ރާއްޖޭގެ ރަށްރަށަށް ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދުއަށް މިއަދު މެންދުރުފަހު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރަށްރަށުގެ އިޤްތިޞާދު ދިރުވުމަށްޓަކައި، އެރަށްރަށަށް އަބަދުވެސް ފައިސާ ޚަރަދުކުރަންޖެހޭކަން ފާހަގަކުރައްވަމުން، ސަރުކާރުގެ ވަޒީފާއަކީ، މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކީގައި ހުޅުވާލެވޭނެ ވަޒީފާއެއް ނޫން ކަމުގައި ވިދާޅުވިއެވެ. އެހެންވީމާ، ރަށްރަށުގައި އެހެން ވަޒީފާތައް އަދާކުރެވޭނެ ފުރްޞަތުތައް ފަހިވުމަކީ، އެރަށަކަށް އިތުރު ތަރައްޤީ ލިބޭނެ ކަމެއް ކަމަށާއި، ކޮންމެ މަހަކުވެސް، އެރަށެއްގެ އިޤްތިޞާދަށް ކޮންމެވެސް މިންވަރަކަށް ފައިސާ ނުދެވޭ ކަމަށްވާނަމަ، އެރަށެއްގެ ޢާންމު ޙާލަތު ވަރަށް ދަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ޢާންމު ޙާލަތު ރަނގަޅު ކުރެވޭނެ އުޞޫލެއް، އިންތިޒާމެއް މިހާރު ހަމަޖެއްސިފައިވާކަމީ، ސަރުކާރަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު ހިތްވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ އަމާޒުގައި ދަރަވަންދޫގެ ތަރައްޤީ އެބައޮތް ކަމަށާއި، ދަރަވަންދޫގެ ރައްޔިތުންނަށް އާމްދަނީގެ ފުރްޞަތުތައް ލިބި، އަދި އެމީހުންނަށް އުފާވެރި ޙަޔާތެއް ހޯއްދަވައިދެއްވުމުގެ އަމާޒުވެސް އެބައޮތް ކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މިވޭތުވެދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، މި ސަރުކާރުން ދަރަވަންދޫގެ ރައްޔިތުންނަށް އެކި ރޮނގުތަކުން ވެދެއްވާފައިވާ އެހީތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ރައްޔިތުންނާ ޙިއްޞާ ކުރެއްވިއެވެ.