بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ވަޑައިގެން ތިއްބެވި ދައުލަތުގެ ވަޒީރުންނާއި އަދިވެސް އެހެން ވެރިންނާއި އަދި ވަކިން ޚާއްޞަކޮށް، ގުޅީގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

2008 ވަނަ އަހަރު، މި ރާއްޖޭގެ ރައްޔިތުން ވަނީ ނިންމުމެއް ނިންމާފައި. އެދުވަހު އަޅުގަނޑުމެން ތިބީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި. އެދުވަހު އަޅުގަނޑުމެންނަށް އޮތް ޚަރާބުގެ މަގު ޚިޔާރު ކުރެވެންވެސް. އެދުވަހު އަޅުގަނޑުމެންނަށް އޮތް މުޅިން އެހެން ގޮތެއް، މުޅިން އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދުން. އަޅުގަނޑުމެންގެ ރައްޔިތުން ނިންމީ، އެހެން ދިވެހިރާއްޖެއެއް ހޯދުމަށް. އަޅުގަނޑުމެންގެ ރައްޔިތުން ނިންމީ، އެހެން ގޮތެއް، އެ ރައްޔިތުން އެދޭ ކަމަށް. އެހެން ގޮތެއް، އެ ރައްޔިތުން އުންމީދުކުރާ ކަމަށް. ގުޅީގެ ލޮބުވެތި ރައްޔިތުންނެކޭ، ރާއްޖޭގެ އެހެން ރައްޔިތުންނެކޭ، އަޅުގަނޑު މިދެންނެވި ނިންމުމުގައި ބައިވެރިވެވަޑައިގެންނެވި މިންވަރު ކުޑަކަމަކަށް އަޅުގަނޑު ނުދެކެން.

އަޅުގަނޑުމެންގެ އަމާޒަކީ، އެހެން ގޮތެއް ހޯދުން. އެގޮތް ހޯދުމަށްޓަކައި އަނެއް ދިވެހިރާއްޖެ ލިބިގަތުމަށްޓަކައި ކުރާންހުރި ކަންކަމަކީ ކޮބައިތޯ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ދޮރުން ދޮރަށް ހިނގައި، ރަށުން ރަށަށް ގޮސް، އެއްގެއިން އަނެއް ގެއަށް އަދި އެކެއް ކައިރިން އަނެކެއް ކައިރިން މަޝްވަރާ ކުރަމުން، ރާއްޖޭގެ ރައްޔިތުންގެ އަޑު، ޕާޓީންވަނީ އަހާފައި. ޕާޓީއަށް އިވުނު އަޑު ވަރަށް ސާފު. ޕާޓީ ފާހަގަކުރި ނުކުތާތައްވެސް އެހާމެ ސާދާ.

މި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، މި ގުޅީގެ ރައްޔިތުންގެ ތެރެއިން، ކޮންމެ ތިންމީހުންކުރެ އެކަކީ ނިކަމެތި ފަޤީރެއް. އޭނާއަކީ އޭނާއަށް އާމްދަނީގެ ގޮތުގައި ވިހި ފަނަރަ ރުފިޔާ، ރެޔާދުވާލު ނުލިބޭ ނިކަމެއްޗެއް. އަޅުގަނޑުމެން ތަރައްޤީވާން އެދެނީނަމަ، ބަދަލުވުމަށް އަޅުގަނޑުމެން އެދެނީނަމަ، ޙަޤީޤަތުގައި ތަރައްޤީވާން މިޖެހެނީ ގުޅިއެއް ނޫން. ތަރައްޤީވާން މިޖެހެނީ، ގުޅީ މީހާ. ތަރައްޤީވާން މިޖެހެނީ ރައްޔިތުން. އެއީ އިންސާނާއަށްވާ ކަމެއް. އެއީ އެހެން އެއްވެސް މުދަލަކަށް، މަޢުދަނަކަށް، އެހެން ރަހުނަކަށްވާ ކަމެއް ނޫން ތަރައްޤީއަކީ. ތަރައްޤީއަކީ އިންސާނާއަށް އަންނަ ބަދަލެއް. އިންސާނާއަށްވާ ކަމެއް. އެ ބަދަލު ގެނައުމަށްޓަކައި އަޅުގަނޑުމެން އަބަދުވެސް ސަލާމަތް ކުރަން ޖެހޭނީ އިންސާނާ. ގުޅީ މީހާ.

ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި، ގުޅީ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް އަދި ރާއްޖޭގެ އެންމެ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް، ކަރާމާތް ހޯދައިދިނުމަށްޓަކައި ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހަންޖެހޭ ޖެހުން އިރާދަކުރެއްވިއްޔާ، މި ޕާޓީގެ ސަރުކާރެއްގައި އަޅުގަނޑުމެން މަދުކޮށްދޭނަމޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ، މިދެންނެވި ހިސާބުން. ޕާޓީގެ އަމާޒަކަށްވީ، ކޮންމެ ގުޅީ ރައްޔިތަކީވެސް، ކޮންމެ ގުޅީ މީހަކީވެސް، ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާ ގުޅީ މީހެކޭ. ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ މީހެކޭ ބުނެ، ހަމަ އިސްކޮޅަށް ދެމިލާ ގުޅީ ރައްޔިތަކު ހޯދުން، އުފެއްދުން އަޅުގަނޑުމެންގެ އަމާޒަކީ. ޕާޓީން މަސައްކަތް ކުރަމުން އައީ، މިދެންނެވި މަގަށް. މަދަނައިގެ ވިއުގަ އުފެދިގެން އައީ އެހެންކަމުން.

ޕާޓީން ވެފައިވާ ވަޢުދުތައް ވެގެންދިޔައީ، ސަރުކާރުގެ ސިޔާސަތުތަކަށް. ޤައުމީ ތަރައްޤީގެ އޮނިގަނޑަށް. މަދަނައަކީ ޤައުމީ ތަރައްޤީގެ އޮނިގަނޑުގެ އެއް ނާރެސް، އެއް އަސާސް. އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މި ގުޅީގެ 99 ރައްޔިތަކަށް، މަދަނައިގައި ރަޖިސްޓްރީވެ، މިދިޔަ އަހަރު މިދެންނެވި މީހުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި މީހުންނަށް އެއްލައްކަ ފަންސަވީސް ހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމުން. މިދެންނެވި އެއްލައްކަ ރުފިޔާއަކީ އެއްވެސް ހާލެއްގައި އެހެން އެއްވެސް ކަމެއް ކުރުމަށް ޚަރަދު ކުރެވުނު ފައިސާއެއް ނޫން. އެއީކީއެއް މިތާ ހެލްތް ސެންޓަރަށް ކުރެވުނު ޚަރަދެއް ނޫން. މިފައިސާއަކީ ހަމަ ސީދާ ގުޅީ މީހުންގެ ތެރެއިން ޑޮކްޓަރަށް ދައްކައި، ބޭސް ހޯދަން އެދުނު، ފަރުވާ ހޯދަން އެދުނު، މަދަނައިގައި ރަޖިސްޓްރީވެފައި ތިބި ގުޅީ މީހުންނަށް ކޮށްދެވުނު ޚަރަދު. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ތީމުގޭ ވެލްފެއަރ ފަންޑުން އަހަރެއްގެ މައްޗަށް 1200 މީހުންނަށް ބޭސްފަރުވާ ކޮށްދެވިފައިނުވާނެ. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިއަހަރު، މިދިޔަ އަހަރު ބައްތިރީސްހާސް މީހުންނަށްވުރެ ގިނަ މީހުންނަށް މަދަނައިން ބޭސްފަރުވާ ކޮށްދެވިފައި އޮތްކަމުން. އަދި ހަމައެހެންމެ، މިދެންނެވި ގުޅީގެ 99 މީހުންނަށް، މަދަނައިގައި ރަޖިސްޓްރީވެފައިވާ މީހުންނަށް، މިއަހަރުވެސް ކޮންމެ މީހަކަށް އެއްލައްކަ ރުފިޔާ، މާލިއްޔަތުގައި ރައްކާ ކުރެވިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭ ކަމެއް.

އަޅުގަނޑުމެންގެ އަމާޒަކީ، އިޖްތިމާޢީ ރައްކާތެރިކަމުގެ ދަލެއް، ރާއްޖޭގެ އެންމެ ރައްޔިތުން ވެއްޓުނަނުދީ ހިފެހެއްޓުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން. އަޅުގަނޑުމެންގެ އަމާޒަކީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ގުޅީ ހުރިހާ ރައްޔިތުންވެސް މަދަނައިގައި ރަޖިސްޓްރީވެ، އެމީހުންގެ ބޭސްފަރުވާގެ ކަންތައް، ސަރުކާރުގެ ތަރުތީބުން، ސަރުކާރުގެ އިންތިޒާމްގެ ތެރެއިން ހަމަޖެހިގެން ދިޔުން.

ޕާޓީ ދުށް ޙަޤީޤަތްތަކުގެ ތެރޭގައި، ދޮށީ ޢުމުރުގެ މީހުންގެ ހާލު އެއީ އަޅުގަނޑުމެންނަށް 2008 ވަނަ އަހަރާ ޖެހުނުއިރުވެސް ވަރަށް ސާފުކޮށް އެނގެމުން އައި ޙަޤީޤަތެއް. ރަށްރަށުގައި ހޮޅުއަށިތަކުގައި، ރުއްރުއްދަށުގައި، ގޮނޑުދޮށްތަކުގައި އަދި މާލޭގައިވެސް ގޯތިގެދޮރު ފޮތިކުރަމުން އައިސް، އެންމެފަހުން ކުރީގައި ބަދިގެހުރި ތަނުގައި ހުންނަ ކޮޅުފިލާ ގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އިންނަނީ ކާފަ ނުވަތަ މާމަ. ޕާޓީން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަންހެނަކަސް، ފިރިހެނަކަސް، ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ، ދެހާސް ރުފިޔާގެ ޕެންޝަނެއް ފޯރުކޮށްދެމޭ. އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، މި ގުޅީ ރައްޔިތުންގެ ތެރެއިން 65 އަހަރުން މަތީގެ 39 މީހަކަށް، ކޮންމެ މީހަކުމެ، މި ޕެންޝަން ދެވެމުން އަންނަތާ މިއަދަށްމިވީ މިހާރު ހިނގާ މިދިޔައީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 65 އަހަރުން މަތީގެ ރައްޔިތުންގެ ޕެންޝަންގެ ގޮތުގައި ކޮންމެ މަހަކު ހަތްދިހަ އަށްހާސް ރުފިޔާ ޚަރަދު ކުރުމުގެ، ގުޅިއަށް ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައިވާތީވެ. އެއީ އަޅުގަނޑުމެންނަށް އާ ޖޯޝަކާ އެކީގައި އަނެއްކާވެސް ނުކުތުމުގެ ހިތްވަރު ލިބޭ ސަބަބަކީ.

އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށްދެވޭ ފައިސާގެ ގޮތުގައި، މިރަށުގެ 6 ފަރާތަކަށް މިދިޔަ އަހަރުގެ 6 މަސް ދުވަހުގެ ތެރޭގައި، ފަންސާސް ހަތަރުހާސް ރުފިޔާ، ޚަރަދު ކުރެވިފައި އޮތްކަމީވެސް، މި ޕާޓީއަށާއި މި ސަރުކާރަށް ނުހަނު އުފާވެރިކަމާއި ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންގެ ބޭނުމަކީ، ގުޅީ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކީ، ގުޅީ ރައްޔިތުންގެ މުއްސަނދިކަން، ގުޅީ ރައްޔިތުންނަށް ހޯދައިދިނުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، ގުޅީ މީހުން މުއްސަނދި ކުރުމަށްޓަކައި. އެމީހުންގެ ޖީބަށް މިއަދު ވަންނަ ޢަދަދަށްވުރެ އިތުރު ޢަދަދެއް، މާދަމާ ލިބޭނޭ ގޮތްތަކެއް ފަހިކުރުމަށްޓަކައި. އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކަށްވާނީ، ތިޔަބޭފުޅުންގެ މަސައްކަތުގައި، އަޅުގަނޑުމެން ތިބުން.

ތަރައްޤީއަކީ އިންސާނީ ވަސީލަތް ތަރައްޤީކޮށްގެންވާ ކަމެއްކަމުން، މިރަށުގެ ތަރައްޤީގެ ނާރެސްއަކަށްވާނީ މިރަށުގެ މަދްރަސާ. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް، އަޅުގަނޑުމެން މިކުރަނީ ދަރިންނަށްޓަކައި. ބަނދަރެއް އެޅިޔަސް އަޅަނީ ދަރިންނަށްޓަކައި. މިސްކިތެއް އެޅިޔަސް އަޅަނީ ދަރިންނަށްޓަކައި. ދޯންޏެއް ބަނަސް ބަންނަނީ ދަރިންނަށްޓަކައި. ފިހާރައެއް ހެދިޔަސް ހަދަނީ ދަރިންނަށްޓަކައި. ވަޒީފާއަށް ދަނީވެސް ދަރިންނަށްޓަކައި. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް، ޙަޤީޤަތުގައި އަޅުގަނޑުމެން މިކުރަނީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައި.

އަޅުގަނޑު އަބަދުވެސް ފާހަގަކުރަމުން މިއަންނަނީ، ވަގުތަކީ އޭގެ އާދައިގައި އިޢާދަވަމުންދާ އެއްޗެކޭ. ހުއްޓި ހުންނަ އެއްޗެއް ނޫނޭ. އިއްޔެ އަޅުގަނޑުމެންނަށް ގެއްލިއްޖެ. މިއަދު މިއޮއް ނިމެނީއޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދެން އޮތީ މާދަމައޭ. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލޭ. އަޅުގަނޑުމެން އަޅާލަންވީ އަޅުގަނޑުމެންގެ ދަރިންނާ. މިދިޔަ އަހަރު ގުޅީގައި ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި ގުޅީ ދަރިވަރުންނަށް އެއްލައްކަ ތިންހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައިވީކަމީ، މި ސަރުކާރަށް ލިބުނު އުފަލެއް. އަދި ހަމައެހެންމެ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވި ކުދިންނަށް ފީ ދެއްކުމުގެ ގޮތުން އަށާރަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވުނުކަމީވެސް ސަރުކާރަށް ލިބުނު އުފަލެއް. އަދި ހަމައެހެންމެ، ގުޅީގައި 4 ކްލާސްރޫމް ޢިމާރާތް ކުރެވި، މަދްރަސާ، އެއްދަންފަޅިއަށް ބަދަލުކުރެވިފައި އޮތްކަމީވެސް މި ސަރުކާރަށް ލިބުނު އުފަލެއް.

އަޅުގަނޑަށް ލިބޭ ހިތާމައަކީ، ގުޅީ މަދްރަސާއަށް އެއްވެސް ބަދަލެއް، އިމްތިޙާންގެ ނަތީޖާއިން އައިސްފައިނުވާކަން. އެއީ އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވާންޖެހޭނެ ކަމެއް. އަޅުގަނޑަކަށެއް ނުވިސްނޭ، އަޅުގަނޑު މި ވެރިކަމުގައި ހުރުމުގެ މާނައެއް، އަޅުގަނޑުމެންގެ ދަރިން އިމްތިޙާންގައި ބައިވެރިވެ ކިޔަވައިނުދޭހާ ހިނދަކު. މިތަނުގެ މަދްރަސާއަކަށް ދަރިވަރަކަށް، ބޮލަކަށް ޚަރަދު ކުރާނެ، މެލޭޝިޔާގައި ދަރިވަރަކަށް، ބޮލަކަށް ޚަރަދުކުރާވަރަށްވުރެ އިތުރަށް. މިތަނުގެ މަދްރަސާއިން އެނަތީޖާއިން ނުކުންނާންޖެހޭނެ. އެ ނަތީޖާ ނެރުމަށްޓަކައި ސްކޫލްގެ ބޯޑާއި އަދި ސްކޫލްގެ އެންމެހާ މުވައްޒަފުންނާއި އަދި އޭގެއިތުރުން، ރަށުގެ ހުރިހާ ކެޔޮޅުންވެސް، ރަށުގެ ހުރިހާ އޮޑިވެރިންވެސް، ރަށުގެ ހުރިހާ ވަޑިންވެސް، މިރަށުގެ ހުރިހާ ރައްޔިތުން އެކަމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއް.

އަޅުގަނޑު ދެރަވާ ސަބަބަކީ، އަޅުގަނޑު ގާތަށް ތިޔަބޭފުޅުން މިއަދު ދުރުވިޔަސްވެސް، އައިސް ދައްކަވާނީ ސްކޫލް ނޫން އެހެން ތަނެއްގެ ވާހަކަ. ބަނދަރުގެ ވާހަކަވެސް ދައްކަވާފާނެ. އަދި އެހެން ނޫނިއްޔާ، ސަހަރާގެ ވަށާފާރުގެ ވާހަކަވެސް ދައްކަވާފާނެ. ބަނދަރުގެ ފައިކަށީގެ ވާހަކަވެސް ދައްކަވާފާނެ. އެއްވެސް ހާލެއްގައި ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދުމަށްޓަކައި ކޮންމެހެން ބޭނުންވާ ކަންކަން އެއީ މުހިންމު ކަމެއް. އެކަން ބަދަލުކުރުމަށް ބޭނުންވާ ވިސްނުމާއި، އެ އަޅާލަންޖެހޭ މިންވަރާއި، އެކަމާ އުޅެންޖެހޭ މިންވަރަކީ، އަޅުގަނޑުމެން މާބޮޑަށް އެކަން ކުރަން ޖެހިފައި އޮތް މިންވަރެއް. ގުޅީ މަދްރަސާއަކީވެސް އަޅުގަނޑު ވަރަށް ކުރިއްސުރެ ފަށައިގެން ދަންނަ މަދްރަސާއެއް. އަޅުގަނޑު އެންމެ ފުރަތަމަ ގުޅީ މަދްރަސާއަށް އައިއްސިން، އަޅުގަނޑު ހަނދާންވާ ގޮތުގައި، 1980ގެ ތެރޭގައި. އޭރުއްސުރެ އަޅުގަނޑު ބޭނުން، އަޅުގަނޑު އެދެން، ގުޅީ މަދްރަސާއަށް ޚިދްމަތް ކުރަން. އަޅުގަނޑު ބޭނުން، ގުޅީ މަދްރަސާ ބަލަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން ބޭނުން، ތިޔަބޭފުޅުން އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރަން ތިބިއްޔާ، ސަރުކާރުގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. މިއަދު މާފުށީގައި މިވަނީ އެ ވަޢުދު ފުދިފައި. އަޅުގަނޑަކަށް ނުވިސްނޭ، މި ގުޅީގައި އެކަން ނުވާންވީ ހަމަ އެއްވެސް ސަބަބެއް.

އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވާނަން. މަދްރަސާގެ ތެރެއަށް ސިޔާސީ އެއްވެސް ކަމެއް ނުވައްދަވާށޭ. މަދްރަސާއާ ގުޅިގެން ތިޔައިން ބޭފުޅަކު އަޅުގަނޑު ގާތުގައި ވާހަކައެއް ދެއްކެވިޔަސްވެސް ދައްކަވާނީ، އެތާނގައި އިންނަ ވޮޗަރު ވަކިނުކުރެވިގެން. އެތާނގައި ހުންނަ ކޮންމެވެސް ކާތިބަކު އެވެނި މިވެނި ގޮތެއް ހަދަން ވެގެން. ހެޑްމާސްޓަރާއި ޕްރިންސިޕަލާ ގުޅޭގޮތުންވެސް ކޮންމެވެސް އެހެންފަދަ ޒާތީ މައްސަލައެއް. ސީދާ އަމާޒަކަށް އަޅުގަނޑުމެންނަކަށެއް ނުދެވޭ. އަޅުގަނޑުމެންގެ މި އިންސާނީ އުނި ސިފަތަކުން ނެއްޓި، އަޅުގަނޑުމެންނަށް އެބަ ބަދަލުގެ ތެރެއަށް، ތަރައްޤީގެ ތެރެއަށް ފީނައިގަންނަންޖެހޭ. އަޅުގަނޑުމެން އިންސާނުންނަކީ އުނި ބައެއް. އަޅުގަނޑުމެންނަށް އަބަދުވެސް ޒާތީ ތަޢައްޞުބާއި، ދޭދޭ މީހުންގެ ނަފްރަތާއި، ޙަސަދައާއި ނޭއްގާނިކަން އަޅުގަނޑުމެންގެ ހިތްތަކަށް އަބަދުވެސް އަރައިގަންނާނެ. އަޅުގަނޑުމެން އެބަޖެހޭ، މިދެންނެވި ކަންކަމުން ނެއްޓިގަންނަން.

އަޅުގަނޑުމެންގެ މަސައްކަތަކީ، މި ރާއްޖެ ބަދަލުކުރުން. އަޅުގަނޑުމެން މިއުޅެނީ، އެހެން ދިވެހި ޤައުމިއްޔަތެއް ބިނާކުރަން. ރާއްޖޭގެ ރައްޔިތުން އެދެނީ، އެހެން ޤައުމިއްޔަތަކަށްކަން އެއީ އަޅުގަނޑުގެ ހިތުގައި މިއަދު ޝައްކެއް ހިނގާ ކަމެއް ނޫން. ރާއްޖޭގެ ޤައުމިއްޔަތަކީ، އަޅުގަނޑުމެންގެ ޤައުމީ ދުވަސް މިއޮއް އަންނަނީ. މި އަޅުގަނޑުމެންގެ ރައްޔިތުން މިއަދު އެދޭ ޤައުމިއްޔަތަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ގުޅިފައި އޮންނަ ޤައުމިއްޔަތެއް. 5 މާއްދާއިން އޯ ލެވެލްއިން ކުދިން ފާސްވެފައިވާ ޤައުމިއްޔަތެއް. އަޅުގަނޑުމެން ބިނާކުރާން މިއުޅެނީކީއެއް، ޝިޢާރަކުން ހަމަޖެއްސޭ ޤައުމިއްޔަތެއް ނޫން. ލަވައަކުން، ޅެމަކުން، ފަރިއްސަކުން ނިންމާލެވޭ ޤައުމިއްޔަތެއް ނޫން. މާނަވީ ޤައުމިއްޔަތެއް. އެ ޤައުމިއްޔަތު ބިނާކުރުމުގައި، އޭގެ އަސާސްތައް އަޅުގަނޑުމެން ރަނގަޅަށް ކަނޑައަޅަންޖެހޭ. އިސްލާމްދީނުގެ ރިވެތި އުޞޫލުތަކާއި، އާދަތަކާއި، އިންސާނީ ޙައްޤުތަކާއި އަދި އަޅުގަނޑުމެން ރާއްޖޭގެ އިޤްތިޞާދީ، މަދަނީ ތަރައްޤީ. އިންސާނީ ޙައްޤު، އިންސާނީ ކަރާމާތް، އިންސާނީ ޤަދަރު ހޯދައި ހިފެހެއްޓިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ބަދަލެއް އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ވެފައިވާ ވަޢުދުތަކެއް ހުންނާނެ. އެއީ ޕާޓީން ވެފައިވާ ވަޢުދު. އެ ވަޢުދު ފުއްދުމަށްޓަކައި ސަރުކާރުގެ ސިޔާސަތު، ޤައުމީ ތަރައްޤީގެ އޮނިގަނޑު މިވަނީ އެކުލަވައިލެވިފައި. އެ އޮނިގަނޑު ތަންފީޛު ކުރުމަށްޓަކައި ބޭނުންވާ ފައިސާ މިވަނީ ދައުލަތުގެ ބަޖެޓްގައިޖެހި، އެ ބަޖެޓް މިވަނީ ފާސްކުރެވިފައި. ދެން އަޅުގަނޑުމެންނަށް އޮތީ ހަމަ މަސައްކަތް ކުރާން. ގަދައަޅައި އަޅުގަނޑުމެން މަސައްކަތް ކޮށްފިނަމަ، އަޅުގަނޑު ދެކޭގޮތުގައި، މިއަންނަ އަހަރު މި ގުޅިއަށްވެސް، މިއަހަރު މި ގުޅީގައިވެސް ކިތަންމެ ރަނގަޅެއް، ކިތަންމެ ފައިދާއެއް، ކިތަންމެ މަންފާއެއް ހޯދިދާނެ. އަޅުގަނޑުމެންގެ އަމާޒަށް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ވާސިލުވެވޭނެ. ސަރުކާރުގެ އަމާޒަކީ ވިޔަފާރި ތަރައްޤީ ކުރުން. ތިޔަބޭފުޅުން މުއްސަނދިވުން. ސަރުކާރުގެ އަމާޒެއް ނޫން އެއީ ސަރުކާރު ހަމައެކަނި މުއްސަނދިވުމަކީ ނުވަތަ ސަރުކާރު މުވައްޒަފުންނަށް ބޮޑު މުސާރަ ލިބިގެން، އެބޭފުޅުން ތަނަވަސްވުމަކީ. އެއީއެއް ނޫން، ސަރުކާރުގެ އަމާޒަކީ. އަދި ނުވަތަ ރަށެއްގެ ތިޔާގިކަން ދެމެހެއްޓުމަށްޓަކައި، އެރަށެއްގެ ހުރިހާ ރައްޔިތުންނަށް ސަރުކާރުގެ ވަޒީފާދީގެން ގެންގުޅުމެއްވެސް ނޫން ސަރުކާރުގެ އަމާޒަކީ. ސަރުކާރުގެ އަމާޒަކީ، ސަރުކާރުން ދެވޭ ޚިދްމަތްތައް ރަނގަޅަށް ރައްޔިތުންނަށް ދިނުން. ރައްޔިތުން މުއްސަނދި ކުރުން. ރައްޔިތުންގެ ވިޔަފާރިތައް ތަރައްޤީވުން.

ވިޔަފާރި ތަރައްޤީވާނީ، މުދަލާއި ފަސިންޖަރުން އެއްތަނުން އަނެއް ތަނަށް، ފަސޭހަކަމާ އެކީގައި އުފުލިގެން. އެހެންވެ، ޕާޓީން ވަޢުދުވީ، 7 އަހަރު ދުވަހުގެ ތެރޭގައި، ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލަދޭނަމޭ. 2 އަހަރު ދުވަހުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ދޭން ފަށާނަމޭ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިރަށުން ކޮންމެ ދުވަހަކުވެސް 15 މީހުން، 20 މީހުން ދަތުރަށް އަރާކަމުން. އަދި ކޮންމެ ދުވަހަކުވެސް ފަސޭހަކަމާއެކީގައި، ހެޔޮ އަގުގައި، މިރަށަށް ދަތުރު ނިންމި، ފަސޭހައިން މާލެއަށްވެސް އަދި މިއަތޮޅުގެ އެހެން ރަށްރަށަށްވެސް ދަތުރު ކުރެވޭނެ އިންތިޒާމެއް، ނިޒާމެއް ހަމަޖެހެމުން އަންނާތީ.

އަޅުގަނޑުމެން މި ބޭނުންވާ ބަދަލު، އަޅުގަނޑުމެންނަށް ހޯދުމަށްޓަކައި ތިޔަބޭފުޅުންގެ އެހީތެރިކަން ވަރަށް ބޮޑަށް އަޅުގަނޑު ބޭނުން. އަޅުގަނޑު އަބަދުވެސް އެދެނީ، ދެއްވާށޭ، ތިނޯހެއްގެ ފަގަފަދަ މިންވަރެއްވެސް އަޅުގަނޑުމެންނަށް. އަނބުރާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ރައްދުކުރާނަމޭ މޭލެއް. އަޅުގަނޑުމެންނަށް ކިތަންމެ ކުޑަ މިންވަރަކަށްވެސް ތިޔަބޭފުޅުން އެހީތެރިވެދެއްވައިފިނަމަ، އޭގެ ފައިދާ ތިޔަބޭފުޅުންނަށް ނުހަނު ބޮޑުކޮށް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ތިޔަބޭފުޅުން އަޅުގަނޑާ ޙަވާލުކޮށްފައި އޮންނަނީ، މި ދައުލަތުގެ ޚަޒާނާ. އަޅުގަނޑުމެންގެ މާލިއްޔަތު. އަމާނާތްތެރިކަމާ އެކީގައި، އެ މާލިއްޔަތު، އިންޞާފުވެރިކަމާއެކީގައި ދެމެހެއްޓުމާއި، ބެލެހެއްޓުމާއި، ބެހުން އެއީ އަޅުގަނޑުގެ ވާޖިބެއް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑެއް ތިޔަބޭފުޅުންގެ ފައިސާއިން، ދައުލަތުގެ ޚަޒާނާގެ ލޯ ލާރިއެއްގައިވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑެއް ނުޖެހޭނަން. އަދި ހަމަ އެހެންމެ، އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި ރެޔާދުވާލަށް 10 ގަޑިއިރު އިރާދަކުރެއްވިއްޔާ މަސައްކަތް ނުކުރާ ދުވަހެއް ނުބާއްވާނަން. އަޅުގަނޑުމެންގެ ހައްތަހާވެސް އެދުމަކީ، ބޭނުމަކީ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުން. ރައްޔިތުންނަށް ސަރުކާރުން ޚިދްމަތް ކުރުން.

ފެބްރުއަރީ 5 ވަނަ ދުވަހަކީ، މި ރަށުގެ ތަރައްޤީއަށްޓަކައި ބިނާކުރެވޭ އެންމެ މުހިންމު މުއައްސަސާ ބިނާކުރެވޭ ދުވަސް. ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތައް ހިންގައިގެން ނޫނިއްޔާ، ރައްޔިތުންގެ އިޙްސާސްތަކާއި، ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް އަޅުގަނޑުމެންނަށް މިކަންކަމެއް ކުރިއަކަށް ނުގެންދެވޭނެ. ދެއަހަރު ވޭތުވެ މިދަނީ، ތިޔަބޭފުޅުންގެ ވަކީލާ އަޅުގަނޑާ އެއްވެސް މަޝްވަރާއެއް ނުކުރެވި. އެންމެ ބައްދަލުވުމެއްވެސް ނުހިނގާ. އަދި ގުޅީ ރައްޔިތުން ބޭނުންވަނީ ކޮންކަމެއްތޯ، އެބޭފުޅުން އެދެނީ ކޮންކަމެއްތޯ ބެލުމަކަށް. އަޅުގަނޑަކަށް ހަމަ ސީދާ މި ޤާނޫނުއަސާސީ ސާފުކޮށްދީފައި އޮތް ތަރުތީބެއް އެބައޮތް، އިންތިޒާމެއް. އެއީ، ތިޔަބޭފުޅުންގެ ވަކީލަކު ބަހައްޓައިގެން، ވަކީލު މެދުވެރިކޮށްގެން އެކަން ކުރުން. އަޅުގަނޑު ހިތާމަ ކުރަނީ، އަޅުގަނޑަށް އެ ފުރްޞަތު ނުލިބޭތީ. އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން، ދެން ތިޔަބޭފުޅުން އަނެއްކާ މި އިންތިޚާބުގައި ވޯޓް ދެއްވާއިރުގައި ވިސްނަވައްޗޭ، ބައްލަވައްޗޭ. ރަށުގެ ތަރައްޤީ ގުޅޭގޮތުން ވިސްނަވައްޗޭ.

އަޅުގަނޑު އެދެން، މިއަހަރުގެ ތެރޭގައި ތިޔަބޭފުޅުންގެ ބަނދަރުގެ މަރާމާތް ކުރިއަށް ގެންގޮސްދޭން. އަޅުގަނޑު އެދެން. އަޅުގަނޑު މި އުންމީދު ކުރަނީ، އަޅުގަނޑުމެންނަށް އެކަން ކުރެވޭނޭ ގޮތެއް ތިޔަބޭފުޅުން ހައްދަވައިދެއްވާނެ ކަމަށް. މިއަދު ރާއްޖޭގައި މިހިނގަނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް. އަޅުގަނޑަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަޚްރުވެރި މެންބަރެއް. އެޕާޓީން މިހާރުގެ ސިޔާސަތު އެކުލަވައިލަނީ. އެ ޕާޓީން ޙަވާލުވެފައި މިއޮތީ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މަސައްކަތް. ހުރިހާ ރައްޔިތުންނަށްޓަކައި ވެރިކަމެއް ހިންގައިދިނުމަށް. އަޅުގަނޑުމެން ކުރަމުން މިގެންދަނީ، މިދެންނެވި ވެރިކަން.

އަޅުގަނޑުމެންނާ ގުޅޭގޮތުން ބޭފުޅުން އެކި ބާވަތް ބާވަތުގެ އަޑުލާނެ. ފާޑުކިޔުން ހުންނާނެ. އެއީކީއެއް އަޅުގަނޑު ކުޑަކޮށްވެސް ކަންބޮޑުވާނެ ކަމެއް ނޫން. އަދި އެއީ އެންމެ ފިޔަވަޅެއްވެސް، އަޅުގަނޑު ފަހަތަށް ޖެހޭނެ ސަބަބެއްވެސް ނޫން. އަޅުގަނޑުގެ މަޤްޞަދު، އަޅުގަނޑުގެ އަމާޒު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ޔަޤީން. އަދި އަޅުގަނޑުމެންނަށް، އެ އަމާޒަށް ވާސިލުވެވޭކަންވެސް އަޅުގަނޑުމެންނަށް ސާފުކޮށް އެނގެން އެބައޮތް.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ކުރިމަތީގައި މިއޮތީ އުޖާލާ ދުވަހޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި ރާގޭ.

واَلحَمْـدُ لِلّـهِ. والســّلام عليــكم.

_______________________