بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ރައީސް އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ދައުލަތުގެ ވަޒީރުން، ދެންވެސް ވަޑައިގެން ތިއްބެވި ދައުލަތުގެ ވެރިންނާއި އަދި ވަކީން ޚާއްޞަކޮށް މިގުރައިދޫގެ ލޮބުވެތި ރައްޔިތުން،

السّـلام عليـكم

މިސަރުކާރު އުފެދިގެންއައީ، މިރާއްޖޭގެ ތަރައްޤީގެ ވިސްނުމެއް، ތަޞައްވުރަކާ އެކުގައި. މިސަރުކާރު އުފެދިގެންއައީ، ގުރައިދޫގެ ތަރައްޤީގެ ތަޞައްވަރުކާ އެކުގައި. ޕާޓީގެފަރާތުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް، ދޮރުންދޮރަށް، ގެއިންގެއަށް ހިނގައި، ރާއްޖޭގެ އެންމެހާ މީސްތަކުންނަށް ނުހަނުގިނަ މަޝްވަރާތައް ކުރުމަށްފަހުގައި، ޕާޓީ އެކުލަވާލީ ޕާޓީގެ ވަޢުދުތައް. އަޅުގަނޑުމެން މިއަދު ކުރަމުން މިގެންދާ މަސައްކަތަކީ، ޕާޓީއިން ވެފައިވާ ވަޢުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ ސިޔާސަތު އެކުލަވާލައި، އެސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ބޭނުންވާނެ ފައިސާ އެކުލެވޭ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެބަޖެޓް ބޭނުންކޮށްގެން ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަމުން ގެންދިއުން. ޕާޓީއިން ރައްޔިތުންނަށްވެފައި ވަޢުދުތަކަކީ، އެވަޢުދުތައް ފުއްދުމުން، އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވެގެންދާނެ ކަންކަން. އެވަޢުދުތައް ފުއްދުމުން، މިގުރައިދޫގެ ރައްޔިތުންގެ ޙަޔާތައް އުޖާލާކަން އަންނާނެކަމީ، އަޅުގަނޑުމެންގެ ހިތުގައި ޝައްކު އުފެދޭކަމެއްނޫން. ޕާޓީގެ ފަރާތުން ގުރައިދޫގެ ތަރައްޤީއަށްޓަކައި އެކުލަވާލާފައިވާ މެނިފެސްޓޯއާއި، އެކުލަވާލާފައިވާ ޕްރޮގްރާމްތަކަކީ މިޕާޓީއަށް ފެންނަފެނުމުގައި އަދި ސަރުކާރު ދެކޭގޮތުގައި ގުރައިދޫގެ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަންކަން.

މިގުރައިދޫގެވެސް ޢާންމުރައްޔިތުން ވަރަށްގިނަ ރައްޔިތުންނަކީ، އެމީހުންގެ ދުވަހު އާމްދަނީއަށް ވިހިފަނަރަ ރުފިޔާ ހަމަޔަށް ނުލިބޭ ނިކަމެތިން. އެމީހުންގެ އާދައިގެ ބޭނުންތަކަށްވެސް ގިނަފަހަރަށް، އެއް ސައުދާގަރެއް ކައިރިން، އަނެއް މަހުޖަނެއް ކައިރިން، އަނެއް ވިޔަފާރިވެރިއެއް ކައިރިން ހިގަންޖެހޭ މީހުން. ގުރައިދޫގެ ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ހޯދައިދިނުމާއި އެރައްޔިތުންނަށް ޙައްޤުތަކެއް ލިބިގެންވާކަން އެރައްޔިތުންނަށް ސާފުކޮށްދީ، ކޮންމެ ގުރައިދޫ މީހަކީވެސް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ގުރައިދޫ މީހެކޭ. ތިމަންނާއަކީ ޙައްޤުތަކެއް ލިބިގެންވާމީހެކޭ ބުނެ، ހަމައިސްކޮޅަށް ދެމިލެވޭނެ ގުރައިދޫ ރައްޔިތެއް އުފެއްދުމަކީ މިޕާޓީގެ އަމާޒު. މިސަރުކާރުގެ ސިޔާސަތު. އަޅުގަނޑުމެންގެ ބޭނުން. ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އަދި ގުރައިދޫ ރައްޔިތުންގެވެސް ތެރެއިން ގިނަބައިވަރު ރައްޔިތުން ނިކަމެތި ކަމުގައި ތިބިހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ތަރައްޤީ ގުރައިދޫއަކަށެއް ނުހޯދޭނެ. ތިމަންނާއަކީ ކިތަންމެ ތަނަވަސް މުއްސަނދި މީހަކަށްވެސް ވެދާނެ. އެހެންނަމަވެސް، ތިމަންނާއާ ޖެހިގެންހުރި މީހާ، ޖެހިގެންހުރި ގޭގައިއުޅޭ ޢާއިލާއަކީ، އެމީހުންގެ ނިކަމެތިކަމުގެ ސަބަބުން އެމީހުނަށް ދިމާވާ ބޭސްފަރުވާޔަށްވެސް، މަދަރުސާ ދަރިންގެ މަދަރުސާގެ ބޭނުންތަކަށްވެސް، މައިންބަފައިން ބެލެހެއްޓުމަށްވެސް، ބޯހިޔާވަހިކަމަށްވެސް، ދަތުރުފަތުރު ކުރުމަށް، އެއްތަނުން އަނެއްތަނަށް ދިއުމަށްވެސް އެމީހުންނަށް އަމިއްލަ ޙާލަތުގައި އެކަންކަން ނުފުއްދޭ މީހުންކަމުގައި ވަނީނަމަ ދެން އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ.

ތަރައްޤީއަކީ އެއްވެސް ޙާލެއްގައި ކޮންކްރީޓުން މިނާއެއްޗެއްނޫން. ތަރައްޤީއަކީ ބޮޑުހިލަ ގިނަވުމެއްނޫން. ތަރައްޤީއަކީ އެއްގަމު ތޮށްޓެއްވެސްނޫން. ތަރައްޤީއަކީ ސަހަރާ ވަށާފަރެއްވެސް ނޫން. ތަރައްޤީއަކީ ގުރައިދޫމީހާ ތަރައްޤީވުން. ތަރައްޤީއަކީ އަޅުގަނޑުމެންގެ ޙަޔާތް އަޅުގަނޑުމެންގެ ޙާލަތު އެއްޙާލަތުން އަނެއްޙާލަތަށް ބަދަލުވުން. އަޅުގަނޑުމެން މިއަމާޒުކުރާ އަޅުގަނޑުމެން މިހޯދައިދިނުމަށް މަސައްކަތްކުރާ ތަރައްޤީއަކީ، ގުރައިދޫ ރައްޔިތުން މުއްސަނދި ކޮށްގެން އެރައްޔިތުންނަށް ތަންދޮރު އެނގިގެން އެރައްޔިތުންނާއެކުގައި މިރަށް ތަރައްޤީކުރުމުގެ މަސައްކަތް. އެހެންވެ، ޕާޓީގެ ވަޢުދަކަށްވީ މިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޭސް ސިޓީއަށް ސަލާންޖަހާޖެހުން ޕާޓީގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ނައްތާލަދޭނަމޭ. މިއަދު އަޅުގަނޑު ހިތްހަމަޖެހެނީ، އަޅުގަނޑުމެންނަށް އުފާވެރިކަން ލިބެނީ، މިގުރައިދޫގެ ރައްޔިތުންގެ ތެރެއިން 306 މީހަކު މަދަނައިގައި ރަޖިސްޓަރީ ވެފައިވާކަމުން. އަދި މިދިޔަ އަހަރު ގުރައިދޫ ރައްޔިތުންގެ ތެރެއިން، ޑޮކްޓަރަށް ދެއްކި ބޭސް ސިޓީއަށް ބޭނުންވީ މީހުންނަށް، ހަތަރުލައްކަ ސާޅީސްއަށްހާސް ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ މިސަރުކާރަށް ހިތްވަރުލިބޭ ކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަންލިބޭ ކަމެއް. އަޅުގަނޑު މިދެންނެވި ހަތަރުލައްކަ ސާޅީސްއަށްހާސް ރުފިޔާއަކީ އެއްވެސް ޙާލެއްގައި މިތާނގެ ހެލްތް ސެންޓަރު ރަނގަޅު ކުރުމަށް ނުވަތަ އެތަނުގެ ޚަރަދަށް ކުރެވުނު ޚަރަދެއްނޫން. މިދެންނެވި ފައިސާއަކީ ހަމަ ސީދާ މިރަށު މީހުންގެ ތެރެއިން ޑޮކްޓަރަށް ދައްކައި އެ ޑޮކްޓަރު ލިޔެދިން ބޭސް ސިޓީއަށް ނުވަތަ ފަރުވާޔަށް، އެފަރުވާ ހޯދުމަށްޓަކައި ދިޔަ ޚަރަދަށް ސަރުކާރުން އެޚަރަދު ދިނުމުގެ ފުރްޞަތު ސަރުކާރަށް ލިބިފައިވާތީވެ، އެޚަރަދުކުރުމަށް އަޅުގަނޑުމެން ކުރި ޚަރަދު.

ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ރައްޔިތުންގެ އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އަޅުގަނޑުމެންގެ އަމާޒަކަށް ވެފައި އޮންނާނީ އަބަދުވެސް ރައްޔިތުންނަކީ ޤަދަރުވެރިކަމާއެކީގައި އުޅެވޭ ބަޔަކަށް ހެދުން. ރައްޔިތުންގެ ބޭސްފަރުވާއަށް އެކެއްކައިރިން އަނެކެއްކައިރިން ހިނގާންޖެހޭޖެހުން ހުއްޓުމަކަށް ގެނައުން. އަޅުގަނޑުމެނަށް ހިތްހަމަޖެހުން މިއަހަރުލިބެނީ، މިހިނގާ 2011 ވަނައަހަރުވެސް ގުރައިދޫގެ މިދެންނެވި 306 ރައްޔިތުންނަށް ކޮންމެމީހަކަށް މާލިއްޔަތުގައި އެއްލައްކަރުފިޔާ ފޮރުވިފައި އޮތީތީވެ، އެމީހުންގެ ބޭސް ފަރުވާއަށް. ސަރުކާރުގެ އަމާޒަކީ ކުރިޔަށްއޮތް ތަނުގައި މުޅި ގުރައިދޫ ހުރިހާ ރައްޔިތުން މަދަނައިގައި ރަޖިސްޓަރީވުން. އަދި ހުރިހާ ރައްޔިތުންނަށްވެސް މަދަނައިގެ އެހީތެރިކަމާއި ބޭސްފަރުވާ ރަނގަޅަށް ބަރާބަރަށް ލިބެމުން އައުން. ޕާޓީގެ ވަޢުދެއް އެއީ، ރާއްޖޭގެ ދޮށީ އުމުރުގެ މީހުންގެ ޙާލަތު ބެލުން. އެމީހުންނާ އަޅާލުން. އެ ދޮށީ ޢުމުރުގެ މީހުންގެ ކަންކަން ބެލެހެއްޓުން. ޕާޓީއިން ވެފައިވާ ވަޢުދަކީ 65 އަހަރުން މަތީގެ ކޮންމެ މީހަކަށް އަންހެނަކަސް ފިރިހެނަކަސް އޭނާއަށް 2000 ރުފިޔާގެ ޕެންޝަނެއް ދިނުމަށް، ޕާޓީއިންވީ ވަޢުދު. ސަރުކާރުން މިއަންނަނީ އެވަޢުދު ފުއްދަމުން. އަޅުގަނޑުމެންނަށް ހިތްހަމަޖެހުންލިބެނީ، މި ގުރައިދޫގެ 73 މީހަކަށް 3 ރައްޔިތަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ލިބެމުންދާތާ މިވީދެއަހަރު. އަދި ހަމަ އެހެންމެ، ކޮންމެމަހަކު އެއްލައްކަ ސާޅީސްހަހާސް ރުފިޔާ މިދެންނެވި ޕެންޝަނަށް ޚަރަދުކުރުމުގެ ފުރްޞަތު މިސަރުކާރަށް ލިބިފައިއޮތްކަމީ، މިޕާޓީއަށް ހިތްވަރު ލިބޭކަމެއް އުފާވެރިކަން ލިބޭކަމެއް.

އެކަނިވެރި މައިންނާއި ޔަތީމު ކުދިންނަށް އެހީތެރިވެދިނުމަކީ، އަޅާލުމަކީ، ތަރައްޤީއަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް. އިޖްތިމާޢީ ރައްކާތެރިކަން ހުރިހާ ރައްޔިތުންނަށް ހޯދައިދީގެންނޫނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެން މިބޭނުންވާ ބަދަލު ނުގެނެވޭނެ. މިގުރައިދޫގެ 50 ފަރާތަކަށް އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތެރިކަން ފޯރުވައި އަދި 2010 ވަނައަހަރު ދެލައްކަ ނުވަދިހަތިންހާސް ރުފިޔާ އެކަމަށް ޚަރަދުވެފައިއޮތްކަމީ މިސަރުކާރަށް ހިތްހަމަޖެހުން ލިބޭކަމެއް. އަޅުގަނޑުމެންނަށް އުފާވެރިކަން ލިބޭކަމެއް. ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، މިރަށުގެ ގުރައިދޫގެ ތަރައްޤީ. ގުރައިދޫ ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދީ، އެރައްޔިތުން ތަރައްޤީކޮށްގެން މިރަށުގެ ޙަޤީޤީ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން. އަޅުގަނޑުމެން އެތަރައްޤީ ލިބިގަތުން، ހޯދައިގަތުން.

އެހެންވީމާ، ހުރިހާކަމަކަށްވެސް އަޅުގަނޑުމެންނަށް އެންމެ މުހިންމުވަނީ މިރަށުގެ މަދަރުސާ. އަޅުގަނޑުމެންނަށް ގުރައިދޫގެ ތަރައްޤީއަށްޓަކައި އެންމެމުހިންމު އަހުމިއްޔަތުކަމެއް ދޭންޖެހޭތަނަކީ ގުރައިދޫގެ މަދަރުސާ. ގުރައިދޫގެ ތަރައްޤީގެ ނާރެސްއަކީ ގުރައިދޫގެ މަދަރުސާ. ގުރައިދުގެ ދަރިންނަށް، މިރަށު ދަރިންނަށް އަޅުގަނޑުމެން މިއެދޭ ތަޢުލީމު، އަޅުގަނޑުމެން މިއެދޭ ޢިލްމު އެދަރިންނަށް ހޯދައިނުދެވެހާ ހިނދަކު އަޅުގަނޑުމެން މިއެދޭ ބަދަލު މިގުރައިދޫއަކަށެއް އަޅުގަނޑުމެންނަކަށެއް ނުގެނެވޭނެ. އެހެންވެ، ޕާޓީގެ ވަޢުދަކަށްވީ އޯލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެތެރެއިން 60 ޕަސެންޓް ކުދިންނަކީ، ކޮންމެ ސަތޭކައަކުން 60 ކުދިންނަކީ ކޮންމެ 10 ން 6 ކުދިންނަކީ 5 މާއްދާއިން ފާސްވާ ކުދިންނަށް، އިރާދަކުރެއްވިއްޔާ އެމް.ޑީ.ޕީ.ގެ ސަރުކާރެއްގައި އަޅުގަނޑުމެން ހަދައިދޭނަމޭ. އެމަޤްޞަދަށްޓަކައި މިދިޔައަހަރު އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ، އުފާވެރިކަން ލިބެނީ، ގުރައިދޫގެ ދަރިވަރުންނަށް ފޮތް ފަންސުރު ގަލަން ގަތުމަށާއި، މަދަރުސާއަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްލައްކަ ފަސްދޮޅަސްއަށްހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައި އޮތްކަމީ މިސަރުކާރަށް ހިތްވަރު ލިބޭކަމެއް. މިޕާޓީއަށް އުފާވެރިކަން ލިބޭކަމެއް. އަޅުގަނޑުމެނަށް އިތުރު ޖޯޝާއެކީގައި މަސައްކަތްކުރުމުގެ އާ ހިތްވަރެއް ލިބޭކަމެކޭ. މި ގުރައިދޫގެ އޯލެވެލް އިމްތިޙާނުގައި ބައިވެރިވި ކުދިންނަށް އޯލެވެލް އިމްތިޙާނުގެ ފީދެއްކުމަށްޓަކައި އަށާވީސްހާހަށްވުރެ ގިނަރުފިޔާ ޚަރަދު ކުރެވުމުގެ ފުރްޞަތު މިޕާޓީއަށް ލިބުން މިއީ މިއަދު އަޅުގަނޑުމެން މިދެކޭ ނަތީޖާ މިމަދަރުސާތަކުން ފެންނަމުންދާ އެންމެބޮޑު އެއްސަބަބު.

ސްކޫލް އެއްދަންފަޅިއަށް ބަދަލުކޮށް، ވަށައިޖެހޭ ތަޢުލީމެއް ދެވިގެން ނޫނިއްޔާ، އަޅުގަނޑުމެން މިއެދޭ ތަޢުލީމު، އަޅުގަނޑުމެން މިއެދޭ ބަދަލު މަދަރުސާތަކަކަށް ނުގެނެވޭނެ. މިއަހަރުގައި އަޅުގަނޑުމެންނަށް ހިތްހަމަޖެހުން ލިބެނީ އަދި އަޅުގަނޑަށް ހިތްވަރު ލިބެނީ، ނުހަނު އުނދަގުލާއެކުގައި ތިބޭފުޅުންގެ ވަކީލުންގެ، ރައްޔިތުންގެ މަޖިލީހުގެ ވަކީލުންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ނުލިބިވެސް ވަނިކޮށް، އަޅުގަނޑުމެންނަށް މިއަހަރުގެ ބަޖެޓުގައި ހިމަނައި، އަދި އިރާދަކުރެއްވިއްޔާ ގުރައިދޫ ސްކޫލް، އެއްދަންފަޅިއަށް ހެދުމަށްޓަކައި 4 ކްލާސްރޫމް މިއަހަރު މިރަށުގައި ޢިމާރާތްކުރެވޭނެ. މިއަންނަ އަހަރު އަޅުގަނޑުމެން ފަށާނީ ގުރައިދުއަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގެގޮތުގައި. މިދެންނެވި މަސައްކަތަކީ އަޅުގަނޑުމެނަށް ތިބޭފުޅުންނާ ގުޅިގެން މަސައްކަތްކުރެވިއްޖެނަމަ، ކުރިޔަށް މިއޮތް މިޑްޓަރމަށް ބަންދުވެފައި ދެން މަދަރުސާ ހުޅުވޭއިރުވެސް އަޅުގަނޑުމެންނަށް ގެނެވޭންއޮތް ބަދަލެއް. ސަރުކާރުން މިހާރު މިވަނީ ބަޖެޓުގައި އެފައިސާ ހިމަނާފައި. އެހެންވީމާ، އެފައިސާ ޚަރަދުކުރުމަކީ އެއްވެސް ޙާލެއްގައި ދަތިކަމަކަށް ނުވާނެ. އުނދަގޫ ކަމަކަށްނުވާނެ. ބާރަށް މަސައްކަތްކުރެވޭނަމަ އަޅުގަނޑުމެން މިބޭނުންވާ ކަންކަން އަވަހަށް ފުދިގެން އަޅުގަނޑުމެންނަށް އޭގެ ނަތީޖާ ފެންނަމުންދާނެ.

މިއަދު ޙަޤީޤަތުގައި އަޅުގަނޑު އެންމެ ބާރަށް މިރަށަށް މިއައީ ތިބޭފުޅުންނަށް މަރްޙަބާ ދަންނަވަން. ތިބޭފުޅުންނަށް ޝުކުރު ދަންނަވަން. ގުރައިދޫ މަދަރުސާއަށް ގެނެވުނު ބަދަލާއި ގުރައިދޫގައި ތަޢުލީމު ދިނުމަށް ސަރުކާރުގެ ސިޔާސަތު ބަދަލުކުރެވި، ގެނެވުނު ބަދަލުތަކާއެކީގައި 5 މާއްދާއިން ގުރައިދޫއިން ފާސްވީކުދިންގެ އަދަދު، ނިސްބަތް 12 ޕަސެންޓުން މިދިޔަ އަހަރާ އަޅާބަލާއިރު މައްޗަށްގޮއްސި. އެއީ، އަޅުގަނޑަށްލިބޭ ވަރަށްބޮޑު އުފަލެއް. މިދިޔައަހަރު 2009 ވަނައަހަރު 5 މާއްދާއިން ފާސްވީ ކުދިންގެ ނިސްބަތަކީ 15 ޕަސެންޓް. މިއަހަރު 5 މާއްދާއިން ފާސްވި ގުރައިދޫ ކުދިންގެ ނިސްބަތުގެ އަދަދީ 27 ޕަސެންޓް. ސަރުކާރުން އެދޭ މިންގަނޑަށްވުރެން އަދި މާދަށުގައި މިއޮތީ. އަޅުގަނޑުމެންގެ އަމާޒަކީ، 60 ޕަސެންޓު ކުދިން 5 މާއްދާއިން ފާސްކުރުން. އަޅުގަނޑުމެންނަށް ފެންނަނީ ގުރައިދޫގެ ދަރިވަރުންނާއި ގުރައިދޫ ޓީޗަރުންނާއި މައިންބަފައިންނާއި އަދި އެންމެހާ ފަރާތްތަކުން ގުރައިދޫ މަދަރުސާޔާ އަޅާލެވި، އެމަދަރުސާގެ ކަންކަން ގުރައިދޫގެ ސްކޫލްބޯޑާއެކުގައި ކުރިޔަށް ގެންދެވޭނޭ ގޮތަކަށް އިންތިޒާމުތައް ހަމަޖެހުމުން އަޅުގަނޑުމެން މިއެދޭ 60 ޕަސެންޓު ނުވަތަ ގިނަކުދިން ފާސްވުން އެއީ، ގުރައިދޫގައި ރަނގަނޅު ޙަޤީޤަތަކަށް ހެދޭނެ ކަމެއްކަން އެއީ، އަޅުގަނޑު ޝައްކުކުރާ ކަމެއްނޫން.

އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުމެނަށް އިއްޔެ މިއޮތީ ގެއްލިފައޭ. ނިމިފައޭ. މިއަދު މި މެންދުރުވެ ހިނގައްޖެއޭ، ޙާޤީޤތުގައި އަޅުގަނޑުމެންނަށް ހޯދެންއޮތީ މާދަމާ. އަޅުގަނޑުމެންގެ މުސްތަޤްބަލް. މާދަމައަކީ އަޅުގަނޑުމެންގެ ދަރިން. އަޅުގަނޑުމެން މިކުރާ ހުރިހާކަމެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ ދަރިންނަށްޓަކައި. އަޅުގަނޑުމެންގެ ދަރިން ބަޔަކަށް ހެދުމަށް. ދޯންޏެއްވެސް ދުއްވަނީ. ދަރިން ބަޔަކަށްހެދުމަށް ބަނދަރެއްވެސް މިއަޅަނީ. ދަރީން ބަޔަކަށްހެދުމަށް އަޅުގަނޑުމެން މިކުރާ ހުރިހާކަމެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އަޅުގަނޑު މިރަށުގެ ހުރިހާ ބޭފުޅުންނަށް، ކަތީބުންނަށްވެސް މުދިމުންނަށްވެސް މެޖިސްޓްރޭޓުންނަށްވެސް އޮޑިވެރިންނަށްވެސް ކެޔޮޅުންނަށްވެސް ރެޒޯޓުފަހަރުގައި މަސައްކަތްކުރާ މީހުންނަށްވެސް ހުރިހާބޭފުޅުންގެ ކިބައިން އެދެނީ، ގުރައިދޫ މަދަރުސާޔާ އަޅުގަނޑުމެން އެންމެން އަޅާލަމާ ހިނގާށޭ. ގުރައިދޫ ބަދަލުކުރަމާ އަޅުގަނޑުމެން ހިނގާށޭ. ގުރައިދޫ ދަރިންނަށް ރަނގަޅު ތަޢުލީމެއް ދެމާ އަޅުގަނޑުމެން ހިނގާށޭ.

ގުރައިދޫގެ ބިން މިވަނީ ވަރަށްބޮޑަށް ކުޑަވެފައި. މަދުވެފައި. އަޅުގަނޑު އެންމެފަހުން ގުރައިދުވަށް އައިފަހަރު އަޅުގަނޑު އެ ބިން މަދުވެފައި އޮތްތަން ބެލީމު. އަދި ބިން ހިއްކެންވެސް އޮތް ޖާގަ ކުޑަކަންވެސް އަޅުގަނޑުމެންނަށް އެނގޭ. އެހެންނަމަވެސް، ގުރައިދޫގެ ބިމުން ގުރައިދޫގެ ފަޅުން ވީ މިންވަރަކުން ބިން ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެއް. މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާނެ، ގިރާސަރަޙައްދު ހިމާޔަތްކޮށް އަދި އެކުރާ މަސައްކަތުގެތެރޭގައި ބިން ބޮޑުކުރެވެންއޮތް މިންވަރަކުން ބިން ބޮޑުކުރުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުރައިދޫގެ ބިން ބޮޑުކޮށްދޭނެ. ގުރައިދޫގެ ބިން ހިއްކައިދޭނެ. އަދި ހަމަ އެހެންމެ، ގުރައިދޫގެ ހިއްކޭ ބިމުގައި ފްލެޓް ޢިމާރާތްކުރެވި ގުރައިދޫގެ ރައްޔަތުންގެ ބޯހިޔާވަހިކަން، މިޕާޓީގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަޅުގަނޑުމެންގެ ވަޢުދުތައް ފުއްދުމުގެތެރޭގައި ގުރައިދޫގައި އެމަސައްކަތް މިއަހަރުގެ ތެރޭގައި ހިންގާނެކަމުގެ ފުރިހަމަ ޔަޤީންކަން ހަމަކަށަވަރުންވެސް އަޅުގަނޑަށް އެބައޮތް.

އަޅުގަނޑު މިއަންނަ އަހަރުވެސް މިރަށަށް އަންނާނަން. އައިމާ، ތިބޭފުޅުންނަށް ބުނެވެން އޮވެދާނެ. ކޮބާ! މިދިޔައަހަރު އަޅުގަނޑު ބުނިކަމެއް ނުވިއެއް ނޫންހެއްޔޭ؟ އެކަން އެހެންވީމާ، އެހެން ބުނުމަށްޓަކައި، ވިޔަނުދިނުމަށް ބަޔަކުމީހުން އުޅޭނެ. އަޅުގަނޑުމެން މިވެނިކަމެއް، އެވެނިކަމެއް ސަރުކާރުން ކުރުމަށް އެބައެދެމޭ. ސަރުކާރުން މިވަނީ އެކަމަށް ބަޖެޓުކޮށްފައޭ. ސަރުކާރުން މިވަނީ އެކަން ހިންގުމަށް ބޭނުންވާ ހުރިހާ ދިރާސާއެއް ހަދައި ނިންމާފައި. އެހެންނަމަވެސް ސަރުކާރަށް އެކަންކަން ވިޔަނުދިނުމަށްޓަކައި ކިތަންމެ ފަރާތަކުން ހުރަސް އެޅިދާނެ. އަޅުގަނޑެއް ނޭދެން، އެފަރާތްތަކަކީ ގުރައިދޫގެ ވަކީލުންނަކަށްވާކަށް. އެފަރާތްތަކަކީ ގުރައިދޫ ރައްޔިތުންގެފަރާތުން ގުރައިދޫ ރައްޔިތުންނަށްޓަކައި މަސައްކަތްކުރަންތިބޭ މީހުންނަކަށް ވާކަށް. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، ގުރައިދޫ ރައްޔިތުންނާއެކީގައި މަސައްކަތްކުރުން. އަޅުގަނޑަށް ޔަޤީން، ތިޔަބޭފުންނާއެކުގައި އަޅުގަނޑުމެންނަށް މިމަސައްކަތްތައް ހިންގޭނެ. އަދި އަޅުގަނޑު މިއަދު ހިތްހަމަޖެހެނީ އަޅުގަނޑުމެނަށް، ޕާޓީއަށް ގުރައިދޫގެ މިދާއިރާއަށް އާ ދާއިރާ ރައީސަކު ލިބި، އަދި ހަމަ އެހެންމެ، އަޅުގަނޑު ގާތުގައި ގުރައިދޫގެ ވާހަކަދެއްކުމަށާއި ގުރައިދޫގެ ކަންކަމާއި އެކަންކަން އަޅުގަނޑަށް އޮޅުންފިލުވައިދީ އެކަންކަން ކޮށްދިނުމަށް ތިބޭފުޅުންގެ މެންބަރެއްގެ ގޮތުގައި އަޅުގަނޑުމެންގެ ޕާޓީގެ އެންމެއިސް ވެރިޔާ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ހުންނެވިކަމީ، އަޅުގަނޑުމެންނަށް ލިބޭވަރަށްބޮޑު އުފަލެއް. ވަރަށްބޮޑު ހިތްވަރެއް. އެހެންވީމާ، އަޅުގަނޑުމެނަށް ގުރައިދޫގެ މަސައްކަތް ހިންގޭނެ. އަދި އިރާދަކުރެއްވިއްޔާ އިރްފާނާއި މާރިޔާއާއި އަދިވެސް އަޅުގަނޑުމެން މިއިންތިޚާބު މިހާރު މިކުރާ ޢަލީ ޝާހީނުވެސް އަޅުގަނޑުމެންނާ އެކުގައި މިހާރު އެބަ އިންނެވި. އަޅުގަނޑުމެން މި އިންތިޚާބުކުރާ އަތޮޅުކައުންސިލާއި ރަށުކައުންސިލާއެކުގައި އަޅުގަނޑުމެންނަށް މަސައްކަތްކުރެވެން އޮތްނަމަ، އަޅުގަނޑު މިއެދޭ ބަދަލު އަޅުގަނޑުމެންނަށް ގުރައިދުއަށް ގެނެވޭނެ.

ގުރައިދޫގެ ތަރައްޤީއަށްޓަކައި އެމް.ޑީ.ޕީގެ ފަރާތުން ވީ ވަޢުދުތަކުގެ ތެރޭގެ އަނެއް ވަޢުދަކީ، ކޮންމެދުވަހަކު އެއްފަހަރު ގުރައިދުއަށް ފެރީއަށް ފޮނުވައިދީ، ކޮންމެދުވަހަކު އެއްފަހަރު ގުރައިދުއަށް އާދެވި، ގުރާދުއަށް ފުރޭ އިންތިޒާމެއް، ފެރީގެ ނިޒާމެއް މިތަނުގައި ހަމަޖެއްސުން. ޕާޓީއިން ވަޢުދުވެފައިވަނީ، 7 އަހަރުތެރޭގައި އެމަސައްކަތް ހިންގުމަށް. ފުރަތަމަ ދެއަހަރުގެ ތެރޭގައި އޭގެ އަސާސީ ޚިދްމަތްތައް ދިނުމަށް. އަޅުގަނޑުމެންނަށް މިއަދު ހިތްހަމަޖެހުން ލިބެނީ، ކޮންމެދުވަހަކުވެސް މިރަށުން ވިއްސަކަށް މީހުންނަށްވުރެ ގިނަ މީހުން، 15، 20 މީހުން ފެރީއަށް އަރާކަމުން. އަދި އެމީހުންނަށް ފަސޭހަކަމާއެކީގައި އެއްތަނުން އަނެއްތަނަށް ދިއުމުގެ، ދަތުރުފަތުރު ކުރުމުގެ ފުރްޞަތު ލިބިފައިވާކަން.

ތަރައްޤީ ލިބޭނީ ވިޔަފާރި ކުރިއަރައިގެން. އަޅުގަނޑުމެންގެ އަމާޒަކީ ގުރައިދޫމީހުން މުއްސަނދިކުރުން. ތިޔަބޭފުޅުންގެ ޖީބަށް މިއަދު ވަންނަ އެއްޗަކަށްވުރެ އިތުރުއެއްޗެއް ވަންނާނޭ އިންތިޒާމުތަކެއް، ސިޔާސަތުތަކެއް ތަންފީޒުކުރުން. މިޕާޓީއިން ވަޢުދުވަނީ އަމާޒެއް ހިފުމަށްޓަކައި. އަޅުގަނޑުމެން ބޭނުންވާ އަދި އަޅުގަނޑުމެންނަށް ފެންނަފެނުމުގައި ތަރައްޤީ ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ އަމާޒު ހިފުމަށްޓަކައި ޕާޓީއިން ރައްޔިތުންނަށް ވަޢުދުވަނީ ފިސާރި ކެރިތިބެ. ޕާޓީން އެ ވަޢުދު އެވަނީ ފަސޭހ ަކަމެއްގެގޮތުގައި ދެކިގެނެއްނޫން. ހުސް ބަހެއްގެގޮތުގައި ބުނެލާ އެއްޗެއްގެ ގޮތުގައެއްނޫން. އެކަމަށް ބޭނުންވާ ހިސާބުޖަހައި، އެކަމަށް ހިނގާނެޚަރަދު ދެނެގަނެ، އެކަމަށް ބޭނުންވާނޭ އިންސާނީ ވަސީލަތްތައް ހޯދައި، އެކަންކުރެވޭނެ ފުރިހަމަ ޔަޤީންކަމާ އެކުގައި. މިޕާޓީ ނޫނީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީނޫން އެހެން ޕާޓީއެއް ވަޢުދެއްނުވާނެ. އެހެން ޕާޓީއެއްގެ ވަޢުދެއް އަޑެއް ނީވޭނެ. އަޅުގަނޑުމެންނަށް ނިސްބަތްކޮށް ބައެއްބޭފުޅުން ބައެއްފަހަރު ވިދާޅުވާނެ، އަޅުގަނޑުމެންނަކީ ވަޢުދުވާ ބައެކޭ. އަޅުގަނޑު ދަންނަވާނީ ވަޢުދެއް ވެގެންނޫނިއްޔާ ކިހިނެއްތޯއޭ ވަޢުދެއް ފުއްދަން ހަދާނީ. އަޅުގަނޑުމެން އެހެންވީމާ، ވަރަށް ފާޅުކަންބޮޑު ގޮތުގައި ވަޢުދުވަމުން މިގެންދަނީ. އަޅުގަނޑުމެންގެ ސަރުކާރު އަޅުގަނޑުމެންގެ ޕާޓީއިން، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ވެފައިވާ ވަޢުދުތައް ފުއްދުމަށް ޕާޓީގެ ސަރުކާރުގެ ސިޔާސަތުތައް އެވަނީ އެކުލަވާލެވިފައި. ޤައުމީ ތަރައްޤީގެ އޮނިގަނޑުވަނީ އެވަޢުދުތަކުގެ މައްޗަށް ބިނާކުރެވިފައި. އަދި މިހާރު މިވަނީ ދައުލަތުގެ ބަޖެޓު އެސިޔާސަތު ތަންފީޒު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްވެފައި. ދެންއޮތީ ހަމައެކަނި އަޅުގަނޑުމެންގެ މަސައްކަތް. އަޅުގަނޑުމެންނަށް ގަދައަޅާ މަސައްކަތްކުރެވިއްޖެނަމަ އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ގެނެވޭނެ. ގުރައިދޫ އަޅުގަނޑުމެންނަށް ތަރައްޤީ ކުރެވޭނެ.

ތަރައްޤީ ހޯދޭނީ ރަނގަޅު ވެރިކަމުގެ ނިޒާމެއްގެ ތެރެއިން. ޚިޔަލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން ލިބިގެން މެނުވީ އަޅުގަނޑުމެން މިބޭނުންވާ ބަދަލެއް އަޅުގަނޑުމެންނަކަށް ނުގެނެވޭނެ. ރައްޔިތުން ހިފަހައްޓައި، ރައްޔިތުން އޮބަހައްޓައި، ރައްޔިތުންނަށް ބިރުދައްކައިގެނެއް އަޅުގަނޑުމެންނަކަށް އެ ރައްޔިތުން މެދުވެރިކޮށްގެން ކުރާންޖެހޭ ހަމަ އެއްކަމެއްވެސް ނުކުރެވޭނެ. ތަރައްޤީވާން މިޖެހެނީ ރައްޔިތުމީހާ. އޭނާހުރީ ހައްޔަރުގައި. ދެން އަޅުގަނޑުމެންނަށް އޭނާ ތަރައްޤީކުރާނެ ގޮތެއް އޭނާ ދޫކޮށްނުލައި އޭނާ ބިރު ނުގަންނަވައި އަޅުގަނޑުމެން މިއެދޭ ބަދަލު އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަކަށެއް ނުހޯދޭނެ. އެހެންވީމާ، މިޕާޓީއަށް އަބަދުވެސް އެންމެ މުހިންމީ ޑިމޮކްރަސީ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެއުޅުމުގެ މިނިވަންކަމާއި، ޞުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމުގެ މިނިވަންކަން.

މިޕާޓީއަކީ ވަރަށް ފުޅާ މަސައްކަތެއްކުރާ ޕާޓީއެއް. މިސަރުކާރަކީ ޖީލެއްގައި ޤަރުނަކުން އެއްފަހަރު ރައްޔިތަކަށް ލިބޭ ފުރްޞަތެއް އަދާކުރުމަށްޓަކައި އެފުރްޞަތު ރައްޔިތުންނަށް މިޤައުމެއް ބަދަލުކުރުމަށް ލިބޭ ފުރްޞަތެއް ލިބިފައިވާ ސަރުކާރެއް. މީކީއެއް ކޮންމެދުވަހަކު އެއްފަހަރު ޤައުމަކަށްވެސް، ސަރުކާރަކަށްވެސް، ރައްޔަތަކަށްވެސް، ޕާޓީއަކަށްވެސް ލިބޭނެ ފުރްޞަތެއްނޫން. އަޅުގަނޑުމެންގެ މަސައްކަތަކީ އާ ޤައުމިއްޔަތެއް ބިނާކުރުން. އެހެން ޤައުމިއްޔަތެއް ބިނާކުރުން. އިސްލާމްދީނާއި އަޅުގަނޑުމެންގެ ސަޤާފަތާއި އަދި ވަކިން ޚާއްޞަކޮށް، އިންސާނީ ޙައްޤު ދެމެހެއްޓުމުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައި އޮންނަ ޤައުމިއްޔަތެއް އަޅުގަނޑުމެން ބިނާކުރުން. އަޅުގަނޑުމެން ބިނާކުރާން މިއުޅެނީ، ޝިޢާރު ކިޔާ ޤައުމިއްޔަތެއްނޫން. އަޅުގަނޑުމެން ޤައުމިއްޔަތެއް ބިނާކުރަން ވެގެން މަސައްކަތް މިކުރަނީ ޅެމުން އެކަން ކުރެވޭނެ އުންމީދެއްގައެއްނޫން. ލަވައިން އެކަން ކުރެވޭނެކަމުގެ އުންމީދެއްގައެއްވެސްނޫން. ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން، ރައްޔިތަކު ބިނާކޮށްގެން، ރައްޔިތަކަށް ތަންދޮރު އޮޅުންފިލުވައިދީގެން އަދި އަޅުގަނޑުމެން ބޭނުންވާ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދީގެން.

އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީގައިވެސް އަދި އޭގެކުރީގައިވެސް އަޅުގަނޑު ގުރައިދުއަށް އައިން. އަޅުގަނޑު ތިޔަބޭފުޅުން އަރިހުގައި އަނެއްކާވެސް ވަރަށް އިޚްލާޞްތެރިކަމާ އެކުގައި މިއެދެނީ، އަޅުގަނޑުމެންނާ އެކީގައި މަސައްކަތްކުރެވެނޭ ގޮތެއް ހައްދަވައިދެއްވާށޭ. އެއިރުން އަޅުގަނޑުމެނަށް ތިބޭފުޅުންގެ ކަންކަމާ އަޅާލެވި، ތިބޭފުޅުންނާ އެކީގައި މަސައްކަތްކުރިޔަށް ގެންދެވޭނެއޭ. މިޢިމާރާތަކީ 2007 ވަނައަހަރު އަޅުގަނޑު އައިއިރުގައިވެސް ހަމަ މިހެންހުރި ތަނެއް. 2006 ވަނަ އަހަރު އައިއިރުގައިވެސް ހަމަމިވަރަށް ހަދާފައިހުރި ތަނެއް. 7، 8، 9، 10، 11 ހަމައަދިވެސް މިތަންމިރީ ހިޔާނުކޮށް، މިވަރަށް. މިއީ، އަޅުގަނޑުމެންނަށް އާމްދަނީ ނުލިބޭތީވެ. މިއީ، އަޅުގަނޑުމެންގެ ޖީބަށް ވަންނާންވީވަރަށް އަޅުގަނޑުމެންނަށް ފައިސާ ނުވަންނާތީވެ. އަޅުގަނޑުމެން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ނުގެނެވޭތީވެ. މިރަށުގައި ޢިމާރާތްތައް ނެތީކީނޫން. މީހުންގެދޮރު ނާޅާވާހަކަ އަޅުގަނޑު ދަންނަވަނީކީއެއްނޫން. އެހެންނަމަވެސް އަޅުގަނޑުމެން މިބޭނުންވާ ކަންކަން، އަޅުގަނޑުމެން މިބޭނުންވާ އިރެއްގައި އެކަން ނުވީމާ ދެން އަޅުގަނޑުމެންނާ ދިމާވާ ތަކްލީފް އަޅުގަނޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް ނުވަތަ އަޅުގަނޑާ އެއްވަރަށް ހަމަ ތިޔަ ބޭފުޅުންނަށް ވަރަށް ބޮޑަށް ސާފު. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ އެމީހާ ހޯދުން. އުނދަގޫވެގެން އުޅޭމީހާ އެނގުން. ހޯދައި އެމީހާއަށް އެހީތެރިވުން. އެމީހާގެ ޙާލަތު ރަނގަޅުކޮށްދިނުން.

ޙާލުގައިހުރި މީހާއަކީ އަޑުގަދަ މީހެއް ނޫން. އެހެންވީމާ، އޭނާގެ ރުކެއްވެސް ގިނައެއްނުވާނެ. އޭނާއަކީ ވަރަށްނިކަމެތި މީހެއް. ތިބޭފުޅުން ބައެއްފަހަރަށް ބުނުއްވައިދާނެ، މިސަރުކާރުން މިދިޔަ ދެއަހަރު ކޮންކަމެއްހޭ ކޮށްދިނީ. އަޅުގަނޑަށް ޔަޤީން، މިސަރުކާރުން މިދިޔަ ދެއަހަރު ކޮށްދިން ކަންތައް އެކަނިވެރި މައިންނަށް އެނގޭނެ. އަޅުގަނޑަށް ޔަޤީން، މިސަރުކާރު ކޮށްދިންކަންތައް، އުމުރުން 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންނަށް އެނގޭނެ. އަޅުގަނޑަށް ޔަޤީން، މިސަރުކާރުން ކޮށްދިންކަންތައް، މަދަނައިގެ ދަށުން ބޭސްފަރުވާ ލިބުނުފަރާތްތަކަށް ސާފުވާނެ. އަޅުގަނޑަށް ޔަޤީން، މި ސަރުކާރަށް ކޮށްދިންކަންތައް މަދަރުސާގައި މިއަދު ރަނގަޅު ނަތީޖާ ލިބުނު ކުދިންނަށް، އެމީހުންގެ މައިންބަފައިންނަށް އެނގޭނެ. އަޅުގަނޑަށް ޔަޤީން، މިސަރުކާރުން ކޮށްދިން ކަންތައް ފެރީދަތުރުކުރާ ފަރާތްތަކަށް ސާފުވާނެ. އަޅުގަނޑަށް މިލިސްޓު ވަރަށްދިގުކޮށް ތިބޭފުޅުންނަށް ކިޔައިދެވިދަނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑމެންގެ ބޭނުމަކީ ކަންވުން. ނަން ލިބުމެއްނޫން. ބައެއްފަހަރަށް ބައެއްބޭފުޅުން އެބަވިދާޅުވޭ އެވެނި މިވެނިކަމެއް ކުރީ، ކުރީ ސަރުކާރުންނޭ އާދެ، ހުރިހަކަމެއްކުރީ ކުރީސަރުކާރުން. އަޅުގަނޑުބޭނުމެއްނޫން، އޭގެއިން އެއްވެސް ކަމެއްގެ ނަމެއް. 2000 ރުފިޔާ 65 އަހަރުންމަތީގެ މީހުންނަށް ދޭންފެށީވެސް ކުރީ ސަރުކާރުން. ފެރީދަތުރު ކުރަންފެށީވެސް ކުރީ ސަރުކާރުން. އެކަނިވެރި މައިންނަށް އެހީވާން ފެށީވެސް ކުރީ ސަރުކާރުން. ކުޅުދުއްފުށީ ހިއްކީވެސް ކުރީ ސަރުކާރުން. ސާރކްސަމިޓު ބާއްވަނީވެސް ކުރީސަރުކާރުން. އަޅުގަނޑުމެންގެ އޭގައި އެއްވެސް މައްސަލައެއް ހަމަނެތް. އަޅުގަނޑުމެން ބޭނުމެއްނޫން، އެކަމުގެ ނަން އެޅޭކަށް. އަޅުގަނޑުމެން ބޭނުންވަނީ މިކަން ވާން. އަޅުގަނޑު ދަންނަވާނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް މިކަން ކުރެވޭނެއޭ.

ގުރައިދޫގައި މަސްވެރިންނަށް މިއަދު ވަރަށް ސާފުކޮށް އެނގިލައްވާނެ، 2008 ވަނައަހަރު ގުރައިދޫ މަސްވެރިން މަސްކިލޯއެއް ވިއްކަމުންގެންދިޔައީ ގިނަވެގެން 6 ރުފިޔާ 7 ރުފިޔާއަށް. ކަންނެލި ކިލޯއެއް ވިއްކަމުންގެންދިޔައީ ގިނަވެގެން 60 ރުފިޔާއަށް 70 ރުފިޔާއަށް. ސަރުކާރުގެ ސިސާސަތު ބަދަލުކޮށް، މަސްވެރިންގެ އާމްދަނީ އިތުރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެއް. އަދި މިޕާޓީގެ ވަޢުދެއް. މިއަދު ގުރައިދޫމީހުން މަސް ކިރާނީ މަދުވެގެން 110 ރުފިޔާއަށް ކަންނެލި ކިލޯއެއް. މަދުވެގެން 12، 13، ރުފިޔާއަށް ކަޅުބިލަމަސް ކިލޯއެއް. މިއަދު ތިބޭފުޅުން ބާނާ މިއަދު ތިބޭފުޅުން ބާނާ 5 ޓަނު މަހަކީ 2008 ގައި ބޭނީ 15 ޓަނުގެ މަސް. މިއަދު ތިބޭފުޅުންނަށް ތެލަށް ނުބަޗާތީވެ، މަހަށް ނުފުރައެއް ތިބޭކަށެއް ނުޖެހޭނެ. ސަރުކާރަށް އެކަންވިސްނޭ. ސަރުކާރުން އެސިޔާސަތު ބަދަލުކޮށް، ތިބޭފުޅުންގެ އާމްދަނީ މިހާރުވާނީ ދެގުނަވެފައި. ދެން އަޅުގަނޑެއް ނުކުމެ މަސްވެރިންނާ ޒުވާބުކުރާކަށް ބެނުމެއްނޫން. އަދި އަޅުގަނޑެއް ނުކުމެ އެހެން އެއްވެސް ބަޔަކަށް އަޑުލާ ވާހަކަދައްކާކަށްވެސް ނޭދެން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ މަސައްކަތްކުރުން.

އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަދި ތިބޭފުޅުންގެ އަމާނާތެއް މި ދިވެހި ދައުލަތުގެ ޚަޒާނާއަކީ. އަޅުގަނޑާ ތިބޭފުޅުން ހަވާލުކޮށްފައި އެވަނީ އަމާނާތްތެރިކަމާއި އިންސާފުވެރިކަމާއެކީގައި އެ ޚަޒާނާ ބެލެހެއްޓުމަށް. ރައްޔިތުންނަށް ހަމަހަމަގޮތުގައި އެގެއިން ޚަރަދުކުރަމުން ގެންދިއުމަށް. އަޅުގަނޑު ތިބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑު ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައެއްވެސް ނުޖެހޭނަން. އަޅުގަނޑާ ގުޅޭގޮތަކުން އެބާވަތުގެ ވާހަކައެއް ފެތުރުމުގެ ދެއްކުމުގެ ޝައްކެއް ހިނގުމުގެ ފުރުޞަތުވެސް އިރާދަކުރެއްވިއްޔާ ނުދޭނަން. އަޅުގަނޑު ތިބޭފުޅުނަށް ޔަޤީންކޮށް އަރުވަން، އެންމެދުވަހެއްވެސް އަޅުގަނޑު ތިބޭފުޅޫންނަށްޓަކައި 10 ގަޑިއިރު އިރާދަކުރެއްވިއްޔާ މަސައްކަތްނުކުރާ ދުވަހެއް ނޯންނާނެ. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ވަޢުދުފުއްދުން. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތްކުރުން. އަޅުގަނޑަށް ކުރިމަގުގައި ކުރިމަތީގައި ފެންނާންހުރި މައްސަލަތައް އެބަހުރި.

އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަންބޭނުން، އަޅުގަނޑަށް އެބައެނގޭ، ބޮޑުފިނޮޅު ބަންދުކޮށްފައި މިހާދުވަހު އޮތުމުން، އޭގެސަބަބުން ގުރައިދޫ ރައްޔިތުންނަށް ލިބެމުންއައި ކިތަންމެ ކިތަންމެ އެކިއެކި ޚިދްމަތްތަކާއި މަންފާތަކާއި ފައިދާތައް މިވަނީ މަޑުޖެހިފައި. މިހާރު ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން، އެއީ، ބޮޑުފިނޮޅު ހެދުމަށްޓަކައި ލޯނުދިންފަރާތުން އިތުރަށް އެކަމުގައި އެބޭފުޅުންވެސް މައްސަލަތައް ޖައްސުވައި، ސަރުކާރަށް މަޖުބޫރުވެފައި މިވަނީ ބޮޑުފިނޮޅުގެ މަސައްކަތް ބާރަށްގެންގޮސް ނިންމެވޭނޭ ގޮތެއް ހޯދުމާއި، އެ ފިނޮޅު ކުރީގައިވެސް އެއޮތް ރިޒޯޓުގެ ގޮތުގައި ހެދޭނެގޮތް އަވަސްކުރުމަށް. އަޅުގަނޑުމެން އެމަސައްކަތް ކުރިޔަށްގެންދާނަން. އެހެންނަމަވެސް، އަބަދަކު އަދި ފަސޭހަކަމެއްނޫން އެއީ، ރައްޔިތުންގެ މަޖީލީހުގެ އެތައްއެތައް މެންބަރުންނަކީ ހަމައެކަނި ސީދާ ރައްޔިތުންގެ ވަކީލުންނޫންގޮތުގައި ފެންނަމުންދާއިރެއްގައި އަޅުގަނޑުމެން ހަމަ އެދޭހާ ކަންތައްތައް، އެދޭ މިންވަރަކަށް އެދޭ ބާރުމިނުގައި ކުރުމަކީ އަދި އެހާމެފަސޭހަކަމެއްނޫން.

އެހެންނަމަވެސް، އަޅުގަނޑަށް ފެންނަނީ އުފާވާ ޒަމާނެއް. އަޅުގަނޑު ދަންނަވާނީ، އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ. އުފާވެރިވި މިރާގޭ،

واَلحَمْـدُ لِلّـهِ. الســّلام عليــكم.

______________