ސަރުކާރުގެ ބޭނުންފުޅަކ،ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަކަށް ފައިދާއާއި މަންފާ ކުރާނެ ގޮތަކަށް ރާއްޖޭގެ ތަރައްޤީ ކުރިއަށް ގެންދެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނު ބުރީގެ ބައެއް ރަށްރަށަށް މިއަދު މެންދުރުފަހު ފެށްޓެވި ދަތުރުފުޅުގައި، އެ އަތޮޅު ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
 
 މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މި ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއްކަން ސަރުކާރުން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާ ކަމަށާއި، ރަށު ކައުންސިލަކީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު އެއް ވަސީލަތް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ރަށްތައް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ރަށުގެ ރައްޔިތުންގެ އިޙްސާސާއި، ރައްޔިތުންގެ އެދުންތަކާއި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތުތައް ހިންގޭނޭ ގޮތްތަކެއް ހޯދުންކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރަށުގެ ރައްޔިތުންގެ ތެރެއިން އިންތިޚާބުވެގެން އަދި ޚާއްޞަކޮށް ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރެއިން އިންތިޚާބު ވެގެން އުފެދޭ ކައުންސިލަކީ، ތަރައްޤީއަށްޓަކައި ވަރަށް ބޭނުންތެރި ވަރަށް މުހިންމު ކައުންސިލެކެވެ.
 
ފޮއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ރަށުގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި ޕްރޮގްރާމްތަކާއި، މިހާތަނަށް ހިންގިފައިހުރި ބައެއް ޕްރޮގްރާމްތަކުން ހޯދިފައިވާ ކާމިޔާބުތަކާބެހޭ ތަފްޞީލު ދެއްވިއެވެ. އަދި ސަރުކާރުގެ މައިގަނޑު 5 ވަޢުދުގެ ދަށުން، ދަތުރުފަތުރުގެ ނިޒާމެއް ޤާއިމު ކުރުމުގައި، ލިބިފައިވާ ކުރިއެރުންތަކާއި، ޞިއްޙީ ޚިދްމަތް ރަނގަޅު ކުރުމުގެ ގޮތުން، މަދަނައިގެ ދަށުން ލިބިފައިވާ ކާމިޔާބީތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި ތަޢްލީމީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމެއް، ރާއްޖޭގައި ޤާއިމު ކުރެއްވުމުގައި ހޯއްދަވާފައިވާ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
 
ރައީސުލްޖުމްހޫރިއްޔާ ފޮއްދޫއަށް މިކުރެއްވި ދަތުރުފުޅުގައި، އެރަށުގެ އާންމު ޙާލަތު ބައްލަވާލައްވައި، ރަށުތެރޭގައި ހިންގަވާލެއްވިއެވެ. އަދި ފޮއްދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެސްކޫލްގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވިއެވެ.