ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއް، މިއަދު ހެނދުނު ފަށްޓަވައިފިއެވެ.

 
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު އިންނަމާދުއަށެވެ. އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި،         މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަމުން ގެންދެވޭކަމީ، ސަރުކާރަށް ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ވެ ވަޑައިގެންފައިވާ ކޮންމެ ވަޢުދަކީ، އެ ވަޢުދެއް ފުދުމުން، ރާއްޖެއަށް ތަރައްޤީ ލިބޭނެ ވަޢުދެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށާއި، ބޭސްސިޓީއަށް ސަލާންޖެހުން ނައްތާލެއްވުމަށް ސަރުކާރުން ވަޢުދު ވެވަޑައިގެންފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ ހައިހޫނު ކަމުގެ ރޮނގުން ތިރީގައި ތިބި ރައްޔިތުންކަން ދެނެގަނެ، ރައްޔިތުންގެ ގިނަ ބަޔަކު ހައިހޫނުކަމުގައި ތިއްބައި ރާއްޖެ ތަރައްޤީ ނުކުރެވޭނެކަން ޤަބޫލު ކުރެއްވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ވަޢުދު ފުއްދަވައިދެއްވުމުގެ ތެރެއިން، އިންނަމާދޫގެ 115 ރައްޔިތަކަށް މަދަނައިގެ ތެރެއިން އަހަރަކު އެއްލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ރާއްޖެއަށް މިއަދު ލިބިފައިވާ ތަރައްޤީއެއް ލިބިފައި މިވަނީ ޢުމުރުން ދުވަސްމީހުންގެ ގޮތުގައި ތިބި މީހުން ކުރި މަސައްކަތުން ކަމަށާއި، ހަމައެކަނި ޕެންޝަނެއް ޙައްޤުވަނީ ސަރުކާރުގައި މަސައްކަތް ކުރި މީހުންނަށް ކަމަށް ދުށުމަކީ، ސަރުކާރަށް ގަބޫލު ކުރެއްވޭ ފަލްސަފާއެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ދެވޭ މަހަކު ދެހާސް ރުފިޔާގެ ޕެންޝަން އިންނަމާދޫގެ ހަތާވީސް މީހަކަށް ވޭތުވެދިޔަ ދެއަހަރުގެ ތެރޭގައި ގަވާއިދުން ލިބެމުންދިޔަކަމީ ސަރުކާރަށް އުފާވެރިކަން ލިބޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ޕެންޝަންގެ ގޮތުގައި އިންނަމާދުއަށް މަހަކު 54,000 ރުފިޔާ ވަންނަކަމީ އިންނަމާދޫގެ އިޤްތިޞާދަށާއި ކަންމަތީ ފިހާރަތަކަށްވެސް އެކަމުގެ ފައިދާ ވަރަށް ބޮޑަށް ލިބޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށާއި، ވޭތުވެދިޔަ ދެއަހަރު ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުގެ ތެރޭގައި މި ރާއްޖޭގެ ސަލާމަތްކަން ހިފެހެއްޓުނު އެންމެ މުހިންމު އެއްކަމަކީ، ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
 
އިންނަމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން އެކުލަވާލައްވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތުވެސް ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، އިންނަމާދޫ ރައްޔިތުން ބޭނުންވާ ކަންކަމުގެ ތެރޭގައި ހިމެނޭ މިސްކިތެއް ބިނާކުރުން މިއަހަރުގެ ބަޖެޓްގައި ހިމަނުއްވާފައިވާކަމަށާއި، މި އަހަރު މިސްކިތް އަޅަށް ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ހިމެނޭ ފެރީ ޓަރމިނަލް އެޅުމުގެ މަސައްކަތް ފެށޭނެކަމާއި، ރަށުގެ ބަނދަރުގެ ބޭރުތޮށި ހެދުމުގެ މަސައްކަތް މިއަހަރު ފެށޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
 

 ރައީސުލްޖުމްހޫރިއްޔާ އިންނާމާދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރު އެއަތޮޅު ރަސްމާދުއަށް ވަޑައިގެންފިއެވެ. އެމަނިކުފާނު ރަސްމާދޫ ރައްޔިތުންނާ ބައްދަލުކުރައްވާނީ، މިއަދު މެންދުރުފަހުއެވެ.