ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު، "ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް" މި ނަމުގައި، ރައީސުލްޖުމްހޫރިއްޔާ މިއަދު އޮފީހެއް އުފައްދަވައިފިއެވެ. މި އޮފީހަކީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން، ހިންގުމުގެ ފުޅާ ދާއިރާގެ މިނިވަންކަން ލިބިފައިވާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

 
ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް        ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވީ، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ މުދަލާއި، ޚިދްމަތާއި، އޮފީސްތަކުން ކުރަން ބޭނުންވާ މަރާމާތުގެ މަސައްކަތްތައް، މަރްކަޒީ އޮފީހަކުން ހިންގައި ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުމަށްޓަކައެވެ.  
 
ސެންޓްރަލް ޕްރޮކިއުމަންޓް އޮފީސް އުފެއްދެވުމާގުޅިގެން، ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންތައް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވަނީ، ދެ ފިޔަވައްސަކަށް ބައްސަވާލައްވައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި އެ އޮފީހުން ކުރައްވަމުން ގެންދަވާނީ، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ ލިޔެކިޔުމާބެހޭ ތަކެތި ގަތުމާއި، އޮފީސްތަކުން ކުރަން ބޭނުންވާ މަރާމާތުގެ މަސައްކަތްތައް ކުރުވުމާއި، އެކަންކަން ހިންގައި ބެލެހެއްޓުމާގުޅޭ ކަންކަމެވެ. މި ފިޔަވަހީގެ މަސައްކަތްތައް، 2011 މާޗް 1 ވަނަ ދުވަހުން ފެށިގެން، ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ފެށްޓެވުމަށްވަނީ ހަމަޖައްސަވާފައެވެ.
  
ސަރުކާރުގެ ޕްރޮކިއުމަންޓުގެ ކަންތައް މަރްކަޒީ ގޮތެއްގައި ހިންގުމުގެ ނިޒާމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނީ، ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެކަށީގެންވާ މިންވަރެއްގައި ހިނގަން ފެށުމުންނެވެ. ދެވަނަ ފިޔަވަހީގައި މުޅި މިނިޒާމު މަރްކަޒީ ކުރައްވައި، ސަރުކާރުގެ އޮފީސްތަކަށް ބޭނުންވާ އެންމެހާ މުދަލާއި ޚިދްމަތް ހޯދުމާގުޅޭ ކަންކަން ސެންޓްރަލް ޕްރޮކިއުމަންޓް އޮފީހުން ބަލަހައްޓަވަމުން ގެންދެވުމަށް ވަނީ ނިންމަވާފައެވެ.
 

ސަރުކާރުގެ ޕްރޮކިއުމަންޓާބެހޭ ނިޒާމަށް މިގެނެވޭ ބަދަލަކީ، މިނިޒާމު ހިންގައި ބެލެހެއްޓުމުގައި ސަރުކާރުގެ އޮފީސްތަކުގެ މެދުގައި ވަރަށްބޮޑަށް ވިލަރެސްކުރަންޖެހޭ ބަދަލަކަށްވާތީއާއި، ސެންޓްރަލް ޕްރޮކިއުމަންޓް ނިޒާމަކީ ސަރުކާރުގެ އޮފީސްތަކަށް އާ ނިޒާމަކަށްވާތީ، މިނިޒާމު ހިންގާނެ ގޮތުގެ ގަވާއިދުތަކާއި، ގައިޑްލައިންތަކާއި އުސޫލުތައް އެކުލަވާލައްވައި، މިނިޒާމަށް ސަރުކާރުގެ އޮފީސްތައް އަހުލުވެރިކުރެއްވުމުގެ މަސައްކަތް މިހާރުން މިހާރަށް ފެއްޓެވުމަށްވެސް ވަނީ ނިންމަވާފައެވެ.