2010 ޑިސެމްބަރ 30ވީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރުގެ 31 ވަނަ ޖަލްސާއިން ފާސްކުރެއްވި [ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ބިލް]، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

 
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި ކުރާ ވިޔަފާރީގެ ފައިދާއިން ޓެކްސް ނަގާނެ އޮނިގަނޑެއް އެކުލަވައިލައި، އެ އޮނިގަނޑަށް ޢަމަލު ކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތައް ބަޔާންކުރާ ޤާނޫނެވެ. މި ޤާނޫނުގައި 6 ބާބެއް ހިމެނިފައިވެއެވެ. ފުރަތަމަ ބާބަކީ، ޓެކްސް ބިނާކުރެވޭގޮތާބެހޭ ބާބެވެ. ދެވަނަ ބާބަކީ، ޓެކްސް ދެއްކުން އިސްތިސްނާވާ ބައެވެ. ދެން ހިމެނިފައިވަނީ، ޓެކްސް ބަޔާނާއި، ޓެކްސް ބިނާކުރުމާއި، ޓެކްސް ދެއްކުމާބެހޭ ބާބެވެ. ހަތަރުވަނަ ބާބަކީ، ޓެކްސް ދެއްކުމުން އިއްކިބާވުމުގެ ބާބެވެ. ފަސްވަނަ ބާބަކީ، ކުށްކުށާއި އަދަބުތަކެވެ. އެންމެފަހު ބާބުގައި ހިމެނެނީ، ޢާންމު އަދި އިތުރު މާއްދާތަކެވެ.