بســماللّـهالرّحمـنالرّحيــم

       
ނައިބު ރައީސް ޑޮކްޓަރ ވަޙީދު. ދައުލަތުގެ ވަޒީރުން. ދެންވެސް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި އަދި މިޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެ ބޭފުޅުން.
 
السّـلام عليـكم
 
މިއަދުގެ ދިވެހިރާއްޖެ، މިއަދުގެ ދިވެހިން އެދެނީ މުޅިން އެހެން ޤައުމިއްޔަތެއް އަލުން މި ރާއްޖޭގައި ފައްކާވުމަށް. އަޅުގަނޑުމެންގެ ޒުވާނުންނާއި، މެދު ޢުމުރާއި އަދި ދޮށީ ޢުމުރުގެ އެންމެ ރައްޔިތުން އެދި ގޮވަނީ، ރާއްޖެ އަލުން އަނބުރާ ބިނާކުރުމަށް. މި ރާއްޖެއަކީ ކޮބައިކަން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޒުވާނުންނަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް އެނގުމަށް. އަދި އަޅުގަނޑުމެންގެ މުސްތަޤްބަލް ފެންނާނީ ކޮންގޮތަކަށްތޯ، އެ މަންޒަރުވެސް     އެ ރައްޔިތުންނަށް ސިފަވުމަށް.
 
ޤައުމެއް، ޤައުމިއްޔަތެއް ބިނާކުރުމުގައި، ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސްތަކެއް އެބަހުރޭ. އޭގެތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި، މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ޘަޤާފަތާއި އަދި އަޅުގަނޑުމެންނަށް މިއަދު ހަމަކަށަވަރުވަމުން މިއަންނަ އަނެއް ޙަޤީޤަތަކީ، ދިވެހިން އެދެނީ މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ޙައްޤާއި އަދި އަޅުގަނޑުމެންގެ ޘަޤާފަތް އެއީ އަސާސްތަކެއް ކަމަށް ދެކިގެން، މި ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމަށް. އަޅުގަނޑުމެން މިހާރު ކުރިއަށް މިގެންދާ އެންމެބޮޑު މަޝްރޫޢަކީ މިދެންނެވީ. މި ރާއްޖޭގެ ޤައުމިއްޔަތު އަލުން އަނބުރާ ބިނާކުރުން. އާ ޤައުމިއްޔަތެއް ފައްކާ ކުރުން.
 
ރާއްޖޭގައި ދިވެހިން އިސްލާމްދީނަށް އުޅެމުން އަންނަތާ އެތައް ސަތޭކަ އަހަރެއްވެއްޖެ. އިބްނުޢަރަބީ މަސްޢޫދީ އަދި ފަހުން އައިސް އިބްނި ބަޠޫޠާ، ދިވެހިރާއްޖެއާ ގުޅޭގޮތުން ލިޔުއްވާފައިހުރި ލިޔުންތައް ނުހަނު ގިނަ. ރާއްޖޭގެ އިސްލާމީ ޘަޤާފަތަކީ، އިސްލާމީ ތާރީޚަކީ، ދުނިޔޭގެ މަދު އިސްލާމީ ޤައުމަކުން ނޫނިއްޔާ ފެންނާން ނެތްފަދަ ވަރުގަދަ އިސްލާމީ ޘަޤާފަތެއް، އިސްލާމީ ތާރީޚެއް. މި ރާއްޖޭގެ ރަސްކަލުންގެ ލިސްޓެކޭ، މި ރާއްޖޭގެ ފަނޑިޔާރުންގެ ލިސްޓެކޭ ދާދި އެއްހަމަ. ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން، ދީނީ ހެޔޮލަފާ ނަޞޭޙަތް ދިނުމާއި، ދީނީ ވަޢުޡު ބުނުމާއި، ދީނީ ހަމަތައް ރައްޔިތުންނަށް އަންގައިދިނުމުގައި، ފަނޑިޔާރު މަނިކުފާނާއި އަދި އެހެންވެސް ދައުލަތުގެ ވެރިކަމުގެ މުއައްސަސާތައް ކުރަމުން އައި މަސައްކަތްތައް ނުހަނު ގިނަގުނަ.
 
 އަޅުގަނޑުމެންނަށް ފެންނާން އޮތް އެންމެ ދުވަސްވީ ލިޔުމަކީ، އިސްދޫ ލޯމާފާނު. އިސްދޫ ލޯމާފާނު ފަށައިގެން އަންނައިރު، އަޅުގަނޑުމެންނަށް ފުރަތަމަ ކިޔާން މިލިބެނީ، އޭރުގައި ލިޔެވިފައި އޮތް ކީރިތި ރަސޫލާގެ ސިޔަރަތު. އިސްދޫ ލޯމާފާނުގައި ރަސޫލާއަށް، ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ބަޔާންކޮށްފައިވާނީ، ފަތާމްބަރުކަލޯގެ ގޮތުގައި. އެދުވަހުއްސުރެ ފެށިގެން، ދިވެހި ދަންނަ ބޭކަލުން، ދިވެހި ބަހުން ދީނީ އެކިއެކި ހަމަތަކާއި، އުޞޫލުތަކާއި، ޙުކުމްތަކާއި، ގޮތްތައް، އަސާސްތައް ދިވެހި ރައްޔިތުންނަށް އަބަދުވެސް އައީ އަންގައިދެމުން. އަޅުގަނޑަށް އެނގިފައި އޮތް އެންމެ ފުރަތަމަ ޤުރްއާނުގެ ތަރުޖަމާއަކީ، ޢަލީ މަލިމް މަނިކުފާނު ލިޔުއްވާފައި އޮތް ޤުރްއާން ތަރުޖަމާއެއް. ޢަލީ މަލިމް މަނިކުފާނުގެ ޤުރްއާން ތަރުޖަމާ، އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި، ލިޔުއްވާފައި އެވަނީ، އަށާރަސަތޭކައިގެ މެދެއްހާ ތަނުގައި. އެ ތަރުޖަމާއަކީ ވަރަށް ފުޅާގޮތެއްގައި، ރާއްޖޭގެ ދަތުރުވެރިންނާއި އަދި ޚާއްޞަކޮށް، މަލިކު ރައްޔިތުން ބޭނުންކުރަމުން އައި ތަރުޖަމާއެއް. ޢަލީ މަލިމް މަނިކުފާނަކީ، ވެލާނާގޭ ދަރިކޮޅުގެ ބޭފުޅެއް. އަދި ރާއްޖޭގައި ޚާއްޞަކޮށް، ދީނީ ކަންކަމުގައި، ރައްޔިތުންނަށް ދީނީ ހެޔޮލަފާ ނަޞޭޙަތް ދިނުމާއި، ދީނީ ޢާންމު އުޞޫލުތައް އަންގައިދިނުމުގައި ކުރިއަރައި ހުންނެވި ބޭފުޅެއް. އަޅުގަނޑުމެންނަށް އޭގެފަހުން އައިސް ބޮޑު ތަރުތީބު ލިބުނު. ބޮޑު ތަރުތީބުގައި އަދި ވަކިން ތަފްޞީލުކޮށް، ދީނީ އެކިއެކި ހަމަތައް ރައްޔިތުންނަށް އަންގައިދީފައިވޭ.
 
ޤުރްއާން ތަރުޖަމާވެގެން، އެ ޤުރްއާނުގައިވާ އެއްޗެއް އަޅުގަނޑުމެންނަށް، ދިވެހިންނަށް އެނގެން ފެށިތާ ދުވަސްތަކެއްވެއްޖެ. އެހެން ނަމަވެސް، މިހާރުގެ ޓެކްނޯލޮޖީއާއި އަދި މިހާރުގެ މީޑިއާ ބޭނުންކޮށްގެން، ޤުރްއާން، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ސާފުކޮށް އަންގައިދިނުމަކީ، އަބަދުވެސް ދިވެހި ދައުލަތް، ދިވެހި ރައްޔިތު، ދިވެހި ޤައުމު އެދޭ ކަމެއް. މިއަދު އެމް.އެން.ބީ.ސީ އަށް އަޅުގަނޑު ފަށްފަށުން ޝުކުރު ދަންނަވަން. މި މަސައްކަތް އެބޭފުޅުން ފަށްޓަވައި އަދި ކާމިޔާބުކަމާ އެކީގައި ކުރިއަށް ގެންދަވާކަމުން.
 
އަޅުގަނޑުމެނަށް އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ ޖީލު، އަޅުގަނޑުމެން ބޮޑުވެގެން އައީ ރޭޑިއޯގެ ތެރެއިން. އޭރުގައި އަބަދުވެސް ހެނދުނު މަދްރަސާއަށް ދިޔުމުގެ ކުރީގައި، އަޅުގަނޑުމެނަށް ޤުރްއާން ތަރުޖަމާ އަޑުއިވޭ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައި، ރޭޑިއޯއިން ޤުރްއާން ތަރުޖަމާ ފޮނުވެން ފެށުނު. އެއީ، އޭރުގައި ޤުރްއާން ތަރުޖަމާ ކުރެވި، އެ ތަރުޖަމާ ރޭޑިއޯއިން ފޮނުވަން ފެށުނު ފެށުން. އެމް.އެން.ބީ.ސީ.ގެ މި ތަރުޖަމާގެ ކުރީގައި އަދި ނޮވެލްޓީ ޕްރިންޓަރސްގެ ފަރާތުން، ޕްރެސް އިން ޢަލީ ޙުސައިން، ވާރޭވިލާ ޢަލީ ޙުސައިން ވަނީ ޤުރްއާން ތަރުޖަމާ، ޢާންމުކޮށް ރެކޯޑް ކުރައްވައި، އެ ޤުރްއާން ތަރުޖަމާ ފޮނުއްވަން ފަށްޓަވާފައި. އަމިއްލަ ޗެނަލްތަކުންވެސް މި މަސައްކަތް ކުރިއަށް ގެންދާކަމީ، އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ ކަމެއް. އަދި އަޅުގަނޑުމެންނަށް މި މަސައްކަތުގައި ކުރިއަށް ދިއުމުގައި މަގުފަހިވެގެންދާ ކަމެއް. ސަރުކާރުގެ ޗެނަލުން ޤުރްއާން ތަރުޖަމާވެގެން ފޮނުވުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއް.
 
ދައުލަތުގެ މީޑިއާއެއް އޮންނަ ކަމުގައިވަނީނަމަ، އެ މީޑިއާއެއް މެދުވެރިކޮށްގެން، ޤައުމިއްޔަތާއި ދައުލަތް ބިނާކުރުމަކީ، އެ މީޑިއާގެ އެއް ވާޖިބު. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިއަދުގެ ނޫސްވެރިކަމާއި އަދި ހަމައެހެންމެ، މިއަދުގެ އަޅުގަނޑުމެންގެ ޒުވާނުންގެ ދީނީ ހޭލުންތެރިކަމުގެ މިންވަރު، ކުރިއަށްވުރެ އެތައް ތަނެއް ފުޅާ. އަޅުގަނޑުމެންނަށް އެބައޮތް، ދިވެހިންނަށް ފަޚްރުވެރިވެވެން. އަޅުގަނޑުމެންގެ ރާއްޖެ ފިޔަވައި އިސްލާމީ އުންމަތުގައި، ދެނެއް ނުވާނެ އެހެން ޤައުމެއް، ދީނީ ހެޔޮލަފާ ނަޞޭޙަތް، ދަންނަ ބޭކަލުންނަށް ބިރަކާނުލައި ރައްޔިތުންނަށް ފޯރުކޮށްދެވޭ. މި ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ތެރެއިން ހުރިހާ ޤައުމެއްގައިވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ދީނީ ނަޞޭޙަތް، ދީނީ ދަންނަ ބޭކަލުން، އެ ވަޢުޡު ވިދާޅުވާ އުޞޫލުން، އެކަން އެހެން އެއްވެސް ޤައުމެއްގައި ކޮށްފިނަމަ، އެބަޔަކު ހައްޔަރު ކުރާނެ. މި ރާއްޖެ ފިޔަވައި، އިސްލާމް ޤައުމެއް، މި މަގުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން، ފުޅާގޮތެއްގައި ދޫކުރެވިފައި ނެތްކަމީ، އަޅުގަނޑުމެންނަށް ހިތާމަވެރިކަން ހުރި ކަމެއް. މިއަދު އަޅުގަނޑުމެންނަށް ހިތްވަރު ލިބޭ، ޓިއުނީޝިޔާގައިވެސް، މިޞްރުގައިވެސް، އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ރައްޔިތުން މިނިވަންކަމަށް އެދި އަޑު އުފުލާނެ. އަދި އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ހޯދާނެ. އެމީހުންގެ ބިރު ފަހަނަޅައިގޮސް، އެ ރައްޔިތުން މިނިވަންކަން ހޯދަން އުޅޭތަން.
 
އިސްލާމްދީން ކުރިއެރުމަށްޓަކައި މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އިސްލާމީ ރަނގަޅު ޢަޤީދާއެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގުމަށްޓަކައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން ބިނާކުރަމުން މިގެންދަނީ މިދެންނެވި ޤައުމިއްޔަތު. އަޅުގަނޑުމެންނަށް ވަގުތުގެ އަޖަލުގައި ޖެހި ތިބޭއިރުގައި، ބައެއްފަހަރަށް މިއަދު މިވާގޮތް މުޅިން ސާފުނުވެދާނެ. އަދި އެކަމާ ގުޅިގެން، ބައެއް ބޭފުޅުން ވިދާޅުވާ އެއްޗެތީގެ ސަބަބުން، އަޅުގަނޑުމެން ކުޑަކޮށް ހިތްނުތަނަވަސްވެސް ވެދާނެ. އަޅުގަނޑު ދަންނަވާނީ، އެކަމާ ކަންބޮޑުވެނުލައްވާށޭ. ބޮޑު މަންޒަރަށް ބައްލަވާށޭ. އަޅުގަނޑުމެން ބިނާކުރަމުން މިގެންދަނީ، ޖީލަކުން އެއްފަހަރުވެސް، ޤަރުނަކުން އެއްފަހަރުވެސް ރައްޔިތަކަށް ބިނާކުރަން ނުލިބޭނެ ފުރްޞަތެއް ލިބި ތިބެގެން ބިނާކުރަމުންދާ ޤައުމިއްޔަތެއް.
 
އަޅުގަނޑު މިއަދު ވަރަށް އުފާވެއްޖެ. މި ޤުރްއާން ތަރުޖަމާ އަޅުގަނޑުމެންނަށް ގަވާއިދުން ޓީ.ވީ އިން ފޮނުވޭނެ ގޮތަށް، ކަންތައްތައް ހަމަޖެހިގެން ދިޔައީތީވެ. އަޅުގަނޑު އުންމީދު ކުރަނީ، އަނެއްކާވެސް ރާއްޖޭގައި ޖީލެއް، މަދްރަސާއަށްދާނީ ޤުރްއާން ތަރުޖަމާ އަޑުއަހަމުން، ތައްޔާރުވަމުންނޭ.
 
والحمد للّـه. والسّـلام عليـكم
   
___________________________