ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ ޚިދްމަތްތަކާއި އުފެއްދުންތެރިކަމުގެ މިންގަނޑުތައް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ކަނޑައަޅުއްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރެއްވުމާ ގުޅިގެން، އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމަށް ކަނޑައަޅުއްވައި، އެރަށް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިޓީ ކައުންސިލެއް މިއަދު އުފައްދަވައިފިއެވެ. ސިޓީ ކައުންސިލް މި އުފެއްދެވީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2010 "ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްކަނޑައެޅުން" ގެ ދަށުން، އައްޑުއަތޮޅުގެ ހުޅުދޫ، މީދޫ، ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ ހިމެނޭގޮތަށް، މީހުން ދިރިއުޅޭ އެއް ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" ގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ޖަދުވަލު 2 ގައި ބުނާ އެންމެހައި މިންގަނޑުތަކާއި ޝަރުޠުތައް ފުރިހަމަވާތީއެވެ.
 
އައްޑޫއަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމަށް ކަނޑައަޅުއްވައި، އެރަށް ހިންގުމަށް ސިޓީ ކައުންސިލެއް މިއަދު އުފައްދަވައިފިކަން ރައީސުލްޖުމްހޫރިއްޔާ، އިލެކްޝަންސް ކޮމިޝަނަށްވެސް މިއަދުވަނީ އަންގަވާފައެވެ. މިކަން އަންގަވައި އެކޮމިޝަންގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އައްޑޫ ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރުމާބެހޭ އެންމެހައި އިންތިޒާމުތައް، ޤާނޫނުގައިވާ ގޮތުގެ މަތީން، ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްގެންގޮސްދެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
 
މި ކަނޑައެޅުއްވި މިންގަނޑުތަކުގައި، ސިޓީއެއްގެ ދަރަޖަ ދެވޭ ރަށުގެ ނުވަތަ އަވަށުގެ ނުވަތަ ސަރަޙައްދުގެ އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް، އެއް ބިލިއަން ދިވެހި ރުފިޔާއަށްވުރެ ދަށްވެގެން ނުވާނެކަމަށް ބަޔާންކުރައްވާފައިވާއިރު، ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިންގގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، 2010 ވަނަ އަހަރު އައްޑޫގެ އުފެއްދުންތެރިކަންވަނީ 2 ބިލިއަނަށްވުރެވެސް މައްޗަށް އަރާފައެވެ. އެހެންކަމުން، ޝަރީޢަތުން ނިންމަވާ ނިންމެވުންތަކަށް ޙުރުމްތްތެރިކޮށް ހިއްތެވުމާއެކު، އައްޑޫއަކީ، ސިޓީއެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވައި، ލާމަރުކަޒީ އުސޫލުން ރައްޔިތުންނާ ގާތުން ކަންކަން ހިންގުމުގެ ސިޔާސަތު މުޅި ރާއްޖޭގައި ސަރުކާރުން ތަންފީޛު ކުރައްވާނެއެވެ.