މި ރާއްޖެއަށް ވުރެ ބޮޑަށް، ދީނީ ދަންނަ ބޭކަލުންނަށް މިނިވަންކަން ލިބިފައިވާ އެހެން ޤައުމެއް މުޅި އިސްލާމީ އުންމަތުގައިވެސް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު މެންދުރުފަހު، މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި، މުޅި އިސްލާމީ އުންމަތުގައިވެސް، މި ރާއްޖެ ނޫނީ ދީނީ ދަންނަ ބޭކަލުންނަށް ބޭނުން އެއްޗެއް ބުނެވޭނެ ޤައުމެއް ނޯންނާނެ ކަމުގައި ވިދާޅުވިއެވެ.

 
"ދުނިޔޭގެ އިސްލާމީ އެއްވެސް ޤައުމެއްގައި، ރާއްޖޭގެ ދީނީ ދަންނަ ބޭކަލުން އެ ވިދާޅުވާ ވަޢުދު ބުނެވޭނެ އެހެން ޤައުމެއް މި އިސްލާމީ ދުނިޔެއަކު ނޯންނާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވީ އަބަދުވެސް ދީނީ ދަންނަ ބޭކަލުންނަށް ދީނީ ނަސޭޙަތް ދިނުމުގެ މިނިވަންކަން ދިނުން. ހެޔޮ ލަފާ ނަޞޭޙަތް ދޭނެ ފުރުޞަތު އެމީހުންނަށް އެރުވުން" ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމް ދީން ދެމި އޮންނަތާ އެއް ހާސް އަހަރަށް ވުރެ ގިނަދުވަސް ވެފައިވާ ކަމަށާއި، ހުއްޓުމެއް ނެތި އިސްލާމީ ޝަރީޢަތް، އިސްލާމީ އުސޫލުތައް، އިސްލާމީ ޘަޤާފަތް މި ދަރަޖައަށް މިހާ ދިގަށް ދެމިގެން ގޮސްފައިވާ ޤައުމެއް ރާއްޖެ ފިޔަވާ މިދުނިޔޭގައި ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
އިސްލާމީ ތާރީޚްގެ ރަންޒަމާން ކަމުގައިވާ ޢައްބާސީ ޚިލާފަތުގެ ޒަމާނަށް އިޝާރާތް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އިސްލާމް ދީނާއި އިސްލާމީ އުންމަތް ކުރިއަރާ ދިޔައީ މިނިވަންކަން ލިބި، ހަނި މަގެއްގައި ހިނގުމަށް އެއްވެސް މީހަކު މަޖުބޫރު ނުކުރީތީ ކަމުގައި ވިދާޅުވިއެވެ. އަދި އިސްލާމީ އުންމަތް ދެންވެސް ދިރޭނީ "ރައްޔިތުން ހަނި މަގަކަށް ނުދާ ފުޅާ ވިސްނުން ރައްޔިތުންނަށް ދީގެން" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ޤައުމާއި ދީނަށް ޓަކައި ކުރައްވާ މަސައްކަތެއްކަން ބަޔާންކުރައްވަމުން،      މި ސަރުކާރުގެ އަބަދުގެވެސް އަމާޒަކީ، ޤައުމާ ދީން ކުރިއަރާ ދިއުން ކަމަށާއި، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އަޅުގަނޑުމެންގެ އުންމަތް ކުރިއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔަ ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހަކީ ރާއްޖޭގެ ޒަމާންވީ ޤަދީމީ ތާރީޚްގެ ތެރެއިން އެންމެ ފާހަގަވެފައި އޮތް އެއް ރަށް ކަމަށާއި، މީލާދީން ސާދަ ސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ކިނޮޅަހުގައި ސާޅީސް މިސްކިތް ހުރި ކަމަށް އިތުބާރު ހުރި ތާރީޚީ މަޢުލޫމާތު ތަކުން އެނގެން އެބައޮތް ކަމުގައި ވިދާޅުވިއެވެ.
 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކިނޮޅަހުގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކާއި، ސަރުކާރުގެ ވަޢުދު ތައް ފުއްދެވެމުގައި ހޯއްދެވިފައިވާ ކުރިއެރުންތަކުގެ ސަބަބުން ކިނޮޅަހަށް ލިބެމުންދާ ފައިދާތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.