ޢާންމު ދިރިއުޅުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، ހަމައެކަނި މާލޭގައި ހުންނަވައިގެން ރާއްޖޭގެ ވެރިކަން ކުރައްވަން ބޭނުންފުޅު ނުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ އެމަނިކުފާނު ފެށްޓެވި ދަތުރުފުޅުގެ އެންމެފަހު މަންޒިލް ކަމަށްވާ، އެ އަތޮޅު ފައިނަށް މިއަދު ހަވީރު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ، ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ފައިނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ވެރިކަން ހިންގަވަން ބޭނުންފުޅުވަނީ، ރައްޔިތުންގެ ރުހުމާއި، ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް ކަމުގައި ވިދާޅުވިއެވެ.    މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި އަހަރުގެ ތެރޭގައި ފައިނުގައި ބަނދަރުހަދާ ނިންމުމަށް ކޮންޓްރެކްޓްގައި ސޮއި ކުރެވިފައިވާ ކަމަށާއި، ބަނދަރު ހެދުމަށް ހަވާލުކުރެވިފައިވާ ކުންފުނިން ދާދި އަވަހަށް އެ މަސައްކަތް ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢަކީ، ދަތުރުފަތުރުކުރުމުގެ ފުރިހަމަ ނިޒާމެއް ޤާއިމް ކުރެއްވުމުގެ މަޝްރޫޢު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
މީގެއިތުރުން، ފައިނުގެ ބޮޑު ބިމުގެ ހެޔޮ އިޤްތިޞާދީ ބޭނުން ހިފުމަށް ސަރުކާރުގެ ވިސްނުންފުޅު އެބަހުރިކަން ހާމަކުރައްވަމުން، މެދު އަދި ކުދިފަންތީގެ ފަތުރުވެރިކަމަށް ރާއްޖޭގެ ރަށްތައް ހުޅުވާލުމުގެ އެންމެ ބޮޑު އެއްބޭނުމަކީ، ފައިނު ފަދަ ބިން ބޮޑެތި ރަށްރަށުގެ ބިން އިތުރަށް ބޭނުންކުރެވޭނެ ގޮތްގޮތް ހޯއްދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ފުރުޞަތު ފައިނު ރައްޔިތުންނަށްވެސް މިހާރު ހުޅުވާލައްވާފައިވާ ކަމަށާއި، މިއަހަރު ހިންގުމަށް ކަނޑައަޅުއްވާފައިވާ ބޭންކް ގެރެންޓީ ދެއްވުމާއި ލުއި ލޯނު ދޫކުރެއްވުމުގެ މަޝްރޫޢުގެ ތެރެއިން ފައިނަށް ކަނޑައެޅޭ މިންވަރެއްވެސް އޮންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއްރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.