އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޕެޓްރީޝިއާ ބުޓެނިސް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެ ޤައުމުގެ ގުޅުމާއި، މި ގުޅުން އިތުރަށް ފުޅާ ކުރެއްވޭނެ ގޮތްތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމަށް އިތުރަށް ގުޅިގެން މަސައްކަތް ކުރެއްވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެމްބެސެޑަރ ބުޓެނިސް މަޝްވަރާ ކުރެއްވިއެވެ.
 
މި ބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާ ޕްރޮގްރާމްތަކުގެ ކާމިޔާބީއާ ބެހޭގޮތުން އެމްބެސެޑަރ ބުޓެނިސްއަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ވަޢުދުތައް ފުއްދެވުމުގައި ހޯއްދެވިފައިވާ ކުރިއެރުމުގެ ފައިދާ، ރައްޔިތުންނަށް ސީދާ ގޮތުން ލިބެމުންދާކަމަށާއި، ވަކިން ޚާއްޞަ ގޮތެއްގައި ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމާއި، ދަތުރުފަތުރުގެ ނިޒާމްގެ ސަބަބުން ރައްޔިތުންނަށް ލިބޭފައިދާ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަކަން، އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ސާފުވެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 

މި ބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.