بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް، އޮނަރަބްލް އިބްރާހީމް ޙުސައިން ޒަކީ، ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ މޫސާ މަނިކު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އަދި ވަކިން ޚާއްޞަކޮށް، މިދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ވަކިން ޚާއްޞަކޮށް، މި ނަރުދޫގެ ވެރިންނާއި، ނަރުދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

މީގެ ދެތިން އަހަރެއް ކުރީގައި، މި ޕާޓީގެ ފަރާތުން ދިވެހި ރައްޔިތުންނަށް ހުށަހެޅިން ސުވާލެއް. ޕާޓީން ބުނި، މި ރާއްޖެ އޭރު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައޭ. އަޅުގަނޑުމެނަށް އެދުވަހު އެބައޮތޭ، ޚަރާބުގެ މަގުވެސް ޚިޔާރު ކުރެވެން. އަޅުގަނޑުމެނަށް އެބައޮތޭ، އެހެން ނޫނިއްޔާ، މުޅިން އެހެން ގޮތެއް، އެހެން ދިވެހިރާއްޖެއެއް ހޯދެން. ރާއްޖޭގެ ރައްޔިތުން ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ޖަވާބު ދެއްވީ، އެ ރައްޔިތުން ބޭނުމީ އެހެން ގޮތެއް ހޯދާށޭ. އެހެން ދިވެހިރާއްޖެއެކޭ، އަނެއް ދިވެހިރާއްޖެއޭ. މި ސަރުކާރު ދެމި މިއޮންނަނީ، މިދެންނެވި އަނެއް ދިވެހިރާއްޖެ ހޯދުމަށް. ސަރުކާރު ނިސްބަތްވާ ޕާޓީ، އެމް.ޑީ.ޕީ.ގެ ވަޢުދުތައް ފުއްދުމަށްޓަކައި. ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށްޓަކައި.

އަޅުގަނޑުމެންގެ ރާއްޖެއަކީ ޖަޒީރާ ޤައުމެއް. މި ރާއްޖެއަކީ ބައެއްފަހަރަށް ވަރަށް މަދު މީސްކޮޅެއް، ކުދިކުދި ރަށްރަށުގައި ނުވަތަ ބޮޑެތި ރަށްރަށުގައި ދިރިއުޅޭ. އަނެއްބައިފަހަރަށް ވަރަށް ބައިވަރު، ބައެއް ބޮޑެތި ބައްރުތަކެއްގައިހެންވެސް ދިރިއުޅެމުން އަންނަ ޤައުމެއް. މިރާއްޖެ، ރާއްޖެއަށްވަނީ މިދެންނެވި ޖަޒީރާ ސިފަ، މި ރާއްޖޭގައި އެކުލެވިފައިވާތީވެ. މި ނަރުދޫގައި، ރައްޔިތުން ދިރިއުޅެމުން އަންނަތާ އެތައް ސަތޭކަ އަހަރެއްވެއްޖެ. ތިޔަބޭފުޅުންގެ ކާބަފައިންނަކީވެސް، ހަމަ މިރަށު ރައްޔިތުން. ޒަމާންތަކެއްވެއްޖެ، ރަށްވެހިކަމުގެ އެކިއެކި ތަޖުރިބާ ނަރުދޫއަށް ލިބިގެންވާކަން. އަޅުގަނޑުމެންގެ ސިޔާސަތަކީ، އެއްފަސްކުރުމުގެ ގޮތުން، ކުދި ރަށްރަށުގައި ތިބި މީހުން ބޮޑެތި ރަށްރަށަށް ގެންދިޔުމެއް ނޫން. މި ސަރުކާރުގެ ސިޔާސަތަކީ، ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލައި، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށުން ބޭރަށް އަދި ރަށުގެ އަތޮޅުދުނިންވެސް ބޭރަށް، މި ރާއްޖޭގެ އަސްދަނޑިންވެސް ބޭރަށް އަޅުގަނޑުމެންގެ ވިސްނުމާއި ޚިޔާލާތު ގެންދިޔުން. އަޅުގަނޑުމެން މި ކުދިކުދި ރަށްރަށުގައި، އަޅުގަނޑުމެންގެ ފިކުރު ހަރުލެވިގެން ނުތިބުން. ވަރަށް ބޯދާ ވާހަކައެއް، މިތަނުގެ ބަނދަރު ހެދި ބައެއްގެ މިލްކިއްޔާތު. އެއީ، ކޮންބައެއް ހެދި ބަނދަރެއްތޯ ދެނެގަންނަން އުޅޭވަރުން އެއީ، އެއްގޮތަކަށްވެސް އަޅުގަނޑު ބައިވެރިވާނެ ބަޙުޘެއް ނޫން. އަޅުގަނޑުމެންނަކީ ކަންނުވެ ނަން އެޅެން އުޅޭ ބައެއް ނޫން. އަޅުގަނޑު ދުވަހަކުވެސް މިރަށަށް އައިސް، މިރަށުގައި ބަނދަރެއް ހަދައިދޭނަމެކޭ ނުދަންނަވަން. އަދި އަޅުގަނޑު މިރަށުން މީހަކަށް ލިޔެ، ބުނެ، މިއިން ކަމެއް ކޮށްވެސް، މިރަށުގައި ބަނދަރެއް ހަދައިދޭނެ ވާހަކައެއް އަޅުގަނޑެއް ނުދަންނަވަން. އެކަމަކު މިދިޔަ އަހަރު ފެށުނުތަނުން ސަރުކާރަށް އެކަންވާން އޮތްކަން އަޅުގަނޑުމެނަށް އެނގި، އަދި ވަކިން ޚާއްޞަކޮށް، ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު އެކަމަށް އެދިވަޑައިގެން ވަކާލާތުކޮށް އަދި އަޅުގަނޑު ކައިރީގައި ތަކުރާރުކޮށް އެވާހަކަ ދައްކަވަމުން ގެންދެވި ގެންދެވުމާއެކީ، އަޅުގަނޑުމެނަށް މިއީ މުހިންމު ކަމެއް ކަމަށް ފެންނާތީއާ އެކީގައި، މިތަނުގެ ބަނދަރު މި ސަރުކާރުން ތިޔަބޭފުޅުންގެ ފައިސާގައި، ރާއްޖޭގެ ރައްޔިތުންގެ ފައިސާގައި، މި ބަނދަރު ހަދަން ފެށީވެސް، ހަދަން ނިންމީވެސް، ހަދައި ނިންމީވެސް.

ބަނދަރެއް ހަދައިގެން ރަށެއް ތަރައްޤީއެއް ނުވާނެ. މި ސަރުކާރަކީ ބަނދަރު ހަދާ ސަރުކާރެއް ނޫން. އަޅުގަނޑުމެންނެއް ނޫޅެން ބަނދަރު ހަދާކަށް. އެހެންވެ، މާބޮޑު ކަމެކޭ ކިޔައި އަޅުގަނޑު އައިސް މިރަށުގައި ބަނދަރުގެ ވާހަކަ ނުދައްކަނީ. ޤައުމެއް ތަރައްޤީ ކުރުމަށް، ރަށެއް ތަރައްޤީވުމަށް ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް އެބަވާންޖެހެއޭ. ތަރައްޤީއަކީ ބޮޑުހިލައިން މިނާ އެއްޗެއް ނޫން. އެއްގަމު ތޮށިން މިނާ އެއްޗެއްވެސް ނޫން. ސަހަރާ ވަށާ ފާރުން މިނާ އެއްޗެއްވެސް ނޫން. ތަރައްޤީއަކީ އަޅުގަނޑުމެނަށް، ނަރުދޫ މީހާ ހޭއެރުން. އޭނާއަށް ތަންދޮރު އެނގުން. އޭނާއަށް ވާނުވާ އޮޅުންފިލުން. ތަރައްޤީއަކީ ނަރުދޫ މީހާއަށްވާ ކަމެއް. އެއީ، ނަރުދުއަށްވާ ކަމެއް ނޫން. އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖެ ބަދަލުކުރުން. މި ރާއްޖެ ތަރައްޤީ ކުރުން. އަޅުގަނޑުމެންގެ ބޭނުމަކީ، ނަރުދޫ ރައްޔިތުން މުއްސަނދި ކުރުން. ތިޔަބޭފުޅުންނަށް މިއަދު ލިބޭ އާމްދަނީއަށްވުރެ ރަނގަޅު އާމްދަނީއެއް މާދަމާ ހޯދޭނެ ގޮތެއް އަޅުގަނޑުމެން ހޯދުމޭ. މި ސަރުކާރު ހިންގަމުން ގެންދާ މަސައްކަތަކީ މިދެންނެވީ. އިރާދަކުރެއްވިއްޔާ، މި ސަރުކާރު ކޮށް ނިންމާނެ މަސައްކަތަކީވެސް ތިޔަބޭފުޅުން މުއްސަނދި ކުރުމުގެ ކަންތައްތައް.

އެމް.ޑީ.ޕީ އިން މި ރާއްޖޭގެ އަޑު ވަރަށް ރަނގަޅަށް އެހިން. އަހައި، އަދި ކުރިއަށް އޮތް ތަނުގައި އަހާނެވެސްމެ. ޕާޓީގެ ފަރާތުން ރައްޔިތުންގެ އަޑުއެހި އެހުމުން، ފުރޭނިގެން އައި ޢަރަޤުގެ ގޮތުގައި ވެދިޔަ ކަންކަން އެއީ، ޕާޓީން ރައްޔިތުންނަށްވާ ވަޢުދު. އެ ވަޢުދުތައް ފުއްދީމާ، މި ރާއްޖެ ބަދަލުވާ ކަންކަން އެއީ. އެ ވަޢުދުތައް އެއީ، ފަހުން ޤައުމީ ތަރައްޤީގެ އޮނިގަނޑު. އަދި މިހާރު މި ސަރުކާރުގެ ސިޔާސަތު. ޕާޓީގެ ފަރާތުން ދުށް ކިތަންމެ ޙަޤީޤަތްތަކެއް، ކިތަންމެ މަންޒަރުތަކެއް އެބަހުރި. މި ނަރުދޫގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ، ކޮންމެ ތިން މީހަކުންކުރެ އެކަކީ ނިކަމެތިންނޭ. އޭނާއަކީ އޭނާއަށް ދުވާލެއްގެ މައްޗަށް ދިހަ ބާރަ ރުފިޔާ ނުލިބޭ މީހެއް. އޭނާއަކީ އަޅުގަނޑުމެން އެބަ ގަބޫލުކުރަން، މި ރާއްޖޭގައި ދެވެންހުރި ޚިދްމަތްތައް، ޞިއްޙީ ޚިދްމަތްވެސް، ތަޢްލީމީ ޚިދްމަތްވެސް، ކަރަންޓްގެ ޚިދްމަތްވެސް، މި އެންމެ ޚިދްމަތްތައް އެއީ އަދި އެންމެ އެކަށީގެންނުވާ ޚިދްމަތްތައް ކަމަށް އަޅުގަނޑުވެސް ހިތުގެ އަޑިން ގަބޫލުކުރަން. ޕާޓީއަށް އެނގުނު، އަނެއް ޙަޤީޤަތަކީ، މިދެންނެވި އެކަށީގެންނުވާ ޚިދްމަތަށްވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައިވަރު މީހުންނަށް، މި ނަރުދޫ ގިނަ މީހުންނަށް އަތެއް ނުފޯރައޭ. ނަރުދޫ ރައްޔިތުންގެ ތެރެއިން، ބައްޔެއްވެގެން ޑޮކްޓަރަށް ދެއްކެންދެން، ބޭސް ސިޓީއެއް ލިބުނަސް، އެ ސިޓީއަށް ބޭސް ނުހޯދޭ މީހުންނަކީ ނުހަނު ގިނަ ޢަދަދެއް. ޕާޓީން ވަޢުދުވީ، ޕާޓީގެ ސަރުކާރެއްގައި، ރާއްޖޭގެ ރައްޔިތުން ބޭސް ސިޓީއަށް ސަލާންޖަހާ ޖެހުން އިރާދަކުރެއްވިއްޔާ ހުއްޓާލަދޭނަމޭ. މަދަނައިގެ ވިއުގަ އުފެދިގެން އައީ އެހެންވެ. މަދަނަ ބޭނުންކޮށްގެން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް. އަޅުގަނޑަށް މިއަދު އުފާވެރިކަން ލިބެނީ، އަޅުގަނޑުމެން ހިތްހަމަޖެހެނީ، މި ނަރުދޫގެ 80 މީހަކު މަދަނައިގައި ރަޖިސްޓްރީވެފައިވާތީވެ. އަޅުގަނޑުމެނަށް ހިތްހަމަޖެހުން ލިބެނީ، މަދަނައިގައި ރަޖިސްޓްރީ ވެފައިވާ މިދެންނެވި މީހުންގެ ތެރެއިން 2010 ވަނަ އަހަރު ބަލިވި ނަރުދޫ މީހުންނަށް ސާޅީސް އެއްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު، މި ސަރުކާރަށް ލިބިފައި އޮތީތީވެ. މިދެންނެވި ފައިސާއަކީ، އެއްވެސް ހާލެއްގައި މިތަނުގެ ހެލްތް ސެންޓަރ ބިނާކުރަން، އެމީހުންނަށް މުސާރަދޭން، އެތަނުގައި ކުލަލައި، އެތަނުގެ ކަރަންޓް ބިލް ދައްކަން ހޭދަވި ފައިސާއެއް ނޫން. އެއީ ހަމަ ސީދާ ނަރުދޫ މީހަކު ބަލިވެގެން، އޭނާއަށް ބޭސް ނުގަނެވޭ މީހަކަށްވާތީވެ، އޭނާ މަދަނައިގައި ރަޖިސްޓްރީ ކުރެވިފައި އޮތީތީވެ، އޭނާގެ ބޭސް ސިޓީއަށް ބޭސް ގަތުމަށްޓަކައި ހޭދަކުރެވިފައިވާވަރު.

ޕާޓީގެ އަމާޒަކީ، ސަރުކާރުގެ ސިޔާސަތަކީ، މި ނަރުދޫ އެންމެންވެސް މަދަނައިގައި ޖެއްސުން. ހުރިހާ އެންމެންނަށްވެސް މި އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުން. އެމް.ޑީ.ޕީ.ގެ ފަލްސަފާއެއް ނޫން އެއީ، މި ރާއްޖޭގައި ޕެންޝަނެއް ޙައްޤުވަނީ، ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ކަމަށް ދެކެވޭ ދެކުން ގަބޫލުކޮށްގެން ތިބުން. ޕާޓީ ދެކެނީ، މި ރާއްޖެ މިގޮތަށް އަޅުގަނޑުމެނަށް ލިބިފައި މިއޮތީ، އަޅުގަނޑުމެންގެ ދޮށީ ޢުމުރުގެ މީހުން ނުހަނު ގިނަ މަސައްކަތް ކުރީމައޭ. އެމީހުން މަހަށް، ފަރަށް ދިޔައީމައޭ، ރުކަށް، ވަލަށް ވަނީމައޭ. އެމީހުން ވަޑާންކޮށް، ގެދޮރު އަޅައި، އޮޑިދޯނިފަހަރު ބަނދެ، ކިތަންމެ ކިތަންމެ މަސައްކަތެއް އެމީހުން ކުރީމަ. މިއަދު އެމީހުންނަށް، ދޮށީ ޢުމުރުގެ މީހުންނަށް ޕެންޝަނެއް ދިނުމަކީ، ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި މި ސަރުކާރުން ދެކެނީ، މިރަށްރަށުގައި އަދި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ދޮށީ ޢުމުރުގެ މީހުން، އެމީހުންގެ އަތްފައިން ބާރުދެރަވެ، މިއަދު އެއްކަމެއް ކުރެވެން ނެތް ހާލުގައި އުޅެމުން އައި ގޮތް އަޅުގަނޑުމެނަށް ފެނިފައިވާތީވެ. ރަށްރަށުގައިވެސް ހޮޅުއަށިތަކާއި، ގޮނޑުދޮށްތަކާއި، ރުއްރުއްދޮށުގައި، މާލޭގައިވެސް ގޯތިތައް ފޮތިކުރަމުން އައިސް، އެންމެފަހުން ކުރީގެ ބަދިގެހުރި ތަނުގައި ހުރި ކޮޅުފިލާގޮނޑިއެއްގައި ހުއްޓިފައި، ވެއްޓިފައި އޮންނަނީ މާމަ ނުވަތަ ކާފަ. ޕާޓީން ވަޢުދުވީ، 65 އަހަރުން މަތީގެ ކޮންމެ މީހަކަށް، ޕެންޝަނެއް، ދެހާސް ރުފިޔާ ކޮންމެ މަހަކު ދިނުމަށް. މި ސަރުކާރުގެ ސިޔާސަތަކީ އެއީ. އަޅުގަނޑަށް މިއަދު ހިތްހަމަޖެހުން ލިބެނީ، މިރަށުގެ 29 މީހަކަށް މިދެންނެވި ޕެންޝަން ގަވާއިދުން ލިބެމުންދާތާ މިހާރު ވެއްޖެ ދެއަހަރު. އަޅުގަނޑުމެނަށް އުފާވެރިކަން ލިބެނީ، ހިތްވަރު ލިބެނީ، މިރަށަށް ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި ފަންސާސް އަށްހާސް ރުފިޔާ ޚަރަދު ކުރުމުގެ ފުރްޞަތު ލިބިފައި އޮތީތީވެ.

އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. މިރަށުގެ ގިނަ ބައިވަރު ރައްޔިތުންނަކީ ފަޤީރުންގެ ގޮތުގައި ތިބެ، މިރަށް ތަރައްޤީ ކުރެވޭނެ ގޮތެއް ނޯންނާނެ. ބަނދަރު ފައިކަށްޓަށް ކޮންމެ ގޮތެއްވެސް ހެދިދާނެ. ބަނދަރުގެ ފުޅާމިނަށާއި ދިގުމިނަށް ކޮންމެ ގޮތެއްވެސް ހެދިދާނެ. އެއިން ވާނެކަމެއް ނޯންނާނެ. އަޅުގަނޑުމެންގެ ގިނަ މީހުންނަކީ، ބިކަ ހާލުގައި ތިބޭ މީހުންނަށް ކަމަށްވަންޏާ. ދަންނަވަންތޯ ވާހަކައެއް، ބަނދަރެއްގެ ކަންތައް ހުރިގޮތް. މިތަނުގައި މި ބަނދަރު ހެދުމަށް ސަރުކާރުން ހޭދަވީ އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި 16 މިލިއަން ރުފިޔާ. ދެން މިއަހާ ސުވާލަކީ، އެ ބަނދަރު ހަދައިގެން މިރަށުގެ އިޤްތިޞާދަށް އައީ ކޮން ބަދަލެއް ހެއްޔޭ؟ މި ރަށުގައި އޮންނަ ދޯންޏެއް މަހަށް ފުރާފާނެ ނުވަތަ ދޯނީގެ ޢުމުރަށް ބަނދަރު ހެދީތީ ކިތައް އަހަރު އިތުރުވިހެއްޔޭ؟ .ބަނދަރު ހެދީތީ ދޯނި މަހަށްދާ މިންވަރު ކިހާވަރަކަށް އިތުރުވެގެންދިޔަހެއްޔޭ؟ ތެދުފުޅެއް، ފަސޭހަތަން އެބައާދޭ. އަތްދަށުގައި ދޯނިބާއްވައިގެން. އެހެންޏާވިއްޔާ މިއޮންނަނީ ގަދަވާ ދުވަހެއްގައި ވެއްޖިއްޔާ ހޭލާތިބެ، ދޯންޏަށް އަރައިގެންގޮސް އެތަންމިތަނަށް އެދޯނި ހައްޔަރު ކުރަން އަމާން ބަނދަރެއް ހޯދަން ދާން ޖެހިފައި. ފަސޭހަ އެކަމާ ޝައްކެއްވެސްނެތް. ކޮންމެ ފަސޭހައަކުން ނުނުކުންނާނެ އިޤްތިޞާދީ ފައިދާއެއް. ގިނަ ފަސޭހައިން ޙަޤީޤަތުގައި ނުކުންނާނީ ޚަރަދު ބޮޑުވުމޭ.

އަޅުގަނޑު މިދަންނަވާ ވާހަކައަކީ، އަޅުގަނޑުމެން އަމާޒު ކުރަންވީ، އަޅުގަނޑުމެން ޚަރަދު ކުރަންވީ އިޤްތިޞާދީ ތަރައްޤީއަށޭ. ތިޔަބޭފުޅުން މުއްސަނދިވާން ހުރި ގޮތްގޮތް ހޯދައިގެން، ބަނދަރެއް ހެދީމާ ހަތަރު މީހުންނަށް ރަނގަޅުވާނެ. މި ނަރުދޫގައި ވެއްޖިއްޔާ އަޅުގަނޑަށް ފެންނަނީ އެއީ، ހަތަރު އޮޅުވެލި. ބަނދަރެއް ހެދިއްޖިއްޔާ ބައެއް ފަޅުވެރިންނަށްވެސް ރަނގަޅުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ހޯދާން މިއުޅެނީ ތިޔަބޭފުޅުން މުއްސަނދިކުރަން ކުރެވެން އޮތީ ކޮންކަމެއްތޯ؟ އެކަން ވުމަށްޓަކައި ސަރުކާރަށް ފެންނަނީ އަދި ގަބޫލު ކުރެވެނީ، އިޖްތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކޭ. އަދި އޭގެ އިތުރުން އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. އަޅުގަނޑުމެންނަށް ވާނުވާ އޮޅުންފިލުން. އެހެންވީމާ، މި މަދްރަސާ އަބަދުވެސް ވެގެންދާނީ، މިރަށުގެ ތަރައްޤީގެ ނާރެސްއަށް. ސަރުކާރުގެ ވަޢުދަކީ، އިމްތިޙާނުގައި، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 50 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. ސަރުކާރަށް ހިތްހަމަޖެހުން ލިބޭ، 2010 ވަނަ އަހަރުގައި މި ނަރުދޫ މަދްރަސާގެ ދަރިވަރުންނަށް ފޮތް، ފަންސުރު، ގަލަން ގަތުމަށްޓަކައި އަށްޑިހަ ދެހާހަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވުނީތީ. ސަރުކާރަށް ހިތްވަރު ލިބޭ، ސަރުކާރަށް އުފާވެރިކަން ލިބޭ، މި ނަރުދޫގެ ދަރިވަރުންގެ އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވުމަށް ފީގެ ގޮތުގައި އަށާވީސް ހާސް ރުފިޔާއަށްވުރެ ގިނަ ފައިސާ ޚަރަދު ކުރެވިފައިވާތީ.

އަދި އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ހިންގުމާ އަޅުގަނޑުމެން ޙަވާލުވީއިރުގައި، ވަރަށްގިނަ މަދްރަސާތަކެއްގެ ވަރަށްގިނަ ޝަކުވާހުރި. ފުރާޅު އެއްލާލައިގެން، ދޮރުފަތްތައް ވެއްޓޭތީވެ، ނެއްޓޭތީވެ. އަދި އެހެންގޮސް މުޅި ޢިމާރާތްތަކުގެ ހާލު ބޮޑުވެފައިވާތީވެ. އަދި އޭގެއިތުރުން، ޢިމާރާތެއް ނެތިގެން އިތުރު މައްސަލަ އެބަހުރި. ކޮމްޕިއުޓަރ މޭޒު ނެތިގެން، ސްޓާފް ރޫމެއް ނެތިގެން، ލައިބްރަރީއަށް ޖާގައެއް ނެތިގެން. ހައްތަހާވެސް މިދަންނަވަނީ ކޮންކްރީޓްގެ ވާހަކަ. މަދްރަސާއަށްވެސް ކޮންކްރީޓްގެ ވާހަކަ. ދަރިވަރުންގެ ކިޔެވުމަށް ޙަޤީޤީ ބަދަލެއް މިގެނެވެނީ، މައިންބަފައިންނަށާއި ޓީޗަރުންނަށާއި، ދެބައިމީހުންނަށް އެކައްޗެއް ކިޔުނީމާ. ދެބައިމީހުންނަށް އެކީގައި ދަރިވަރުން ރިވެތި ގޮތުގައި ބޮޑެތި ކުރަންވީ. ދަރިވަރުންނަށް ރަނގަޅު އެއްޗެއް އޮޅުންފިލުވައިދޭން އުޅުނީމާ. އަޅުގަނޑަށް ހިތްހަމަޖެހުން ލިބެނީ، މިނަރުދޫން ތިޔަބޭފުޅުންގެ މިއަހަރުގެ ކިޔެވުމުން އިހަށްދުވަހު ނުކުތް އޯ ލެވެލް އިމްތިޙާންގެ ނަތީޖާ ސަރުކާރުގެ އަމާޒަށްވުރެ ތިރީގައި، އަދިވެސް މާބޮޑަށް ތިރީގައި ހުރީ. އެހެން ނަމަވެސް، މިދިޔަ އަހަރާ އަޅާބަލާއިރުގައި، 10 ޕަސެންޓް ކުރިއަރާފައި އެބަވޭ. އެކަމަށްޓަކައި ބެލެނިވެރިންނަށާއި، ޓީޗަރުންނާއި އަދި ނަރުދޫ ސްކޫލް ހިންގާ އެހެން ފަރާތްތަކާއި ދަރިވަރުންނަށް ޝުކުރު ދަންނަވަން. އެހެން ނަމަވެސް، އެއްގޮތަކަށްވެސް އަޅުގަނޑުމެންނަކަށް އަތް އުރާލެވޭކަށެއް ނެތް. މަދްރަސާއަށް ނަޒަރު، މަދްރަސާއަށް ދޭންޖެހޭ އަހަންމިއްޔަތުކަން ކުޑަމިންވަރަކަށްވެސް އަޅުގަނޑުމެންނަށް ކައްސުވާލެވޭކަށެއް ނެތް. މި މަދްރަސާގައި މިހާރު އިމްތިޙާން ހަދާ ކުދިންގެ 16 ޕަސެންޓް ކުދިން، މި 5 މާއްދާއިން ފާސްވަނީ. ކޮންމެ ސަތޭކައަކުން 16 ކުދިން. ވާންމިޖެހެނީ ކޮންމެ ސަތޭކައަކުން ފަސްދޮޅަސްކުދިންނަށް. އަޅުގަނޑުމެން ކުރާން އޮތް ކަންތައް ވަރަށްވެސް ބޮޑު. މި ރަށްރަށުން އަޅުގަނޑުމެންނަށް މިއަންނަނީ ބައެއް. އެއީ ހޯރަފުށިން، އެއީ އިހަވަންދޫން، އެއީ ދިއްދޫން. އެތަންތަނުގައި އެކަންކަންވަނީ ކޮންމެހެނެއް ރަށް ބޮޑުވެގެނެއް ނޫން. މަދްރަސާއެއް ރަނގަޅަށް ހިނގަނީ، ޙަޤީޤަތުގައި ކުޑަވީމާ. މިތަނުގައި ކޮންމެ 7 ދަރިވަރަކަށް، 8 ދަރިވަރަކަށް ޓީޗަރެއް ހުންނާނެ. އެއީ، ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ދެކޭނެ ތަނެއް ނޫން. މިތަނުގައި ކޮންމެ ދަރިވަރަކަށް ޚަރަދު ކުރާނެ މަހެއްގެ މައްޗަށް ތިންހާސް ރުފިޔާ. އެއަށްވުރެ ގިނަކޮށް. އެއީ، މެލޭޝިޔާގައި ކުރާވަރަށްވުރެ ދެގުނަ އިތުރު. އެއީ، ސިންގަޕޫރުގައި ކުރާވަރަށްވުރެ އިތުރު. ދެން އަޅުގަނޑު އަހާ ސުވާލަކީ ކޮބައިހޭ ނަތީޖާ؟ ކީއްވެގެންހެއްޔޭ އަޅުގަނޑުމެން މި އެދޭ ނަތީޖާ އެހެންވީމާ ނުލިބެނި. އަޅުގަނޑުމެންނަށް ކުރާންހުރި ކަންތައްތަކެއް އެބަހުރި. އަޅުގަނޑު ޑޮކްޓަރ ލުޠުފީއަށާއި، އެޑިޔުކޭޝަން މިނިސްޓްރީއަށް އަބަދުވެސް ޝުކުރު ދަންނަވަން. އަދި މިހާރުގެ މިނިސްޓަރަށްވެސް ޝުކުރު ދަންނަވަން. އަޅުގަނޑުމެން ފަރުވާއެއް ހޯދަން ޙަޤީޤަތުގައި އޮތް ބައްޔަކީ މިދެންނެވީ. ޚަރަދުބޮޑުވެ ނަތީޖާ ނުނުކުންނަ މައްސަލަ. ކިހިނެއްތޯ އަޅުގަނޑުމެންނަށް އެކަންކަމުން އަރައިގަނެވޭނީ. ކިހިނެއްތޯ އަޅުގަނޑުމެންގެ ކިޔެވުމުގެ ފެންވަރު މިއަދަށްވުރެ ރަނގަޅު ކުރެވޭނީ.

އަޅުގަނޑެއް ބޭނުމެއް ނޫން، އަޅުގަނޑު ދެންމެވެސް ދަންނަވައިފިން، މިތަނުގެ ޑީ.އާރު.ޕީ ބޭފުޅުންނާ އަޅުގަނޑު ސުވާލު ކުރާކަށްވެސް. އަދި އަޅުގަނޑު ނިސްބަތްވާ ޕާޓީގެ މެންބަރުން ސުވާލު ކުރާކަށްވެސް. އަޅުގަނޑުމެން ކޮންމެހެން ނަންއެޅޭކަށް ނުޖެހޭނެ. އަޅުގަނޑު ދަންނަވައިފިން، ކުޅުދުއްފުށި ހިއްކީވެސް ކުރީ ސަރުކާރުންނޭ. ސާކް ސަމިޓް ބާއްވަން ނިންމީވެސް ކުރީ ސަރުކާރުންނޭ. ނަރުދޫ ބަނދަރު ހެދީވެސް ކުރީ ސަރުކާރުންނޭ. އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނީވެސް ކުރީ ސަރުކާރުންނޭ. އަޅުގަނޑުމެން ނޫޅެން އެއްގޮތަކަށްވެސް ނަމެއް އެޅޭކަށް. އަޅުގަނޑު އެއްވެސްއިރެއްގައި ކުރަން އުޅޭ ކަމެއް ނޫން އެއީކީއެއް. އަޅުގަނޑުމެން މިއުޅެނީ ކަމެއް ކުރަން. އަދި ކުރުމުއްދަތެއް. 30 އަހަރު ނަގައިގެން ކަމެއް ކުރާކަށެއްވެސް ނޫން. ސީދާ މެނިފެސްޓޯއަކަށް މި ރާއްޖެ ހިންގަން އަޅުގަނޑުމެން މިއުޅެނީ. އަޅުގަނޑުމެން މިއުޅެނީ މި ރާއްޖެ ބަދަލުކުރަން. އަޅުގަނޑުމެން މިއުޅެނީ އެހެން ދިވެހިރާއްޖެއެއް، އަނެއް ދިވެހިރާއްޖެ ހޯދަން.

ނަރުދޫ ރައްޔިތުންނަށް ވަރަށް ރަނގަޅަށް ސާފުވާނެ. މިތަނުގައި އިންޖީނުގެއެއް ހިންގަންވެގެން ނަރުދޫ މީހުންނަށް އުޅެވުނު ހާލު. އަޅުގަނޑު ގާތުގައި ތަންކޮޅެއް ކުރީގައި ނަރުދޫ މީހަކު މަސައްކަތްކުރި. އޭނާ އިންޖީނުގޭގެ ވާހަކަ ދައްކާނެ، އޭނާގެ އަންހެނުންގެ ވާހަކަ ދައްކާ ވަރަށްވުރެ ގިނައިން. އަބަދުވެސް އޭގެ ޕެކިންތަކާއި، އޭގެ ދެނަރަކާއި އޭގެ ސައްޕަ، އޭގެ އަޑީ ތެލުގެ ވާހަކަ. އަޅުގަނޑަކަށް މިހާރު އަޑެއް ނީވޭ އިންޖީނުގެ ވާހަކައެއް. އެއީ، ސިޔާސަތަށް ގެނައި ބަދަލަކީ. އެއީ، ދެނެގަތީ، ކުޑަރަށަކަށް، މަދުމީސްކޮޅަކަށް އިންޖީނުގެއެއް، އެމީހުން އަމިއްލައަށް ހިންގައިގެން އެއިން މާ ރަނގަޅު ނަތީޖާއެއް ނެރެވިފައި ނެތްކަން. އެހެންވީމާ، 44 ރަށް އެއްކޮށްލީމާ، އެހުރިހާ ރަށެއްގެ އިންޖީނުގެ، އެއްކުންފުންޏެއްގެ އަތަށް ދިނީމާ، ދެން ކުރެވޭ ކަންތައް ވަރަށްގިނަ. އިންޖީނު އޯވަރހޯލް ކުރުންވެސް، އޭތި ބެލެހެއްޓުންވެސް، އެކަމުގެ އެންމެހާ ކަންކަން ހިންގުންވެސް. ދެން ކުރެވޭ އެންމެ ބޮޑު އެއްކަމަކ ކުރީގައި މާ ބޮޑުކޮށް އޮތް ކަރަންޓްގެ އަގު މިހާރު އޮންނާނީ ދަށްވެފައި. އެވާހަކައެއް އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުގައި ދަންނަވާކަށް ނުޖެހޭނެ. ތިޔަބޭފުޅުންނަށް އެކަން ސާފުވާނެ. ތިޔަބޭފުޅުންގެ ޖީބުން އެ ބިލް ދައްކަވާތީ.

އަޅުގަނޑުމެން ބޭނުންވެގެން މި އުޅެނީ، ސިޔާސީ މަޤްޞަދުތަކެއް ޙާޞިލުކުރާކަށެއް ނޫން. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ، މި ނަރުދޫގެ ތަރައްޤީއާއި، މި ރާއްޖޭގެ ކުރިއެރުން ހޯދަން. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ބޭނުމަކީ، މިއަދަށްވުރެ އަދި މާ އުފާވެރި މާދަމައެއް އަޅުގަނޑުމެން ހޯދުން. އަޅުގަނޑުމެންގެ އެންމެ މުހިންމު އެއް ފަލްސަފާއަކީ، އަދި މި ޕާޓީވެސް، ސަރުކާރުވެސް އަބަދުވެސް ގަބޫލުކުރާ އެއް ޙަޤީޤަތަކީ، ރައްޔިތުން ހިފަހައްޓައި، އޮބަހައްޓައި، ރައްޔިތުންނަށް ބިރު ދައްކައި، ރައްޔިތުންނަށް އަނިޔާކޮށް ހަދަމުން ތަރައްޤީއެއް ނުހޯދޭނެ. ތަރައްޤީއަކީ ރައްޔިތު މީހާ ދޫކޮށްލީމާ، އޭނާ ކުރާ ކަމެއް. އޭނާ ހިފެހެއްޓީމާ ވާކަމެއް ނޫން އެއީކީ. އެއީ ވެރިމީހާ މޮޅުވެގެން ވާކަމެއް ނޫން. އެއީ، ވެރިމީހާ ދަށުވެގެންވެސް ވާކަމެއް ނޫން. އެއީ، ރައްޔިތު މީހާ މިނިވަންވީމާ، އޭނާ ގޮސް ކުރާ ކަމެއް. އެއީ، އޭނާގެ މަސައްކަތުން. އެހެންވެ، އަޅުގަނޑުމެންނަށް އަބަދުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި ކަތީބުވެސް އެއްގޮތަކަށްވެސް ކަންބޮޑުވެ ދެރަވެވަޑައިވަޑައިގަންނަވައި، އެކަމުގެ ހިތާމައިގައި އުޅުއްވާނެ ކަމެއްނެތް. އެތައް އަޑެއް ކަތީބާ ދިމާއަށްދާނެ. ކިތަންމެ އެއްޗެއް ގޮވާތީ. ގޮވީމާ، އަޅުގަނޑާ ދިމާއަށް ގޮވަންވާ އެއްޗެހި އެހެން އެއްވެސް މީހަކާ ދިމާއަކަށް ނުގޮވޭނެ. އެ އަދަދަކަށް ހަމަގައިމުވެސް މި ރާއްޖެއަކު ނުގޮވާނެ. އަޅުގަނޑު ކަންބޮޑެއްނުވޭ، ކުޑަކޮށްވެސް އަޅުގަނޑު ކަންބޮޑެއްނުވޭ. އަޅުގަނޑަށް އެނގޭ އަޅުގަނޑު ކުރާ މަސައްކަތް. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ލޯ ލާރިއެއްގައިވެސް އަޅުގަނޑެއް ނުޖެހޭނަން. އަޅުގަނޑު ތިޔަބޭފުޅުންނަށްޓަކައި 10 ގަޑިއިރު މަސައްކަތް ނުކުރާ އިރާދަކުރެއްވިއްޔާ، ހަމަ އެއްދުވަސްވެސް ނުބާއްވާނަން.

ގައްދުއަށް އަޅުގަނޑު ދިޔަތަނާ، ލަވައެއްގެ އަޑު، ކިޔަނިކޮށް އަޑުއެހިން. އެންމެ ކަތުންނޭ ވާދަވެރި އިދިކޮޅު ފަރާތްތަކުން ލާހާ އަޑަށް ނުހެއްލޭށޭ. އަޅުގަނޑުމެންގެ އަމާޒު، އަޅުގަނޑުމެންގެ މީޒާން، އަޅުގަނޑުމެންގެ މަޤްޞަދު އެއަކަށް ގުޑުމެއް ނާންނާނެ. ކުޑަވެސް ލޮޅުމެއް ނާރާނެ. އަޅުގަނޑުމެން ކުރާން މިހުރި މަސައްކަތް ކުރުމުގައި، އަޅުގަނޑުމެން ދާނީ ކުރިއަށް. އަޅުގަނޑުމެން ފަހަތެއް ނުވެސް ބަލާނެ. އަދި ބުނާތީ އަޑުވެސް އަހަން، ފަހަތުން ފެލޭ އެއްޗަކަށް އެއްގޮތަކަށްވެސް ނުބަލާށޭ.

އަޅުގަނޑުމެންގެ ބޭނުމަކީ މުސްތަޤްބަލް. މިއަދު މިއޮތީ ހަވީރުވެފައި. އިއްޔެ ނިމިއްޖެ. އަޅުގަނޑުމެންނަށް ދެން ހޯދޭނީ މާދަމާ. އަޅުގަނޑުމެން މަސައްކަތްވެސް ކުރަންވީ މާދަމައަށްޓަކައި. އެ މާދަމާ ލިބިގަތުމަށްޓަކައި. ފެބްރުއަރީ 5 ވަނަ ދުވަހު މިތަނުގައި ބިންގާ މިއެޅެނީ، މި ނަރުދޫގެ ތަރައްޤީއަށްޓަކައި ޤާއިމް ކުރެވޭ އެންމެ މުހިންމު މުއައްސަސާ. ނަރުދޫގެ ތަރައްޤީ ލިބޭނީ، ނަރުދޫ ރައްޔިތުންގެ ފަރާތުން. ރައްޔިތުންގެ ކިބައިން ރައްޔިތުންނަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ހިންގައިދޭނެ ފަރާތެއް ހޯދުނީމާ. މި އިންތިޚާބަކީ ކޮބައިކަން އަޅުގަނޑުމެން އެންމެންނަށް ސާފުވާންޖެހޭނެ. ފުރަތަމަ ކަމަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަން ބޭނުން. މިފިކުރަކީ، ރަށްވެރިކަމުގެ ފިކުރަކީ، އެމް.ޑީ.ޕީ.ގެ ފިކުރެއް. ޙަޤީޤަތުގައި އެ ފިކުރަކީ އަޅުގަނޑުމެންގެ ފިކުރެއް. ނަރުދޫ ތަރައްޤީ ކުރަން އަޅުގަނޑުމެން ބޭނުންވޭ. ނަރުދޫގެ އަމިއްލަވަންތަކަން އަޅުގަނޑުމެން ބޭނުންވޭ. އަޅުގަނޑުމެން ކުރި ކަމަކީ، ތިޔަބޭފުޅުންގެ ވިސްނުމާއި ތިޔަބޭފުޅުންގެ އެދުމަށް ބަސްތަކެއްގެ ސިފައެއް ޤާއިމްކުރީ. ޤާނޫނުއަސާސީ އިޞްލާޙްވަމުން ދިޔައިރުގައި، އޭގެ އަސާސީ ސިފަތަކާއި އުޞޫލުތައް ނެރުނުއިރުގައި، ލާމަރްކަޒީ އުޞޫލުގެ ވާހަކައެއް، އެއަކު ނެތް. މާފަހުން، މާފަހުން އައްޑުއަތޮޅުގެ ޢިއްޒަތްތެރި މެންބަރު މުޙަންމަދު އަސްލަމާއި، ކޮޅުމަޑުލުގެ ޢިއްޒަތްތެރި މެންބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ހުށަހެޅުއްވި އިޞްލާޙަކާ އެކީގައި، ލާމަރްކަޒީގެ އުޞޫލު ޤާނޫނުއަސާސީގައި ހިމެނުނީ.

އަޅުގަނޑުމެން މިއަދު ކުރާން މިއުޅޭ ކަމަކީ، އެ އުޞޫލު، އެ ބަސްތައް ތަންފީޛު ކުރުން. އެ ބާބަށް ދިއުމުގެ ކުރާންވެގެން މިއުޅޭ ކަމަކީ، ޙަޤީޤަތުގައި އަޅުގަނޑުގެ ރަށުގައި ހުރި އެއްޗަކުން ބައެއް، މި ނަރުދުއަށް ދޭންވެގެން. އެތައް ސަތޭކަ އަހަރެއް ވެންދެން މާލެއަށް އެއްކޮށްފައި ހުރި ވެރިކަމުގެ ބާރު، އެއިން ބައެއް ނަރުދުއަށް ދިނުން. މާލެއަށް އެ ވެރިކަމުގެ ބާރު އެއްކުރީ، މާލޭގެ ވެރިކަމުގެ ޚާންދާންތަކުން. ހަމަގައިމުވެސް އަޅުގަނޑުމެންގެ މައިންބަފައިން ދެކެނީ، މާލެއަކީ ދާދި އިހަކަށްދުވަހާ ޖެހެންދެންވެސް، މުލީގޭ ދޮން ޙަސަން މަނިކު، ދޮން ބަންޑާރައިންގެ މިލްކެކޭ. މިއަދު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީ.ގެ އިސް ސަފުގައި އެތިއްބެވީ، މިދެންނެވި މުލީ ދަރިކޮޅުގެ މިޒަމާނުގެ، މިހާރުގެ ބޭފުޅުން. މާލޭގެ ވެރިކަން، ވެރިކަމުގެ ޢާއިލާތަކުގެ މިހާރުގެ ބޭފުޅުން. އެބޭފުޅުން މިއަދު ނަރުދުއަށް އައިސް އެތިބީ، ތިޔަބޭފުޅުންނަށް އެބޭފުޅުންގެ ކާބަފައިން މާލެއަށް އެއްކުރި ބާރުން ބައެއް ދިނުމަށް. ދެން ބަލާނުދާތި، ޖެހިގެން އޮތް ގޯއްޗަށް. ބަލާ އަންނާނީ އެ ބާރު ހުރި މީހާ ކައިރިއަށް. ބާރު ބެހުމަށް މި ސަރުކާރުން އެދެނީ، މި ޕާޓީން އެ ފަލްސަފާ ގެންގުޅެނީ، ހުރިހާ ބާރެއް އެއްތަންކޮށްގެން، ވެރިކަން ކުރީމާ ޚުދު މުޚްތާރު ސިފަ، ޚުދު މުޚްތާރު ގޮތް އާލާވާތީއޭ. އަދިރިވެ އަލިކަން އޭގެތެރެއިން ނުކުންނާތީވެ.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ޕާޓީއާއިގެން އެއްރަށުން އަނެއް ރަށަށް ވާދަވެރިންގެ ގޮތުގައި ތިބެ ދިޔައިރު، ހަމަގައިމުވެސް މައިކްތައް ކައިރީގައި އަޅުގަނޑު ދެއްކި އެއްވާހަކައަކީ، ސަރުކާރު ބަދަލުކޮށް، ކަތީބުންނަކީ އިންތިޚާބުކުރާ ބަޔަކަށް އަޅުގަނޑުމެން ހަދާނަމޭ. ދެން އިތުރު ވާހަކައެއް މިއަކުނެތް. ކިތައް ކިތައް ސަތޭކަފަހަރު ކަމެއް ނޭނގެ، އަޅުގަނޑަށް ހަމަގައިމުވެސް އެހެން ބުނެވުނީކީއެއް. ދެން އެއީ، ކޮން ކޮވެއްޔެއްގެ ހާއްޔެއްގައި، ކޮންކަހަލަ ބިހެއްއަޅަނީ ކަމެއް އަޅުގަނޑަކަށެއް ހަމަ އެއްގޮތަކަށްވެސް ނޭނގެ. އަޅުގަނޑަށް އެނގޭ އެއްޗަކީ އެއީ، އަޅުގަނޑުމެން ދެއްކި ވާހަކައެކޭ. މި ބިސް އެޅީވެސް އަޅުގަނޑު. މިހާލި ހެދީވެސް އަޅުގަނޑުމެން. އަދި މި ބިސް ފީކުރީވެސް އަޅުގަނޑުމެން. މިއިން ފިޔޮއް ނެރުނީވެސް އަޅުގަނޑުމެން. އަދި އެބޮޑުވި ކޮވެލި އިރާދަކުރެއްވިއްޔާ އަނެއްކާވެސް ބިސްވެސް އަޅާނެ. ދެން ބިސް އަޅަން އަންނައިރުގައި ގޮވަންވެސް ގޮވާނެ.

އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން ގެންދިޔައިން، ގުލްޒާރުގައި ނަޔާމަގޭ، ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާއި ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ. އަޅުގަނޑުމެން ބޭނުމީ މުޅިން އެހެން ގޮތެއް. މިއަށްވުރެ އުފާވެރި ގޮތެއް. އަޅުގަނޑުމެން އައިސް މިތިބީ، މަސައްކަތް ކުރަމުން މިގެންދަނީ މިދެންނެވި އުފާވެރި ގޮތް ހޯދުމަށްޓަކައި.

އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ އުފާވާ ޒަމާނޭ. އުފާވާ ޒަމާނޭ، ހިތާއޭ އަހާށޭ، އުފާވެރިވި މި ރާގޭ.

والحَمْـدُ لِلّـهِ. والســّلام عليــكم.

_______________________