ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިނގިރޭސިވިލާތުގެ ޕާރލަމެންޓްގެ، ހައުސް އޮފް ކޮމަންސްގައި، ރޮމްފަރޑް ތަމްސީލު ކުރައްވާ މެންބަރު އެންޑްރޫ ރޮސިންޑެލްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
އެންޑްރޫ ރޮސިންޑެލްއަކީ، އިނގިރޭސި ކޮންޒަރވެޓިވް ޕާޓީގެ މެންބަރެކެވެ. އެ ޕާޓީއާ އޭނާ ގުޅިވަޑައިގަތީ 1981 ގައި، ޢުމުރުފުޅުން 14 އަހަރުގައެވެ. އޭގެފަހުން، 1983ން ފެށިގެން ކޮންޒަރވެޓިވް ޕާޓީގެ ޒުވާނުންގެ ގޮފީގެ އިސް މަގާމުތަކެއް އެންޑްރޫ ރޮސިންޑެލް ފުރުއްވާފައިވެއެވެ. މިގޮތުން، ރޮމްފަރޑްގެ ޔަންގް ކޮންޒަރވެޓިވްސްއާއި، ގްރޭޓަރ ލަންޑަން ޔަންގް ކޮންޒަރވެޓިވްސްއާއި، ނޭޝަނަލް ޔަންގް ކޮންޒަރވެޓިވްސް އަދި ޔޫރަޕިއަން ޔަންގް ކޮންޒަރވެޓިވްސްގެ ޗެއަރމަންކަން ކުރައްވާފައިވެއެވެ. އެންޑްރޫ ރޮސިންޑެލް، އިނގިރޭސި ޕާރލަމެންޓަށް އިންތިޚާބު ވެވަޑައިގެންނެވީ 2001 ވަނަ އަހަރުއެވެ.