ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ، އެ އަތޮޅު ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

 
ދުވާފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށު ރައްޔިތުން ކުރިން ދިރިއުޅެމުން ދިޔަ ކަނދޮޅުދުއަކީ، ޞިނާޢީ މަސައްކަތް ހިންގުމަށް އެކަށީގެންވާ ރަށެއް ކަމަށްވުމާއެކު، އެ ރަށަކީ ޞިނާޢީ މަސައްކަތަށް ޚާއްޞަ ރަށެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ސަރުކާރުން ވިސްނާ ވަޑައިގަންނަވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ.
 
ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށް ގުޅުވާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި    މި ވަޢުދު ފުއްދެވުމުގައި ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، ދުވާފަރު ހިމެނޭ އުތުރު ޕްރޮވިންސްގައި މި ޚިދުމަތް ޤާއިމް ކުރެވުނުފަހުން، ވޭތުވެދިޔަ ޑިސެމްބަރުގެ ނިޔަލަށް ދުވާފަރުން 3127 މީހުން ދަތުރަށް އަރައި، 2964 މީހުން ދުވާފަރަށް ދަތުރު ނިންމާފައިވާކަމީ ސަރުކާރަށް ހިތްވަރު ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުގެ ވަޢުދުތަކުގެ ތެރެއިން، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމާއި، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން ދެއްވަން ފަށްޓަވާފައިވާ ދެ ހާސް ރުފިޔާގެ ޕެންޝަންގެ ސަބަބުންނާއި، އަދި ސަރުކާރުގެ މުޅި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ދަށުން އެރަށަށް ސީދާ ގޮތުން ލިބެމުންދާ ފައިދާގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
 

ދުވާފަރަކީ، 2004 ވަނަ އަހަރު ޑިސެމްބަރު މަހު ކުރިމަތިވި ސުނާމީގައި އެ އަތޮޅު ކަނދޮޅުދޫއަށް ލިބުނު ބޮޑެތި ގެއްލުންތަކާ ގުޅިގެން، އެރަށު މީހުން އަލުން އާބާދު ކުރެވިފައިވާ ރަށެވެ.