަން ހިނގާވަރަށް މިހާރު ނުހިނގާ ކަމަށް. އަޅުގަނޑަށް ޔަޤީން، މި ވައިކަރަދޫގެ ވިޔަފާރިވެރިންނަށްވެސް، މިދެންނެވި ޙަޤީޤަތް ވަރަށް ރަނގަޅަށް ސާފުވާނެ. ޕާޓީގެ އަމާޒަކީ، ވައިކަރަދޫ ހުރިހާ ރައްޔިތުން، މަދަނައިގައި ރަޖިސްޓްރީވެ، ހުރިހާ ރައްޔިތުންނަށްވެސް އިޖްތިމާޢީ ރައްކާތެރިކަން ލިބުން.

ޕާޓީގެ އެހެން ވަޢުދަކީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ދެހާސް ރުފިޔާގެ ޕެންޝަނެއް ދިނުން. އަޅުގަނޑުމެން މިއަދު ހިތްހަމަޖެހެނީ، މި ވައިކަރަދޫގެ 94 ރައްޔިތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ލިބެމުންދާތާ މިވީ ދެއަހަރު. މި ވައިކަރަދުއަށް ކޮންމެ މަހަކު އެއްލައްކަ އަށްޑިހަ އަށްހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ، މިދެންނެވި އަސާސީ ޕެންޝަންގެ ގޮތުގައި ހޭދަކުރެވެމުންދާކަމުން. އެކަނިވެރި މައިންނަށް ކުރެވޭ ޚަރަދަކީ، ވަރަށް ބޭނުންތެރި ޚަރަދެއް. ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެހެން ކުރާންޖެހޭ ޚަރަދެއް. މި ވައިކަރަދޫގެ 24 ބޭފުޅަކަށް ދެލައްކަ ހަތަރުހާސް ރުފިޔާއަށްވުރެ ގިނައިން، މިދިޔަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި، ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، ވައިކަރަދޫ ނިކަމެތިންނަށް ގޮތެއް ހޯދައިދިނުން. ވަރަށްގިނަ ފަހަރަށް، އަބަދުވެސް އަޑު އިވޭނީ، ރުއް ގިނަވާނީ އަޑުގަދަ މީހުންގެ، ތަނަވަސް މީހުންގެ. މި ނިކަމެތިންގެ އަޑެއް، ގިނަފަހަރަކަށް ނީވޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑު މިވާހަކަތައް ދަންނަވަންދެން، ތިޔަބޭފުޅުންގެ ހިތްތަކުގައިވެސް ފާހަގަވެފައެއް ނޯންނާނެ، މިދިޔަ އަހަރު މި ވައިކަރަދޫގެ އިޖްތިމާޢީ ރައްކާތެރިކަމަށް، މި ސަރުކާރުން ޙަޤީޤަތުގައި ޚަރަދު ކޮށްފައިވާ ބޮޑު ޢަދަދު. އެއީ ދެބަނދަރަކަށްވުރެ ގިނަ ފައިސާ. އެ ޢަދަދު ޚަރަދު ކޮށްގެން، ވައިކަރަދޫ ރައްޔިތުންނަށް މި ސަރުކާރުން ކަމެއްކުރިކަމަކަށް ފާހަގަވެފައި އޮތް ކަމަކަށް، އަޅުގަނޑުމެންނަކަށް އެހެނަކުންނެއް އެނގޭކަށް ނޯވޭ. އެހެން ނަމަވެސް، އެއީކީއެއް އަޅުގަނޑު ކަންބޮޑުވާ ކަމެއް ނޫން. އަޅުގަނޑުމެންނަކީ، ނަންވާން އުޅޭ ބައެއް ނޫން. އަޅުގަނޑުމެންނަކީ ކަންކުރާން އުޅޭ ބައެއް. އަޅުގަނޑަށް އެނގޭ އެއްޗަކީ، ވައިކަރަދޫ އެކަނިވެރި މައިންނާއި، ދޮށީ ޢުމުރުގެ މީހުންނާއި، މަދަނައިގެ ދަށުން ބޭސްފަރުވާ ލިބުނު ފަރާތްތަކަށް، މިދިޔަ އަހަރު ކަންހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ވައިކަރަދޫ މީހާ ތަރައްޤީ ކުރުން. އެމީހާ ސަލާމަތް ކުރުން.

ތަރައްޤީއަށްޓަކައި، ތަރައްޤީ ކުރާން މިޖެހެނީ ވައިކަރަދުއެއް ނޫން. ވައިކަރަދޫ މީހާ. ތަންދޮރު އޮޅުންފިލާން މިޖެހެނީ ވައިކަރަދޫ މީހާއަށް. އެހެންވީމާ، ވައިކަރަދޫގެ މަދްރަސާ، އަބަދުވެސްވާނީ މިރަށުގެ ތަރައްޤީގެ ނާރެސްއަށް. މިދިޔަ އަހަރު މިރަށު މަދްރަސާގެ ފޮތް، ފަންސުރު، ގަލަން، މަދްރަސާ ދަރިވަރުންނަށް ހޯދުމަށްޓަކައި، އެއްލައްކަ ފަންސާސް ހަތަރުހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައިވީކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. ވައިކަރަދޫ ދަރިވަރުންނަށް ތަޢްލީމް، އިމްތިޙާންގައި ބައިވެރިވުމަށް ބޭނުންވާނެ ފޮތް، ފަންސުރު، ޤަލަން ހޯދުމަށްޓަކައި، ސާޅީސް ނުވަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމީ، މި ސަރުކާރަށް ނުހަނު އުފާވެރިކަން ލިބޭ ކަމެއް. އަދި މިދިޔަ އަހަރު ވައިކަރަދޫ މަދްރަސާގައި ނަމާދު ކޮޓަރިއެއް އަޅައި، ކުދިންނަށް ނަމާދުކުރެވޭގޮތް ހަދައިދެވުނުކަމީވެސް، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. މީގެ ނަތީޖާ އުޖާލާ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، ވައިކަރަދުއާ އަޅުވައި އަޅުގަނޑު ހިތްހަމަޖެހެއޭ ދަންނަވާކަށް ނުކެރެއޭ.

އަޅުގަނޑުމެންގެ ބޭނުމަކީ، ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދިނުން. ބަނދަރެއް ހަދަނީވެސް ދަރިންނަށް ކިޔަވައިދޭން. ދޯންޏެއް ބަންނަނީވެސް ދަރިންނަށް ކިޔަވައިދޭން. ވިޔަފާރިގެއެއް މިހަދަނީވެސް ދަރިންނަށް ކިޔަވައިދޭން. އަޅުގަނޑުމެންކުރާ ކޮންމެ ކަމެއް، އަޅުގަނޑުމެން މިކުރަނީ، ދަރިންނަށް ތަންދޮރު އޮޅުންފިލުވައިދޭން. އަޅުގަނޑުމެންގެ އަބަދުވެސް ބޭނުމަކީ، އަޅުގަނޑުމެންގެ މުސްތަޤްބަލް ހޯދުން. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު އެއްޗެއް އޮޅުންފިލުވައިދިނުން. އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެންނަށް އިއްޔެ މިއޮތީ ގެއްލިފައޭ. މިއަދު މިއޮއް މެންދުރުވަނީއޭ. ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ލިބެން އޮތީ މާދަމައޭ. އަޅުގަނޑުމެންގެ ދަރިންނޭ. އަޅުގަނޑަށް ސާފުވޭ، މިވައިކަރަދޫގައި ތަޢްލީމާ ނިޒާމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަރަށް ދެއުޅިއެއްނުވާ ވާހަކަ، އެބަ ދައްކަވަމުން ގެންދަވާ. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއްނުދީ، އަޅުގަނޑުމެން ތަހުޒީބުވާނެ ގޮތެއް، އަޅުގަނޑުމެން ތަރައްޤީވާނެ ގޮތެއް، އަޅުގަނޑުމެންގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް، ހަމަ ނޯންނާނެ. ޖާހިލުކަމުގެ ތެރެއަށް، އަޅުގަނޑުމެންގެ އަންނާން އޮތް ޖީލު ފުރޮޅާލުމަކީ، އެއަށްވުރެ ވަކި ބޮޑު ޖަރީމާއެއް އޮތް ކަމެއް ނޫން. އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ވިސްނެންޖެހޭނެ، ދަރިންނަށް ތަންދޮރު އޮޅުންނުފިލުވައިދީ، ދެން އަޅުގަނޑުމެން ކުރާން އޮތް އެހެން ކަމެއް ނޯންނާނެ. ދަރިންގެ ގޭގައި ބައިތިއްބައިގެންނެއް، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މިއެދޭ ބަދަލެއް ނުހޯދޭނެ. އެއްވެސް ބައެއްގެ ތެރޭގައި، ތަޢްލީމަށްވުރެ، ތަންދޮރު އެނގުމަށްވުރެ، ޖާހިލުކަމުން އަރައިގަތުމަށްވުރެ، ވަކި މުހިންމު، ވަކި ބޭނުންތެރި ކަމެއް، ކުރާން މަޖްބޫރު ކަމެއް ނޯންނާނެ.

އަޅުގަނޑުމެންނަކީ މުޅިން އެހެން ޤައުމިއްޔަތެއް ބިނާކުރުމަށް ނުކުމެ ތިބި ބައެއް. މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ޙައްޤާއި، ދިވެހި ޘަޤާފަތާއި އަދި މަދަނީ އަދި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އެއީ، މި ޤައުމިއްޔަތުގެ، އާ ޤައުމިއްޔަތުގެ އަސާސްތަކެއް. އަތުން ނުހިފޭ، އަތް ނުލެވޭ ޝިޢާރެއް ނޫން. ޅެމެއް، ފަރިއްސެއް، ކުލައެއް، މަލެއްވެސް ނޫން. މިއީ ޙަޤީޤީ ތަރައްޤީއާ ގުޅިފައި އޮތް ސީދާ ޤައުމިއްޔަތެއް. ސާފު ޤައުމިއްޔަތެއް. އަޅުގަނޑުމެންގެ އާމްދަނީ އިތުރުވެ، މުޅިން އެހެން ދިވެހިރާއްޖެއެއްގައި އޮންނާނެ އެހެން ޤައުމިއްޔަތެއް. ތިޔަބޭފުޅުން ބައްލަވާ، މިދުނިޔޭގައި އިސްލާމީ އުންމަތުގެ ޤައުމެއް، އިސްލާމީ ޤައުމެއް ނޯންނާނެ، ދިވެހިރާއްޖެ ފިޔަވައި، ދަންނަ ބޭކަލުންނަށް ހެޔޮލަފާ ނަޞޭޙަތް ދިނުމުގެ މިނިވަންކަން ލިބިގެންވާ. މި ރާއްޖެ ފިޔަވައި، އެހެން އެއްވެސް އިސްލާމީ ޤައުމެއްގައި، މި ރާއްޖޭގައި ދީނީ ދަންނަ ބޭކަލުން އެދެއްވާ ތަޤްރީރު ދެއްވާ ގޮތަށް ހުއްދަ އޮންނަ އެހެން އެއްވެސް ޤައުމެއް ނޯންނާނެ. ހިފާ ހައްޔަރު ކުރާނެ. ބިޑި އަޅުވާނެ، އަނދަގޮނޑި ޖަހާނެ. އޭންގަލަށް ނަގާނެ. މަރާވެސްލާނެ. އެކަން އެހެންއޮތީ، ޢަރަބި، އިސްލާމީ ހުރިހާ ޤައުމެއްގައިވެސް. ދަންނަ ބޭކަލުންނަށް އަނގަ ހުޅުވައި، ހެޔޮލަފާ ނަޞޭޙަތެއް ދެވެން، މިނިވަންކަމާއެކީގައި އޮތް ހަމައެކަނި އިސްލާމީ ޤައުމަކީ މި ޤައުމު، މި ދިވެހިރާއްޖެ. އެއީ އަޅުގަނޑުމެންގެ ފަޚްރަކީ.

އިސްލާމީ އުންމަތަށް މިސާލެއްގެ ގޮތުގައި އަޅުގަނޑުމެންވާންޖެހޭނެ. އަޅުގަނޑުމެންނަކަށް ބޯދާކަމުގެ ތެރެއަކަށެއް، ޖާހިލު ކަމުގެ ތެރެއަކަށެއް ވެއްޓިއެއް ނުގަނެވޭނެ. އަޅުގަނޑުމެން ޖެހޭނީ، މުޅިން އައު މުސްތަޤްބަލެއް ހޯދަން. އަޅުގަނޑުމެން މިނުކުންނަނީ، މުޅިން އެހެން ޤައުމެއް ބިނާކުރަން. ތިޔަބޭފުޅުން ހަނދުމައިގައި ބަހައްޓަވާ، މީގެކުރީގައި ތިޔަބޭފުޅުން ސުންނަތަށް ނަމާދުކޮށްލީމާ، ވީގޮތް. އެގޮތުން ތިޔަބޭފުޅުން ސަލާމަތްކޮށްދިނީ، އެހެން ބައެއް ނޫން، އެމް.ޑީ.ޕީ. އެކަން މި ވައިކަރަދޫ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވަން ޖެހޭނެ. އަޅުގަނޑު ދަންނަ ރަށެއް މިއީ. ވަރަށް ސާފުކޮށް އަޅުގަނޑަށް އެނގޭ ރަށެއް މިއީ. ތިޔަބޭފުޅުންގެ ކިތައް ކިތައް ރައްޔިތުންތޯ، ހަފްތާއަކު އެއްފަހަރު ގެންގޮސް، ބިޑިއަޅުވާފައި، ޓިނު ގޮޅީގައި، ކުޑަ ގޮޅީގައި ބައިތިއްބާފައި ތިބެނީ. ކޮން ބައެއްތޯ، އެރައްޔިތުންގެ ޙައްޤުގައި ނުވަތަ އެ ރައްޔިތުންނާ ގުޅޭގޮތުން ވާހަކައެއް، އަޑެއް އުފުލީ. އެހެން މީހަކު ދަންނަވާނަމަ ދަންނަވާނީ މުނާފިޤުކަމޭ. އަޅުގަނޑެއް އެހެނެއް ނުދަންނަވާނަން. އެންމެ ދުވަހެއްވެސް ނޯންނާނެ، އަޅުގަނޑުމެންގެ ދީނީ ދަންނަ ބޭކަލުންނަށް، އަޅުގަނޑުމެންގެ ދަރިންނަށް ހެޔޮލަފާ ނަޞޭޙަތް ފުރްޞަތު ހޯދައިދިނުމަށްޓަކައި. މިއަދު ނުކުމެ ނަގޫ ގޮށްޖަހައިގެން ނުކުތީމާ، ދެން ތިޔަބޭފުޅުން ވިދާޅުވޭ، އަޅުގަނޑު ދަންނަވަންވީ ވާހަކައެއް. އަޅުގަނޑު ދަންނަވަންވީ، އެހެން އިތުރު އެއްވެސް ވާހަކައެއް، ތިޔަބޭފުޅުން ވިދާޅުވެބައްލަވާ. އިއްޔެގައި ހުރިހާ ބޭފުޅުން ކޮންތާކުތޯ ތިއްބެވީ. ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ދީނީ ދަންނަ ބޭކަލުން، ހުރިހާ ބޭފުޅުން، ވަގަށް ނޫން ގޮތަކަށް ތިޔަބޭފުޅުންނަށް ތުނބުޅި ބެހެއްޓުން، ކުރީގައި މަނާ. ސުންނަތަށް އުޅުން ތިޔަބޭފުޅުންނަށް މަނާ. ކޮންބައެއްތޯ ނުކުމެ، ތިޔަބޭފުޅުންނަށް އެ ސުންނަތް ހޯދައިދިނީ. އެ މިނިވަންކަން ހޯދައިދިނީ. ޝުކުރިއްޔާ.

މިއަދު އަނެއްކާވެސް އަޅުގަނޑުމެންނާ ދުރަށްޖެހި، މާ މޮޅު އެހެން ބައެއް ހޯއްދަވައިގެން ކުރިއަށް ވަޑައިގަންނަވާ. އާދެ! އެއީ ދުނިޔެ ދައްކާ ޙަޤީޤަތަކީ. ދުނިޔެ ކާނީ މަކަރާ ޖަހައިގެނޭ ވިދާޅުވެ، ކުރިއަކަށް ވަޑައެއްނުގެންނެވޭނެ. އެއީކީއެއް އިސްލާމީ ރިވެތި އުޞޫލެއްވެސް ނޫން. އަދި އެއީކީއެއް އިންސާނީ ރިވެތި އުޞޫލެއްވެސް ނޫން. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ވައިކަރަދޫ ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން، ކަންވީގޮތް ރަނގަޅަށް ވިސްނަވާށޭ. ދެން އަދި ވާންމިއުޅޭ ގޮތްވެސް ރަނގަޅަށް ވިސްނަވާށޭ. ވަށާޖެހޭ ތަޢްލީމަކީ، މިވެނި އެއްޗެކޭ ވިދާޅުވެ، އަނެއް ކަމަކީ، އަނެއް އެއްޗެކޭ ވިދާޅުވެ. ޢަރަބިއްޔާ ވެއްޓުނީ، މި ސަރުކާރަކު ނޫނޭ. އެތަނުގައި ޢިމާރާތެއް ނުކޮށް 30 އަހަރުވެފައި، އަޅުގަނޑުމެންނޭ އެތަނުގައި ޢިމާރާތެއް މިކުރަނީ. ބިނާއެއް މިހަދަނީ. އިތުރު ބައެއް ނޫނޭ އިނގޭތޯ. މި ސަރުކާރުން އިސްލާމްދީނުގެ ރިވެތި އުޞޫލުތައް، ދިވެހި ދަރިންނަށް ދަސްކޮށްދިނުމަށްޓަކައި، ފަހިކޮށްދީފައިވާ ފުރްޞަތުގެ ޒައްރެއްގެ މިންވަރުވެސް މިއަދު ތިޔަބޭފުޅުން ނަގޫ ގޮއް ޖައްސަވައިގެން ތިޔަ ތިއްބެވި ޑީ.އާރު.ޕީ އިން ކޮށްދެވިފައެއް ނުވާނެ. ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑަށްވެސް ހަމަ ފެންނަނީ، ދުނިޔެ. ތިޔަބޭފުޅުންނަށް، ބައެއް ބޭފުޅުންނަށް ހީވަނީ، މަކަރާ ޖަހައިގެން ކެވިދާނެ ކަމަށް. ދެން އެއީ އަޅުގަނޑު ގާތުގައި، ދީނީ ދަންނަ ބޭކަލުން ވަޑައިގެން، އިސްލާމީ ރިވެތި އުޞޫލު ކަމަށް ކިޔައިދެއްވަންޏާ، އަޅުގަނޑުމެންގެ ޒުވާނުންނަށް އަރާނެ އޮޅުން ވަރަށް ބޮޑުވާނެ. ވަރަށް ބޮޑުވާނެ.

އަޅުގަނޑުމެންގެ އޮތީ ހަމަ އެންމެ ބޭނުމެއް. އަޅުގަނޑުމެންގެ އޮތް ބޭނުމަކީ، މި ވައިކަރަދޫގެ ތަރައްޤީ. އަޅުގަނޑު ދަންނަ ރަށެއް މިއީ. ޒަމާންވީ ރަށެއް މިއީ. ރާއްޖޭގެ ރަށްވެރިކަމާއި ތަރައްޤީގައި އަރާ އޮތް ރަށެއް މިއީ. މިއަދު ތިޔަބޭފުޅުން ބާޠިލް ފަލްސަފާއެއްގެ ތެރޭގައި، މިރަށް ތިޔަ ގެންދަވަނީ، ދުވަހުން ދުވަހަށް ފަހަތަށް. އަޅުގަނޑުމެން އެދެނީ، ވައިކަރަދުއަށް ތަރައްޤީ. އަޅުގަނޑު ބޭނުމީ، ވައިކަރަދޫ ކުރިއަރައި ދިޔުން. މި ޕާޓީ ވުޖޫދަށް އައީ، ވައިކަރަދޫގެ ތަރައްޤީގެ ތަޞައްވުރަކާއެކީގައި. އަޅުގަނޑު އެންމެ ދަތުރެއްވެސް މާލެއިން ބޭރަށް ކޮށްފައެއް ނުވާނެ، އުތުރަށް، ވައިކަރަދުއަށް ނާރާ. އަޅުގަނޑުމެންގެ މުޅި ޕާޓީ ބިނާކުރުމުގައި، އަބަދުވެސް އައިސް އަޅުގަނޑުމެން ތިބި ތަނަކީ ވައިކަރަދޫ. އަޅުގަނޑުމެންގެ ރާއްޖެއަށް މިލިބުނު މިނިވަންކަމާއި، އަޅުގަނޑުމެންގެ ދީނީ ދަންނަ ބޭކަލުންނަށް މިލިބުނު ފުރްޞަތުތައް ހޯދައިދިނީކީއެއް، އިތުރު ބައެއް އިތުރު ގޮތެއް ހަދައިގެނެއް ނޫން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑު ދަންނަވާލަން ބޭނުން. އިރާދަކުރެއްވިއްޔާ، މިއަހަރުގެ ބަޖެޓްގައި އޮތީ، ވައިކަރަދޫގައި ނަރުދަމާ އެޅުމަށް ހިމަނާފައި. އެ ނަރުދަމާ، އަޅުގަނޑުމެން އަޅައިދޭނަން. މި ސަރުކާރުން އެކަން ކުރާނެ. ވައިކަރަދޫގެ ވަކީލުންގެ އެހީތެރިކަން ލިބޭނެ ކަމަކަށް ދެނެއްވެސް އަޅުގަނޑަކަށް ނުފެނޭ. އަދި ތިޔަބޭފުޅުން މިއަދުވެސް ތިޔަ ތިއްބެވި ގޮތް އަޅުގަނޑުމެންނަށް މިއަންނަނީ ސާފުވަމުން. އަޅުގަނޑަކަށް ދެންނެވޭނެ ވާހަކައެއް ނެތް. ހިތާމަ ކުރުން ނޫން ގޮތެއް، ޙަޤީޤަތުގައެއް ނެތް. އަޅުގަނޑުމެން އަބަދުވެސް އެދި ތިބީ، މި ދަނޑުވެރިކަމުގެ، މި ތަރައްޤީގެ، ޚާއްޞަކޮށް، ރަށްވެރި ތަރައްޤީގެ މުހިންމު ރަށާއެކީގައި، އަޅުގަނޑުމެންނަށް މި ރާއްޖޭގެ ތަރައްޤީގެ މަސައްކަތް ހިންގޭނެ ކަމަށް.

މި ރާއްޖޭގެ އުތުރުން، ދޮންބަންޑާރައިންގެ ނޫން ބޮޑުތަކުރުފާނުންގެ ފަނޑިޔާރު މަނިކުފާނަށްފަހު، ފުރަތަމަ ރާއްޖެއަށް، މާލެއަށް އުތުރުން ފަނޑިޔާރަކު ލިބިފައި އިރާދަކުރައްވައިގެން އެހުރީ މިރަށުން. އެއީ އަޅުގަނޑު އޮޅިގެން ކުރި ކަމެއް ނޫން. އެއީ އަޅުގަނޑު އޮޅިގެން ކުރި ކަމެއް ނޫން. އަޅުގަނޑަށް ވަރަށް ސާފުކޮށް، މި ރާއްޖޭގެ ޙަޤީޤަތްވެސް އަދި މިރަށުގެ ޙަޤީޤަތްވެސް އެނގޭ. އަޅުގަނޑު ވައިކަރަދޫގެ އެންމެ ރައްޔިތުންނަށް އެދެނީ، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް.

އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ކޮންމެ ގޮތަކަށް ތިޔަބޭފުޅުން ޢަމަލު ކުރެއްވި ނަމަވެސް، ފެބްރުއަރީ 5 ވަނަ ދުވަހު ބިންގާ މިއެޅެނީ، ވައިކަރަދޫގެ ތަރައްޤީއާ ގުޅޭ، ތަރައްޤީގެ އެންމެ މުހިންމު މުއައްސަސާ. ތިޔަބޭފުޅުން އެ ބިނާކުރުމުގައި، ކަން ކުރައްވާނެ މާމޮޅު ގޮތެއް ފެނިވަޑައިގަންނަވައިގެން، ކުރިއަށް ވަޑައިގަންނަވަން މިއަދު ނިންމަވާފައި އޮތީ ކަމަށްވަނީވިއްޔާ، އަޅުގަނޑު ދަންނަވާނީ، އެއީ ވައިކަރަދުއަށްވެސް ހިތާމަވެރި ދުވަހެކޭ. ތިލަދުންމައްޗަށްވެސް ހިތާމަވެރި ދުވަހެކޭ. މި ރާއްޖެއަށްވެސް ހިތާމަވެރި ދުވަހެކޭ. އަދި ޢަމްދުން އަޅުގަނޑު ވަރަށް ހިތާމަކުރާ ދުވަހެކޭ.

އަޅުގަނޑުގެ ދުޢާއަކީ، ވައިކަރަދޫ ރައްޔިތުންނަށް، މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________