بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ވަޑައިގެން ތިއްބެވި ވަޒީރުން، ސްޓޭޓް މިނިސްޓަރުން، ދައުލަތުގެ ވެރިން އަދި ވަކިން ޚާއްޞަކޮށް، މި މާފުށީގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން.

السّـلام عليـكم

މި ސަރުކާރު އުފެދިގެން އައީ، އަޅުގަނޑުމެންގެ ހިތްތަކުގައި މާފުށީގެ ތަރައްޤީގެ ތަޞައްވުރެއް އޮވެގެން. ޕާޓީގެ ފަރާތުން ރާއްޖޭގެ ކަންކޮޅުތަކުގައި، ރައްޔިތުންގެ އަޑުއަހާ، އެ އެހުނު، އިވުނު އަޑުތަކުގެ މައްޗަށް ބިނާކޮށް، ޕާޓީން އެކުލަވައިލީ، ރައްޔިތުންނަށް ޕާޓީގެ ސަރުކާރެއްގައި ކޮށްދޭނެ ކަމަށް ވަޢުދުވާ ކަންކަން. ސަރުކާރުގެ ސިޔާސަތު އުފެދިގެންއައީ، މިދެންނެވި ވަޢުދުތައް ފުއްދުމަށްޓަކައި. އަދި ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވައިލެވިފައި އޮތީ، މިދެންނެވި ވަޢުދުތައް ފުއްދިގެންގޮސް، ރާއްޖެއަށް ބަދަލެއް ގެނައުމުގެ އުންމީދުގައި. އަދި އޭގެ މަޤްޞަދުގައި މިހާރު މިވަނީ ދައުލަތުގެ ބަޖެޓް ފާސްކުރެވި، މިދެންނެވި ސިޔާސަތު ތަންފީޛު ކުރުމަށް ބޭނުންވާ ފައިސާ ހޯދި އަދި އަޅުގަނޑުމެންނަށް މިމަސައްކަތުގައި ކުރިއަށްވުރެ މާ ބާރަށް އުޅެވޭނެގޮތް މެދުވެރިވެފައި.

ޕާޓީއަށްވެސް، ސަރުކާރަށްވެސް އަދި އަޅުގަނޑުމެން އެންމެންނަށްވެސް، ބައިނަލްއަޤްވާމީ ދުނިޔެއަށްވެސް ރާއްޖެއާ ގުޅޭގޮތުން، މާފުށްޓާ ގުޅޭގޮތުން ފާހަގަވާ ނުކުތާތަކެއް އެބަހުރޭ. މި މާފުށީގެވެސް އާބާދީގެ ވަރަށްގިނަ ރައްޔިތުންނަކީ، ކޮންމެ ތިންމީހުންކުރެ އެކަކީ، އޭނާއަށް ރެޔާދުވާލަށް ފަނަރަ ވިހި ރުފިޔާ، އާމްދަނީގެ ގޮތުގައި ނުލިބޭ މީހުންނޭ. ޤައުމެއް، ރަށެއް ތަރައްޤީއެއް ނުވާނެ، އެރަށެއްގެ ރައްޔިތުންގެ ތެރެއިން ބައިވަރު، ގިނަ ބައިވަރު ރައްޔިތުންނަކީ، ނިކަމެތިންގެ ގޮތުގައި ތިބިހާ ހިނދަކު. ތިމަންނާ ކިތަންމެ މުއްސަނދިވިޔަސް، ތަނަވަސްވިޔަސް، ތިމަންނާގެ ޖެހިގެން ހުރި ގޯތި މީހާ، އޭނާގެ ދަރިން މަދްރަސާއަށް ފޮނުވުމަށްޓަކައި ބޭނުންވާ ފޮތް، ފަންސުރު، ގަލަމާއި، ޔުނިފޯމާއި، ބޫޓްފަދަ ތަކެތި ހޯދައިނުދެވި، ދަރިފުޅު މަދްރަސާއަށް ނުގެންދެވޭ ހާލުގައި އަވަށްޓެރި މީހާ ހުއްޓައި، އަވަށްޓެރި މީހާގެ މައިންބަފައިންނަށް އެހީތެރިވެދެވޭނެ ގޮތެއް އޭނާއަށް ނެތިފައި އޮތްއިރު، އަދި އޭނާގެ ޔަތީމު ދެކުދީންނަށް ނުވަތަ އެކަނިވެރި މައެއްގެ ގޮތުގައި ހުރި މީހެއްގެ ގޮތުގައި އޭނާ ހުރިއިރުގައި، އަޅުގަނޑުމެން މި އެދޭ ބަދަލު، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެންގެ ތެރެއަކަށް ނުގެނެވޭނެ.

މާފުށީގެ ތަރައްޤީވެސް ހޯދޭނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ. ޕާޓީގެ ފަރާތުން ވަޢުދުވީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން، ޕާޓީގެ ސަރުކާރެއްގައި ޤާއިމްކޮށްދޭނަމޭ. ޕާޓީގެ ފަރާތުން ވަޢުދުވީ، ޕާޓީގެ ސާދާ ބަހުންނަމަ، ބޭސް ސިޓީއަށް ސަލާންޖެހުން، އިރާދަކުރެއްވިއްޔާ، އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި ހުއްޓާލަދޭނަމޭ، ނައްތާލަދޭނަމޭ. މަދަނައިގެ ވިއުގަ އުފެދިގެންއައީ، މިދެންނެވި ހިސާބުން. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، އަޅުގަނޑުމެންނަށް މިއަދު އުފާވެރިކަން ލިބެނީ، މި މާފުށީގެ 335 ރައްޔިތަކަށް މަދަނައިގައި ރަޖިސްޓްރީވެފައިވާކަމުން. އަދި ހަމައެހެންމެ، މިދިޔަ އަހަރު މާފުށީ ރައްޔިތުންގެ ތެރެއިން، މަދަނައިގައި ރަޖިސްޓްރީވެފައިވާ ރައްޔިތުންގެ ތެރެއިން ބޭސްފަރުވާއަށް ބޭނުންވި މީހުންނަށް ތިންލައްކަ އަށްޑިހަ އަށްހާސް ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. ހަމައެއާއެކުގައި، މި 2011 ވަނަ އަހަރު މާފުށީގައި މަދަނައިގައި ރަޖިސްޓްރީވެފައިވާ 335 މީހުންގެ ތެރެއިން ކޮންމެ މީހަކަށް ބޭސްފަރުވާއަށްޓަކައި މާލިއްޔަތުގައި އެއްލައްކަ ރުފިޔާ ރައްކާ ކުރެވިފައި ހުރިކަމީ، މި ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް. އަޅުގަނޑުމެންނަށް އިތުބާރު ބޮޑުވާ ކަމެއް.

އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މާފުށީ ހުރިހާ ރައްޔިތުންނަށްވެސް، އިޖްތިމާޢީ ރައްކާތެރިކަމުގައި، ސަލާމަތްތެރިކަން ހޯދައިދިނުން. ހުރިހާ ރައްޔިތުންނަށްވެސް މަދަނައިގައި ރަޖިސްޓްރީވެވޭނެ ފުރްޞަތު އަޅުގަނޑުމެން ހޯދައިދިނުން. ޕާޓީ އަޑުއަހަމުން ދިޔައިރު، ރަށުން ރަށަށް، ގެއިން ގެޔަށް، ދޮރުން ދޮރަށް ހިނގަމުންދިޔައިރު، އަދި ހިނގާއިރު، އަދި ހިނގާނެއިރު، ޕާޓީއަށް ފެންނަމުންދިޔަ ނުހަނު ގިނަ މަންޒަރުތައް. އަޅުގަނޑުމެންގެ ތެރެއިން ދޮށީ ޢުމުރުގެ މީހުން އުޅެމުންދިޔަ ހާލު. އަޅުގަނޑުމެންނަށް ވަރަށް ސާފު، މި ރާއްޖެ އަޅުގަނޑުމެންނަށް މިގޮތަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ މިއަދުގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ. އެމީހުން މަހަށް، ފަރަށް ދިޔައީތީވެ. އެމީހުން ރުކަށް، ވަލަށް ވަނީތީވެ. އެމީހުން އޮޑިދޯނިފަހަރު ބަނީތީވެ. ވަޑާން ކުރީތީވެ. އަތްކަން ކުރީތީވެ. އެމީހުން ނުހަނު ގިނަ މަސައްކަތް ކުރީތީވެ. ހަމަގައިމުވެސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ ދެކޭ، ގަބޫލުކުރާ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް މިއަދު ޙައްޤުވަނީ ހަމައެކަނި ސަރުކާރުގައި އުޅުން މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން. ޕާޓީން ވަޢުދުވީ، ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، އާމްދަނީ މަދު، ދެހާސް ރުފިޔާގެ ޕެންޝަނެއް، ޕާޓީގެ ސަރުކާރެއްގައި، އިރާދަކުރެއްވިއްޔާ ފޯރުކޮށްދެވޭނެ ކަމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މި މާފުށީގެ 39 ފަރާތަކަށް، މިދެންނެވި ޕެންޝަން ގަވާއިދުން ދެވެމުން އަންނަތާ މިވީ ދެއަހަރު. އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، މި މާފުށްޓަށް ކޮންމެ މަހަކު ހަތްދިހަ އަށްހާސް ރުފިޔާ، މިދެންނެވި ޕެންޝަނަށްޓަކައި ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތްކަމުން.

އެކަނިވެރި މައިންގެ ގޮތުގައި މާފުށީ 16 ފަރާތަކަށް، މިދިޔަ 2010 ވަނަ އަހަރުގެ ފަހު 6 މަސް ދުވަހު، ހަތްދިހަ ހަހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތްކަމީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަޅުގަނޑުމެންނަށް މިމަސައްކަތުގައި އަދި އިތުރަށް އުޅުމަށް ޖޯޝް ލިބޭ އިތުރު ކަމެއް ނެތް. އަޅުގަނޑުމެންގެ ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން އަޅުގަނޑުމެންނަށް ހޯދައިދެވިގެން މެނުވީ، އަޅުގަނޑުމެން މި ބޭނުންވާ، އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

ތަރައްޤީވާން މިޖެހެނީ މާފުށްޓެއް ނޫން. ތަރައްޤީވާން މިޖެހެނީ މާފުށީ މީހާ. ބަދަލު އަންނާން މިޖެހެނީ މާފުށީ މީހާއަށް. ތަންދޮރު އެނގެން މިޖެހެނީ އޭނާއަށް. އޭނާ ނުކުމެ ކުރާ ކަމެއް ތަރައްޤީއަކީ. އަޅުގަނޑުމެންގެ އަމާޒަކީ، މާފުށީ ރައްޔިތުން މުއްސަނދިކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މާފުށީ ރައްޔިތުންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ ރަނގަޅު އެއްޗެއް ލިބޭނޭ ސިޔާސަތުތަކެއް ސަރުކާރުން ތަންފީޛު ކުރަމުން ގެންދިޔުން. އަޅުގަނޑުމެންނަށް މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަބަދުވެސް އަހަންމިއްޔަތުކަން ބެހެއްޓިފައި ހުންނަން ޖެހޭނީ އަދި ކުރިއަށް އޮތް ތަނުގައިވެސް ހުންނާން ޖެހޭނީ، މި މާފުށީގެ ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ކަންތައް، އެންމެ ފުރަތަމައިނުން ކުރުމަށްޓަކައި. ތަރައްޤީގެ އަބަދުވެސް ނާރެސްއަކަށްވާނީ، މިތަނުގެ މަދްރަސާ. މާފުށީ މަދްރަސާ ތަރައްޤީވެގެން ނޫނިއްޔާ، އެ މަދްރަސާގައި އަޅުގަނޑުމެންގެ ދަރީންނަށް ރަނގަޅު ތަޢްލީމެއް ދެވިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. މިދިޔަ އަހަރުގެ ތެރޭގައި، މި މާފުށީ މަދްރަސާއަށް ދަރިވަރުންނަށް ފޮތް، ފަންސުރު، ޤަލަން ގަތުމަށް ދެލައްކަ ފަންސަވީސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިފައި އޮތްކަމީ، މި ސަރުކާރަށް ހިތްވަރު ލިބޭ ކަމެއް. މާފުށީ ދަރިވަރުން، އޯ ލެވެލް އިމްތިޙާންގައި އަދި ބޭރު އިމްތިޙާންތަކުގައި ބައިވެރިވުމަށް ހަތްދިހަ ދެހާހަށްވުރެ ގިނަ ރުފިޔާ، ފީގެ ގޮތުގައި ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބުނުކަމީ، މިސަރުކާރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އަދި ހަމަ އެނގިވަޑައިގަންނަވާނެ، މާފުށީ މަދްރަސާ އެއްދަންފަޅިއަށް ހެދުމަށް ބޭނުންވާ 4 ކްލާސްރޫމާއި ހޯލެއްގެ އިމާރާތުގެ މަސައްކަތް މިހާރު އެދަނީ ކުރިއަށް. މާފުށީގެ މަދްރަސާއަކީ މިހާރު އެއްދަންފަޅީގައި ކިޔަވައިދޭ މަދްރަސާއެއް. އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ވަށާޖެހޭ ތަޢްލީމެއްދީ، ރަނގަޅު ގޮތުގައި ދަރިންނާ އަޅާލެވުނީމާ މެނުވީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

އަޅުގަނޑު މިއަދު ޙަޤީޤަތުގައި ވަރަށް އުފާވޭ، މާފުށްޓަށް އައިސް ތިޔަބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދައްކައި، އަޅުގަނޑު މިއަދު މާފުށީ ރަށުތެރެއަށް ވަދެ ހިނގައެއް ނުހަދާނަން. އަޅުގަނޑު ޙަޤީޤަތުގައި ތިޔަބޭފުޅުންނާ މިއަދު މިބައްދަލުވަނީ ތިޔަބޭފުޅުންނަށް މަރްޙަބާ ދަންނަވަން. މާފުށީ މަދްރަސާ މިދިޔަ އަހަރު ހޯދާފައިވާ ކާމިޔާބަކީ، ނުހަނު އުޖާލާ ފަހި ކާމިޔާބެއް. އެކަމަށްޓަކައި މާފުށީ ދަރިވަރުންނަށާއި، މިރަށުގެ މަދްރަސާގެ ޓީޗަރުންނަށާއި، ހިންގުންތެރިންނަށާއި، ބެލެނިވެރިންނަށާއި އަދި އެހެންވެސް ސްކޫލް ބޯޑަށާއި، އެންމެހާ ފަރާތްތަކަށް އަޅުގަނޑު ނުހަނު މަރްޙަބާއާއި މުބާރަކްބާދީ ދަންނަވަން. އެނގިވަޑައިގަންނަވާނެ، މިދިޔަ އަހަރު، 2009 ވަނަ އަހަރު 5 މާއްދާއިން ފާސްވި ނިސްބަތަކީ 11 ޕަސެންޓް. މިއަހަރު ތިޔަބޭފުޅުން، ސަރުކާރުގެ ވަޢުދު ފުދޭ މިންވަރަށް ފާސްވެއްޖެ. 5 މާއްދާއިން ފާސްވި ކުދިންގެ ޢަދަދަކީ 60 ޕަސެންޓް. ސަރުކާރުގެ ވަޢުދަކީ، އޯ ލެވެލް އިމްތިޙާންގައި ބައިވެރިވާ ކުދިންގެ ތެރެއިން ނިސްބަތުން 60 ޕަސެންޓް ކުދިން، ކޮންމެ ސަތޭކައަކުން ފަސްދޮޅަސް ކުދިން، ދިހައަކުން ހަކުދިން، 5 މާއްދާއިން ފާސްކޮށްދިނުމަށް ސަރުކާރުގެ ސިޔާސަތު އެނބުރޭނެ ކަމަށް. ސަރުކާރުން އެގޮތަށް، އެމަގަށް އެމަސައްކަތް ކުރިއަށް ގެންދާނެ ކަމަށް. އަޅުގަނޑު މާފުށީ ރައްޔިތުންނަށް ނުހަނު އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަން. ހަމަ އެއާއެކީގައި، އަޅުގަނޑު ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީއަށާއި، އަދި މިހާރުގެ އެޑިޔުކޭޝަން މިނިސްޓަރަށް ނުހަނު މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ ދަރިންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުން.

އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްވެސް އަޅުގަނޑުމެން މިކުރަނީ ދަރިންނަށްޓަކައި. ބަނދަރެއް އަޅަނީވެސް ދަރިންނަށްޓަކައި. މަހަށް ފުރަނީވެސް ދަރިންނަށްޓަކައި. ގަހެއް އިންދަނީވެސް ދަރިންނަށްޓަކައި. ގެއެއް އަޅަނީވެސް ދަރިންނަށްޓަކައި. އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއް، އަޅުގަނޑުމެން މިކުރަނީ، އަޅުގަނޑުމެންގެ ދަރިންނަށްޓަކައި. އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ވަގުތަކީ ހޭދަވާ އެއްޗެކޭ. ހުއްޓިއެއް ނުއެއް ހުރެއޭ. އިއްޔެ މިއޮތީ ގެއްލިފައޭ. މިއަދު މިއޮތީ ހަވީރުވެފައޭ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހޯދޭނީ މާދަމައޭ. އަޅުގަނޑުމެންގެ މުސްތަޤްބަލޭ. އެއީ، އަޅުގަނޑުމެންގެ ދަރިންނޭ. އަޅުގަނޑުމެން އެއްޗަކަށް ހަދާންވީ އެކުދިން. އަޅުގަނޑުމެންގެ ހިތްތަކަށް އުފާވެރިކަން ލިބޭނީ، އެކުދިންނާ އަޅުގަނޑުމެންނަށް އަޅާލެވުނު މިންވަރަކުން. އަޅުގަނޑު ވެރިކަމުގައި ހުރުމުގެ މާނައެއް ނެތް، މިތާ އިންތިޙާންގައި ބައިވެރިވާ ހުރިހާ ކުދިން ފެއިލްވަމުންދާއިރެއްގައި.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ވަޢުދު ފުއްދުން. ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. އަޅުގަނޑު މިތާހުރެ މިވާހަކަ ދައްކާއިރުގައި، އުފަލާއެކީގައި އަޅުގަނޑު މިދައްކަނީ، ތިޔަބޭފުޅުންގެ މަދްރަސާއަށް، ތިޔަބޭފުޅުންނަށް އަޅުގަނޑުމެން މި ސަރުކާރުން، އަޅުގަނޑުމެންގެ ޕާޓީން، އެހެންވީމާ، މި ސަރުކާރުން ތަޢްލީމާ ގުޅޭގޮތުން ވެފައިވާ ވަޢުދު، އަޅުގަނޑުމެން މިވަނީ މިއަދު ފުއްދާފައި. ވަޢުދެއްވެގެން ނޫނިއްޔަކާއެއް، ވަޢުދެއް ނުފުއްދޭނެ. ވަޢުދެއް ނެތްނަމަ، އަޅުގަނޑުމެންގެ އަމާޒެއްވެސް ނޯންނާނެ. އަދި އަޅުގަނޑުމެންގެ ލަނޑުދަނޑިއެއްވެސް ނޯންނާނެ. މަޤްޞަދެއްވެސް ނޯންނާނެ. މި ޕާޓީއަށް އަދި މި ސަރުކާރަށް މަސައްކަތް ކުރާން ފަސޭހަވެފައި، ކަންތައް ހިންގުމަށް އަޅުގަނޑުމެންނަށް ތަރުތީބެއް ފެނިފައި އޮންނަނީ، އެހެންވެސް ތަހުޒީބު ދުނިޔެތަކުގައި މިކަން ކުރާ ގޮތަށް އަޅުގަނޑުމެންނަށް އެކަން ކުރީމާ. އެހެން ބަޔަކު ވަޢުދެއް ނުވާނެ. އެހެން ޕާޓީއަކުން ވަޢުދުވާ ތަނެއް ތިޔަބޭފުޅުން އަޑެއް ނާއްސަވާނެ. އަޅުގަނޑުމެން މިއީ ވަޢުދުވާ ޕާޓީއަކީ. އެހެން ޕާޓީއަކީ ވަޢުދުވާ ބައެއް ނޫން. އަޅުގަނޑުމެންނަކީ ވަޢުދު ފުއްދާން އޮތް ބައެއް. ނުވާ ވަޢުދެއް ފުއްދޭން އޮންނާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައިވެސް ދާނީ ވަޢުދުވަމުން.

އަޅުގަނޑުމެންގެ މާފުށީގެ ތަޞައްވުރެއް އޮވެގެން، އަޅުގަނޑުމެންގެ ވެރިކަން ފަށައިގަތީ. އެނގިވަޑައިގަންނަވާނެ، މިއަތޮޅު އަތޮޅުވެރިކަންވެސް މިހުރީ މިރަށުގައި. އެނގިވަޑައިގަންނަވާނެ، މި ޕްރޮވިންސްގެ ވެރިކަންވެސް މިހުރީ މިރަށުގައި. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނާއެކީގައި މަސައްކަތް ކުރެވޭނެ ގޮތެއް ނެތިއްޔާ، އަޅުގަނޑަކަށް މި ރާއްޖޭގެ ހުރިހާ ރައްޔިތުން ޙަވާލުކޮށްފައި އަމާނާތެއް، މި ވެރިކަމަކީ، މި ޚަޒާނާއަކީ، ދިވެހި ދައުލަތުގެ މާލިއްޔަތަކީ، އަޅުގަނޑާ ރާއްޖޭގެ ހުރިހާ ރައްޔިތުން ޙަވާލުކޮށްފައި އޮތް އަމާނާތެއް. އަޅުގަނޑަކަށެއް ނެތް، އަޅުގަނޑެއް އެ އަމާނާތަކަށް ޚިޔާނާތްތެރިއެއް ނުވާނަން. އަޅުގަނޑަކަށެއް އެކަމެއް ނުކުރެވޭނެ. އިންޞާފްވެރިކަމާއި، ހަމަހަމަކަމާ އެކީގައި، ދައުލަތުގެ ފައިސާ އަޅުގަނޑު ޚަރަދު ކުރަމުން ގެންދާނީ. މާފުށްޓަށް މި ޚަރަދު އަޅުގަނޑުމެންކޮށް، މާފުށި ބަދަލުކުރުމަށް، މިމަސައްކަތް މިކުރަނީ، އެއާ ގުޅިގެން މުޅި މިސަރަޙައްދު ބަދަލުކުރުމުގެ ވަރަށް ފޮނި އުންމީދެއްގައި. އެކަން އަޅުގަނޑުމެންނަށް ނުވާގޮތްވާ ކަމަށް ވަނީވިއްޔާ، އަދި ނުވާތަން އަޅުގަނޑުމެންގެ ދައުރު މެދުޖެހޭއިރުގައި، ފެންނަ ކަމަށް ވަނީވިއްޔާ، އަޅުގަނޑަށް ޙަޤީޤަތުގައި އެ ފުރްޞަތެއް ނެތް، އަޅުގަނޑު އޭރު ޖެހޭނީ ބަދަލުވާން. އަޅުގަނޑު ޖެހޭނީ މިމަސައްކަތް އަޅުގަނޑުމެންނަށް ކުރެވެން އޮތް މަގެއްގައި، ކުރެވެން އޮތް ގޮތަކަށް ކުރަން.

އަޅުގަނޑަށް ޔަޤީން، އަޅުގަނޑު އެދެނީ، މާފުށީ ރައްޔިތުންނާ އެކީގައި އަޅުގަނޑުމެން މިމަސައްކަތް ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، މާފުށްޓަކީ މަދުވެގެން ދިހަ ބާރަހާސް މީހުން ދިރިއުޅޭ، ހަރުދަނާ ވަރުގަދަ ބޮޑު ރަށަކަށް ހެދުން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީވެސް، މިދެންނެވި އަމާޒުގައި. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދައުރު ނިމުމުގެ ކުރީގައި، މާފުށީގެ ބިން ބޮޑުކުރާނެ އަޅުގަނޑުމެން. މާފުށްޓަށް، މުޅި މި ސަރަޙައްދުން މީހުން ގެނެވޭނެގޮތް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ފަހިކުރަމުން ގެންދާނަން. މާފުށީގައި އަޅުގަނޑުމެންގެ ހައުސިންގ ޕްރޮގްރާމް ބާރަށް އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. މިމަސައްކަތްތައް އަޅުގަނޑުމެންނަށް ކުރެވޭނެގޮތް މަގުފަހިކޮށްދިނުމަށް އަޅުގަނޑު ތިޔަބޭފުޅުންގެ ކިބައިން އެދެން. މިއަދު ރާއްޖޭގައި މިހިނގަނީ، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް. އެ ނިޒާމްގައި އަޅުގަނޑުގެ އަތް ބަނދެވޭނެ، އަޅުގަނޑުމެންގެ ވަކީލުން، އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރާން ނެތިއްޔާ. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތިޔަބޭފުޅުންގެ ކިބައިން އެދެން، ތިޔަބޭފުޅުންނާ އެކުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެގޮތް ހައްދަވައިދެއްވާށޭ.

އަޅުގަނޑު މާފުށްޓަށް އައި ފުރަތަމަފަހަރު، ރައީސް ކަމުގައި، ތިޔަބޭފުޅުން އެދުނީ، ބަނދަރުގެ ވާހަކަ. ބަނދަރު ބާރަށް ގެންގޮސް ކުރިއަށް ގެންދިޔުމަށް. އަދި އޭގެއިތުރުން، ތިޔަބޭފުޅުން އެދުނީ، ބަނދަރު އޭރުގައި ޑިޒައިން ކޮށްފައި އޮތް އޮތުމަށް ބަދަލުގެނައުމަށް. އަޅުގަނޑުމެންނަށް މިބަދަލަށް، ބަނދަރެއް ފުރަތަމަ ޑިޒައިންކުރި ބަނދަރުގެ އަގަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަށާރަ މިލިއަން ރުފިޔާ. މިއަދު އެ އަޅުގަނޑުމެން ނިންމާފައި މިވަނީ، ތިރީސް މިލިއަން ރުފިޔާ ޚަރަދުކޮށް ހަދާފައިވާ ބަނދަރެއް. މާފުށި ބޭރު ތޮށްޓާ އެއްވަރަށް މައްޗަށް ނަގާފައި ހުރި ބޭރު ތޮށްޓެއް، އަޅުގަނޑު މިއީ 114 ވަނަ ރަށް، މިދިޔަ ދެމަސް ދުވަހުގައި އަންނަ. އަޅުގަނޑު އަޅައެއްނުގަނޭ. އަޅުގަނޑު ހިތްހަމަޖެހެނީ، އަޅުގަނޑު އުފާވަނީ، މި ބަނދަރުގައި އައިސް، މި ފުރިހަމަ ގޮތުގައި ހަދާ ނިންމިފައި އޮތް ބަނދަރެއް އަޅުގަނޑުމެންނަށް ފެންނާތީވެ. އަދި ކުރިއަށް އޮތް ތަނުގައި ބަނދަރު ޕްރޮގްރާމްގެ ތެރެއިން، ބަނދަށް ގެންނާންޖެހޭ ބަދަލާއި، ބަނދަރަށް ގެންނާންޖެހޭ އިތުރު ތަރައްޤީ، މިތަނުގައި ޕްރޮވިންސް ބަނދަރެއް ހެދި، އެ ފެންވަރުގެ ބަނދަރެއް ތަރައްޤީ ކުރުމަކީ، އަޅުގަނޑުމެންގެ އަމާޒެއް.

އަޅުގަނޑު ހަމައެކަނި ވަރަށް އިޚްލާޞްތެރިކަމާއެކު ތިޔަބޭފުޅުންގެ ކިބައިން މިއެދެނީ، އަޅުގަނޑާ އެކުގައި ތިޔަބޭފުޅުން ތިއްބަވާށޭ. ތިލަފަތަށް ތިޔަބޭފުޅުން ބައްލަވާށޭ، ގެއްލިއެއް ނުދާނޭ، އިންޞާފް އަބަދުވެސް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނޭ.

ޤައުމެއް ތަރައްޤީވެ މިދަނީ، ރަށެއް ތަރައްޤީވެ މިދަނީ، ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުމުން. އަޅުގަނޑު އަބަދުވެސް އެބަ އެދެން، ތަރައްޤީއަކީ މާފުށީ މީހާއަށްވާ ކަމެކޭ. އެއީ މާފުށްޓަށްވާ ކަމެއް ނޫނޭ. އަޅުގަނޑުމެންގެ އަމާޒަކަށްވާނީ، މާފުށީ ރައްޔިތުންނަށް އިތުރަށް ތަނަވަސްކަން ލިބުން. މާފުށީ ރައްޔިތުން މުއްސަނދިވުން. މާފުށީ ރައްޔިތުންނަށް މުއްސަނދިވެވޭނީ، މާފުށީގައި ވިޔަފާރި ކުރިއަރައިގެން. ވިޔަފާރިއަކީ މުދަލާއި ފަސިންޖަރުން، އެއްތަނުން އަނެއްތަނަށް ބަދަލުވީމާ ވާކަމެއް. ޕާޓީގެ ފަރާތުން ވަޢުދުވީ، 7 އަހަރު ދުވަހުގެ ތެރޭގައި، ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމްކޮށްދިނުމަށް. ފުރަތަމަ ދެއަހަރުގެ ތެރޭގައި، އޭގެ އަސާސީ ޚިދްމަތްތައް ފެށުމަށް. މިހާރު މިއަދު އަޅުގަނޑު ހިތްހަމަޖެހެނީ، މި މާފުށީގައި، ކޮންމެ ދުވަހަކުވެސް ވިހި ފަނަރަ މީހުން ދަތުރަށް އަރާކަމުން. އަދި ކޮންމެ ދުވަހަކުވެސް، މި މާފުށްޓަށް ވިއްސަކަށް މީހުން ދަތުރު ނިންމައި އަންނަކަމުން އެއީ އަޅުގަނޑުމެން މިއެދޭ ބަދަލުގެ ކޮޅުމަތި. އަޅުގަނޑުމެން މިއެދޭ ބަދަލުގެ ޢަލާމާތެއް. އެއްތަނުން އަނެއް ތަނަށް ދަތުރުކުރެވި، ހެލިފެލިވެ އުޅެވިގެން ނޫނިއްޔާ، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން މި ހޯދާން އުޅޭ ތަރައްޤީއެއް ނުހޯދޭނެ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން، މާފުށީ ރައްޔިތުން މުއްސަނދިކުރުން. ތިޔަބޭފުޅުންނަށް މާބޮޑަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑަށްވުރެ ބޮޑަށް. މިސަރުކާރުގެ ކުރީގައި ކަންނެލި ކިލޯއަކަށް ލިބެނީ ކިހާވަރެއްތޯ؟ އަޅުގަނޑަށް ޔަޤީން، އަށްޑިހަ ރުފިޔާ، ފަސްދޮޅަސް ރުފިޔާއަށްވުރެ މަތިން ގިނަފަހަރަށް ލިބިފައެއް ނުހުންނާނެ. މަސްވެރިކަން ހުޅުވާލައި، އެއަށް ވާދަވެރިކަން ގެނައިމާ، ވާދަވެރި މާރުކޭޓެއް އުފެދި، މިއަދު ތިޔަބޭފުޅުން ކަންނެލި ކިލޯއެއް ވިއްކަމުން ތިޔަގެންދަވަނީ ސަތޭކަދިހަރުފިޔާއަށް. މީގެކުރީގައި ބޭނި ފަނަރަ ޓަނު މަހެކޭ، މިއަދު ބާނާ ފަސްޓަނު މަހެކޭ އެއްވަރު. ކަޅުބިލަމަސް ކިލޯއެއް، ކިލޯ ހަމަނުވާ މަހެއް، ތިޔަބޭފުޅުން ވިއްކަވާފައި އޮންނާނީ، ފަސްރުފިޔާއަށް، ހަތްރުފިޔާއަށް. މިއަދު ބާރަ ރުފިޔާ ބަޔަށް، ތޭރަ ރުފިޔާއަށް ކަޅުބިލަ މަސް ކިލޯއެއް ގަންނަމުން މިގެންދަނީ، ސަރުކާރުގެ ސިޔާސަތަށް ބަދަލު ގެނެވުނީމާ. މަދު މީސްކޮޅެއްގެ އަތްމަތީގައި ރާއްޖޭގެ މަސްވެރިކަމާއި، މަސް ކަނޑުތައް ބޭއްވުން އެއީ ބުއްދިވެރި ކަމެއް ނޫންކަން، ކޮންމެހެން މާހިރަކަށްވާކަށް ނުޖެހެއޭ، އެކަން އެނގޭކަށް. އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، ވާދަވެރި ކަމުގައި، މަސްވެރިކަމުގެ ސިޔާސަތު ހުޅުވާލެވިއްޖެނަމަ، އޭގެ ފައިދާ ކުރާނީ މަސްވެރިންނަށްކަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި، މިތަނުގައި އައިސް ޕްލާންޓް ޤާއިމް ކުރެވި، އަދި އައިސްއާއި ފެން، މަސްވެރިންނަށް ލިބޭނޭ އިންތިޒާމްތައް، އުޞޫލުތައް ހަމަޖެހިގެންދާނެ. މިބަނދަރުން މިހިސާބަށް، މި ސަރަޙައްދަށް ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް ލިބޭނެގޮތް ފަހިކޮށްދިނުމަކީ، އަޅުގަނޑުމެންގެ އަމާޒު.

އަޅުގަނޑު މިއަދު ހިތާމަ ކުރަނީ، ތިޔަބޭފުޅުންގެ ވަކީލާއެކީގައި، އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭތީވެ. އަޅުގަނޑު ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކު މިދަންނަވަނީ، ވާދަވެރި ފަރާތްތަކުގެ ބޭނުމަކީ، ރަށް ތަރައްޤީ ކުރުމެއް ނޫން. އެބޭފުޅުންގެ ހަމައެކަނި ބޭނުމެއްގެ ގޮތުގައި މިފެންނަނީ، އަލުން އަނބުރާ ވެރިކަމަށް ވަޑައިގެންނެވުން. އެއީ އިންތިޚާބަކާނުލާ. އިންތިޚާބު އޮތީ، 2013 ގައި. އެއާ ހަމައަށް ރަށު ތަރައްޤީއަށް ހުރިހާ ބޭފުޅުން މަސައްކަތް ކޮށްލެއްވިނަމަ، ތިޔަބޭފުޅުން އަޅުގަނޑަށް ޔަޤީން، މާދުރަށް ވިސްނަވާނެކަން، މާ ފުންކޮށް ވިސްނަވާނެކަން. މިއަދު އެބޭފުޅުންނަށް އުޅުއްވަނީ، ސަރުކާރުން ކަމެއްވިޔަނުދިނުމުގެ ސަބަބުން، ވިޔަނުދީފައި، ދެން ރައްޔިތުންގެ ހިތްތަކުގައި، އަޅުގަނޑުމެންނަކީ ވަޢުދު ފުއްދާ ބައެއް ނޫންކަމަށް ބިންވަޅު ނަގައި، ތިޔަބޭފުޅުންނާ އަޅުގަނޑުމެންނާ އޮންނަ ގުޅުން ދުރުކުރުން. އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ ކަމަށް. އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު، ތަކުރާރުކޮށް ތިޔަބޭފުޅުންގެ ކިބައިން އެދެނީ، އަޅުގަނޑުމެންނާ އެކުގައި، ތިޔަބޭފުޅުން ތިއްބަވާށޭ.

ކުރިމަތީގައި އަޅުގަނޑަށް ފެންނަނީ އުޖާލާ ޒަމާނޭ. ފެންނަ ވަރަށް ސާފު ސާދާ ޅެންބަހުންނާއި އަދި މާ ފަށުވި ބަހުރުވައިން މިތަނުގައި ތަޢާރުފްކުރި ބޭފުޅާ ކިޔައިދެއްވައިފި. އަޅުގަނޑަށް ފެންނަނީ، އުފާވާ ޒަމާނެއް. އަޅުގަނޑަށް ފެންނަނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

واَلحَمْـدُ لِلّـهِ. والســّلام عليــكم.

_______________________