ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، ރާއްޖޭގައި ޢިލްމުގެ ނޫރު ފަތުރާ އަލިގަދަ ދަންމަރަކަށް ހެދުމަށް ޢަޒުމް ކަނޑައެޅުމަށް، މަތީ ތަޢްލީމާބެހޭ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. ނައިބު ރައީސް މިކަމަށް ގޮވާލެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމު ކުރެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނައިބު ރައީސް ވިދާޅުވިގޮތުގައި، އެފަދަ ތަނަކަށް ޔުނިވަރސިޓީ ހެދޭނީ، ޢިލްމީ މިނިވަންކަން އެންމެފުޅާ ދާއިރާގައި އޮވެގެންނެވެ. ޢިލްމު ހޯދުމާއި، އުފެއްދުމާއި، އުނގެނުމާއި، ފެތުރުމުގެ ފުރިހަމަ މިނިވަންކަން އޮވެގެންނެވެ. މިފަދަ ޔުނިވަރސިޓީއެއް މި ޤާއިމް ކުރެވެނީ، ދިވެހިރާއްޖޭގެ އާ ޑިމޮކްރެޓިކް ވެށީގެ ތެރޭގައިވީކަމީ ހެޔޮފާލެއްކަމެވެ. އެހެންކަމުން، ވީހާވެސް ބޮޑަކަށް ޢިލްމީ މިނިވަންކަން ޔަޤީންކޮށްދިނުމަށްޓަކައި ސިޔާސީ ނުފޫޒުތަކުން ޔުނިވަރސިޓީ ހިމާޔަތް ކޮށްދިނުމަކީ، މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ބޮޑަކަށް ޢިލްމީ މިނިވަންކަން ހިމާޔަތް ކުރަން މަސައްކަތްކުރި ނަމަވެސް، އެ ޔުނިވަރސިޓީއެއް ހުންނަ ޤައުމެއްގެ މުޖްތަމަޢެއްގެ ސިޔާސީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ނުފޫޒުތަކުން މުޅިން އެއްކިބާވެފައި އޮންނަން ދަތިވާނެ ކަމަށެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ، އިންސާނީ ޤާބިލިއްޔަތު ކުރިއަރުވައި، ޢިލްމުވެރިކަން ކުރިއަރުވާ ތަނަކަށް ހެދުމަށް ކުރަންހުރި ކިތަންމެ ކަންތަކެއް އެބަހުރިކަންވެސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އަވަސް ސްޕީޑެއްގައި މިއަދު ބަދަލުވަމުންދާ ދިވެހި މުޖްތަމަޢުގައި، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކާއި، ޓެކްނޮލޮޖީއާއި ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދިވެހި ޤައުމީ ޔުނިވަރސިޓީއަކަށް، އޭގެ އަސަރުތައް ނުކޮށްނުދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަންކަން ކުރިއެރުވުމުގައި، އާ ވިސްނުންތަކާއި އާ ހޯދުންތައް ހޯދައި، ރައްޔިތުންނަށް، އެ މަޢްލޫމާތު ފޯރުކޮށްދިނުމަކީ، ޔުނިވަރސިޓީގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއްކަން ނައިބު ރައީސް ބަޔާންކުރެއްވިއެވެ.

މިއަދު މި ޤާއިމުކުރި ޔުނިވަރސިޓީއަކީ، އަރާހުރި ޔުނިވަރސިޓީއަކަށް ހެދުމަށް ބޭނުންވާ ބައެއް ކަންކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، ޑޮކްޓަރޭޓް ފެންވަރަށް ކިޔަވައިގެން ތިބި، ޔުނިވަރސިޓީއަށް ބަދަލުވާން ބޭނުންވާ ރާއްޖޭގެ މީހުންނަށް ބޭނުންވާވަރުގެ އިންސެންޓިވް ޕެކެޖެއް ދިނުމާއި، ދިވެހި ޤައުމީ ޔުނިވަރސިޓީއަށް، ބޭރުގެ ބައެއް ޔުނިވަރސިޓީތަކުން ޕްރޮފެސަރުން ގެނެވޭނެ ދޮރުތަކެއް ހުޅުވުމާއި، ރާއްޖޭގެ ސްކޫލްތަކުން ނިމޭ ފެންވަރު ރަނގަޅު ހުރިހާ ކުދިންނަށް، ދިވެހި ޤައުމީ ޔުނިވަރސިޓީއަށް ވަނުމަށް ސްކޯލަރޝިޕްފަދަ އެހީތައް ދިނުމާއި، ޔުނިވަރސިޓީގެ މާޙައުލަކީ، އެދުރުންނާއި ދަރިވަރުން އުޅޭހިތްވާ، ކިޔެވުމާއި ޢިލްމު އުނގެނުމަށް [ވެށިފަހި] މާޙައުލަކަށްވުން ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އަރާހުރި ތަނަކަށް ހެދުމަށްޓަކައި އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ކޮމްޕްރެޓިވް އެޑްވާންޓޭޖް ހުރި ރޮނގުރޮނގުން ރިސަރޗާއި ޑިވެލޮޕްމަންޓްގެ މަސައްކަތް، ޚާއްޞަ ކުރުންކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން، ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި، ކަނޑާއި، މަސްވެރިކަމާއި، ޓޫރިޒަމާއި ހޮސްޕިޓޭލިޓީ އަދި އިސްލާމާއި ޑިމޮކްރަސީފަދަ ދާއިރާތަކަކީ، ރާއްޖޭގެ ޔުނިވަރސިޓީތައް، ދުނިޔޭގެ ކުރިމަތީގައި، ކުރިއަރައިގެންދާން ފަސޭހަވެދާނެ ދާއިރާތަކެއް ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.