ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހުވަދުއަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، ހުވަދުއަތޮޅު ދެކުނުބުރީ ނަޑައްލާއަށާއި، ރަތަފަންދުއަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި، މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

 
މި ދެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން، ޚާއްޞަ ގޮތެއްގައި، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވައި، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމުގައި، ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ ސަބަބުން      އެ ދެރަށަށް ސީދާ ގޮތުން ލިބެމުން އަންނަ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ދިވެހި ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވަމުން ގެންދެވޭކަމީ، ސަރުކާރަށް ހިތްވަރާއި ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދޮށީ އުމުރުގެ ރައްޔިތުންނަށް ސަރުކާރުން ދެއްވާ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު، ނަޑައްލާގެ 64 ރައްޔިތަކަށް ދެއްވާ ޖުމްލަ އެއްލައްކަ އަށާވީސްހާސް ރުފިޔާއާއި، ރަތަފަންދޫގެ 106 ރައްޔިތަކަށް ދެއްވާ ދެލައްކަ ބާރަހާސް ރުފިޔާއަކީ، އެ ދެރަށުގެ އިޤްތިޞާދު ދަމަހައްޓައި، ކުރިއަރުވައި އަދި ކަންމަތީ ސްޓޯރުގެ ދަރަނި ކުޑަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފައިސާއެއް ކަމުގައި ވިދާޅުވިއެވެ. އަދި މި ފައިސާ މިގޮތަށް ކޮންމެ މަހަކު ދެއްވަމުން ގެންދެވޭކަން އެއީ، އިޤްތިޞާދީގޮތުންވެސް ޙަރަކާތްތެރިވުން އިތުރުވެގެންދާނެ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޭސް ސިޓީއަށް ސަލާންޖެހުން ނައްތާލުމުގެ ވަޢުދުގެ ތެރެއިން، މަދަނައިގެ ދަށުން، ނަޑައްލާގެ 180 ރައްޔިތަކަށާއި، ރަތަފަންދޫގެ 316 ރައްޔިތަކަށް، ކޮންމެ ރައްޔިތަކަށް، އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.
 
މި ދެރަށުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރައްޔިތުން ތަރައްޤީ ކުރައްވައި މުއްސަނދި ކުރެއްވުންކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން، އެކަމަށް ބޭނުންވާ އެންމެހާ މަސައްކަތްތައް ނަޑައްލާއާއި، ރަތަފަންދޫގައިވެސް ސަރުކާރުން ހިންގަވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދަތުރުފަތުރުގެ ނިޒާމާއި، ވަށާޖެހޭ ތަޢުލީމީ ޚިދުމަތާއި، ޞިއްޙީ ޚިދުމަތްވެސް ރަނގަޅު ކުރައްވަމުން ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
 
ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަތަފަންދޫގެ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ރަށުގެ ބޯޅަދަނޑު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ހިނގާނެ ކަމުގައި ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ، ހުވަދުއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގައި، ފަރެސް މާތޮޑާއަށް މިރޭ ވަޑައިގެންފިއެވެ.  އެމަނިކުފާނު އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާނެއެވެ.