ސަރުކާރުގެ އަމާޒަކީ، މިރާއްޖޭގެ ސިފައިންނަކީ ތަމްރީން ލިބިފައިވާ، ޕްރޮފެޝަނަލް އަދި ވަޒީފާގެ އަޚްލާޤާއި، ސިފައިންނަށް ބޭނުންވާ އެންމެހާ ހުނަރުތައް ލިބިފައިވާ ބައެއްގެ ގޮތުގައި ބިނާ ކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.)ގެ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރެއިނިންގ އެންޑް އެޑިޔުކޭޝަންގެ އޮފިސަރ ޓްރެއިނިންގ ވިންގުން ހިންގި ފުރަތަމަ އޮފިސަރ ކެނޑިޑޭޓް ކޯހުގެ ޕާސިން އައުޓް ޕެރޭޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 
މިއަދު ހަވީރު ގިރިފުށީގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަދު އެމް.އެން.ޑީ.އެފް.އަށް ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. އަދި މީގެކުރީގައި ސިފައިންގެ އެންމެ މަތީ ވެރިޔާއަށް އެއިރެއްގައި ހުންނެވި ބޭފުޅަކަށް ފެނިވަޑައިގެންނެވި ބޭފުޅުން، ސިފައިންގެ ވެރިންގެ ގޮތުގައި ނުވަތަ އޮފިސަރުންގެ ގޮތުގައި ކަނޑައެޅުނު ޒަމާން މިހާރު ފާއިތުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އޮފިސަރުކަން ދެވޭ ބޭފުޅުންނަކީ ޙިކުމަތާއި، ބޭފުޅުންގެ ތަޢުލީމީ ފެންވަރާއި، އަދި ވަކިން ޚާއްޞަކޮށް ހަނގުރާމައިގެ ހުނަރުގެ ގޮތުން، ޑިފެންސް ފޯސްއެއްގެ އޮފިސަރަކަށް ބޭނުންވާނެ އެންމެހާ މަޢުލޫމާތުތައް ލިބިވަޑައިގެންފައިވާ ބޭފުޅުން ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، މިއަދާ ޖެހެންދެން އޮފިސަރުންނަށް ބޭނުންވާ ޓްރެއިނިންގ ދެވިފައިމިވަނީ ރާއްޖެއިން ބޭރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ލީޑަރުން ނުވަތަ ވެރިން ތައްޔާރު ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ވަކި ޚާއްޞަ ޢިލްމުތަކަކާއި ހުނަރުތަކެއް ލިބިގެން އަދާކުރެވޭ ބާވަތުގެ ވަޒީފާތަކަށް ލީޑަރުން ނެގުމުގައި، ބަލަންޖެހޭ ބެލުންތަކާއި ކަނޑައެޅެންޖެހޭ މިންގަނޑުތައް ވަކި ޚާއްޞަ އިންސްޓިޓިއުޝަނަކުން ކަނޑައެޅުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ވަކި ޚާއްޞަ އިންސްޓިޓިއުޝަނެއް ނެތުމުން ލީޑަރުންގެ ގޮތުގައި ތިބެންޖެހޭ އެތައް ބަޔަކަށް އެ ފުރުޞަތު ނުލިބިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު މި ފެށުނީ ސިފައިންގެ ވެރިންނާއި ލީޑަރުން ތައްޔާރުކުރެއްވުމުގެ ފުރަތަމަ މަރުޙަލާ ކަމަށާއި، މިއަދު އޮފިސަރުކަން ހަވާލުކުރެއްވި 38 ބޭފުޅުންނަކީ މަތީ ތަޢުލީމު ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، މަތީތަޢުލީމެއް ލިބިފައިވިޔަސް، އެކަށީގެންވާ ރަނގަޅު މަގާމެއްގައި ވަޒީފާ އަދާކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފައިނުވާ ސިފައިންނަށް، އޮފިސަރ ޓްރެއިނިންގ ކޯސް ނިންމެވުމަށްފަހު، އޮފިސަރުންނަށް ވެވަޑައިގަތުމުގެ ފުރުޞަތު ހުޅުވިފައިވާކަން ސިފައިންގެ އެންމެ މަތީ ވެރިޔާ ހާމަކުރެއްވިއެވެ.
 

މިއަދުގެ ރަސްމިއްޔާތުގައި، އޮފިސަރ ކެނޑިޑޭޓް ކޯހުން ފާސްވި ދަރިވަރުން، އޮފިސަރުންގެ ގޮތުގައި ކޮމިޝަން ކުރެވުނު ކަމުގެ ރަމްޒެއްގެ ގޮތުން ހަވާލުކުރައްވާ ކަނޑި، އެ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ހަވާލުކޮށްދެއްވިއެވެ. އޮފިސަރ ކެނޑިޑޭޓް ކޯހުން ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާ އެވެ.