ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު އަރިހަށް ބަންގްލަދޭޝްގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން، ނޫރުލްއިސްލާމް ނާހިދު، މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސާއި، ބަންގްލަދޭޝްގެ ތަޢުލީމާ ބެހޭ ވަޒީރު މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ތަޢުލީމީ ދާއިރާއިން ރާއްޖެއާއި ބަންގްލަދޭޝްއާ ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުންނެވެ.
 
މިގޮތުން، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފުރަތަމަ ޔުނިވަރސިޓީ އުފެއްދެވުމަށް ސަރުކާރުން ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާއިރު، ޔުނިވަރސިޓީ ހިންގުމުގައި ބަންގްލަދޭޝްގެ ތަޖުރިބާއާއި އެހީތެރިކަން މުހިންމު ކަމުގައި ވިދާޅުވިއެވެ.
 
މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ބަދަލުތަކާއި، ޓެކްނޮލޮޖީ ޙިއްޞާ ކުރުމާއި، ޓުއަރިޒަމް ތަރައްޤީކުރުންފަދަ ދާއިރާތަކަކީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމަށް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތައް ކަމުގައި ވިދާޅުވިއެވެ. އަދި، ބަންގްލަދޭޝްއަކީ، މަދަނީ މުޖްތަމަޢު ވަރަށް ހަރަކާތްތެރި ޤައުމެއްކަން ފާހަގަކުރައްވަމުން، ވަރަށް ޅަފަތުގައި އޮތް ރާއްޖޭގެ މަދަނީ މުޖްތަމަޢު ކުރިއެރުވުމަށް ބަންގްލަދޭޝްގެ ތަޖްރިބާ ޙިއްޞާ ކުރުމާއި އެ ރޮނގުން އެހީތެރިކަން ލިބޭގޮތްވުމަކީ، މުހިންމު ކަމެއް ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
 
މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގެ އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްގެ ޔުނިވަރސިޓީތައް ހިނގާ ގޮތާބެހޭ މަޢުލޫމާތު ނައިބު ރައީސާ ޙިއްޞާ ކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވިދާނެ ދާއިރާތަކުގެ ގޮތުގައި ނައިބު ރައީސް ފާހަގަކުރެއްވި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަކީ، މުހިންމު ކަމެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރ ނޫރުލްއިސްލާމް ނާހިދު ވިދާޅުވިއެވެ. ކުރެއްވިއެވެ.
 

މި ބައްދަލުކުރެއްވުމުގައި، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީގެ ދެކުނު އޭޝިޔާއާ ބެހޭ ޑިރެކްޓަރ މެހްދީ ޙަސަނާއި، ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޭ.އެސް.އެމް.އޭ. އަވާލްގެ އިތުރުން، ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޢަލިމަނިކާއި، މިނިސްޓަރގެ ނައިބު ޑޮކްޓަރ ޢަބްދުﷲ ނަޒީރާއި، އެ މިނިސްޓްރީގެ ސްޕްރިންޓެންޑެންޓް އޮފް އެޑިޔުކޭޝަން ޖަމީލާ ޢަލީ ބައިވެރިވެވަޑައިގެންނެވިއެވެ.