بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ދައުލަތުގެ ވެރިން އަދި ވަކިން ޚާއްޞަކޮށް، މަކުނުދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ސަރުކާރު ހިންގުމާ ޙަވާލުވެ މިތިބީ، މިޕާޓީގައި ދިވެހިރާއްޖޭގެ ތަރައްޤީގެ ތަޞައްވުރެއް އެކުލަވާލައި، އެ ތަޞައްވުރު ތަންފީޛު ކުރުމަށްޓަކައި. ޕާޓީގެ ފަރާތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ދަތުރުކުރި. ގެއިން ގެއަށް، ދޮރުން ދޮރަށް ހިނގައި، ނުހަނު ގިނަ މަޝްވަރާތައް، އެކިއެކި ފަރާތްތަކާ ކުރެވުނު. ޕާޓީ، ރާއްޖޭގެ ރައްޔިތުންގެ އަޑުއެހި. ޕާޓީއަށް އިވުނު އަޑުތައް، ފަހުން އައިސް ފުރޭނި، އޭގެ ޢަރަޤުގެ ގޮތުގައި ހިމެނިފައި އެހުރީ، ޕާޓީގެ ފަރާތުން ރައްޔިތުންނަށްވާ ވަޢުދުތަކުގެ ގޮތުގައި. އެ ވަޢުދުތައް ފުއްދުމަށްޓަކައި ސަރުކާރު އެކުލަވައިލެވުނު. އަދި ސަރުކާރުގެ ސިޔާސަތު ކަނޑައެޅިފައި މިވަނީ، މިދެންނެވި ވަޢުދުތައް ފުއްދުމަށް. އެއަށްފަހު، ޤައުމީ ތަރައްޤީގެ އޮނިގަނޑު މިވަނީ، އެ ސިޔާސަތުތަކާއި ވަޢުދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައި. އަދި މިދިޔަ އަހަރު ޑިސެމްބަރުގައި މިވަނީ ދައުލަތުގެ ބަޖެޓް ފާސްކުރެވި، މިދެންނެވި ވަޢުދުތައް ފުއްދުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދެވެނޭ މަގުފަހިވެފައި.

ޕާޓީއަށް ފެނުނު ކިތަންމެ ޙަޤީޤަތެއް އެބަހުރި. އޭގެތެރޭގައި، ވަކިން ޚާއްޞަކޮށް، ފާހަގަވާ އެންމެ މުހިންމު އެއް ނުކުތާއަކީ، މި މަކުނުދޫގެވެސް ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ރައްޔިތުންނަކީ ނިކަމެތިންނޭ. އެމީހުންނަކީ އެމީހުންގެ އާމްދަނީއަށް ރެޔާދުވާލަށް ވިހި ފަނަރަ ރުފިޔާ ނުލިބޭ މީހުންނޭ. ރަށެއް ތަރައްޤީއެއް ނުވާނެ، އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަކީ، ނިކަމެތިންގެ ގޮތުގައިވާހާ ހިނދަކު. އަޅުގަނޑުމެން، ތިމަންނާ ކިތަންމެ މުއްސަނދިވިޔަސް، ތިމަންނާ ކިތަންމެ ތަނަވަސްވިޔަސް، ތިމަންނާގެ އަވަށްޓެރި، ތިމަންނާއާ ޖެހިގެންހުރި މީހުންނާއި، އޭނާގެ ދަރިން މަދްރަސާއަށް ފޮނުވަން ބޭނުންވާ ފޮތް، ފަންސުރު، ޤަލަމާއި، ޔުނިފޯމާއި ބޫޓް، އަދި އެހެންވެސް ސާމާނުނެތި، އޭނާއަށް ދަރިން ގެއަށް ނުފޮނުވި ހުންނައިރު، އަދި ހަމަ އޭނާއަށް އޭނާގެ ކާފަ ނުވަތަ މާމަ ނުވަތަ ބައްޕަ ނުވަތަ މަންމަ ބެލޭނެގޮތެއް ނެތްއިރު، އޭނާއަށް އޭނާގެ ބޭސްފަރުވާ ކުރެވޭނެ ގޮތެއްނެތް ހާލު، އޭނާގެ ބޯހިޔާވަހިކަމެއް، އޭނާއަށް ނުހޯދޭއިރު، އޭނާއަށް ވަޒީފާގެ ފުރްޞަތެއްވެސްނެތި، ތަޢްލީމުވެސް ލިބޭނެގޮތެއް އޭނާގެ ދަރިންނަށްވެސް ނެތިދާއިރު، ތިމަންނާ ކިތަންމެ މުއްސަންޖަސް، އަޅުގަނޑުމެންނަށް މިރަށެއް، މި ރާއްޖެއެއް ތަރައްޤީއެއް ނުކުރެވޭނެ.

ތަރައްޤީގެ އެންމެބޮޑު އެއް އަސާސަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ޤާއިމްވެފައި އޮތުން. ތަރައްޤީވާން މިޖެހެނީ، މީހާ، އިންސާނާ. ރަށެއް ނޫން. ތަރައްޤީވާން ޖެހެނީކީ މަކުނުދުއެއް ނޫން. ތަރައްޤީވާން ޖެހެނީ މަކުނުދޫ މީހާ. އޭނާއަށް ތަންދޮރުއޮޅުންފިލާން ޖެހެނީ. ޕާޓީގެ ފަރާތުން އެހެންވީމާ، އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވަޢުދުވި. ޕާޓީން ޚާއްޞަ ގޮތެއްގައި ފާހަގަކުރަމުން އައީ، ޕާޓީގެ ސަރުކާރެއްގައި، ބޭސް ސިޓީއަށް ރައްޔިތުން ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ނައްތާލަދޭނަމޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ހިސާބުން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މަކުނުދޫގެ 229 ރައްޔިތަކު މަދަނައިގައި ރަޖިސްޓްރީވެ، މިދިޔަ އަހަރު މަކުނުދޫ ރައްޔިތުންގެ ބޭސްފަރުވާއަށްޓަކައި ހަތަރުލައްކަ ސާޅީސް އަށްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

މިދެންނެވި ހަތަރުލައްކަ ސާޅީސް އަށްހާސް ރުފިޔާއަކީ، މިތަނުގެ ހެލްތް ސެންޓަރު ފުރިހަމަކުރުމަށް ޚަރަދު ކުރެވުނު ފައިސާއެއް ނޫން. އަދި އެހެންވެސް އެބާވަތުގެ ތަނެއް ހިންގުމަށް ޚަރަދު ކުރެވުނު ފައިސާއެއް ނޫން. އެއީ، ހަމަ ސީދާ މަކުނުދޫ ރައްޔިތުން ބޭސް ސިޓީއަށް، ބޭސް ހޯދައިދިނުމަށް ސަރުކާރުން ކުރެވުނު ޚަރަދު. ޕާޓީގެ އަމާޒަކީ، ސަރުކާރުގެ މަޤްޞަދަކީ، މުޅި މަކުނުދޫ ހުރިހާ ރައްޔިތުންވެސް، މަދަނައިގައި ރަޖިސްޓްރީވެ، އެ ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދްމަތްތައް، ފަސޭހައިން ލިބޭނެގޮތް ހަމަޖެއްސުން.

ޕާޓީގެ ދަތުރުތަކުންނާއި، ޕާޓީގެ އަޑުއެހުންތަކުން ޕާޓީއަށް ފާހަގަވެފައި އޮތް ކިތަންމެ ޙަޤީޤަތެއްގެ ތެރެއިން، ދޮށީ ޢުމުރުގެ މީހުން، މި ރާއްޖޭގައި 2008 ވަނަ އަހަރާ ޖެހެންދެންވެސް ދިރިއުޅެމުން އައި ހާލު، ގޮތް އަޅުގަނޑުމެންނަށް ވަނީ ސިފަވެފައި. ރަށްރަށުގައިވެސް ގޮނޑުދޮށްތަކުގައި، ހޮޅުއަށިތަކުގައި، ރުއްރުއްދަށުގައި އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުން އައިސް، ކުރީގައި ބަދިގެހުރި ތަނުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮއްވައި ގިނަފަހަރަށް މިފެންނަނީ، މާމަ ނުވަތަ ކާފަ. އަތްފައިގައި ބާރުދެރަވެ، އަތުން ފައިން އާމްދަނީ ހޯދޭނެ މަސައްކަތެއް ނެތް ދުވަހު، އެމީހުންނާ އަޅާލާނެ އެއްވެސް ބައެއްނެތި، އަދި އެމީހުންނަކީ، އެމީހުންގެ ދަރިންނަށްވެސް ބޮޑު ބުރައަކަށްވެ، އިޖްތިމާޢީ އެތައް މައްސަލައެއް، ގޭތެރޭގައިވެސް އުފެދި، ޙަސަދަވެރިކަމާއި ނަފްރަތާއި، ނޭއްގާނިކަން، ޢާއިލާތަކުގެ ތެރޭގައިވެސް އިތުރުވެގެން އައި މިންވަރު، ޕާޓީއަށް ސާފުވެފައި އޮތް. ޕާޓީގެ ވަޢުދަކަށްވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، އާމްދަނީ މަދުނަމަ، ދެހާސް ރުފިޔާގެ ޕެންޝަނެއް، ޕާޓީގެ ސަރުކާރުގައި ދޭނަމޭ. މިއަދު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި މަކުނުދޫގެ 73 ރައްޔިތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެމުންދާތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި މަކުނުދުއަށް މިދެންނެވި ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު އެއްލައްކަ ސާޅީސް ހަހާސް ރުފިޔާ ޚަރަދު ކުރުމުގެ ފަޚްރު، ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ކުރެވޭ ޚަރަދަކީ މުހިންމު ޚަރަދެއް. އެކަނިވެރި މައެއްގެ ގޮތުގައި ދެކުދިން، ތިންކުދިން، ހަތަރު ކުދިން ބަލަމުން އަންނަ މައިންނަށް، މިކަން އަޅުގަނޑަށް ޔަޤީން، ކަށަވަރު އިޙްސާސްވާނެ. އަދި ވަކިން ޚާއްޞަކޮށް، މި މަކުނުދޫގެ 50 ފަރާތަކަށް، އެކަނިވެރި މައިންގެ ގޮތުގައި ހިމެނި، ދެލައްކަ ނުވަދިހަ ތިންހާސް ރުފިޔާ، މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިދީފައި އޮތްކަމީ، މި ޕާޓީއަށް ލިބޭ ނުހަނު ބޮޑު ހިތްވަރެއް. އަޅުގަނޑުމެންނަށް ލިބޭ އުފާވެރިކަމެއް.

އަޅުގަނޑުމެންގެ ބޭނުމަކީ، މިރަށުގެ ތަރައްޤީ. އަޅުގަނޑުމެން ބޭނުމީ، މަކުނުދޫ ރައްޔިތުން މުއްސަނދިވާން. އަޅުގަނޑުމެން އެދެނީ، މަކުނުދޫ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ލިބި، އެ ރައްކާތެރިކަމުގެ ސަލާމަތުގައި، މަކުނުދޫ ރައްޔިތުންނަށް ތަރައްޤީވެވޭނޭ ފުރްޞަތުތަކެއް ހޯދައިދިނުން. ތަރައްޤީއަކީ މީހާ ތަރައްޤީވުމުންވާ ކަމެއް ކަމުން، އަބަދުވެސް ކޮންމެ ރަށެއްގައިވެސް އަދި ވަކިން ޚާއްޞަކޮށް، އެކަހެރިފުށި މަކުނުދޫފަދަ ރަށެއްގައި، ތަރައްޤީގެ ނާރެސްއަކަށް އަބަދުވެސްވާންޖެހޭނީ މިތަނުގެ މަދްރަސާ. މިދިޔަ އަހަރު، 2010 ވަނަ އަހަރު މަކުނުދޫ މަދްރަސާގެ ދަރިވަރުންނަށް، ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އެއްލައްކަ އަށްޑިހަ ހަހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބިފައި އޮތްކަމީ، މި ސަރުކާރަށް ލިބޭ އުފަލެއް. އަދި ހަމައެހެންމެ، އޯ ލެވެލް ފީގެ ގޮތުގައި، ސާޅީސް ހަތްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، ސަރުކާރަށް ލިބުނުކަމީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް މިމަސައްކަތުގައި ގިނަދުވަހު ދެމިތިބުމަށް އިތުބާރު ލިބޭ އެންމެބޮޑު އެއް ސަބަބު.

މަދްރަސާ ރަނގަޅުނުވާނަމަ، ދަރީންނަށް ރަނގަޅު ތަޢްލީމެއް ނުދެވޭނަމަ، އަޅުގަނޑުމެން މިކުރާ ހުރިހާ ކަމެއް މިއީ ބޭކާރު ކަމެއް. އަޅުގަނޑުމެން ދޯންޏެއް ބަންނަނީވެސް، ބަނދަރެއް ހަދަނީވެސް އަދި އެހެން ކަމެއް ކުރަނީވެސް ދަރިންނަށް ކިޔަވައިދޭން. ދަރިންނަށް ރަނގަޅު ތަޢްލީމެއް މަކުނުދޫގައި ނުދެވޭ ކަމަށްވަނީވިއްޔާ، ޙަޤީޤަތުގައި މިރަށް ކުރިއަށްދާނޭ ހަމަ، އަޅުގަނޑު ދަންނަވާނީ އެއްގޮތެއްވެސް ނޯންނާނެއޭ.

އަޅުގަނޑު މިހެން ދަންނަވާއިރުގައި، މަކުނުދޫގެ މިދިޔަ އަހަރުގެ ނަތީޖާއަކީ، އޭގެ ކުރީ އަހަރަށްވުރެ މާ ރަނގަޅު ނަތީޖާއެއް. އަޅުގަނޑު އެކަމަށްޓަކައި މަކުނުދޫގެ ހުރިހާ ދަރިވަރުންނަށާއި، ބެލެނިވެރިންނަށާއި، ސްކޫލް ހިންގާ ހުރިހާ ފަރާތަކަށް އަދި މިރަށުގެ އެންމެ ރައްޔިތުންނަށް ނުހަނު އަދަބުވެރިކަމާއެކު ޝުކުރު ދަންނަވަން. ސަރުކާރުގެ، ޕާޓީގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަދާނަމޭ. މަކުނުދޫގައި އެ ނިސްބަތް، އެ ޢަދަދަށް ނޭރިކަމުގައިވިޔަސްވެސް، ކުރީ އަހަރާ އަޅާބަލާއިރު، 8 އިންސައްތައިން މަކުނުދޫގެ ނަތީޖާ އޮތީ ރަނގަޅުވެފައި. ކުރީއަހަރު 23 ކެންޑިޑޭޓުން، 23 ކުއްޖަކު އިމްތިޙާންގައި ބައިވެރިވެ، އެ ބައިވެރިވި ކުދިންގެ ތެރެއިން 17 ޕަސެންޓް ކުދިން 5 މާއްދާއިން ފާސްވީ. މިއަހަރު 26 ކުދިން ބައިވެރިވެ، ބައިވެރިވި ކުދިންގެ ތެރެއިން 25 ކުދިން، 5 މާއްދާއިން ފާސްވި. އަދި އެންމެމަތިން މާކްސް، ނަތީޖާ ހޯދި ކުދިންތަކުގެ ތެރޭގައި، މަކުނުދޫ އެއް ކުއްޖެއްވާކަމީ، އަޅުގަނޑުމެންނަށް ނުހަނު ހިތްވަރު ލިބޭ ކަމެއް. ނުހަނު އުފާވެރިކަމާއި އަދި މަކުނުދޫގެ ތަރައްޤީއަށްޓަކައި އިތުރަށް އަޅުގަނޑުމެން މަސައްކަތް ކުރުމަށް ހިތްވަރު ލިބޭ އެންމެ މުހިންމު އެއް ސަބަބު.

2011 ވަނަ އަހަރުގެ ބަޖެޓްގައި، މަކުނުދޫގެ ބަނދަރު ހެދުންވަނީ ހިމެނިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މަކުނުދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ. ބަނދަރު ހަދާނެ ފަރާތެއް ހޯދުމުގެ ބީލަން، ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި، އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށްދާނެ. އަދި ހަމަ 2011 ވަނަ އަހަރު މަކުނުދޫގެ މިސްކިތެއް އެޅުމަށް މިވަނީ ސަރުކާރުން ބަޖެޓްކޮށްފައި. އިރާދަކުރެއްވިއްޔާ، އެހެންވީމާ، މިއަހަރުގެ ތެރޭގައި މަކުނުދޫގައި އެމަސައްކަތްވެސް ކުރިއަށްދާނެ.

މަކުނުދުއަކީ މި ސަރުކާރަށް އަދި މި ޕާޓީއަށް އަދި މި ރާއްޖެއަށް ވަރަށް މުހިންމު ރަށެއް. މަކުނުދުއަކީ މި ރާއްޖޭގެ އެންމެ ހުޅަނގަށް ވަކިން އަތޮޅެއްގެ ގޮތުގައި އޮންނަ ރަށެއް. މިރާއްޖޭގެ ޤުދްރަތީ، ސިޔާސީ ސަރަޙައްދު އަދި އިޤްތިޞާދީ ސަރަޙައްދުވެސް ރައްކާތެރި ކުރުމަށްޓަކައި މަކުނުދޫ އެއީ، ރާއްޖޭގެ ތަރައްޤީގައި މުހިންމު ދައުރެއް ކުޅޭ ރަށަކަށް ހެދުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އެއީ، އެމް.ޑީ.ޕީ.ގެ ތަޞައްވުރެއް. މި ޕާޓީން މަކުނުދޫ ތަރައްޤީ ކުރުމަށް މަޖުބޫރުވާ އެންމެބޮޑު ސަބަބަކީ، ރާއްޖޭގެ ތަރައްޤީއާއި، ރާއްޖޭގެ ސަލާމަތްތެރިކަން، ޙަޤީޤަތުގައި މަކުނުދޫގެ ތަރައްޤީއާ ގުޅިފައިވާތީ. ސަރުކާރު ހިންގުމާ އެމް.ޑީ.ޕީ ޙަވާލުވިފަހުން، ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން ބޮޑު ދެކުންފުންޏެއްވަނީ މަކުނުދޫގެ ބޮޑު ތަރައްޤީއަކާ ގުޅޭ ދެމަޝްރޫޢެއް ސަރުކާރަށް ހުށަހަޅާފައި. އޭގެތެރޭގައި، ޓްރާންސިޓް ބަނދަރެއް ހެދުމާއި، ޔުނިވަރސިޓީއެއް ޤާއިމް ކުރުމާއި އަދި މިފަދަ ބޮޑެތި ޕްރޮގްރާމްތައް ހިންގުމުގެ ޕްރޮޖެކްޓެއް ހިމެނޭ. މިހާރު ޕްލޭނިންގ ކޮމިޝަނުން ވަނީ އެ ޕްރޮޖެކްޓް، ކުރިއަށް ދެން އިތުރަށް ގެންދާނީ މަކުނުދޫގެ އަދި ހދ. އަތޮޅުގެ ލޯކަލް ކައުންސިލް، އަތޮޅު ކައުންސިލްގެ އިންތިޚާބަށްފަހުގައި ކަމަށް ނިންމިފައި. އެ އިންތިޚާބުގައި، ތިޔަބޭފުޅުން އެ މަޝްރޫޢުތަކާ އެކީގައި ކުރިއަށް ދިޔުމަށް ނޭދެނީނަމަ، ސަރުކާރަށް މަޖުބޫރުވާނީ، އެކަންކަން ދޫކޮށްލުމަށް. ސަރުކާރެއް ނޭދޭނެ، ރައްޔިތުން ނޭދޭ ގޮތަކަށް، ތިޔަބޭފުޅުން ނުރުހޭ ގޮތަކަށް މިކަން ކޮށްގެން ކުރިއަށްދާކަށް. ސަރުކާރަށް މިކަން މިދަންނަވާހެން މުހިންމީ، މަކުނުދޫގައި މި ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދާއި، އިޤްތިޞާދީ އަދި ސިޔާސީ ސަރަޙައްދު ބެލެހެއްޓޭނެ ގޮތްތައް އިންތިޒާމް ކުރުމަކީ ބޭނުންތެރިކަމެއް. ވަކިން ޚާއްޞަކޮށް، ހުޅަނގު އިންޑިޔާ ކަނޑުގައި، ކަނޑުފޭރޭ މީހުންގެ ޙަރަކާތްތައް އިންތިހާއަށް ގިނަވަމުން އަންނަ މިދުވަސްވަރުގައި.

އެނގިވަޑައިގަންނަވާނެ، މިއަދުވެސް ރާއްޖޭގެ ސޯމާލި 37 މީހަކު ބެހިގެން ކަމަށް ބުނެ އައިސް، ދިވެހިރާއްޖޭގެ އެކިއެކި ޖަލުތަކުގައި އެބަތިބި. އެމީހުން ރާއްޖެއިން ބޭރަށް، އެމީހުންގެ ރަށްރަށަށް ފޮނުވާލެވޭނެ ގޮތެއް ހޯދަން އަޅުގަނޑުމެން މަސައްކަތް ކުރާއިރު، ދިމާވާ އެންމެ ފުރަތަމަ ދައްޗަކީ، އެމީހުންނަކީ ކޮން ޤައުމެއްގެ ބައެއްކަން އަންގައިދޭ އެއްވެސް ލިޔެކިޔުމެއް، އެމީހުން ނުގެންގުޅޭ ތަނުގައި އަދި އެމީހުން އެބުނާ ޤައުމުން ސަރުކާރާ ގުޅޭނެ ސަރުކާރެއްވެސް އެޤައުމުގައި ނޯންނާތީ. އެހެންވީމާ، މިތަނަށް ލައްވާ ނުވަތަ ރާއްޖެއަށް ބެހިގެން ކަމަށް ބުނެ، އެ އަންނަ ސޯމާލި ކިތަންމެ މީހުންނަކާ ގުޅޭ މައްސަލަތަކާއި އަދި މުސްތަޤްބަލްގައިވެސް މިރާއްޖެއަށް އެދިމާލުން އަންނަ ހުރިހާ ކަމެއްގައި، މި މަކުނުދުއަކީ އެންމެ ފުރަތަމަ ދިފާޢު. ސަރުކާރަކަށް މަކުނުދޫގެ ތަރައްޤީއެއްވެސް، މަކުނުދުއެއްވެސް ކުޑަކޮށްވެސް ދުލެއް ނުކޮށްލެވޭނެ. މަކުނުދުއަކީ މީގެ ޒަމާންތަކެއް ކުރީގައި އެކަހެރިފުށި، ދުނިން ބޭރުގައި، މާލޭ މީހުން ދައުލަތާއި ސަރުކާރާ ނުރުހުންވީމާ އަރުވާލާ ތަނެއްގެ ގޮތުގައެއް މި ސަރުކާރަކަށް ބޭއްވޭކަށެއް ނެތް. މި ރާއްޖެއަކަށް އެކަން އެހެން ކުރެވޭކަށެއް ނެތް. އަޅުގަނޑުމެން ބޭނުމީ މަކުނުދޫގެ ތަރައްޤީ.

މަކުނުދޫގެ ތަރައްޤީއަށްޓަކައި ކުރާންޖެހޭ ކަންކަމަކީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިގޮތަކަށް ކުރަން ޖެހުން. އޭގެތެރޭގައި، އިޖްތިމާޢީ ރައްކާތެރިކަމާއި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމަކުން މި މަކުނުދުއާއި ރާއްޖޭގެ އެހެން ރަށްތަކާ ރަނގަޅަށް ގުޅުވާލުމާއި، މި މަސައްކަތްތަކާއި މިމަޝްރޫޢުތައް ޕާޓީން ވަޢުދުވެފައިވަނީ، 7 އަހަރު ދުވަހުގެ ތެރޭގައި ލާމެހިފައިވާ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށްދޭނެ ކަމަށް. ފުރިހަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް. މިއަދު މަކުނުދުއަށް ފެރީގެ ޚިދްމަތް ލިބޭ މިންވަރު ވަރަށްކުޑަ. އެހެން ނަމަވެސް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، ފެބްރުއަރީގެ ނިޔަލަށް ދުވާލަކު އެއްފަހަރު މަކުނުދުއަށްވެސް ފެރީ އަންނާނެ. އަދި ދުވާލަކު އެއްފަހަރު މަކުނުދޫން ފެރީގައި ފުރޭނެ.

އަޅުގަނޑުމެންގެ އިތުރު ބޭނުމެއް ނެތް، ސަރުކާރަށް ޕާޓީން ވެފައިވާ ވަޢުދުތައް ފުއްދުން ފިޔަވައި. ސަރުކާރުގެ އަމާޒަކީ، ބޭނުމަކީ ރައްޔިތުންނަށް ޚިދްމަތް ކުރުން. މި ޕާޓީގެ ހަމައެކަނި ބޭނުމަކީ ތިޔަބޭފުޅުން މުއްސަނިދިވޭތޯ އަޅުގަނޑުމެން ބެލުން. އަދި އެކަމަށް އަޅުގަނޑުމެން މަސައްކަތް ކުރުން. މި ރާއްޖޭގެ މުޅިން އެހެން ޤައުމިއްޔަތެއް އަލުން އަނބުރާ ބިނާކުރުން. ރާއްޖޭގެ ރައްޔިތުން މިއަދު އެދެނީ، ކުރީގައި ރާއްޖޭގައި ޤައުމިއްޔަތު މާނަވެފައި އަދި އެޤައުމިއްޔަތަކީ ކޮބައިކަން ރައްޔިތުންނަށް އޮޅުންފިލުވައިދެވިފައި އޮތްގޮތަށް އޮންނަ ޤައުމިއްޔަތެއް ބިނާކުރާކަށެއް ނޫން. މިއަދު ރާއްޖޭގެ ރައްޔިތުންނަށް އިސްލާމްދީނާއި އަދި އިންސާނީ ޙައްޤަކީ ވަރަށް މުހިންމު ފަލްސަފާއެއް. އަދި ވަރަށް މުހިންމު މަސައްކަތެއް، ނުކުތާއެއް. ރާއްޖޭގެ ރައްޔިތުން އެދެނީ، ރާއްޖެއަކީ މަދަނީ އަދި އިޤްތިޞާދީ، އިޖްތިމާޢީ ތަރައްޤީގައި ބާރަށް ކުރިއަރާ ޤައުމަކަށްވާން. ފަހަތަށް ދިޔުމެއް، ކުރީގައި އޮތް ގޮތަކަށް އަލުން އަނބުރާ ރުޖޫޢަވުމެއް، އެއީކީއެއް ދިވެހިންގެ ތެރެއިން ގިނަ މީހުން އެދޭގޮތް ނޫންކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. ފަހަތަކަށް އަޅުގަނޑުމެންނަށެއް ނުދެވޭނެ. އަޅުގަނޑުމެންގެ އެއްވެސް ވިސްނުމެއްގައި، ކުރީގައި އޮތް ގޮތަކަށް ރުޖޫޢަވުމަށް ހިންގޭ ފަލްސަފާއަކީ، އަޅުގަނޑުމެންނަކަށް ކާމިޔާބު ހޯދޭނެ ފަލްސަފާއެއް ނޫން. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކަށްވާން ޖެހޭނީ މުސްތަޤްބަލް.

އަޅުގަނޑު ދަންނަވަން އަބަދުވެސް، ވަގުތަކީ ހޭދަވާ އެއްޗެކޭ. އެއީ އޭގެ ޒާތް.ހުއްޓިއެއް ނުހުންނާނެ. އަޅުގަނޑުމެންނަށް އިއްޔެ ނިމިއްޖެ. މިއަދު މިއޮއް ނިމެނީ. އަޅުގަނޑުމެންނަށް ހޯދޭނީ މާދަމާ. ދެން އަންނާން އޮންނަ މިނިޓް. ދެން އަންނާން އޮންނަ ގަޑި. ދެން އަންނާން އޮންނަ ދުވަސް. އެ ހަފްތާ. އަންނާން އޮތް މަސް. އަންނާން އޮތް އަހަރު. އަޅުގަނޑުމެންނަކަށް ފަހަތަށް ގޮސްގެނެއް ހޯދޭނެ ވަކި އުޖާލާ މަންޒަރެއް، ވަކި އުޖާލާ ގޮތްތަކެއް ފެންނާކަށެއް ނެތް. އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން އެދެނީނަމަ، އަޅުގަނޑުމެންގެ މިޞްރާބު އަބަދުވެސް ހުންނާންޖެހޭނީ ކުރިއަށް. އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއްދީ، އެކުދިންނަކީ ހަރުދަނާ ބަޔަކަށް ހެދުމަށް.

އަޅުގަނޑުމެން ޕާޓީން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި ޤައުމީ ތަރައްޤީގެ އޮނިގަނޑު ތަންފީޛު ކުރަމުން މިގެންދާގޮތާ ގުޅޭގޮތުން ސަރުކާރަށް ހިތްހަމަޖެހުން ލިބޭ. ސަރުކާރުން ވަޢުދުވެފައިވާނެ، މަކުނުދޫގައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގޯތިގެދޮރު ބިނާކުރެވޭނެ ކަމަށް. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ 3 އަހަރު، ބާކީ އޮތް ދުވަހުގެ ތެރޭގައި، އެމަސައްކަތް މިތަނުގައިވެސް ސަރުކާރަށް ފެށޭނެ. އަޅުގަނޑުމެންނަކަށް ނުފެނޭ، އަޅުގަނޑުމެންގެ އަމާޒުތައް، އަޅުގަނޑުމެންގެ ވަޢުދުތައް އަޅުގަނޑުމެންނަކަށް ނުފުއްދޭނެ ކަމަކަށް. އަޅުގަނޑު ދަންނަވަން ބޭނުން، އެމް.ޑީ.ޕީ ފިޔަވައި ވަޢުދުވާ އެހެން ޕާޓީއެއް ނޯންނާނެ. ވަޢުދެއްނުވާ ތަނުގައި ދެން ވަޢުދެއް ފުއްދޭނެ ގޮތެއްވެސް ނޯންނާނެ. ވަޢުދެއް ނުވާ ތަނުގައި އަމާޒެއް ހިފޭނެ ގޮތެއްވެސް ނޯންނާނެ. ވަޢުދެއްވުމުގެ އެންމެބޮޑު ބޭނުމަކީ، އަމާޒެއް ހިފުން. މަޤްޞަދެއް ކަނޑައެޅުން. ދާންވީ މިޞްރާބެއް ދެނެގަތުން. އަޅުގަނޑުމެން ގޮސް ހުއްޓެންވީ ތަނެއް ތަޞައްވުރު ކުރުން. އަޅުގަނޑުމެން ނޫން ބައެއް، އެމް.ޑީ.ޕީ ނޫން ބައެއް ވަޢުދެއް ނުވާނެ. އެންމެ ބޮޑު ސަބަބަކީ، އެބޭފުޅުންގެ ޙަޤީޤަތުގައި މަޤްޞަދެއް ނެތީ. ޙަޤީޤަތުގައި އޮތް ހަމައެކަނި މަޤްޞަދަކީ ވެރިކަން. އޭގެ ޖާހަތާއި، އޭގެ ޢިއްޒަތާއި، ވެރިކަމުގެ އަރާމު. އަޅުގަނޑުމެންނަކީ ވެރިކަމުގެ އަރާމަށްޓަކައި، އޭގެ ޖާހަތަށްޓަކައި، ޢިއްޒަތަށްޓަކައި، ލައްޒަތަށްޓަކައި ވެރިކަމުގައި ތިބި ބައެއް ނޫން. އަޅުގަނޑުމެންނަކީ ހަމައެކަނި އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް، ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް ތިބި ބައެއް.

އަޅުގަނޑާ، ތިޔަބޭފުޅުން، ރާއްޖޭގެ އެންމެ ރައްޔިތުން ޙަވާލުކޮށްފައިވަނީ، މި ރާއްޖޭގެ މާލިއްޔަތާއި މިލްކިއްޔާތު. މި ރާއްޖޭގެ ޚަޒާނާ. އިންޞާފްވެރިކަމާއެކު، އަމާނާތްތެރިކަމާއެކު، އެ ޚަޒާނާ ބެލެހެއްޓުން. ރައްޔިތުންގެ މެދުގައި އެ ބަހާލުން. އަދި ރައްޔިތުންނަށް ފައިދާވާ ގޮތުގައި، އެ ޚަޒާނާއިން ޚަރަދު ކުރަމުން ގެންދިޔުން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންގެ އެންމެ ފައިސާ ފޮއްޗެއްގައިވެސް އިރާދަކުރެއްވިއްޔާ ނުޖެހޭނަން. އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް މަސައްކަތް ކުރުން، ކުޑަ ހިނދުކޮޅަކަށްވެސް އިރާދަކުރެއްވިއްޔާ ހުއްޓައެއް ނުލާނަން.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް އެބަ ފެނެއޭ. އަޅުގަނޑުގެ ދުޢާއަކީ، މަކުނުދުއަށް މިއަދަށްވުރެ މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________